(12 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކާޝިފާއި އޭނާޔާ ދެމެދުގެ ލޯބީގެ އެއްވެސް ގުޅުމެއް ނެތެވެ. އެހެންވީމާ އޭނާ ހިތުގައި ޖެހޭންވީ އެއްވެސް ސަބަބެއް ނެތެވެ. ކުޑަކޮށް ދެރަވިއެވެ. އެހެން ނަމަވެސް އެ ދެރަވުން މާގިނަ އިރަކަށް ދެމި އޮންނަ ގޮތެއް ނުވިއެވެ. ހިތާހިތުން ކާޝިފާ ދިމާއަށް އެއްޗެހި ގޮވައިލެވުނީމާ ހިތްހަމަ ޖެހިއްޖެއެވެ.
އަނެއްކާވެސް އާދައިގެ މަތީން ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދާން ފަށައިފިއެވެ. އެކަމަކު ޒާރާގެ ހުވަފެނަކަށް ބަދަލެއް ނާދެއެވެ. އޭނާ ދިޔައީ މިހާރު އަދާކުރާ ވަޒީފާއަށް ވުރެ މޮޅު ރަނގަޅު ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ވެގެން ދިޔައީ އޭނާ ހީކުރި ވަރަށް ވުރެ މާ ބުރަ މަސައްކަތަކަށެވެ.
ޒާރާ އުޅެނީ ޓައިޕްރައިޓަރަށް ކަރުދާސްގަނޑެއް ލައްވާށެވެ. ވަރަށް އަވަހަށް ޓައިޕްކުރަންޖެހޭ އެއްޗެކޭ ކާޝިފް ބުނެފައި އޮތް ސިޓީއެއް ޓައިޕް ކުރާންވެގެންނެވެ.
"ބައްލަވާ!" ކޮންމެވެސް މީހަކު ބުނެލީ އަޑު އިވުނެވެ.
"މަޑުކޮށްލައްވާ!" އޭނާ ބުނެލިއެވެ. އަދި ކަރުދާސްގަނޑު ލައްވައި ނިމިގެން އިސްއުފުލައި ބަލައިލިއެވެ. އެވަގުތު އޭނާ ކުރިމަތީގައި ހުރި ގޮނޑިގައި އިށީނދެގެން އިން ޒުވާނާ ފެނުނީމާ ޙައިރާންވީ ވަރުން އޭނާގެ ބަސް ހުއްޓުނެވެ. އެ ޒުވާނާ ލައިގެން ހުރީ ވަރަށް އާދައިގެ ގަމީހަކާއި ފަޓްލޫނެކެވެ. އެހެން ނަމަވެސް މޫނުމަތީން ފެންނާން ހުރި ހުރި ތޫނުފިލި ކަމެއްގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ.
"ބައްލަވާ." އެ ޒުވާނާގެ އަޑު އިވުނީމާ އޭނާ ދިޔައީ ސިއްސައިގެންނެވެ.
"އާދެ... މިބަލަނީ ކިހިނެއްވީތޯ؟"
"އަޅުގަނޑު މިއައީ މިތާނގެ އެމްޑީގެ ފައިންޕުޅު ދެކެން."
"އެޕޮއިންޓްމަންޓެއް ހައްދަވާފައި އެބަ އޮތްތޯ؟"
"ނޫން. ނެތް... އަޅުގަނޑު މިއައީ ވަޒީފާއަކާ ގުޅިގެން..."
"އެއްވެސް ސިޓީއެއް، ބިޓީއެއް، ލިޔުމެއް އެބައޮތްތޯ؟"
"ނޫން އެކަހަލަ އެއްވެސް އެއްޗެއް ނެތް." އެ ޒުވާނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"ދެނޯ؟"
"އަޅުގަނޑަށް މަލާމާތް..."
"އަޅުގަނޑު މަލާމާތެއް ނުކުރަން." އޭނާ އެ ޒުވާނާގެ ވާހަކަ މެދުކަނޑައިލިއެވެ.
"ވިދާޅުވާން ތިޔަ އުޅުއްވަނީ ކީކޭތޯ؟"
"އަޅުގަނަޑު ދައްކަވާ ވާހަކަ އަޑު އައްސަވާނަންތޯ؟"
"އާދެ! އަޑު އަހާނަން."
