އަލިފާންކޮކާ - 7

(15 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެއެވެ. އޭނާއަށް އަބަދުމެ ހުރެވެނީ ޝެހެރޫޒްގެ ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. އެއީ އޭނާ ބޭނުންވާ ގޮތް ނޫން ކަމުގައި ވިޔަސް ކަންތައްތައް ވީ އެހެންނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ލޯތްބަކީ ބޭކާރު ޖަޒްބާތެކެވެ. އެހެން ނަމަވެސް މިއަދު އޭނާއަށް އެނގުނު ގޮތުގައި ލޯތްބަކީ މީސްމީހުންގެ ހަކަތައާއި ބާރު ކަނޑުވައިލާ ވަރުގެ ބާރެއް ލިބިފައިވާ އެއްޗެކެވެ. މިއަދު އޭނާއަށް ވެސް ވެފައި މިވަނީ އެކަހަލަ ގޮތެކެވެ. ހިތުގެ އެދުންތައް ފުއްދުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އެނގި ހުރެމެ، އެ ކަންތައްތަކުގެ އުއްމީދު ކުރެވެނީ އެހެން ވެގެންނެވެ.

އޭނާ އޭނާގެ އަމިއްލަ ވާހަކަތައް ޒާރާއަށް ކިޔައިދެއެވެ.

"ޒާރާ! ކުއްލިއަކަށް އަހަންނަށް ޖެހުނީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ވަންނަން. ބައްޕަ ދުނިޔޭގައި ހުންނެވިއިރު އަހަރެން އެއްވެސް ކަމަކާ ފިކުރު ކުރާކަށް ނުޖެހޭ. އެކަމަކު ބައްޕަ ނިޔާވީމާ މުޅީން އެކަނިވެރިވެއްޖެ. މަންމަ ވަރަށް ގިނައިން އަހަންނަށް ހިތްވަރުދޭނެ. އެކަމަކު ބައެއް ފަހަރަށް އަހަރެން މިއީ ވަރަށް ބަލިކަށި މީހެކޭ ހިތަށް އަރާ. ގޭގެ އެންމެ ދޮށީ މީހަކީ އަހަރެން ކަމަށްވާތީ ހުރިހައި ޒިންމާއެއް އެޅިފައި އޮންނަނީ އަހަރެންގެ ބޮލުގައި. މެހެރޫޒް އަދި ވަރަށް ކުޑަ. އޭނާވެސް މީހަކަށް ހެދީމާ މީހަކަށް ވާނީ. އަހަރެންގެ ފިކުރު ބޮޑު ވަނީ މެހެރޫޒާ ހެދިއެއް ނޫން. އަހަންނަށް ވުރެ ހަގު ހަތަރު އަންހެން ކުދިން އެބަތިބި. އެންމެންވެސް ތިބީ ކައިވެނި ކުރާ އުމުރަށް އައިސްފައި... އެހެންވީމާ މި ބަލަނީ ކޮންމެވެސް ގޮތަކުން އެ ޒިންމާއިން ސަލާމަތް ވެވޭތޯ؟"

"ފިކުރު ކުރާނޭ ކަމެއް ނެތް. ﷲ ކޮންމެ ވެސް މަގެއް ދައްކަވާނެ." މިއީ އަޙްސަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ މަންމަ ބުނި ވާހަކައެކެވެ. އެކަމަކު އެވަގުތު އޭނާއަކަށް ނުވިސްނުނެވެ. މިހާރު އޭނާ އެވަނީ އިޚްތިޔާރުން ބޭރުވެފައެވެ. އެހެންވީމާ އެހެން މީހަކާ ދިމާއަށް އެހެން ބުނާކަށް ޖެހިލުމެއް ނުވެއެވެ.

"ޒާރާ ތިޔައީ އަހަރެންގެ އަނދިރި ދުނިޔެއަށް އަލިކަން ފާއްދައިލި އުއްމީދުގެ ހުޅުކޮޅެއް. ޒާރާގެ ސަބަބުން އަހަރެންގެ ހިތުގައި ދިރިއުޅުމުގެ އުއްމީދު އާލާވެގެން ހިނގައްޖެ. ޒާރާ އަހަރެންގެ ދިރިއުޅުމަށް ނައިނަމަ އަހަރެންގެ ހިތްވަރު އެލި ހަތިޔާރު ބަހައްޓާން ޖެހުނީހޭ ވަރަށް ގިނައި ހިތަށް އަރާ."

