(10 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ތިޔަ ކަހަލަ ފޮނި ވާހަކަ އެހެން މީހުންނަށް އަޑު އިވޭ ހިސާބުގައި ދައްކާ. އަހަރެން މިއީ ތިޔަ ކަހަލަ ކާކީ ޔުނިފޯމު ދެކެ ބިރުގަންނަ މީހަކީމެއް ނޫން."
"އަހަރެންގެ ޔުނިފޯމުގެ އަގު ވައްޓާނުލާތި. މިއީ އަހަރެން ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އެއްޗެއް."
"އެހެންތަ؟" އޭނާ ހީނގަތެވެ.
"މި ގެއަށް ކުޑަކުޑަ ފުށްގުޑިއެއް ގެނައި ވާހަކަ އަޑުއެހިން. އެ ސޮރު ކޮބާ؟" އަޙްސަން ޒާރާޔާ ދިމާއަށް ލާނެތް ގޮތަކަށް ބަލައިލާފައި އަހައިލިއެވެ.
"ނިދާފައި އެބައޮތް."
"އަވަހަށް ގޮސް ގޮވައިގެން އާދޭ. ވައްތަރީ ކާކާތޯ ބަލާލަންވާނެ."
"ވައްތަރީ އެ ސޮރުގެ ބައްޕަޔާ." ޒާރާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
"އެހެންވެއްޖެއްޔާ އެހައި ރީއްޗެއް ނުވާނެ." އޭނާ ޒާރާއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.
"ހަސަދަވެރިވަނީތަ؟"
"ދައްތާ. އެއީ އަޙްސަން ސަމާސައަކަށް ބުނި އެއްޗެއް." ސެހެރް އަވަސް އަވަހަށް ބުނެލިއެވެ.
"މިއީ ވަރަށް ރީތި ގެއެއް. ކޮން ދުވަހަކު ގަތް ގެއެއް؟" އަޙްސަން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލުމަށްފަހު އަހައިލިއެވެ.
"މީގެ ހައެއްކަ މަސް ދުވަސް ކުރިން"
"ޝެހެރޫޒަށް ނަސީބު ނަންބަރެއް ދިމާވީތަ؟"
"ނަސީބު ނަންބަރެކޭ..؟ ނޫނޭ..."
"އެހެންވެއްޖެއްޔާ..."
"މިއީ އޭނާގެ އަތުގައި ޖަމާކޮށްފައި ހުރި ފައިސާކޮޅަކާއި އަހަރެންގެ ގަހަނާ ވިއްކައިގެން ލިބުނު ފައިސާކޮޅަކާއި މީހެއްގެ އަތުން ދަރަންޏަށް ހޯދި ފައިސާކޮޅަކާ އެއްކޮށްގެން ގަތް ގެއެއް." މިއީ އޭނާ އެތައް ފަހަރަކު ދައްކާފައިވާ ވާހަކައަކަށް ވާތީ އެ ވާހަކަ ދައްކާކަށް މިހާރަކު އުނދަގުލެއް ނޫނެވެ.
"އަމިއްލަ ގެއެއް ހޯދިކަން ވަރަށް ރަނގަޅު... އެކަމަކު ފުރަތަމަ ޝެހެރޫޒްގެ ކޮއްކޮމެންގެ ކާވެނި ކުރުވިނަމަ މާ ރަނގަޅުވީސް."
"އެ މީހުންގެ ކާވެނިވެސް ކުރުވިދާނެ." މި މައުޟޫއުގެ މައްޗަށް އިތުރު ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ މަވްޟޫޢު ބަދަލު ކޮށްލުމުގެ ގޮތުން އަހައިލިއެވެ.
"އަޙްސަންމެން އުޅެނީ ބޮޑުބޭބެގެ ގޭގައިތަ؟"
"ނޫނޭ... އަހަރެމެން އުޅެނީ އަހަންނަށް ސަރުކާރުން ދެއްވާފައިވާ ގެއެއްގައި. އެ ގެއަށް ޒާރާ އަންނަން ވާނެ."
"ޝެހެރޫޒް އައީމާ އަންނާނަން."
"ޝެހެރޫޒް އަންނަނީ ކޮން ދުވަހަކު؟"
"ހީވަނީ ދިހަވަރަކަށް ދުވަސް ވާނެހެން."
