އަލިފާންކޮކާ - 14

(13 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އާނ ބޮޑުދައިތަވެސް އައިސް އެބައުޅޭ. ބޮޑުދައިތަވެސް ބުނީ ހަމަ ތިޔަހެން"

"ބޮޑުދައިތަ އައީ ކޮންއިރަކު؟"

"މީގެ ދެ ދުވަސް ކުރިން."

"ގޭގެ ކަންތައްތައް ރަނގަޅޭ ބުނިތަ؟"

"އާނ. ޞާބިރާގެ ކާވެނި ހަމަޖެހުނު ވާހަކަވެސް ބުނި. އައީވެސް އެ ވާހަކަ ބުނަންވެގެން."

"އެހެންތަ؟" އޭނާ އަޙްސަނާއި، ޝެހެރޫޒްގެ ދިރިއުޅުން އަޅައި ބަލާން ފަށައިފިއެވެ. އަޙްސަން މައްސަލަތައް ޙައްލުކުރަމުން ދަނީ ކިހައި އަވަހަކަށް ހެއްޔެވެ؟ ޝެހެރޫޒް އަދިވެސް އެ އުޅެނީ އެންމެ ކަމެއް ޙައްލު ނުކުރެވިގެންނެވެ. އޭގެ ފަހުން އަސްމާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް އަޑެއް ނީވެއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

އަސްމާ ދެކެން އަންނަން ހަމަޖެހިފައި އޮތް މީހުން އަތުވެއްޖެއެވެ. އެހެންވީމާ އޭނާވެސް އެ ތަނުން ހިނގައްޖެއެވެ. ކުޑައިރުކޮޅެއް ފަހުން މަންމަ އައިސް ފިރިހެންކުއްޖާގެ ވާހަކަ އޭނާއަށް ކިޔައިދީފިއެވެ.

"ކަމުދާ ކުއްޖެއް ނޫން."

"އެއީ ކީއްވެގެން؟"

"އޭނާގެ އަމިއްލަ ގެއެއްވެސް ނެތް؟"

"ގެއެއް ނެތަސް އޭނާއަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. އެހެންވީމާ ގެވެސް އެޅިދާނެއެއްނު؟"

"އެހެން ވެއްޖެއްޔާ ގެ އަޅައި ނިންމާފައި އަސްމާޔާ އިންނާށޭ އޭނާ ގާތު ބުނޭ."

"އެހައި ގިނަ ދުވަހު އިންތިޒާރު ކުރަނީ ކާކު؟ ގެއެއް އެޅުމަކީވެސް މާ ފަސޭހަ ކަމެއް ނޫން."

"އަހަރެންވެސް މި ބުނަނީ ތިޔަހެން. ކާވެނި ކުރުމާއެކު ޚަރަދުތައް ވެސް ބޮޑުވެގެންދާނެ. ދުވަހަކުވެސް ގެއެއް ނޭޅޭނެ."

"ދަރިފުޅާ. މަންމައަށް ހީވަނީ އެ ކުއްޖާޔާ އަސްމާ ދެވާން ދެކޮޅު ހަދައިފިއްޔާ ރަނގަޅު އާއިލާއެއްގެ ކުއްޖަކު ހޯދަން ފަސޭހައެއް ނުވާނެހެން. ތިޔަހައި ކުޑަކުޑަ ކަމަކާ ހެދި ދެކޮޅު ހެދުން ރަނގަޅެއް ނުވާނެ."

"މަންމާ. އެއީ ކުޑަކުޑަ ކަމެއް ނޫން. އެކަމަކު މަންމަ ވަކި ގޮތަކަށް ނިންމާފައި އޮތިއްޔާ އަހަރެން ދައްކާނޭ ވާހަކައެއްނެތް. އެކަމަކުވެސް އަހަރެން ބުނާނީ މަންމަމެން އަސްމާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވައްޓައިލަނީއޭ."

