(22 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެކަނިތަ؟" މަންމަ އަހައިލިއެވެ.
"ނޫނޭ ޝެހެރޫޒާ އެކީގައި. އޭނާ އޮފީހަށް ދާން ލަސްވާތީ ހިނގައްޖެ."
"ދައްތާ! އަދި ޗުއްޓީގެ ކިތައް ދުވަސް ބާކީ އެބަ އޮތްތަ؟" ސެހެރް އަހަލައިލިއެވެ. "އަހަރެންގެ ޗުއްޓީ އިއްޔެ ހަމަވެއްޖެ. އެކަމަކު މަންމަ ބުނީ ދެން ވަޒީފާ އަދާކުރާނޭ ކަމެއް ނެތޭ. އެހެންވީމާ މިއަދަކު އޮފީހަކަށް ނުދަން."
"ވަރަށް ރަނގަޅު." މަންމަ ހިތް ހަމަޖެހުމުގެ ނޭވައެއް ލިއެވެ. "މީހަކާ އިނުމަށްފަހު ދަރިން ވަޒީފާ އަދާކުރާނޭ ކަމެއް ނެތް؟"
"ދައްތަ ސައި ބޯނަންތަ؟"
"ސައި ހަދާފައި ހުރިއްޔާ ގެނޭ." އޭނާ ފައިވާން ބާލައިފައި ގޮނޑިއެއްގައި ރަނގަޅަށް ޖައްސައިލިއެވެ.
"ސައި ހަދާކަށް މާގިނަ އިރެއް ނުވާނެ." ސެހެރް ބަދިގެއަށް ހިނގައްޖެއެވެ. މަންމަ ތެދުވެގެން އައިސް އޭނާގެ ކައިރީގައި އިށީނދެއްޖެއެވެ. "ކަލޭގެ މައިދައިތައަކީ ވަރަށް ރަނގަޅު އަންހެނެއްކަން ޔަގީން. ދަހި އަންހެނެއް ނަމަ ކަލޭ ލައްވައި ވަޒީފާ އަދާކުރުވީސް އެހެން ނޫންތަ؟"
"އާނ، މަންމާ. އެއީ ވަރަށް ރަނގަޅު އަންހެނެއް؟"
"ކަލޭވެސް ވިސްނައިގެން އުޅޭތި. ކުދިކުދި ކަންތައްތަކާ އަރައިރުން ނުވާތި."
"އެ ގޭގައި އަރައިރުން ވުމަކީ ކުރެވޭނޭ ކަމެއް ނޫން. މީހަކު އެއްޗެއް ބުންޏަސް ދެކޮޅު ހަދާ މީހަކު ނޫޅޭނެ. އެއްޗެކޭ ކިޔާ މީހަކު ކިޔާނީ. އަޑު އިވޭ މީހާ އަޑުއަހާނީ. އެހެން ކަމެއް ނުކުރާނެ."
"ވަރަށް ރަނގަޅު." މަންމަ ހިތް ހަމަޖެހުމުގެ ރާގަކަށް ބުނެލިއެވެ. "މަންމާ. އަޙްސަންމެން ގޭގެ ޚަބަރެއް ނުވޭތަ؟ އޭނައެއް ނާދޭތަ؟"
"އަސްތާ! އަހަރެން މިހުންނަނީ ހަނދާން ނެތިފައި." މަންމަ ކުއްލިއަކަށް ބުނެލިއެވެ.
"ސެހެރާއި އަޙްސަނާ ދެވާ ވާހަކަ އެގޭ މީހުން ދެއްކި."
"އެހެންތަ؟" އޭނާ ވަރަށް ދިގު ރާގަކަށް ބުނެލިއެވެ. "މަންމަ ބުނީ ކީކޭ؟"
"ބުނާނީ ކީކޭ؟ އިންކާރެއް ނުކުރާނެކަން ކަލެއަށްވެސް އެނގޭނެ. އެކަމަކު އެހައި އަވަހަކަށް ކާވެންޏެއް ނުބޭއްވޭނެ."