ފޯނު ރަނގަބީލުވާ އަޑު އިވުމުން އޭނާއަށް ޖެހުނީ ވާހަކަ މެދުކަނޑައިލާށެވެ. އެއީ ޝެހެރޫޒްގެ ފޯނެކެވެ. އަޑު އަންނަނީ ކެނޑިކެނޑިގެންނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ އަޙްސަނާ ދިމާއަށް ބަލައިލައެވެ. އޭނާ ހުރީ ބޭއިޚްތިޔާރުގައި ނަމަވެސް ދައްކައިގެން ނުވާނޭ ކަހަލަ ވާހަކައެއް ދެއްކިދާނެތީ ބިރުންނެވެ. އެކަމަކު އެންމެ ފަހުން ފޯނު ބޭއްވިއިރު ހިތުގައި އޮތް އެދުމެއް ފާޅުކޮށްލެވިއްޖެއެވެ.
"އަހަންނަށް ދޭން ކާރެއް ހޯދާތި؟"
މި ކުރެވުނީ ރަނގަޅު ކަމެއް ނޫން ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ މާ ލަހުންނެވެ. އެހެންވީމާ މައްސަލައެއް ކުރިމަތިވެދާނެތީ އަވަސްއަވަހަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އޭނާ ސައި ހިފައިގެން އައި އިރު ހުރީ ކޮންމެވެސް ވަރަކަށް ހާސްކަން ކުޑަ ވެފައެވެ.
"ދައްތަ ބުނި ނަމަ އަހަރެން ސައި ހަދައި ދީފީމުސް." ސެހެރް ބުނެލިއެވެ.
"ނޫނޭ... މި ގެއަށް އައިސް އަހަރެން ހަދާ ސައި ނުބޮއެއް ނުވާނެ." އޭނާ ތަބަށް މޭޒު މަތީގައި ބަހައްޓަމުން ބުނެލިއެވެ. "ސެހެރް ފިރިމަނިކުފާނަށް ސައި ހަދައިދީ. އަހަރެން ކާން ތައްޔާރުކޮށްފައި އަންނާނަން."
"އަހަރުމެންނަށް ލައިގެން ނުކައްކާތި."
"އެއީ ކީއްވެގެން؟"
"އަހަރެމެން ދެން ދަނީ."
"ދާނީ ގެއަކަށްނު؟ އެހެންވީމާ ކައިގެން ދިޔަޔަސް ރަނގަޅުވާނެ."
"ނޫނޭ... އަދި އެހެން ދުވަހަކުން ކާން އަންނާނަން."
ޒާރާ އެ މީހުން ހުއްޓުވާން މަސައްކަތް ކުރީމާވެސް އަޙްސަން މަޑެއް ނުކުރިއެވެ.
ޒާރާ އެމީހުންނާއެކު ބޭރަށް ނުކުތެވެ. ދޮރާށްޓާ ހަމައަށް ގޮސްފައި އަޙްސަން ބުނެލިއެވެ. "ޒާރާ. އަހަރެންވެސް ހުރީ ފިރިހެން ކުއްޖަކަށް އުއްމީދު ކޮށްގެން. އެކަމަކު މިހާރު ބޭނުންވަނީ އަންހެން ކުއްޖެއް؟"
"އެޔޯ؟"
"އެއީ ޒާރާއާ ހަތަރު ވަނަ ގުޅުން އުފައްދަން ވެގެން."
"ހަތަރުވަނަ ގުޅުމޭ؟" އޭނާ ޙައިރާންވެފައި ފުރަތަމަ ބަލައިލީ ސެހެރާ ދިމާއަށެވެ.
"އެންމެ ފުރަތަމަ އަހަރެން މިއީ ޒާރާގެ ބޮޑުބޭގެ ދަރިއެއް. އޭގެ ފަހުން ލޯބިވެރިއެއް. އޭގެ ފަހުން ޅިޔަނެއް. އަންހެން ކުއްޖަކު ލިބިއްޖެއްޔާ ދެ މީހުންގެ ދަރިން އިނީމާ އެ އޮތީ ހަތަރުވަނަ ގުޅުން އުފެދިފައެއްނު؟"
ސެހެރް ވަރަށް ބާރަށް ހީނގަތެވެ.
"ސެހެރް ވެސް ހުއްޓާ ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟"
"އަހަރެން މިއީ ސެހެރްގެ އެކަނި ލޯބިވެރިއެއް. ދެން ޖަހާނީ ހައްތަހާވެސް ނުއަތު ބުރު. އެއީ އެވަރުގެ ކަމެއް ނޫން."
"ސެހެރް މީނާ ރަނގަޅަށް ބަލަހައްޓާތި! އެހެން ނުއަތު ބުރު ޖަހަމުން ގޮސް އޮބާލަފާނެ."