"ކަލޭ މީގެ ކުރީން އަޙްސަނާ ބެހޭ ގޮތުންވެސް ތިޔަކަހަލަ ވާހަކަ ދެއްކީމެއްނު؟ މިހާރު ނިކަން ދެކިބަލަ އޭނާޔާ ސުހެރާ ދެ މީހުން އެ އުޅެނީ އުފަލުގައި."

"އުފަލުގައެއް ނޫން. އުފަލުގައި ކަމަށް ހެދިގެން އުޅެނީ." އޭނާ ބުންޏެވެ. "އަޙްސަން ސެހެރަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވިޔަސް އަދިވެސް އޭނާ އެ އުޅެނީ އަހަރެންގެ ޚިޔާލު ސިކުނޑިން ފޮހެނުލެވިގެން."

"އެހެންވެއްޖެއްޔާ އަހަރެމެން ހަދާނީ ކިހިނެއް؟" އޭނާ ހިމޭނުން ހުންނާން ފެށީމާ މަންމަ އަހައިލިއެވެ.

"އަހަރެން ބުނާނީ ކީކޭ؟ މަންމަ ބައްޕަޔާ ވާހަކަ ދައްކާ. މަންމަޔާއި ބައްޕައަށް ފެންނަ ގޮތަކަށް ހެދީމާ ހުންނާނީ ރަނގަޅަށް." އޭނާ ބޮލުން ނައްޓައިލިއެވެ.

ޝެހެރޫޒް އައުމާއެކު އޭނާ ގެއަށް ދާން ތައްޔާރުވާން ފަށައިފިއެވެ. ރޭގަނޑު ކައިގެން ދާން މަޑުކުރާށޭ މަންމަ ބުންޏެވެ. އެހެންނަމަވެސް މާބޮޑަށް ލަސްވެއްޖެއޭ، ދުއްވާ އެއްޗެއްވެސް ނުލިބޭނެއޭ ބުނެ މަޑުކުރާކަށް އެއްބަހެއް ނުވިއެވެ.

"މަންމަމެން ނިންމާ ގޮތެއް އަހަރެމެންނަށް އަންގައިލާތި." އޭނާ ނުކުމެގެން ދަމުން ބުނެލިއެވެ.

"މި ހިސާބުން ކުރޮޅިއެއް ހުއްޓުވަމާ ހިނގާ." އޭނާ ބޭރަށް ނުކުމެ ޝެހެރޫޒާ ދިމާއަށް ބުނެލިއެވެ.

"ބަހުގައި ދަމާ ހިނގާ."

"ބަހުގައޭ؟" އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"މިއަދު މިއީ މަހުގެ އެންމެ ފަހު ދުވަސް. ކުރޮޅީގައި ދާކަށް އަހަރެންގެ އަތަކު ފައިސާއެއް ނެތް."

"ކުރިން އެހެން ބުނި ނަމަ އަހަރެން މަންމަ އަތުން ފައިސާ އަތުލައިފީމުސް."

"މަންމަ އަތުން އަތުލާނެކަމެއް ނެތް. ބަހުގައި ދިޔައިއްޔާ ވާނީ ކީއް؟"

"ކަމެއް ނުވާނެ. ގަޑިއަކަށް ވުރެ ގިނައިރު ބަހުގެ އިންތިޒާރުގައި ތިބެން ޖެހޭނެ. އެ ނޫން ކަމެއް ނުވާނެ." އޭނާ މިހެން ބުނެފައި ދުރު ބަލާން ފަށައިފިއެވެ.