"އެއީ ކީއްވެގެން؟"
"ދަރިފުޅާ! ކަލޭގެ ކާވެނީގެ ކަންތައް އަދި ކިރިޔާ ނިމުނީ. އެހައި ގިނަ ފައިސާ ހޯދާނީ ކިހިނެއް؟"
"އާނ! ތިޔައީވެސް ރަނގަޅު ވާހަކައެއް." އޭނާ ކުޑަ އިރުކޮޅަކު ވިސްނައިލަން އިނދެފައި އަހައިލިއެވެ.
"ބޮޑުބޭބެ ބުނީ ކީކޭ؟"
"އޭނާވެސް ބުނީ އެހައި އަވަސް ނުކުރިޔަސް އެންމެ ރަނގަޅޭ. ފުރަތަމަ ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ކަންތައް ހަމަޖައްސާނީއޭ. ފުރަތަމަ އެންގޭޖްމަންޓް ބާއްވާނީއޭ. އެހެން ނޫނީ ސާޖިދާގެ ކާވެނި ކުރެވޭ ދުވަހު ދެ ކާވެނި އެކީގައި ކޮށްލާނީއޭ."
"އާނ! އެހެން ހަދާ! އަޙްސަންގެ އިމްތިހާނުގެ ކަންތައް ދިޔައީ ކިހިނެއް؟"
"ވަރަށް ރަނގަޅު. ވަޒީފާވެސް ލިބިއްޖެ. މިހާރު އޭނާ ތައްޔާރުވަނީ މުލްތާނަށް ދާން. ވަޒީފާގެ ކުރިއެރުން ލިބުނީ."
"އެހެންތަ؟" އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރީގެ ވާހަކައެއް ހަނދާންވި ކަހަލަ ގޮތަކަށެވެ.
ޝެހެރޫޒް ހަވީރު އޮފީސް ނިންމައިފައި އައީ އެ ގެއަށެވެ. ދެމަފިރިން ގެއަށް ދިޔައީ އެ ރޭ ކައިގެންނެވެ.
* * *
މިހައި ތަނަކަށް އޭނާއަކަށް އެއްވެސް ކަމެއް މަދުކަމުގެ އިޙްސާސެއް ނުކުރެވެއެވެ. އަދި މާ ބޮޑު އެދުމެއް ހިތުގައި ނުމެ އުފެދޭމެއެވެ. އެހެންވީމާ އޭނާ ހުންނަނީ ހިތްހަމަޖެހިފައެވެ. ލޯބީގެ މަސްތު އަދި ސިކުނޑިއަކުން ފިލައިގެންނެއް ނުދެއެވެ. އެހެންވީމާ އެއްވެސް ކަހަލަ އުނިކަމެއް އިޙްސާސް ކުރާކަށް ނުވެސް ޖެހެއެވެ.
އެ ދުވަސްވަރު ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ދައުވަތު ލިބިއްޖެއެވެ. ދައުވަތު ކާޑު ހިފައިގެން އައީ އަޙްސަނެވެ. އޭނާ ފެނުނީމާ ކުޑައިރުކޮޅަކު ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
"އާދޭ! އިށީނދޭ." ޒާރާ ހީނގެންފައި މިހެން ބުނީމާ އަޙްސަން ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ.
"ޝެހެރޫޒް ނެތީތަ؟"
"މިހާރު އަންނާނެ. ކިހިނެއްތަ ހާލު؟ މިއަދު މަގު އޮޅުނީތަ؟"
"އަހަރެން މިއައީ ކާވެނީގެ ދައުވަތު ކާޑު ހިފައިގެން."
"އެހެން ދޯ؟" އޭނާ އަޙްސަންގެ އަތުން ދެ ކާޑުވެސް ޖަހައިގެންފިއެވެ. "ކާވެނީގެ ވާހަކަ މަންމަ ބުނި. އަހަރެން މިހުންނަނީ ހަނދާން ނެތިފައި. ކާވެނި އޮތީ ކޮން ދުވަހަކުތަ؟"
"ކާޑުގައި ތާރީޚު ޖަހާފައި އޮންނާނެ."
"އެހެންތަ؟" ޒާރާ ހީނގެންފިއެވެ.
"ކާޑު ބަލާނީ ފަހުން. ފުރަތަމަ ބުނޭ... އަހަރެން ދޭނީ ކޮން އެއްޗެއް؟"
"އެއްޗެއް ދޭނެ ކަމެއް ނެތް."