"ނޫނޭ ދައްތާ. އަޙްސަނަކީ އެ ކަހަލަ މީހެއް ނޫން." ސެހެރް މިހެން ބުނީމާ އޭނާއަކަށް ދައްކާނޭ އިތުރު ވާހަކައެއް ނުވިސްނުނެވެ.
"އެންމެ ރަނގަޅު ޒާރާ. ދެން ދަނީ. ޒާރާގެ ހުވަފެން ހަގީގަތަކަށްވާތީ އަހަރެން ވަރަށް ބޮޑަށް އުފާ ކޮށްފިން." އަޙްސަން އޭނާގެ ރީތިގެއާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ.
އެއް ހަފުތާ ވަރަށް އަވަހަށް ފާއިތުވެގެން ހިނގައްޖެއެވެ. އެއްރެއަކު ކުއްލިއަކަށް ޝެހެރޫޒްގެ ފޯނެއް އަތުވެއްޖެއެވެ.
"އަންނަނީ ކޮން އިރަކު؟"
"މިއަދު."
"ކީކޭ؟"
"އަހަރެން މި ވާހަކަ ދައްކަނީ ނައިރޯބީ އެއާޕޯޓުން. ހަތަރު ފަސްގަޑި އިރު ފަހުން އެބަ ދަން."
"އަހަރެން އިންތިޒާރުކުރާނަން..."
"ވަރަށް ރަނގަޅު." މިހެން ބުނެފައި އޭނާ ފޯނު ކަނޑައިލިއެވެ.
ޒާރާ ގަޑި ބަލަން ފަށައިފިއެވެ. އެގާރަ ޖަހަން ކައިރިވެއްޖެއެވެ. އޭނާ އަމިއްލައަށް ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.
ތިނެއް ޖަހަންވާއިރަށް ޝެހެރޫޒް އަންނާނެއެވެ.
އޭނާ މީގެ ކުރީން ހުރީ ނިދި އައިސްފައެވެ. އެހެން ނަމަވެސް ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކެތްތެރިކަމެއް ނެތް ގޮތެއްގައި ޝެހެރޫޒަށް އިންތިޒާރު ކުރަމުންދަނީއެވެ. ވަގުތު ހޭދަކުރާނޭ ގޮތެއް ނޭނގިގެން ފުރަތަމަ އުޅުނީ މަޖައްލާއެއް ކިޔޭތޯއެވެ. އެކަމެއް ނުވިއެވެ. ދެން ބެލީ ފިލްމެއް ބަލަން ތަނެއްގައި އިށީނދެލައިގެން އިނދެވޭތޯއެވެ. އެކަމެއްވެސް ނުވިއެވެ. އެންމެ ފަހުން ދެކޮޅަށް ކުރުކާލިކަނޑަން ފަށައިފިއެވެ.
"މިހާރު އޭނާ އަންނާނެއެވެ."
އޭނާގެ ހިތަށް މިހެން އެރުމާއެކު ބަދިގެއަށް ވަދެ ސައި ހަދަން ފަށައިފިއެވެ.
ވަގުތު ފާއިތުވަމުން ދަނީއެވެ. އެއް ގަޑިއިރު ވެއްޖެއެވެ. ދެ ގަޑިއިރު ވެއްޖެއެވެ. އެންމެ ފަހުން ފަތިސްވެއްޖެއެވެ. ޝެހެރޫޒްގެ ޚަބަރެއް ނުވިއެވެ. ޒާރާގެ ހާސްކަން ބޮޑުވާން ފަށައިފިއެވެ.
"އޭނާ ނައިސްގެން އުޅެނީ ކީއްވެގެން ބާވައެވެ؟ ފްލައިޓް ކެންސަލްވީ ކަމަށް ވެދާނެއެވެ."
"އެކަމަކު އެހެން ވެދާނެ ބާވައެވެ. އަނެއްކާ އޭނާ ސަމާސާ ކުރަނީއެއް ނޫންބާވައެވެ؟"
ސަމާސައެއް ކަމަށް ވަންޏާ މިއީ ވަރަށް ވިޔާނުދާ ސަމާސައެކެވެ. އެކަމަކު ޝެހެރޫޒް ސަމާސާ ކުރަނީކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ.
ޒާރާ މަޑުމަޑުން ގޮސް ކުޑަ ދަރިފުޅުގެ ނެޕީ ބައްދަލުކޮށްލިއެވެ. އެއަށްފަހު އާދައިގެމަތީން ކަންތައް ކުރާ ގޮތަށް ބޮލާއެކު ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ. ވަރަށް ބޮޑަށް ނިދި އައިސްފައި ހުރީމާ ކަމަށް ވެދާނެއެވެ. އޮށޯތުމާއެކު ނިދިއްޖެއެވެ.