އެއީ ތެދެކެވެ. ބަހުގެ އިންތިޒާރުގައި ވަރަށް ގިނައިރު ތިބެން ޖެހުނެވެ. އޭނާ ވަރުބަލި ވާންވެސް ފަށައިފިއެވެ. ދެ ބަހެއް އައެވެ. އެހެންނަމަވެސް ދެ ބަސްވެސް އޮތީ ފުރިފައެވެ. އެއީ އެހައި މީހުން ގިނަ ހިސާބެއްވެސް ނޫނެވެ. ޒާރާ އެންމެ ފަހުން ވަރުބަލިވެގެން ކޮޅަށް ހުރެވޭ ވަރު ނުވީމާ މަގުގެ އެއްފަރާތުގައި ހުރި ފާރުބުރިއެއްގެ މަތީގައި އިށީނދެއްޖެއެވެ. ޝެހެރޫޒް އޭނާޔާ ދިމާއަށް ބަލައިލާފައި އިށީނދެ އިންނާށޭ ބުނާކަހަލަ ގޮތަކަށް އިޝާރާތްކޮށްލާފައި ބަސް އާދޭތޯ ދުރަށް ބަލަން ފަށައިފިއެވެ.

މާގިނަ އިރުތަކެއް ނުވެ ޝެހެރޫޒް ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ.

"ޒާރާ. އަވަހަށް ހިނގާ. އަހަރެންގެ ރައްޓެއްސަކާ ދިމާވެއްޖެ. އޭނާ އަހަރެމެން ގެއަށް ގެންގޮސްދޭނެ."

އޭނާ ދާހިތް ނުވިޔަސް ޝެހެރޫޒާ އެކީގައި ހިނގައިގެންފިއެވެ. ކާރަށް އެރުމަށްފަހު ޝެހެރޫޒްގެ ރަހުމަތްތެރިޔާއާ ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އޭނާގެ މައްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެންމެ ބޮޑު ސަބަބަކީ އޭނާ ވަރުބަލިވެފައި ހުރުމެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަކަށް ގެއަށް ދާށެވެ. އެކަމަކު ޝެހެރޫޒްގެ ރަހުމަތްތެރިޔާ އެމީހުން ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ.

"މިތަނަށް އައީ ކީއްކުރަން؟" އޭނާ ގޭގެ ބޮޑުކޮޓަރި ތެރެއަށް ވަދެ އަހައިލިއެވެ.

"އަހަރެން ޚާވަރު ގާތު ބުނިން އެހެން ރެއަކުން އަންނާނީއޭ. އެކަމަކު އޭނާ ގަބޫލެއް ނުކުރި." ދެން ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލުމަށްފަހު ބުންޏެވެ. "އަހަރެމެންނަށް ގެ ދައްކައިލާން ބޭނުންވަނީ ކަމަށް ވެދާނެ."

"އެއީ ކީއްކުރާ މީހެއް؟" މިހާރު އޭނާ ބަލަމުން ދަނީ ބޮޑުކޮޓަރި ތެރޭގެ ޒީނަތްތެރިކަމަށެވެ. އަގުބޮޑު އެއްޗެހީން ޒީނަތްތެރި ކުރެވިފައިވާ މި ކޮޓަރިން އޭނާގެ މުއްސަނދިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

"ނޭނގޭ."

"ކީކޭ؟ އެއީ ޝެހެރޫޒްގެ ރަހުމަތްތެރިއެއްނު؟ އެހައި ގާތް މީހަކު ކުރާ ކަމެއްވެސް ނޭނގެނީތަ؟"

"އަހަރެންވެސް މިހުންނަނީ ހައިރާންވެފައި. ވަޒީފާއެއް ނުލިބިގެން އަހަރެމެން ދެ މީހުން އެކި ތަންތަނަށް ދުވެދުވެފައި އުޅުނު ހަނދާން މިހާރުވެސް އެބަހުރި. އެއީ މާކުރީގެ ހަނދާނެއްވެސް ނޫން. އަހަންނަށް ވަޒީފާއެއް ލިބުނީ. ޚާވަރް ދިޔަ ތަނެއް އަހަންނަކަށްވެސް ނޭނގޭ. އޭގެ ފަހުން ފުރަތަމަ ބައްދަލުވީ ދުވަހަކީ މިއީ."

"އޭނާ އުޅެނީ މި ގޭގައިތަ؟"

"ނޫނޭ..." އޭނާ އިތުރު ވާހަކަދައްކަން ބޭނުންވިއެވެ. އެކަމަކު އެވަގުތު ޚާވަރު އެތަނަށް އަތުވެއްޖެއެވެ. އެހެންވީމާ ހިމޭންވީއެވެ.

