އަލިފާންކޮކާ - 11

(29 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޒާރާ މިކަމުގެ ތެރެއަށް ނުވަދެ ހިމޭނުން ހުރޭ. އެހެން ނޫނީ އަހަރެން ދާނީ ޒާރާވެސް ގޮވައިގެން."

"އަހަރެން ގެންދާނީ ކީކޭ ކިޔާފައި؟"

"ބަލަ ފަހަރިއަކީ އަނތްބެއް ފަދަ މީހެކޭ ބުނާ އަޑެއް ނާހަންތަ؟"

"ވިޔާނުދާ ވާހަކަ ނުދައްކާ! އަވަހަށް ގެއަށް ދޭ!"

"ސެހެރް... ހިނގާ ދާން." އަޙްސަން ސެހެރްގެ އަތުގައި ހިފައި ނަގައިފިއެވެ.

"ދަރިފުޅާ..." މަންމަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ.

"ބޮޑު ދައިތާ! މާދަމާ ވިޔަސް... ނޫނީ އެއް އަހަރު ފަހުންވެސް ސެހެރް ގެއަށް ގެންދަން ޖެހޭނެއެއްނު؟ އެހެންވީމާ މިރޭ ގެންދިއުމަކުން ވާނޭ ގެއްލުމެއް ނޯންނާނެ." ދެން ފެނުނީ އޭނާ ބޮޑުދައިތަ އާއި ބޮޑު ބޭބެއެއް ކައިރިއަށް ގެންގޮސްގެން ވާހަކަތަކެއް ދެއްކި ތަނެވެ.

އެ ވާހަކަތައް ނިމިގެން އެނބުރި އައި އިރު އޮތީ ހުރިހައިކަމެއް ހަމަޖެހިފައެވެ. ދެކޮޅު ހަދާ މީހަކު ނެތިއްޖެއެވެ. ދެ މީހުން ފޮނުވައިލުމުގެ ތައްޔާރީތައް ފެށިއްޖެއެވެ.

ޒާރާ އައިސް އަޙްސަންގެ ކައިރިއަށް ހުއްޓިލައިފައި ބުނެލިއެވެ.

"އެސްޕީއަކަށް ވެގެން މުލްތާނަށް ދާން އުޅޭ ވާހަކަ އަހަރެން އަޑުއެހިން. އެކަމަކު މި ރޭގެ ކަންތައްތަކުން އަހަންނަށް މި އެނގުނީ އަޙްސަނަކީ ބޮޑު ޑަކައިތެއްކަން." އޭނާ ހީނގަތެވެ.

"މުލްތާނަށް ދާން ޖެހޭކަން ވަރަށް ދެރަ. އެހެން ނޫންނަމަ އެންމެ ފުރަތަމަ ހައްޔަރުކުރާނީ ޒާރާ."

"އެހައި ހިތްވަރު އެބަހުރިތަ؟"

"ބަލަ އެ ހިތްވަރު ހުރިކަން ދެންމެ ދައްކައިލީމާ އަދިވެސް ގަބޫލެއް ނުކުރެވޭތަ؟"

"އެއީ އެހައި ބޮޑުކަމެއް ނޫން. އަމިއްލަ އެއްޗެއް ބޭނުން އިރަކު ގެންދިއުމަކީ ހިތްވަރެއް ނެތަސް ކުރެވިދާނެ ކަމެއް."

"ވަގުތު ޖެހުނީމާ މިއަށްވުރެ ބޮޑުކަމެއް ކޮށްފައި ދައްކާނަން. ޒާރާގެ ކެތްތެރިކަން ހުރިވަރެއް އެނގިދާނެތާ."

ޒާރާ އަޙްސަނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ފެންނާން ހުރި ސީރިއަސް ކަމެއްގެ ސަބަބުން އިތުރު ވާހަކަ ނުދައްކައި ހުއްޓައިލީއެވެ.