"ތިޔައީ ދައްކާ ކަހަލަ ވާހަކައެއް ނޫން... ދިރިއުޅޭނޭ ސަބަބެއް އަބަދުވެސް ﷲ ދައްކަވާނެ."

"އާނ. ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު މިހާރު އަހަރެންގެ ހިތަށް އަރަނީ އަހަންނަށް، ޒާރާއަށް ދެވޭނީ ކޮން އެއްޗެއް ބާވައޭ."

"ޝެހެރޫޒް. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަރެންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ ޝެހެރޫޒްގެ ލޯބި."

"ޒާރާ. މައްސަލަތަކުގެ ތެރެއަށް ވަންނަން ޖެހުނީމާ ލޯބިވެސް މަރުވެދާނެ. ނެތިގެން ހިނގައިދާނެ."

"އަހަރެން ލޯބި މަރުވިޔަކަ ނުދޭނަން. ތާއަބަދަށް ދަމަހައްޓާނަން." ޝެހެރޫޒްގެ އަތުގައި އަތް ޖައްސައިލަމުން ޒާރާ ބުންޏެވެ.

"އަހަރެންގެ އަންހެން ކޮއްކޮއިންގެ ކާވެނީގެ ކަންތައްތައް ނިމެންދެން ޒާރާއަށް އިންތިޒާރު ކުރެވޭނެތަ؟"

"އަހަރެން އިންތިޒާރު ކޮށްފާނަން. އެކަމަކު އަހަރެންގެ ގޭގެ މީހުން އިންތިޒާރެއް ނުކުރާނެ. ޝެހެރޫޒެކޭ އެއްފަދައި އަހަންނަކީ އަހަރެންގެ ގޭގެ އެންމެ ދޮށީ މީހާ. އަހަރެންގެ ހަގަށް ތިބި ދެ ބެއިންވެސް ތިބީ ކާވެނީގެ އުމުރަށް އަޅައިގެންފައި." އޭނާ ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ. އަދި އިރުކޮޅަކު ވިސްނާން ހުރެފައި ބުނެލިއެވެ. "ޝެހެރޫޒް. އަހަރެން މިއީ ތިޔަ ގެއަށް އިތުރުވާ މީހެއް ކަމުގައި ނުބަލާ. އަހަރެން ޝެހެރޫޒްގެ މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރާނަން. ދެ މީހުން ވީމާ މަސައްކަތް ލުއިވެސް ވާނެ."

"ނޫނޭ ޒާރާ. އަހަރެންގެ މަސައްކަތް އަހަރެން އަމިއްލައަށް ކުރިޔަދީ. ޒާރާއަށް ދެވޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތް."

"ޝެހެރޫޒް. ތިޔަހެން ނުބުނޭ. އަހަރެން މިހާރު އެތައް ފަހަރަކު ބުނެފިން، ޝެހެރޫޒްގެ ލޯބި ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫނޭ."

އޭނާ ޝެހެރޫޒްގެ މައްޗަށް ރަނގަޅަށް ބާރު ފޯރުވައިފިއެވެ.

"އެންމެ ރަނގަޅު. އަހަރެން ޒާރާ ގޮވައިގެން ގޮސް މަންމަޔާއި ކޮއްކޮމެނާ ބައްދަލު ކުރުވާނަން."

"އަހަރެން؟"

ޒާރާ މިހެން ބުނެލީ އެ މީހުން އަހަރެންގެ ގެއަށް ގެނައުމުގެ ބަދަލުގައި އަހަރެން ގޮވައިގެން ދާނީހޭ އަހައިލި ކަހަލަ ރާގަކަށެވެ.

"އަހަރެން މިހިރީއަކީ އަހަރެންގެ ކާވެނީގެ ވާހަކަ ދައްކާ ކަހަލަ ހާލަތެއްގައެއް ނޫން. ޒާރާ ފެނުނީމާ މަންމަ އަށް އެނގިދާނެ. އަހަރެން އިތުރު ވާހަކައެއް ދައްކާކަށް ނުޖެހޭނެ."

"އެއީ ކިހިނެއް؟"

"މަންމަގެ ދަރިފުޅު އަންހެން ކުއްޖަކު ގޮވައިގެން މަންމައަށް ދައްކަން ދިޔައީމާ އެނގިދާނެ."

"އެ އުޅެނީ އެކުއްޖާޔާ އިންނަންކަން އެނގިދާނެ. އެހެންނު؟"

"އާނ." ޝެހެރޫޒް ހީނގަތެވެ.