"އަޅުގަނޑު ވަޒީފާއެއް ނުލިބިގެން އެތަން މިތަނަށް ދުވާތާ ދެ އަހަރު ދުވަސް ވެއްޖެ. ގިނަ ތަންތަނުން ސިޓީއަށް ޖަވާބެއްވެސް ނުލިބޭ. ޖަވާބު ލިބޭ ތަންތަނުންވެސް އަޅުގަނޑު ބޭނުންވާ ކަހަލަ ޖަވާބެއް ނުލިބޭ. ބައެއް ތަންތަނުން އިންޓަވިއު މީހަކަށް ދީ ނިންމާފައި އޮންނަނީ. އަޅުގަނޑު ކަހަލަ އާމްދަނީއެއް ނުލިބޭ ފަގީރަކަށް ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހައްދާނޭ ޚަރަދުވެސް އޮންނަނީ ނުލިބިފައި." އޭނާ އިރުކޮޅަކު ހިމޭނުން ހުރެފައި އަނެއްކާވެސް ބުނެލިއެވެ. "އަޅުގަނޑަށް އެމްޑީގެ ފައިންޕުޅު ފެންނާނޭ ގޮތް ހައްދަވައި ދެއްވާ! ފަހަރެއްގައި ވަޒީފާއެއް ލިބުންވެސް އެކަށީގެންވެއެއް ނޫންތޯ؟"
"ދަންނަވަންތޯ..." އޭނާ ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ އުޅުނެވެ.
"އިންކާރު ނުކުރައްވާ! އަޅުގަނޑު އެމްޑީއާ ހަމައަށް ގެންގޮސް ދެއްވާ. އޭގެ ފަހުން ދައްކަން ޖެހޭ ވާހަކަ އަޅުގަނޑު ދައްކަފާނަން." އޭނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"ނަން ވިދާޅުވޭ." ޒާރާ ތެދުވަމުން ބުނެލިއެވެ.
"ޝެހެރޫޒް އަޙްމަދު."
"އިށީންނަވާ! އަޅުގަނޑު ދަންނަވައިލާފައި އަންނާނަން." މިހެން ބުނެފައި އޭނާ ގޮސް ވަނީ ކާޝިފްގެ ކޮޓަރިއަށެވެ. ކުޑައިރުކޮޅެއް ފަހުން ނުކުމެގެން އައި އިރު ޝެހެރޫޒް އިނީ ހަމަޖެހިލައިގެން ސިނގިރޭޓް ބޯށެވެ.
"އެތެރެއަށް ވަޑައިގަންނަވާ. އެބަ ވިދާޅުވޭ."
"ހަމަ ރަނގަޅަށްތޯ؟" އޭނާ ޔަގީންކަމެއް ނެތް ރާގެއްގައި އަހައިލިއެވެ.
"ތިޔަ ހީކުރައްވަނީ އަޅުގަނޑު ސަމާސާ ކުރަނީކަމަށްތޯ؟"
"ނޫނޭ." އޭނާ ސިނގިރޭޓް ނިއްވައިލުމަށް ފަހު ބާކީ އޮތް ބައި ޖީބަށްލައިފިއެވެ. އެއަށްފަހު ހުއްދައަށް އެދޭ ކަހަލަ ގޮތަކަށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. ޒާރާ ކާޝިފްގެ ކޮޓަރިއަށް އިޝާރާތްކޮށްލިއެވެ.
"ޝުކުރިއްޔާ! އަޅުގަނޑުގެ ވަޒީފާ ހަމަ ޖެހޭތޯ ދުޢާ ކުރައްވާތި." އޭނާ ދަމުން ބުނެލިއެވެ.
ޒާރާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާއަށް ވަޒީފާ ލިބޭގޮތް ވޭތޯ ހިތުގެ އަޑީން ދުޢާ ކުރެވުނެވެ. އަދި އޭނާއަށް އިންތިޒާރުވެސް ކުރެވުނެވެ. އޭނާ އެނބުރި އަންނާކަށް މާގިނަ ވަގުތެއް ހޭދައެއް ނުވެއެވެ. އެހެންނަމަވެސް ޒާރާއަށް ހީކުރެވުނީ އޭނާ އިންތިޒާރުގައި ހުންނަތާ އެތައް އަހަރެއް ވެއްޖެކަމުގައެވެ. އޭނާ އައިސް ކުރިމައްޗަށް ހުއްޓާލީމާ ބަލައިލެވުނީ ހާދަހާ ލަހެއް ވެއްޖެއޭ ބުނާ ކަހަލަ ގޮތަކަށެވެ.