* * *

އަޙްސަނާއި ސެހެރްގެ ކާވެނީގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ދެކެވުނު ވާހަކައަކަށް ވިއެވެ. ޝެހެރޫޒް އަޙްސަނަށް ވަރަށް ބޮޑަށް ތަޢުރީފްކުރެއެވެ.
"ޒާރާ ޤަބޫލު ނުކުރިޔަސް ކަންތައް އޮތް ގޮތަކީ އެއީ... އެއީ ހަމަ ހިތްވަރުގަދަ މީހެއް."

"އެންމެ ރަނގަޅު. ދެން ތިޔަ ވާހަކަ ހުއްޓައިލާ." ޒާރާ މަވްޟޫއު ބަދަލުކޮށްލުމުގެ ގޮތުން ބުނެލިއެވެ.

"އަޙްސަންމެން ވަރަށް އަވަހަށް މުލްތާނަށް ދާން ފުރާނެ... އެ މީހުން ދިއުމުގެ ކުރިން އެއްދުވަހަކު މިގެއަށް ކާން ގެންނަމާ."

"އާނ... ގެނޭ. އެ މީހުން ފުރަނީ ކޮން ދުވަހަކު؟"

"އަހަންނަކަށްވެސް މާ ރަނގަޅަކަށް ނޭނގޭ. އައީމާ އަހައިލާނީ."

"ގެންނަނީ ކޮން ދުވަހަކު؟"

"މާދަމާ ޝެހެރޫޒް އޮފީހުން އައީމާ ދެ މީހުން އެ ގެއަށް ގޮސް މާދަމާ ނޫން އަނެއް ދުވަހު އަންނާށޭ ބުނާނީ. އެންމެ ރަނގަޅުތަ؟"

"އެންމެ ރަނގަޅު." ޝެހެރޫޒް ވިސްނައިލާފައި ބުނެލިއެވެ.

އޭގެ ދެ ދުވަސް ފަހުން އަޙްސަނުގެ ދެމަފިރިން އެ ގެއަށް ޒާރާގެ ދައުވަތަކަށް އަތުވެއްޖެއެވެ. އެ ދުވަހު އޭނާގެ މޫޑު ހުރީ ވަރަށް ރަނގަޅަށެވެ. އެ މީހުން އައީމާ ފުރަތަމަ ދިނީ ސަޔެވެ. ސައި ބޮއި ނިމުނުތަނާ މަންމަ އައިސް އެ މީހުންގެ ކައިރީގައި ވާހަކަ ދައްކާން އިށީނދެއްޖެއެވެ. އެހެންވީމާ މާގިނައިން އަމިއްލަ ވާހަކައެއް ނުދެއްކުނެވެ. މަންމަ އިރުކޮޅަކު އިނދެފައި ތެދުވެގެން ދިޔައީމާ އޭނާ އަޙްސަނުގެ ދެމަފިރިން ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އެކަމަކު އެ ވަގުތު އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި އަޙްސަން ހުރީ ހިތްހަމަ ޖެހިގެންނެއް ނޫނެވެ.

ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އަޙްސަނަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވުނީމާ އޭނާ ހައިރާންވިއެވެ. އަޙްސަން ގިނަ ވަގުތު ހޭދަ ކުރީ ޝެހެރޫޒާ ވާހަކަ ދެއްކުމުގައެވެ. އޭނާގެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ރޭގަނޑު ކެއީ އެންމެން އެކީގައެވެ. ކައި ނިމިގެން ޝަކީލާ ގާތު ސައި ހަދާށޭ ބުނެފައި އަނެއްކާވެސް އެ މީހުން ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ.

"އަޙްސަން މުލްތާނަށް ދަނީ ކޮން ދުވަހަކު؟" އޭނާ އަހައިލިއެވެ.

"އަހަރެން ދަނީ އެކަންޏެއް ނޫން. ސެހެރްވެސް އަހަންނާއެކު ދާނެ."

"އެ ތާނގައި ހުންނާނޭ ތަނެއްގެ ކަންތައް ހަމަޖެހިއްޖެތަ؟"

"އާނ..."