އަޙްސަން ނުފެނި ވަރަށް ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާ ހުރީ އަޙްސަން ނުފެނިގެން ވަރަށް ދެރަވެފައެވެ. ޝެހުރޫޒްގެ ވާހަކަ އޭނާ އަދި ގޭގެ އެއްވެސް މީހެއް ގާތަކު ނުބުނެއެވެ. އެންމެ ފުރަތަމަ އެ ވާހަކަ ބުނަން ބޭނުންވަނީ އަޙްސަން ގާތުގައެވެ. އަޙްސަން ޙައިރާންވާނެކަން އޭނާއަށް އެނގެއެވެ. ފަހަރެއްގައި މަލާމާތްކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކުވެސް އޭނާ އެންމެ ފުރަތަމަ ބުނަން ބޭނުންވަނީ އަޙްސަން ގާތުގައެވެ.

އެއްދުވަހަކު އޭނާ އަޙްސަން ބަލައި ފޮނުވައިފިއެވެ. އެކަމަކު އޭނައެއް ނައެވެ. އެންމެ ފަހުން ބަންދު ދުވަހެއް ބަލައިފައި އެގެއަށް ހިނގައްޖެއެވެ. ބޮޑުދައިތައާއި ސާޖިދާ ދައްތަ އޭނާޔާ ބައްދަލުކުރީ ވަރަށް އުފަލާއެކީގައެވެ. ނައިސް އެހައި ގިނަ ދުވަސް ވީމާ ޝަކުވާވެސް ކުރިއެވެ. އޭނާ ކޮންމެ ސުވާލަކަށްވެސް ދެނީ އެއްޖަވާބެކެވެ. މަސައްކަތް ބުރަކަމުން ނާދެވެނީއެވެ. ބަންދު ދުވަސް ދުވަހު އުޅެން ޖެހެނީ ގޭތެރޭގެ މަސައްކަތުގައެވެ.

"މިއަދުވެސް މި އާދެވުނީ ލައްކަ މަސައްކަތުން." އޭނާ ބުންޏެވެ.

"އަޙްސަން ބަލައި ފޮނުވީމާ ވެސް ނައި. އެހެންވީމާ މިއައީ އޭނާ ރުޅި އައީތޯ ބަލާލަންވެގެން."

"ޒާރާ ކޮއްކޮ ދެކެ ރުޅި އަންނާނީ ކިހިނެއް؟" ސާޖިދާދައްތަ ހިނިތުންވެލައިފައި ބުނެލިއެވެ. އަޙްސަން އޮތީ އޭނާގެ ހިތުގެ އެދުމުގެ ވާހަކަ ގޭގެ އެންމެން ގާތު ބުނެފައެވެ.

"އެއްދުވަހަކު އަހަރެމެން ދެ މީހުން ކުޑަކޮށް ޒުވާބު ކުރިން." އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން ޖެހޭނެތީ ބުނެލިއެވެ. "އަޙްސަން ކޮބާ؟"

"ބާޒާރަށް އެއްޗެއް ގަންނަން ހިނގައްޖެ. މިހާރު އަންނާނެ."

ބޮޑުދައިތަގެ ވާހަކަ ނުނިމެނީސް އަޙްސަން އައިސް ވަދެއްޖެއެވެ. ޒާރާ ފެނުމާއެކު އަތުގައި ހުރި ތަރުކާރީ ކޮތަޅު ބިންމަތީގައި ބަހައްޓައިފިއެވެ.

"އަހާނ! މި ގެއަށް ބޮޑެތި މީހުން އައިސް އުޅޭ ދުވަހެއް ދޯ؟"

"ބޮޑު މީހަކަށް ވެގެން ތިޔަ އުޅެނީ އަޙްސަނެއްނު؟ އަހަރެން ބަލައި ފޮނުވީމާވެސް ނައީ އެހެންވެގެނެއްނު؟" ޒާރާ ޝަކުވާ ކޮށްލިއެވެ.

"ނައީ އަހަރެންގެ އިމްތިޙާނުގެ ދުވަސްވަރަށް ވާތީ. ގަސްތުކޮށްގެން މިހުންނަނީ މި އަދު ތިޔަގެއަށް ޖައްސައިލާން ކަމަށް. އެކަމަކު ޒާރާ ތިޔަ އައީއެއްނު."

"އިމްތިހާން ކިހިނެއް؟"

"ރަނގަޅު." އޭނާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އާނ! ދެން ބުނޭ. އަހަރެން ބަލައި ފޮނުވީ ކީއްކުރަން؟"

"ނާންނަތާ ގިނަ ދުވަސްވީމާ އަހަރެން ހީކުރީ ރުޅި އައީކަމަށް."

