މިފަހަރުގެ ކަލަންޑަރު ވަރަށް ހިތްގައިމުވާނެ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އާއްމުކޮށްގެން ކޮންމެ އަހަރަކު ނެރޭ ކަލަންޑަރު އެ މިނިސްޓްރީން ނެރެފިއެވެ.  2020 ވަނަ އަހަރުގެ ކަލަންޑަރަކީ އެހެން އަހަރުތަކާއި ޚިލާފަށް ވަރަށް ތަފާތު އަދި ހިތްގައިމު ކަލަންޑަރަކަށްވާނެ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫއިން ތައްޔާރުކުރި މި ކަލަންޑަރާއި ބެހޭގޮތުން އިސްލާމިކް ސްޓޫޑިއޯގެ މެނޭޖަރ އަދި މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރުގެ ކަލަންޑަރު ޑިޒައިން ކޮށްފައިވަނީ "ކީރިތި ﷲ ދެއްވި ޤުދުރަތީ ރީތިކަން" ތީމަކަށް ބަލައިގެން ކަމަށެވެ.

"މި ކަލަންޑަރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ނަގާފައިވާ ޤުދުރަތީ ރީތި މަންޒަރުތައްވަނީ ހިމަނާފައެވެ. އަދި އެކަލާނގެ ކުޅަދުންވަތަކަމުން އަޅަމެންނަށް ދެއްވާފައިވާ ޤުދުރަތީ ރީތިކަން ހިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށްދޭ މި މަންޒަރުތައް ނަގާފައިވަނީ ރާއްޖޭގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނެވެ."

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ޑިޒައިންކޮށް ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނާފައިވާ މަންޒަރުތަކާއި ގުޅޭގޮތުން ތަފާތު ޢިލްމީ ނަސޭޙަތްތައް ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައިވަނީ ހިމަނާފައިވެއެވެ. މީގެއިތުރުން ހަނދުކޭތައާއި އިރުކޭތަ ހިފާދުވަސްތައް ފަސޭހައިން އެނގޭނެ ނިޝާނެއްވެސް ކަލަންޑަރުގައި ހިމަނާފައިވެއެވެ.

ވޯލް ކަލަންޑަރުގެ އިތުރުން ޑެސްކްޓޮޕް ކަލަންޑަރުވެސް ނެރޭގޮތައްވަނީ ހަމަޖެހިފައެވެ. ކަލަންޑަރުގެ އަގަކީ ފަންސަވީސް ރުފިޔާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.