"ޝެހެރޫޒް." ޚާވަރް އައިސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "މިހާރު ތިޔަ އުޅެނީ ކޮން ތަނެއްގައި؟"

"އަހަންނަށް ވަޒީފާ ލިބުނީ ކޭ އެންޑް ކޭއިން. މިހާރުވެސް މިއުޅެނީ އެތާނގައި. ޚާވަރް ކުރަނީ ކޮން މަސައްކަތެއް؟" ޖަވާބު ދިނުމަށްފަހު އޭނާވެސް ސުވާލެއް ކޮށްލިއެވެ.

"އަހަރެން..؟" އޭނާ ވަރަށް ބާރަށް ހީނގަތެވެ. "އަހަރެން މަސައްކަތް ކޮށްކޮށް ވަޒީފާއެއް ލިބޭގޮތެއް ނުވި."

"ވިޔަފާރިއެއް ކުރަނީތަ؟"

"ވިޔަފާރިއެއްކަމަށް ހީކޮށްލާ."

"ހީކޮށްލާށޭ ތިޔަ ބުނީ ކީއްވެގެން؟"

"އަހަރެން ކުރާކަމަކީ ދަތުރުކުރުން. ތިންމަހުން ނުވަތަ ހަމަހުން ކަހަލަ ގޮތަކަށް ބޭރަށް ދާންޖެހޭ. އޭގެ ފަހުން އޮންނަނީ އުފަލާއި އަރާމު." އޭނާ އަނެއްކާވެސް ހީނގެންފިއެވެ.

"އަހަންނަކަށް ނުވިސްނުނު." ޝެހެރޫޒް ބުނެލިއެވެ.

"ހުރިހައި ކަމެއް އޮންނަނީ ކުޑަކުޑަ ބްރީފްކޭހެއްގައި. އެ ހިފައިގެން އަހަރެން ދަނީ ބޭރަށް. އޭގެ ބަދަލުގައި އަހަރެންނަށް ލިބޭ ޢަދަދު ޝެހެރޫޒްގެ ހިތަކަށްވެސް ނުގެނެވޭނެ."

"ތިޔަ ބުނަނީ..؟"

"އާނ. ރަޙްމަތްތެރިޔާ! އެ ނޫން ގޮތެއް އަހަންނަށް ނުފެނުނީ. ޝެހެރޫޒަށް ވަޒީފާއެއް ލިބިއްޖެ. އަހަރެން އޭގެ ފަހުންވެސް އެތައް ދުވަހެއް ވާންދެން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރިން. އެންމެ ފަހުން ތިން އިރު ކެވޭނެ ގޮތްވެސް ނެތުނީ. ތިމާގެ މީހުގެ ވާހަކަ ނުދައްކާ. އަހަރެންގެ އުފަން މަންމަވެސް އަހަރެން ގެއިން ނެރެލީ. މަންމައަށް ހީވަނީ އަހަރެން ވަޒީފާއެއް ހޯދާށޭ ކިޔާފައި ނުކުމެގެން ގޮސް ނުބައި ގޮތްގޮތަށް އުޅެނީއޭ." އޭނާ ވާހަކަ ކިޔައިދީދީ ހުރެފައި ކުއްލިއަކަށް މަވްޟޫއު ބަދަލުކޮށްލިއެވެ.

"ދެން އެ ވާހަކަ ބާއްވަމާ ހިނގާ. ވީ ކަމެއް ވީ. ރަނގަޅަށް ވަޒީފާއެއް އަދާކުރިނަމަ ލިބުނީހީ ކޮން އެއްޗެއް؟ ވާނެހައިވެސް ވަރަކީ ބަނޑަށް މަރުނުވެ ފަރުޖެހުން. އެ ނޫން ވަރެއް ނުވާނެ. މިހާރު އަހަރެން މިއުޅެނީ ވަރަށް އަރާމުގައި. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހައި އަންހެން ކޮއްކޮއިންގެ ކާވެނިކޮށް ނިންމައިފިން. ދެ ފިރިހެން ކޮއްކޮއިންނަށް ވިޔަފާރި ފައްޓައިދީފިން."