"އެހެންވާނީ ކިހިނެއް؟ މި ގެއަށް ފުރަތަމަ ފަހަރަށް ތިޔަ އައީ. އިށީނދޭ. އަހަރެން އެބަ އަންނަން." އޭނާ ތެދުވެގެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކުޑައިރުކޮޅެއް ފަހުން އެނބުރި އައީ ސައި ހިފައިގެންނެވެ.
"އަހަރެން ބުނީމެއްނު އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ."
"އެއްވެސް އެއްޗެއް ނުދީ ފޮނުވައިލައިފިއްޔާ ތިޔަ ގެއަށް ދިޔައީމާ ސައިތައްޓެއްހައި މިންވަރުވެސް ނުދިނޭ ފަހުން އަހަންނާ ދިމާއަށް ބުނާނެ."
"ޒާރާ ހީކުރަނީ އަހަރެން މީއީ އެކަހަލަ މީހެއް ކަމަށްތަ؟" އަޙްސަން ހީނގަތެވެ.
"ނޫނޭ. އަހަރެން އެހެން ހިއެއް ނުކުރަން." އޭނާ ސައިތަށި އަޙްސަންގެ އަތަށް ދިނުމަށްފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
"ގޭގައި އެއްވެސް މީހަކު ނޫޅެނީތަ؟" ގޭތެރެ މާ ހިމޭންކޮށް އޮތީމާ އަޙްސަން އަހައިލިއެވެ.
"ނޫނޭ. ޝެހެރޫޒް ނޫން އެހެން އެންމެން އެބަ އުޅޭ."
"އެއްވެސް އަޑެއްބަޑެއް ނީވޭ."
"އެންމެން އުޅެނީ މަސައްކަތުގައި. އެހެން ނޫނަސް މި ގޭގައި އެކަކުވެސް ބާރަށް ވާހަކަ ދައްކައެއް ނޫޅޭ."
"އަސްތާ. ތިޔައީ ވަރަށް ދެރަ ކަމެއް. ޒާރާއަށް ވަރަށް އުނދަގޫ ވާނެތާ؟"
"އުނދަގުލެއް ނުވޭ. މާހައުލު ބަދަލުވީމާ ރަނގަޅޭ ހިތަށް އަރާ."
އަޙްސަން ސައި ބޯން ފެށީމާ ޒާރާ އޭނާ ގެނައި ދެ ކާޑު ނަގައިގެން ބަލާން ފަށައިފިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް އަޙްސަނާ ދިމާއަށް ބަލައިލިއެވެ.
"މަންމަ އަޙްސަންގެ ވާހަކަ އަހަރެން ގާތު ދެއްކި."
"އަހަރެންގެ ކޮން ވާހަކައެއް؟"
"އަޙްސަންގެ ކާވެނީގެ ވާހަކަ."
"އެކަން އަދި ވަކި ގޮތަކަށް ނުނިމޭ." އޭނާ އުނދަގޫ ގޮތަކަށް ބުނެލިއެވެ. "ތިޔަ ވާހަކަ ޒާރާގެ ގެއިންވެސް އޮޅުން ފިލުވިދާނެ."
"އަޙްސަން އެވާހަކަ ދައްކަން ބޭނުން ނުވަނީތަ؟"
"ނޫނޭ. ކޮންމެހެން ބޭނުން ނުވާތީއެއް ނޫން."
"އެހެން ވެއްޖެއްޔާ ފޮރުވަން އުޅެނީ ކީއްވެގެން؟"
އަޙްސަން އަނގައިން ނުބުނެ ޒާރާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ތެދުވެއްޖެއެވެ.
"އަހަރެން ދެން ދަނީ."
"އަދި މަޑުކޮށްލާ! ޝެހެރޫޒަކާ ބައްދަލެއް ނުކުރާނަންތަ؟"
"ފަހުން އޭނާޔާ ބައްދަލު ކުރެވިދާނެ. ކާވެނި ޕާޓީއަށް ބީރައްޓެއްސަކަށް ވެގެން ނާންނާތި."
"ކާކުގެ ކާވެންޏަކަށް؟" ޒާރާ އަހުސަނާ ސަމާސާކޮށްލުމުގެ ގޮތުން އަހައިލިއެވެ. އެކަމަކު އެހެން އަހައިލީ އިރު އޭނާގެ ނިތްކުރިއަށް ދެތިން ރޫއެރިއެވެ.