"ނޫނޭ." އޭނާ ވަރަށް ފުންކޮށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ރުޅި އަތުވެދާނެތީ ޒާރާއެއް ނުވިސްނާނެ... އެހެން ކޮންމެވެސް ކަމެއް ވީކަން ގައިމު."

"އެހެން ކޮންކަމެއް؟" އަޙްސަންގެ ވިސްނުން ތޫނު ކަމަށްޓަކައި އޭނާގެ ހިތުގައި ތަޢުރީފު އުފެދުނެވެ. އެހެންނަމަވެސް އެކަން އަންގާކަށް އޭނާ ބޭނުމެއް ނުވިއެވެ. 

"ހަމަ އެއްވެސް ކަމެއް ނުވޭތަ؟"

ޒާރާ އިސްޖަހައިލިއެވެ.

"އެންމެ ރަނގަޅު. ފަހުން ބުނޭ." މިހެން ބުނެފައި އަޙްސަން ތެދުވެގެން ހިނގައްޖެއެވެ. ޒާރާ ޙައިރާންވެފައި ބަލަހައިޓައިގެން ހުރީއެވެ.

ގަޑިއެއްހައި އިރު ފަހުން ގޭގެ މީސްމީހުން އެކި ކަންކަމާ މަޝްޣޫލުވެގެން އުޅެގަތް ވަގުތު އޭނާ އަޙްސަނަށް ޝެހެރޫޒްގެ ވާހަކަ ކިޔައިދީފިއެވެ. އަދި އޭނާޔާ ނުލައި ނޫޅެވޭނެ ކަމަށްވެސް ބުނެފިއެވެ.

"އެއީ ކީއްކުރާ މީހެއް؟" ޒާރާ ވާހަކަ އަޑު އަހައިފައި އަޙްސަން އަހައިލިއެވެ.

"އަހަރެމެންގެ އޮފީހުގެ ސިވިލް ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރާ މީހެއް."

"ކީކޭ؟" އޭނާގެ ކަންފަތަށް އިވުނު އެއްޗެއް ޤަބޫލު ނުކުރެވޭ ކަހަލަ ރާގަކަށް އަޙްސަން އަހައިލިއެވެ.

"ސިވިލް ސުޕަވައިޒަރެކޭ މި ބުނީ." މި ކަހަލަ ވާހަކަ ތަކެއް ދައްކާން ޖެހިދާނޭ ކަމަށް އޭނާ ހުރީ މާކުރީއްސުރެ ތައްޔާރުވެގެންނެވެ. އެހެންވީމާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

"އެއީ ވަރަށް މަތީ ޢާއިލާއެއްގެ މީހެއްތަ؟" އަޙްސަން އަހައިލިއެވެ.

"ނޫން." އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ބުނެލިއެވެ. "އެއީ މެދު ފަންތީގެ މީހެއް."

"އެހެންވެއްޖެއްޔާ ޒާރާޔާ އޭނާޔާ ގުޅެނީ ކިހިނެއް؟ އަހަރެން މިބުނީ..."

"ތިޔަ ބުނާ އެއްޗެއް އަހަންނަށް އެނގޭ." އޭނާ އަޙްސަންގެ ވާހަކަ މެދު ކަނޑައިލިއެވެ. "އަޙްސަން... ހުރިހައި ކަމެއް އަމިއްލައަމިއްލައަށް ވެ ނިމުނީ... އެންމެ ފުރަތަމަ ފެނުނު ދުވަހު ެސް އަހަންނަށް އޭނާ ކަމުދިޔަ. އެކަމަކު އަހަރެން އެތައް ދުވަހަކު ވިސްނިން. އޭނާއަކީ އަހަރެން ބޭނުންވާ ފެންވަރުގެ މީހެއް ނޫންކަމުގެ ޔަޤީންކަން އަމިއްލަ ހިތަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިން. އެކަމަކު އަހަރެންނަކަށް އެކަމެއް ނުކުރެވުނު. އެއްފަރާތުގައި އަހަރެން ހުރިހައި އެދުމެއް.... އަނެއް ފަރާތުގައި އޭނާ ބަހައްޓައިގެން ބެލި އިރު ބަރުވީ އޭނާގެ ފަރާތް."

"އޭނާ ވަރަށް ރީތިތަ؟"

"އަހަރެން އަދި ދުވަހަކުވެސް އެހައި  ރީތި މީހަކު ނުދެކެން."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.