
ދިވެހިރާއްޖެެއިން ހައްޖަށް ދިޔަ މީހުން އަންނަމަހު 7 ގައި ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައި ކަމަށެވެ.
އެގޮތުން ޖުލައި 7 ގައި އަންނާނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕް ކަމަށާއި ޖުލައި 10 ވަނަ ދުވަހު އަންނާނީ ވެސް ހައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ދިޔަ ގްރޫޕު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޖުލައި 11 ވަނަ ދުވަހު ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިން އަންނައިރު، ޖުލައި 12 ވަނަ ދުވަހަށް ރާއްޖެ އަންނާނީ އަލްޙަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައިދިޔަ ހައްޖުވެރިން ކަމަށެވެ.
ދިވެހި ހައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ރާއްޖެ އަންނާނީ ހައްޖު ކޯރޕަރޭޝަންގެ ހަވާލުގައިދިޔަ ހައްޖުވެރިންގެ ފަހު ގްރޫޕު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.