އޭނާއަށް ނިދާފައި އޮވެވުނީ ކިހައި އިރެއް ވާންދެން ކަމެއް ނޭނގެއެވެ. ހޭލެވުނީ ދޮރުގެ ރަނގަބީލުގެ އަޑަށެވެ. އޭނާއަށް ހީކުރެވުނީ ޝެހެރޫޒް އައީ ކަމަށެވެ. އެހެންވެ ރަޖާގަނޑު އެއްލައިލާފައި ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އެކަމަކު ދޮރުމަތީގައި ޚާވަރު ހުއްޓައި ފެނުނީމާ އޭނާގެ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. އޭނާ ގާތު މި ވަގުތު އިހަށް ދާށޭ ބުނެފާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. އެހެންވީމާ އޭނާ ގޮވައިގެން އައިސް ގެއަށް ވަދެއްޖެއެވެ.
"ޝެހެރޫޒް ވީ ތަނެއް ޚާވަރަށް އެނގޭތަ؟" ޚާވަރް އިށީނުމާއެކު އޭނާ އަހައިލިއެވެ.
ޚާވަރު އެއްވެސް ޖަވާބެއް ނުދީ ސިނގިރޭޓެއް ރޯކޮށްލިއެވެ.
"ރޭ ނައިރޯބީން އޭނާ އަހަންނާ ގުޅި. ބުނި ތިން ހަތަރު ގަޑިއެއްހައި އިރު ތެރޭގައި އަންނާނަމޭ. އެކަމަކު އަދިވެސް އޭނާގެ ޚަބަރެއް ނުވޭ."
"އޭނާ އަށް އާދެވޭނީ ޒާރާ ގޮސް އޭނާ ގެނައީމާ."
"އޭނާ ވީ ކޮންތަނެއްގައި؟" ޒާރާ ކެތްތެރިކަމެއް ނެތް ގޮތެއްގައި ސުވާލު ކޮށްލިއެވެ.
"އިށީނދޭ. އަހަރެން ބުނާނަން." ޚާވަރް އަތުގައި އޮތް ބްރީފްކޭސް ޒާރާގެ އަތަށް ދިނެވެ.
"ފުރަތަމަ މި އަމާނަތާ ޙަވާލުވޭ. އަހަރެން ބުނި ކަންތައް ޝެހެރޫޒް ކޮށްފި. މީއީ އެކަމުގެ އަގު."
"އެކަމަކު..." ބްރިފްކޭސް އަތުލީ ވަގުތު އޭނާ ކުޑަކުޑަކޮށް ތުރުތުރު އެޅިއެވެ.
ޚާވަރު ކުޑައިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ.
"އަހަންނަށް ހީވަނީ އެކޮޅުންވެސް ޝެހެރޫޒް ލައްވައި މިކަހަލަ ކަމެއް ކުރުވީހެން. މިކޮޅަށް އައިތަނުން އޭނާ ހައްޔަރުކޮށްފި."
"ކީކޭ؟" ބްރީފް ކޭސް އޭނާގެ އަތުން ދޫވެގެން ވެއްޓިއްޖެއެވެ އޭގައި ހުރި ނޫޓު ބޮނޑިތައް އެކި ދިމަދިމާއަށް ފެތުރިގެން ދިޔައެވެ.
"ފަހަރި... ހާސްވާނެ ކަމެއް ނެތް. ފައިސާގައި ވަރު ހުންނާނެ." ޚާވަރް އެ ނޫޓު ބޮނޑިތަކަށް އިޝާރާތް ކުރަމުން ބުނެލިއެވެ. "މިފައިސާގެ ދެބައިކުޅަ އެއްބައި ޝެހެރޫޒް ސަލާމަތް ކުރަން ޚަރަދު ކޮށްލިޔަސް ފުދޭ ވަރަށް ބާކީ ހުންނާނެ."
އެއީ ތެދެކެވެ. އެކަމަކު ކަންތައްތައް މިކަހަލަ ގޮތަކަށް ދިމާވީމާ ކުޑައިރުކޮޅަކަށް އެކަން އޭނާ ހަނދާނުން ފުހެވިގެން ދިޔައީއެވެ.
"ޚާވަރު. މިކަހަލަ ކަންތައްތަކަށް އަހަރެން ވަރަށް އާ ވާނެ. އެހެންވީމާ ޚާވަރް އަހަންނަށް މިކަން ކޮށްލަދީ."