"މިހާރު ކޮންވެސް ވަރެއްގެ އުއްމީދު ލިބިއްޖެ." އޭނާ މާ ނޭވައެއްލިއެވެ.
"ކާޝިފް ވިދާޅުވީ ކީކޭތޯ؟" ޒާރާ ކެތްތެރިކަމެއް ނެތް ރާގެއްގައި އަހައިލިއެވެ.
"ވިދާޅުވީ މާދަމާ އަދި އަންނާށޭ." އޭނާ ޒާރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ތިޔަވީ ރަނޅަކަށް ނޫންތޯ؟ ފަހަރެއްގައި ވަޒީފާ ހަމަ ޖެހިވެސް ދާނެ." މިހެން ބުނެފައި ޒާރާ އަހައިލިއެވެ. "ސައި ބޭނުންފުޅުތޯ؟"
"އަޅުގަނޑުގެ ވަޒީފާ ހަމަ ޖެހިއްޖެއްޔާ ސައި އަރުވާނީ އަޅުގަނޑު." އޭނާ ހީނގަތެވެ.
"ހަމަ ޖެހުނީމާ ޝެހެރޫޒް ސައި ދެއްވާ! މިއަދު ދޭނީ އަޅުގަނޑު."
"ޝުކުރިއްޔާ." އޭނާ ތެދުވެއްޖެއެވެ. "މިވަގުތު ސައި ބުއިން ރަނގަޅެއް ނުވާނެ."
ރަނގަބީލާ ހަމައަށް ގޮސްގޮސް ހުރެފައި ޒާރާގެ އަތް ހުއްޓިއްޖެއެވެ.
"އެންމެ ރަނގަޅު. އަޅުގަނޑު މިވަގުތު މިދަނީ. މާދަމާ އަދި އަންނާނަން."
އޭނާ ނުކުމެގެން ހިނގައްޖެއެވެ. އޭނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ޒާރާއަށް އެތައް އިރަކު ހުރެވުނެވެ.
އޮފީހުން ގެއަށް އައިއިރު އޭނާ ހުރީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އެއީ ފަހަކަށް އައިސް ގޭގެ މީހުންނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. އެހެން ދުވަސްދުވަހު ހަދާހެން ވަރުބަލިވެފައޭ ކިޔައިފައި ގޮސް ނުއެއް އޮށޯވެއެވެ. އަތް ފަޔާއި މޫނު ދޮވެގެން އެދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ.
"މަންމަ ދުރަށްދޭ. މިއަދު ކައްކާނީ އަހަރެން."
މަންމަ ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. މަންމަ އަނގައިން ނުބުނި ނަމަވެސް ސެހެރަކަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ. "ދައްތާ. ވަރުބައްޔެއް ނުވޭތަ؟"
"ނުވޭ. މިއަދަކު ވަރުބައްޔެއް ނުވޭ. އޮފީހުގައި އެހައި ގިނަ މަސައްކަތެއް ނެތް. އެހެންވީމާ އިށީނދެގެން އިނީ."
މަންމަ ފޮނުވައިލުމަށް ފަހު ކެއްކީ އޭނާއެވެ. ކެއްކުމުގެ މަސައްކަތް ކުރަމުން ދިޔައިރު ސެހެރާ ވާހަކަ ވެސް ދައްކަމުން ދިޔައެވެ. އެކަމަކު ވާހަކަ ދައްކަދައްކައި ހުރެފައި ބައެއް ފަހަރު މުޅީން ހިމޭނުން، ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައިވެސް ހުރެއެވެ. އެވަގުތުކޮޅުގެ ތެރޭގައި އޭނާގެ ކުރިމައްޗަށް އަންނަނީ ޝެހެރޫޒްގެ ސިފައެވެ. އޭނާ ހައިރާންވިއެވެ. އޭނާއަކީ ވަރަށް މަތިވެރި ޚިޔާލެއްގެ މީހެކެވެ. އޭނާގެ އެންމެ އެދުމެއް ފުއްދައި ދެވޭނޭ ވަރެއްވެސް ޝެހެރޫޒްގެ ކިބަޔަކު ނުހުންނާނެއެވެ.
ރޭގަނޑު ނިދަން ގޮސް އެނދުގައި އޮށޯވެގެން އޮތްއިރު އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.