"ދަނީ ކޮން ދުވަހަކު؟"

"މާދަމާ ނޫން އަނެއް ދުވަހު."

"ދައްތާ." ސެހެރް ކުއްލިއަކަށް ބުނެލިއެވެ. "އަހަރެން މާދަމާ މަންމަގެއަށް ދާނަން... ދައްތަވެސް އަންނާތި."

"ދާހިތް ވިއްޔާ ދާނަން. އެހެން ނޫނީ މި ހިސާބުން ސަލާންގަލާންކޮށް ނިންމައިލެވުނީ ކަމަށް ބަލާ."

އޭނާ އެހެން ބުނީ އޭނާގެ ބޮޑާކަން ދައްކައިލުމުގެ ގޮތުންނެވެ. މިހެން ބުނެފައި ޝެހެރޫޒަށް އަތުން އަންނާން އިޝާރާތްކުރަމުން ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާއަށް ނުކުމެފައި ބުނެލިއެވެ.

"ޝެހެރޫޒް. ސެހެރްގެ ކާވެނި ކުރެވުނު ގޮތް ޝެހެރޫޒަށް އެނގޭނެ. އޭނާ މިގެއަށް އައި ފުރަތަމަ ދުވަހަކީ މިއީ. އެހެންވީމާ ކޮންވެސް ހަދިޔާއެއް ދޭންވާނެ."

"ޒާރާ. މި ވަގުތު އަހަރެން ހަދިޔާއެއް ހޯދާނީ ކޮންތަނަކުން؟"

"މަންމަ ގާތު ބުނޭ ހެދުމެއް... ނޫނީ ފޮތިގަނޑެއް ކަހަލަ އެއްޗެއްވެސް ރަނގަޅުވާނެއޭ."

"ޒާރާ." އޭނާ އެއްޗެކޭ ބުނާން އުޅުނު ވަގުތު މަންމަ އޭނާއަށް ގޮވައިފިއެވެ. އެ މީހުން ތިބީ މަންމަގެ ކޮޓަރީގެ ކައިރީގައެވެ. މަންމައަށް އެ މީހުންގެ ވާހަކަ އިވުނީ ކަމަށްވެސް ވެދާނެއެވެ.

ދެ މީހުން ގޮސް މަންމަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ދެ މީހުން ގޮސް މަންމަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

"ޝެހެރޫޒް. ޒާރާ އެ ދައްކަނީ ރަނގަޅު ވާހަކައެއް. ސެހެރަކީ އޭނާގެ ކޮއްކޮ މި ގެއަށް އަލަށް އައިސްފައި ހުސްއަތާ ދިޔަ ދީގެން ނުވާނެ." ދެން މަންމަ ވާހަކަ ދެއްކީ ޒާރާއާއެވެ.

"ދޭ ދަރިފުޅާ... ރީތި ހެދުމެއް ނަގާ."

އޭނާ ހުރީ މަންމަ އެހެން ނުބުނެގެން ކަހަލައެވެ. އަވަސްއަވަހަށް ގޮސް އެއްކަލަ ހެދުން ފޮށި ނަގައިފިއެވެ. ޝެހެރޫޒް ނުރުހުމުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލާފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ފޮށިން ހެދުމެއް ނަގައި ނަބީލާ ލައްވައި ޕާރުސަލު ކުރުވައިފިއެވެ. އޭގެ އިތުރަށް މަންމަ އޭނާގެ އަތަށް ދުއިސައްތަ ރުފިޔާވެސް ދީފިއެވެ. އޭނާ އެ ތަކެތި ހިފައިގެން އައިސް ސެހެރަށް ދީފިއެވެ.

"ދައްތާ... މިއީ ކޮންޕާރުސަލެއް؟"

"ތިޔައީ ކާވެނީގެ ހަދިޔާ."

"އަހަރެން ހަމަ އެދުވަހު ސެހެރް ގޮވައިގެން ގެއަށް ދިޔައީ ތިޔަ އެއްޗެހިން ސަލާމާތް ވާންވެގެން. ޒާރާ ތިޔަ ކުޅިވަރު ހުއްޓައިލާ." އަޙްސަން ބުންޏެވެ.