އޭނާ ފުން ނޭވައެއްލިއެވެ. އެ ވަގުތު ނޯކަރަކު އައިސް ކާން ހެދުނު ވާހަކަ ބުނެފިއެވެ. އޭނާ ތެދުވެއްޖެއެވެ.

"ހިނގާ ފަހަރި... ކާން ހިނގާ..."

"އަހަރެ..."

"ބީރައްޓެހިވެގެން ކަމަކު ނުދާނެ. އަވަހަށް ހިނގާ."

ޝެހެރޫޒް ތެދުވީމާ ޒާރާވެސް ތެދުވެއްޖެއެވެ.

"ޚާވަރް..." ކާކޮޓަރި ތެރެއަށް ވަދެ މޭޒު ދޮށުގައި އިށީނުމަށްފަހު ޝެހެރޫޒް ބުނެލިއެވެ. "ތިޔައީ ވަރަށް ނުރައްކާތެރި މަސައްކަތެއްނު؟"

"ނުރައްކާތެރި ނޫން މަސައްކަތެއް އޮވޭތަ؟ ނުރައްކަލާ ކުރިމަތި ނުލައެއްވެސް ނުވާނެއެއްނު؟" ޒާރާ އަޙްސަނާ ދިމާއަށް ބުނި އެއްޗެއް މިތާނގައި ތަކުރާރުކޮށްލިއެވެ.

"ފަހަރި ތިޔަ ބުނީ ރަނގަޅު ވާހަކައެއް." ޚާވަރް ތާއީދު ކުރުމުގެ ގޮތުން ބުނެލިއެވެ.

"އެއްފަހަރުވެސް ހައްޔަރުކުރިތަ؟"

"އާނ. ދެ ފަހަރަކު ހައްޔަރުކުރި." އޭނާ އެހެން ބުނި ގޮތުން ހީވަނީ އެއްވެސް ކަމެއް ނޫނޭ ބުނާ ހެންނެވެ. "ފައިސާ... ހުރިހައި ކަމެއްވެސް ނިމިގެން ދަނީ ފައިސާގެ ބާރުގައި. އަހަރެން ހައްޔަރުކޮށްފައި ދެ ގަޑިއިރަށް ވުރެ ގިނަ އިރެއް ނުވާނެ."

"ސަލާމަތްކޮށް ދިނީ ކާކު؟"

"ފައިސާ." އޭނާ ބުންޏެވެ. "މި ބުނީ ވަކި މީހަކު އަހަރެން ސަލާމަތްކޮށް ދިނީއެއް ނޫނޭ. ފައސާގެ ސަބަބުން ސަލާމަތްވީއޭ. އަހަރެން ދޭން ޖެހުނީ މާ ގިނަ ފައިސާއެއްވެސް ނޫން. ފަންސާހަކަށް ހާސް ރުފިޔާ."

"ފަންސާސްހާސް ރުފިޔާއަކީ މާބޮޑު އެއްޗެއް ނޫނީތަ؟" ޝެހެރޫޒް ހީނގަތެވެ.

"ލިބޭ މިންވަރާ ބަލާފައި އެއްވެސް އެއްޗެއް ނޫން." މިހެން ބުނެފައި ކުއްލިއަކަށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. "ފަހަރި އެއްވެސް އެއްޗެއް ނުކައި ތިޔަ އިންނަނީ ކީއްވެގެން؟"

"ހޫނ..." އޭނާ ދިޔައީ ސިއްސައިގެންނެވެ.

"މި ދުވަސްވަރު ތިޔަ ކުރަނީ ކޮން މަސައްކަތެއް؟" ޚާވަރް ތުންފުހިން އަތްފުހެލަމުން އަހައިލިއެވެ.