"މިއީ ރަނގަޅު ގޮތެއް ނޫނެވެ." އޭނާ ހިތާހިތާ ކިޔައިލިއެވެ. "އޭނާއަކީ އަޙްސަނަށް ވުރެ ނިކަމެތި މީހެކެވެ. އެހެންވީމާ އޭނާގެ ޚިޔާލު އަހަރެން އެއްގޮތަކަށްވެސް ނުކުރާނަމެވެ."
އަނެއް ދުވަހު އޮފީހަށް ގޮސް އޭނާ މަސައްކަތުގެ ތެރެއަށް ގެއްލިއްޖެއެވެ.
އޭނާ ބޭނުންނުވި ނަމަވެސް އިރުއިރުކޮޅާ ބޭރުން ވަންނާން ހުރި ދޮރާ ދިމާއަށް ބަލައިލެވެއެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ މުޅިން ބޭއިޚްތިޔާރުގައެވެ. އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އަންނާންވެސް ފަށައިފިއެވެ. އެންމެފަހުން ކުރާނޭ ކަމެއް ނޭނގިގެން ޓައިޕްރައިޓަރަށް ލައްވާފައި އޮތް ގަނޑު ނަގައި ވީދައިލުމަށް ފަހު ކުނިވަށިގަނޑަށް ވައްޓައިލިއެވެ. އަދި ގޮނޑީގައި ރަނގަޅަށް ލެނގިލުމަށް ފަހު ލޯ މަރައިލިއެވެ. އޭނާގެ ހިތުގެ އެދުންތަކެކޭ އެއްފަދައިން ހިތުގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ. އަޙްސަން ބުނާ ގޮތުގައި އޭނާ އެ ދުވަމުން ދަނީ އަވާ މެންދުރެއްގެ ފަހަތުންނެވެ. އެހެންނަމަވެސް އޭނާއަކަށް އެހެނެއް ހިއެއް ނުވެއެވެ.
"މުޅީން މޮޔަ ޚިޔާލެކެވެ." އޭނާގެ ހިތަށް އެވަގުތު އެރިއެވެ. އޭނާ ލޯ ހުޅުވައިލިއެވެ. އޭނާގެ ކުރިމަތީގައި އެހެރީ ޝެހެރޫޒެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ޝެހެރޫޒް ވަޑައިގަތީ ކޮން އިރަކުތޯ؟" އޭނާ އިސްޖަހައިލަމުން އަހައިލިއެވެ.
"ދެންމެ."
"އަޅުގަނޑަށް ގޮވައި ނުލެއްވީ ކީއްވެގެންތޯ؟"
"މާފުކުރައްވާ... ހުވަފެނުގައި ތިޔަ ބެއްލެވި މީހާއަކީ ވަރަށް ނަސީބު ރަނގަޅު މީހަކަށްވާނެ. އެކަހަލަ ޚިޔާލުފުޅެއްގެ ތެރޭގައި އިންނަވަނިކޮށް ދަންނަވަން ކެރޭނީ ކިހިނެއްތޯ؟"
އޭނާ ދެކޮޅު ހެދުމުގެ ގޮތުން ހަރުކަށި ޢިބާރާތެއް ބޭނުންކުރަން ބޭނުންވިއެވެ. އެހެން ނަމަވެސް އެއްވެސް ވާހަކައެއް ދުލަކާ ހަމައަކަށް ނައެވެ. އޭނާ އަތުގެ އިޝާރާތުން ޝެހެރޫޒް ގާތު މަޑު ކުރާށޭ ބުނެފައި ޝެހެރޫޒް އައިސް ހުރި ވާހަކަ ކާޝިފަށް އަންގާން ހިނގައްޖެއެވެ. އެނބުރި އައިސް ވެސް އޭނާ އަނގަޔަކުން ނުބުނެއެވެ. އެތެރެއަށް ވަންނާށޭ ބުނީވެސް އިޝާރާތުންނެވެ. މާގިނަ އިރުތަކެއް ނުވެ އޭނާ ނުކުމެއްޖެއެވެ. ހުރީ އުފަލުން ފޮޅިފައެވެ.
"އަޅުގަނޑަށް ވަޒީފާ ލިބުނީ ކަމަނާގެ ސަބަބުންކަން ހަމަ ޔަގީން."
"އަޅުގަނޑުގެ ސަބަބުންނޭތޯ؟ އެއީ ކިހިނެއްތޯ؟" އޭނާ ހައިރާންވެފައި އަހައިލިއެވެ.