"ކިހިނެއްވީ؟ ތިޔައީ ކައިވެނީގެ ހަދިޔާއެއްނު؟"

"ޒާރާ. ތިޔަ ކަހަލަ ކަންތައް ނުކުރޭ. އަހަރެން ފުރަތަމަ ދުވަހު ސެހެރް ގޮވައިގެން ގެއަށް ދިޔައީ ތިޔަ ކަހަލަ ކަންތައްތަކުން ސަލާމަތް ވާން ވެގެން." އަޙްސަން ކުރީގެ ވާހަކަ ތަކުރާރުކޮށްލިއެވެ.

ޒާރާ އަޙްސަނާ ދިމާއަށް ބަލައިލިއެވެ.

"ތިޔަ ކިޔަނީ ކީކޭ؟"

"އަހަރެމެން މި ތިބީ ޒާރާ ބުނެގެން މި ގެއަށް އައިސް. ވަރަށް ރަނގަޅަށް ކާންވެސް ދީފީމު. އެ ވަރުން އަހަރެމެންނަށް ފުދޭ."

"ކާން ދިނުމަކީ އެވަރު ކަމެއްތަ؟ އަޙްސަން މިވާހަކައިގެ ތެރެއަށް ވަންނާނެ ކަމެއް ނެތް. މިއީ އަހަރެން، އަހަރެންގެ ކޮއްކޮއަށް ދިން ހަދިޔާއެއް."

"އެއީ، މިހާރު ހަމައެކަނި ޒާރާގެ ކޮއްކޮއެއް ނޫން."

"އާނ. އެއީ އަޙްސަންގެ އަނބިމީހާކަން އަހަންނަށް އެނގޭ."

"މިހާރު ދެ މީހުން ތިޔަ ފެށީ ކޮން ޒުވާބެއް؟" ދެ މީހުންގެ ޒުވާބު މާ ހޫނުވެގެން ހިނގައިދާނެތީ ޝެހެރޫޒް ދޭތެރެއަށް ވަދެއްޖެއެވެ.

އަޙްސަން ތެދުވެއްޖެއެވެ.

"ސެހެރް ދަމާ ހިނގާ... މިހާރު މާ ބޮޑަށް ލަސްވެސްވެއްޖެ."

"ދައްތާ... ދަނީ." ސެހެރްވެސް ތެދުވެއްޖެއެވެ.

"ދެން އަންނާނީ ކޮން ދުވަހަކުން؟" ޒާރާ އަހައިލިއެވެ.

"އަވަހަކަށް ނާދެވޭނެ. ވަގުތެއް ލިބިއްޖެއްޔާ ޒާރާއާއި ޝެހެރޫޒާ ދެ މީހުން މުލްތާނަށް އާދޭ." އަހްސަން ވަރަށް އިޙްލާސްތެރިކަމާއެކު އެ ދެމަފިރިންނަށް ދައުވަތު ދިނެވެ.

"ޝެހެރޫޒަށް އަހަރީ ޗުއްޓީ ލިބުނީމާ އަންނާނަން."

"އަހަރެމެން އިންތިޒާރު ކުރާނަން." މިހެން ބުނެފައި އަޙްސަން ސެހެރްގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

އަޙްސަންގެ ދެމަފިރިން ދިޔައީމާ ޒާރާ ދިޔައީ ބަދިގެއަށް ތަށި ދޮންނާށެވެ. އޭނާ ދިޔައިރު ކާތަށި ހުރީ ދޮވެފައެވެ. އެކަމަކު ސައިބުއި ތަށިތައް ހުއްޓެވެ. އެހެންވީމާ އެ ތަށިތައް ދޮވެލައިފައި އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. މަންމަގެ ކޮޓަރިއާ އަރައި ހަމަވިތަނާ އޭނާއަށް އެ ކޮޓަރި ތެރެއިން މެހެރޫޒް ތަންކޮޅެއް ބާރަށް ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. އޭނާ އެ ވާހަކަ އަޑު އަހައިލުމުގެ ބޭނުމުގައި މަޑުކޮށްލިއެވެ.