"އަހަރެން މިދައްކަނީ ސާޖިދާ ދައްތައާއި ޢާބިދާގެ ކާވެނީގެ ވާހަކަ."
މިހެން ބުނެފައި އިތުރު ވާހަކައެއް ނުދައްކައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.
ޒާރާ އެހުރި ތާނގައި ހުރެގެން އަޙްސަންގެ ބަދަލުވަމުންދާ މިޒާޖުގެ މައްޗަށް ފިކުރު ހިންގައިލިއެވެ.
އެރޭ ޝެހެރޫޒް ގެއަށް އައީމާ އޭނާ ސާޖިދާއާއި ޢާބިދާގެ ކާވެނީގެ ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ. އެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އެހެން މީހުންނާ ތަފާތު ވެލުމުގެ އެދުން އޭނާގެ ހިތަށް ވެރިވެގެންފިއެވެ. އެޔާއެކު ޙިނާގެ ކާވެނި ޕާޓީގައި އެންމެން އޭނާއަށް ތާރީފު ކުރަމުން ދިޔަގޮތް ހަނދާނަށް އަތުވެއްޖެއެވެ.
"ޝެހެރޫޒް. މި ހުރިހައި ކާވެންޏެއް މިވަނީ އެއްފަހަރާ. ފަހަރެއްގައި ސެހެރްގެ ކާވެނިވެސް އެހެން ކާވެނިތަކާއެކު ކުރެވުމަކީ އެކަށީގެންވާކަމެއް. އެހުރިހައި ތަނަކަށް ދާން އަހަރެން ލާނީ ކޮން އެއްޗެއް؟"
"ލާނީ ހެދުން." ޝެހެރޫޒް ސަމާސާކޮށްލިއެވެ.
"ސަމާސާ ނުކުރޭ. އަހަރެން މިއަހަނީ ލާނީ ކޮން ހެދުމެއް ހެއްޔޭ؟"
"އަހަންނަށް ހީވަނީ ޒާރާގެ އަތުގައި ފުދޭވަރަށް ހެދުން އެބަހުރިހެން."
"އެކަމަކު ކޮންމެ ހެދުމެއްވެސް އޮންނާނީ އެތައް ފަހަރުކު، ނޫނީ މަދުވެގެން އެއްފަހަރު ލާފައި."
"އެއް ފަހަރު ލީ ހެދުމެއް ދެވަނަ ފަހަރު ނުލެވޭނީތަ؟"
"ޕާޓީއަކަށް ދާން ނުލެވޭނެއެއްނު؟"
"އެއީ ކީއްވެގެން؟"
"އެތަނަށް ވަރަށް ގިނަ މީހުން ދާނެ. އެއިން ކޮންމެވެސް މީހަކަށް އަހަރެން މި ހެދުން ލައިގެން ހުއްޓާ މީގެ ކުރީން ފެނިފައިވެސް އޮވެދާނެ."
"އެއީ އެވަރުގެ ކަމެއްތަ؟"
"ޝެހެރޫޒް ތިޔަ އުޅެނީ އަހަރެން މި ދައްކާ ވާހަކަ އަޑު ނާހަންވެގެން."
"ތިޔަ ދައްކާ ވާހަކަ އަހަންނަށް ވަރަށް ރަނގަޅަށް އިވޭ. އަދި ކިޔާ އެއްޗެއް އެނގޭވެސްމެ."
ޝެހެރޫޒް ޒާރާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ޒާރާ އެ ކިޔަނީ ކީކޭކަން އޭނާއަށް އެނގެއެވެ. ބޭނުން ވެގެން އުޅެނީ ކޮން އެއްޗެއްކަންވެސް އެނގެއެވެ. މި ވަގުތު އެ ހުރިހައި އެދުމެއް ފުރިހަމަ ކޮށްދިނުމަކީ ޝެހެރޫޒަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންވީމާ އެކި ކަހަލަ ވާހަކަ ދައްކައިގެން ޒާރާގެ ޚިޔާލު އެހެން ދިމާއަކަށް އެނބުރޭތޯ އޭނާ މަސައްކަތް ކުރަން ފަށައިފިއެވެ. އެކަމުގައި ވަގުތީ ގޮތުން އޭނާއަށް ކާމިޔާބު ކުރެވުނުވެސް މެއެވެ.