"އިއްޔެ ކަމަނާ އެމްޑީގެ ފައިންޕުޅު ފެންނަގޮތް ހައްދަވައި ނުދެއްވިނަމަ ވަޒީފާ ލިބޭނީ ކިހިނެއްތޯ؟"
"އެއީ، އެވަރުގެ ބޮޑުކަމެއް ނޫނެއް ނޫންތޯ؟"
"އެއީ ވަރަށް ބޮޑު ކަމެއް. މީގެ ކުރީން އަޅުގަނޑު ދިޔަ އެއްވެސް ކުންފުންޏަކުން އަޅުގަނޑަށް އެމްޑީގެ ފައިންޕުޅު ދެކިލުމުގެ ފުރުސަތެއް ނުދޭ. ކޮންމެވެސް އެއްޗެކޭ ކިޔާފައި އަޅުގަނޑު ފޮނުވައިލަނީ."
"އެހެންތޯ؟" ޒާރާ އެއްވެސް ކަމަކާ ނުލައި ހީނގަތެވެ.
"ސައިގެ ވާހަކައެއް ކަމަނާ ނުދައްކަވަމެއް ނޫންތޯ؟"
"މިހާރަކު ނޫން. ފުރަތަމަ މުސާރަ ލިބިވަޑައިގަތީމާ ސައިގެ ވާހަކަ ދައްކާނަން."
"ތިޔައީ މާ ރަނގަޅު ގޮތެއް." އޭނާ އެއްބަސްވެއްޖެއެވެ.
"އޮފީހަށް ވަޑައިގަންނަވަން ފައްޓަވާނީ ކޮން ދުވަހަކުންތޯ؟"
"މިހާރު ހަމަ މި ވަގުތުން ފެށިގެން އަޅުގަނޑު މިހިރީ މަސައްކަތަށް ނުކުމެ."
"ކީކޭތޯ؟"
"އަޅުގަނޑުގެ މަސައްކަތް އޮންނާނީ ސައިޓްގައި. މިތާކު ނޫން. ނުޢުމާނީއޭ ނަމަކަށް ކިޔާ މީހަކު މިހާރު އަންނާނެ. އޭނާ އައީމާ އޭނާޔާއެކު އަޅުގަނޑު ސައިޓަށް ދާނީ." އޭނާ ކިޔައި ދިނެވެ.
"އެހެންވެއްޖެއްޔާ ޝެހެރޫޒް އޮފީހަށް ވަޑައިގަންނަވާނީ ވަރަށް މަދުން އެހެން ނޫންތޯ؟"
އޭނާ ޒާރާއާ ދިމާއަށް ބަލައިލާފައި ހީނގަތެވެ. "ކަމަނާގެ ފައިންޕުޅު ދެކޭން ކޮންމެ ދުވަހަކު އަންނާނަން."
"ޝެހެރޫޒް އަޙްމަދު!" މިއަށްވުރެ އިތުރު އެއްޗެކޭ އޭނާއަކަށް ނުބުނެވުނެވެ.
"ކިހައި ބޮޑު އަޖައިބެއް. މިއަދު މިއީ ކަމަނާޔާ ބައްދަލުވާ ދެވަނަ ދުވަސް. އެކަމަކު އަދި އަޅުގަނޑަކަށް ކަމަނާގެ ނަމެއް ނޭނގޭ."
"ޒާރާ ޚާން." ޒާރާ ބުނެލިއެވެ. "އަޅުގަނޑަކީ ކަމަނާއޭ ކިޔާވަރުގެ މީހަކީމެއް ނޫން... އެހެންވީމާ ދެން އަޅުގަނޑާ ރީތިކޮށް ވާހަކަ ދައްކަވައިގެން ނުވާނެ."
"އެންމެ ރަނގަޅު ޒާރާ ޚާން. އެކަމަކު ތިޔަ ކަންތައް އޮންނާން ވާނީ ދެ ފަރާތަށް ހަމަހަމައަށް. ޒާރާވެސް މީގެ ފަހުން އަހަންނާ ވާހަކަ ދައްކަން ވާނީ އާދައިގެ ބަހުރުވައިން." އޭނާ ބުނެލިއެވެ. "ނުޢުމާނީ އަންނަންވާ އިރަށް އަހަރެން އޮފީހުގެ އެހެން މުވައްޒަފުންނާ ބައްދަލު ކޮށްލާނަން... އަދި ފަހުން ޒާރާޔާ ބައްދަލު ކުރާނަން." އޭނާ ހިނގައިގަތުމުގެ ކުރީން ބުނެލިއެވެ.
(ނުނިމޭ)
haadha haadha reechey shukuran