"ކުރާނީ ވަކި ކޮން މަސައްކަތެއް. ކޮއްކޮގެ ކާވެނީގެ ކަންތައް އޮތީ ބޯމަތި ވެފައި. މި އުޅެނީ އެ ފިކުރުގައި. ތަނެއްގައި އިތުރު ވަގުތު މަސައްކަތްވެސް އެބަ ކުރަން އެކަމަކު."

"ޝެހެރޫޒްގެ ތިންހަތަރު ކޮއްކޮއިން ތިބެއެއްނު؟" ޚާވަރް ބުނެލިއެވެ. "ފިކުރު ނުކުރޭ. ބޭނުމެއް ޖެހިއްޖެއްޔާ އަހަރެން ގާތު ބުނާތި. ޝެހެރޫޒްގެ ކޮއްކޮއިންނަކީ ހަމަ އަހަރެންގެވެސް ކޮއްކޮއިން."

"ޝުކުރިއްޔާ. ތިޔަހެން ބުނެލީމާވެސް ފުދޭ."

"މިއީ ހަމައެކަނި ބުނެލި ވާހަކައެއް ނޫން. އަހަރެން މިހިރީ ކޮންމެ އެހީއެއްވެސް ވާން ތައްޔާރަށް. ރައްޓެހިންގެ ގޮތަކީ އެއީއެއްނު؟" އޭނާ އިޚްލާސްތެރިކަމާއެކު ބުނެލިއެވެ.

އޭނާ އިޚްލާސްތެރިކަމާއެކު ބުނެލިއެވެ.

"ޒާރާ. އަހަންނަން ހީވަނީ ދެން ދާންވީހެން." ޝެހެރޫޒް ތެދުވަމުން ބުނެލިއެވެ. "އާނ. ވަރަށް ލަސްވެއްޖެ. މަންމަ ހުންނާނީ މިހާރު ކަންބޮޑުވެފައި."

"ސައެއް ނުބޯނަންތަ؟"

"ސައި ބޯން އެހެން ދުވަހަކުން އަންނާނީ."

"އެންމެ ރަނގަޅު. ޝެހެރޫޒްމެން ގެއަށް ލައި ދޭށޭ އަހަރެން ޑްރައިވަރު ގާތު ބުނާނަން. އަހަންނަށް ވަރަށް މުހިއްމު ފޯނު ކޯލެއް ވަރަށް އަވަހަށް އަންނާނެ. އެހެން ނޫންނަމަ ގެއަށް ލައިދޭން ދިޔައީހީ އަހަރެން."

"މައްސަލައެއް ނެތް."

ޚާވަރް އެ ދެ މީހުންނާއެކު ބޭރަށް ނުކުމެފައި ކުއްލިއަކަށް ބުނެލިއެވެ. "ޝެހެރޫޒް ބޭނުމިއްޔާ އަހަރެން މި ކަހަލަ ދަތުރަކު ޝެހެރޫޒްވެސް  ފޮނުވައިދީފާނަން."

"ނޫނޭ." އޭނާ އަވަސް އަވަހަސް ބުނެލިއެވެ.

"ވިސްނައިލާތި. އެންމެ ދަތުރަކުން ހުރިހައި ކަމެއް ހަމަޖެހިގެން ހިނގައިދާނެ." އޭނާ އެއް ލޯ މަރައިލިއެވެ.

ޝެހެރޫޒް އަނގައިން ނުބުނެ ކާރަށް އަރައިފިއެވެ.

"މާބޮޑަށް ހާސްވާނެކަމެއް ނެތް. އަހަރެން މި ދެއްކި ވާހަކަޔާ މެދު ވިސްނައިލާތި." ޚާވަރް ބުނެލިއެވެ.