އަނެއް ދުވަހު ހެނދުނު ޝެހެރޫޒް ތެދުވީ ތަންކޮޅެއް ލަހުންނެވެ. އެއީ ބަންދު ދުވަހަކަށް ވާތީއެވެ. ހެނދުނުގެ ނާސްތާއިން ނިމިގެން އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. އޭރު ޒާރާ އަލަމާރީގައި ހުރި ހެދުންތައް ނަގައި އެނދު މައްޗަށް އަޅަމުން ދަނީއެވެ.
"ތިޔައީ ކޮންކަމެއް؟" އޭނާ އަހައިލިއެވެ.
"މި އުޅެނީ ކާވެނި ޕާޓީތަކަށް ދާން ލާން ރަނގަޅު ހެދުންތަކެއް ފެނޭތޯ ބަލަންވެގެން."
ޝެހެރޫޒް ޖަވާބެއް ނުދީ ނޫސް ކިޔަން ފަށައިފިއެވެ. ޒާރާ އެތައް އިރަކު ހެދުންތައް ހާވަން އުޅެފައި ޝެހެރޫޫޒްގެ އަތުގައި އޮތް ނޫސް ދަމައިގެންފިއެވެ.
"ޝެހެރޫޒް ނިކަން ބަލާބަލަ. ކާވެނި ޕާޓީއަކަށް ދާން ލާން ރަނގަޅު އެންމެ ހެދުމެއްވެސް މިތާކު ނެތް."
"ތިޔަ ހުރިހައި ހެދުމެއްވެސް ރަނގަޅު. އައު ހެދުންވެސް އެބަ ހުއްޓެއްނު؟ އެ އޮތީ ވަރަށް ރީތި ހެދުމެއް." އޭނާ އެތަނުން ހެދުމަކަށް އިޝާރާތް ކޮށްލައިފައި ބުނެލިއެވެ.
"އެ ހެދުން ލައިގެން އަހަރެން އެއް ފަހަރު ބޮޑު ދައިތަގެ ގެއަށް ހިނގައްޖައިން."
"އަހަރެން ކޮންމެ ހެދުމެއް ދެއްކިޔަސް ތިޔަހެން ޒާރާ ބުނާނެ އެއްޗެއް އޮންނާނެ."
"އާނ! އަހަރެން ދާން މިއުޅެނީ މުޅި އާއިލާ އެއްވާ ތަނަކަށް. އެކަހަލަ ތަނަކަށް ދާއިރު މިއިން ހެދުމެއް ލައިގެން ދާކަށް ކަމަކު ނުދާނެ."
"އެއްވެސް މީހަކު ޒާރާއަކަށް މަލާމާތެއް ނުކުރާނެ." ޝެހެރޫޒް ބުންޏެވެ. "ތިޔައީ އަހަރެމެންގެ ގެއަށް އައިއިރު ލައިގެން ހުރި ހެދުމެކޭ އެކަކުވެސް ނުބުނާނެ."
"ތިޔަކަން އެނގެނީ ކިހިނެއް؟ ފަހަރެއްގައި މީހަކު އެހެން ބުނެވެސްފާނެ." ދޫކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. "އެކަހަލަ ކަމެއް ވެއްޖެއްޔާ އެންމެންގެ ކުރިމަތީގައި އަހަރެން ކިހައި ލަދެއް ގަންނާނެ."
"ޒާރާ... ޒާރާ." ޝެހެރޫޒް ތެދުވެގެން ދާން އުޅެފައި އަނެއްކާވެސް އިށީނދެއްޖެއެވެ. "ތިޔަހެން ލަންބާޗޯޅާ ވާހަކަ ނުދައްކައި ޒާރާ ބޭނުންވެގެން އުޅޭ ކަމެއް ނިކަން ބުނެބަލަ."
"އަހަރެން ބޭނުންވަނީ އާ ތިންހަތަރު ހެދުން."
"ކިހައި ރުފިޔާއަކުން ހެދުން ގަނެވޭނެތަ؟"
"ދެތިން ހާސް ރުފިޔާ ބޭނުންވާނެ."
"ކީކޭ؟" ޝެހެރޫޒް އަޑު ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރިއެވެ.
(ނުނިމޭ)
varah varah reethi