ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި އިއްޔެހަވީރު ގުޅިފަޅުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށާ، މި މަޝްރޫޢާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފެށި ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، މިމަޝްރޫޢުގެ ސަބަބުން މުޅިރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ.
މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަޤުވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުން ލިބިގެންދާނެ އިޤުތިޞާދީ މަންފާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.