* * *

ޚާވަރްގެ ވާހަކަޔާމެދު ޝެހެރޫޒް ވިސްނާކަމެއް ޒާރާއަކަށް ނޭނގެއެވެ. އެކަމަކު އެ ގެއިން އައީއްސުރެ ޒާރާގެ ހިތަކު އެހެން ވާހަކައެއް ނެތެވެ. ޚާވަރްގެ ވާހަކަޔާ މެދު ވިސްނަމުން ދިޔައިރު އޭނާ އެ ބުނަނީ ނުބައި ކަމެއް ކުރުމުގެ ވާހަކައޭ އެއްފަހަރުވެސް ޒާރާގެ ހިތަކަށް ނާރައެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ގޮތަކަސް ފައިސާ ލިބުނަސް ލިބިގަންނާންވީއެވެ. ވޭތުވެދިޔަތަން އޭނާ ހޭދަކޮށްފައި ވަނީ އޭނާގެ މި ނަޒަރިއްޔާއާ ގުޅުމެއް ނެތް ދިރިއުޅުމެއްގައެވެ. އެއީ ކީއްވެގެން ކުރެވުނު ކަމެއް ކަމެއް އޭނާ އަކަށް ނޭނގެއެވެ. މިހާރު ހައިރާންވެސް ވެއެވެ. އޭނާގެ މައިގަނޑު މަގުސަދަކަށް ވެފައި އޮތީ ފައިސާ ހޯދުމެވެ. އޭނާގެ ކޮއްކޮމެންނަށް ވިސްނައިދޭ ގޮތަކީ ވެސް އެއީއެވެ. އޭނާ މަގުސަދުން ބޭރުގައި ދިރިއުޅުން ވޭތު ކުރަމުން ދަނީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ. ހިތަށް އެރިއެވެ.

"އަހަރެންގެ މަގުން އަހަރެން އެއްކިބާ ކުރީ ޝެހެރޫޒްގެ ލޯބިކަން ޔަގީނެވެ."

ހުރިހައި އިލްޒާމެއް އޭނާ އެޅުވީ ޝެހެރޫޒްގެ ބޮލުގައެވެ. އަދި އަނެއްކާވެސް އޭނާގެ ވިސްނުމަށް އެނބުރި ހިނގައްޖެއެވެ.

އެ ދުވަހު ޝަކީލާ އިންނާން އުޅޭ މީހާގެ ގޭގެ މީހުން އައިސްފައި ދިޔަ ފަހުން މަންމަގެ މޫނުމަތީން ފެންނަނީ ފިކުރު ބޮޑުވުމުގެ އަސަރުތަކެވެ. އެގޭ މީހުން ބޭނުންވަނީ ކާވެނި އަވަސް ކުރާށެވެ. ގޭގެ އެހެން މީހުންވެސް ތިބީ ފިކުރު ބޮޑުވެފައެވެ. އޭނާ ކޮޓަރިއަށް އައި އިރު ޝެހެރޫޒްވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. މަންމަ އޭނާޔާ އެ ވާހަކަ ދެއްކީކަން ޒާރާއަށް އެނގިއްޖެއެވެ.

"ތިޔަ ވިސްނަނީ ކޮން ކަމަކާ؟" އޭނާ އަށް އެނގުނު ނަމަވެސް ސުވާލުކޮށްލިއެވެ.

"އެއްވެސް ކަމަކާ ނޫން." އޭނާ ހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

"ތިޔަ ވިސްނަނީ ޝަކީލާގެ ކާވެންޏާ މެދުގައިތަ؟"

"އާނ..." އޭނާ ފުން ނޭވައެއްލިއެވެ.

"ހާސް ވިޔަކަސް މައްސަލަ ހައްލެއް ނުކުރެވޭނެއެއްނު؟ ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލާ." އޭނާ ބުނެލިއެވެ.

ޝެހެރޫޒް ސުވާލުގެ ނަޒަރަކުން ޒާރާއާ ދިމާއަށް ބަލައިލިއެވެ.

"ޚާވަރްގެ ވާހަކަ ގަބޫލު ކުރިނަމަ..." ޒާރާ ވަރަށް އާދައިގެ ރާގަކަށް ބުނެލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.