"އަހަރެން އުފަލާއެކު ކޮށްދިނީމުސް. އެކަމަކު މިތާނގެ އެސްޕީއަކީ އަހަރެން ދަންނަ މީހެއް ނޫން. އެއީ ކޮން ކަހަލަ މީހެއްކަމެއްވެސް ނޭނގޭ. އަހަރެންގެ ހުށަހެޅުން އޭނާ ގަބޫލުކުރާނެކަމެއް ނޫނީ ނޫންކަމެއްވެސް ނޭނގޭ." އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ޚާވަރް އަނެއްކާވެސް ބުނެލިއެވެ. "އެންމެ ފުރަތަމަ ޒާރާ މަސައްކަތް ކޮށްލާ. ނުވިއްޔާ އަހަންނަށް އަންގާލާތި... އަހަރެން އެހެން މަގެއް ފެނޭތޯ ބަލާނަން..." މިހެން ބުނެފައި އޭނާ ތެދުވެއްޖެއެވެ.
"ސައި ބޯނަންތަ؟"
"ސައިބޯން އެހެން ވަގުތަކުން އަންނާނަން. ޝެހެރޫޒް އައީމާ ތިން މީހުން އެކީ ތިބެގެން ސައިބޯނީ."
"އެންމެ ރަނގަޅު."
ޚާވަރް ދިޔައީމާ އޭނާ ވިސްނައިލިއެވެ.
"ފިޔަވަޅެއް އަޅާނީ ފަހުން ހެއްޔެވެ؟ ނޫނީ ހަމަ މިވަގުތު ހެއްޔެވެ؟"
"ހަމަ މި ވަގުތު ކުރެވެން އޮތް ކަމެއް ކުރަންވީއެވެ." އޭނާގެ ހިތުގެ ގޮވައިލުމުގެ އަޑު އިވުނެވެ.
އޭނާ އަވަހަށް ބޭރަށް ދާން ތައްޔާރުވާން ފަށައިފިއެވެ.
ދަބަހަށް ލައްކައެއްހައި ރުފިޔާ ލައިގެން ދަރިފުޅުވެސް ގޮވައިގެން ގެއިން ނުކުމެއްޖެއެވެ. ގަސްތުކުރީ ދަރިފުޅު މަންމަ ގެއަށް ލައިފައި ސީދާ ފުލުސް އޮފީހަށް ދާށެވެ.
ގެޔާ ވަރަށް ކައިރިން އޭނާއަށް ޓެކްސީއެއް ލިބިއްޖެއެވެ. ދަިފުޅު މަންމަޔާ ހަވާލުކޮށްފައި ދާން ފެށީމާ މަންމަ ވަރަށް ގިނަ ސުވާލުކުރިއެވެ. އޭނާ ވަރަށް މުހިއްމު ކަމެއް ޖެހިގެން ދަނީއޭ، ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ދިޔައީއެވެ.
އަމިއްލަ ނަފުސު ކޮންޓުރޯލުކުރަން މަސައްކަތް ކުރި ނަމަވެސް ހާސްކަން އިތުރުވަމުންދާ ކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ.
ފުލުސް އޮފީހުން އެންމެ ފުރަތަމަ އޭނާޔާ ބައްދަލުވީ އިންސްޕެކްޓަރަކާއެވެ.
"އަޅުގަނޑު މި އައީ އެސްޕީއާ ބައްދަލުކޮށްލަން."
އިންސްޕެޓަރު އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލުމަށް ފަހު އެހެން ފުލުހެއްގެ ހަވާލުގައި އޭނާ އެސްޕީގެ ކޮޓަރިއަށް ފޮނުވައިފިއެވެ.
އެސްޕީގެ ކޮޓަރީގެ ކުރިމަތީގައި ހުރެގެން އޭނާ ފުންލޭވައެއް ލުމަށް ފަހު ދަބަހުގައި ވަރަށް ބާރަށް ހިފަހައްޓައިލިއެވެ. އަދި ކުއްލިއަކަށް ދޮރު ހުޅުވައިލާފައި އެތެރެއަށް ވަދެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ފައި ބިންމަތީގައި ތަތްލީ ކަހަލައެވެ. ބޭރަށް ނުކުންނާންވީ ކަމެއް، އެތެރެއަށް ވަންނާންވީ ކަމެއް ކަނޑައެއް ނޭޅުނެވެ. ކުރިމަތީގައި ފެންނާން އެހެރީ އެސްޕީއެވެ. ފުލުހުންގެ އެސިސްޓަންޓް ސުޕްރިންޓެންޑަންޓެވެ. އަޙްސަނެވެ.
(ނުނިމޭ)
haadha reethi adhi vv.ibraiytheri vaahakaeh shukuran