މެހެރޫޒް ބުނި އަޑު އިވުނެވެ.

"މަންމަ ބުރަ މަސައްކަތުން ފައިސާ އެއްކޮށްގެން ތިޔަ ހުރިހައި އެއްޗެއް ޖަމާކުރީ ކޮންމެވެސް އެހެން އަންހެނަކު އައިސް ތިޔަ ހުރިހައި އެއްޗެއް މީހުންނަށް ބަހާނޭގޮތް ހަދަންތަ؟"

"މެހެރޫޒް މަޑުމަޑުން ވާހަކަ ދައްކާ. ކަލޭގެ އަޑު މި ކޮޓަރިން ބޭރަށް ގޮސްގެން ނުވާނެ."

"ކިހިނެއްވީ؟ މަޑުން ވާހަކަ ދައްކާންވީ ކީއްވެގެން؟ އަހަރެންގެ ކޮއްކޮއިންނާއި ދައްތައިންގެ ހައްގުތައް އެހެން މީހަކު ނިގުޅައިގަންނަތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. މަންމަ ފަހަރިއާ ވާހަކަ ދައްކާ. މީގެ ފަހުން މި ފޮށީގައި އަތްލައިގެން ނުވާނެއޭ ބުނާތި. އެ މީހެއްގެ ފެންވަރުން އުޅެން ދަސްކުރާށޭ މަންމަ ބުނޭ."

"މެހެރޫޒް!" މަންމަ އޭނާގެ އަނގަ މަޑުކުރެވޭތޯ މަސައްކަތް ކުރިއެވެ.

"މި ހުރިހައި ކަމެއް މިހެން ވަނީ މަންމަ މާބޮޑަށް އޭނާ ދޫކޮށްގެން ހުންނާތީ... މަންމަ އޭނާ ބުނިހައި ކަމެއް ކޮށްދެނީ. ނުބައި ކަމަކަށް ވިޔަސް ރަނގަޅުކަމަކަށް ވިޔަސް ހެޔޮ." އޭނާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ.

އެ ވާހަކަތައް އަޑުއިވިފައި ޒާރާގެ ލޭ ކެކިގެން ދިޔައެވެ. ކޮޓަރިއަށް ދިޔައީ އެ ރުޅި މަތީގައި ހުރެގެންނެވެ. ދިޔަގޮތަށް ގޮސް ހުރިހައި ރުޅިއެއް ބޭލީ ޝެހެރޫޒަށެވެ.

"އަހަންނޭ ކިޔައިގެން ބޭނުންހައި އަނގައެއް ތަޅަން މެހެރޫޒް އެއީ ކާކު؟"

ޒާރާގެ ވާހަކަ ޝެހެރޫޒަށް ވިސްނޭގޮތެއް ނުވިއެވެ. އެހެންވީމާ އިވުނު ހުރިހައި ވާހަކައެއް އޭނާ ޝެހެރޫޒަށް ކިޔައިދީފިއެވެ.

"އަޅާނުލާ. މަންމަ އޭނާއަށް ވިސްނައިދޭނެ." ހުރިހައި ވާހަކައެއް އަޑު އެހުމަށްފަހު ޝެހެރޫޒް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"ޒާރާ އެއްވެސް އެއްޗެކޭ ބުނާނެ ކަމެއް ނެތް. މެހެރޫޒާ އަރައިރުން ވެސް ނުވާތި."

"އަހަރެންގެ ކުރިމަތީގައި އެ ކަހަލަ ވާހަކައެއް ދައްކައިފިއްޔާ އަހަރެން ހިމޭނަކުން ނުހުންނާނަން."

"ހޫނ... ދެން ތިޔަ ވާހަކަ ހުއްޓައިލާ." ޝެހެރޫޒް އޭނާގެ އަތުގައި ހިފައި ކައިރީގައި ބޭންދިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.