"ދަ ޑިމޮކްރެޓްސް" އަށް މެމްބަރުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެހެންވެ، އެ ހުއްދަ ދިނުމާއިއެކު އެ ޕާޓީއަށް މެމްބަރުން ހޯދާ، ފޯމު ފުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މި ހަރަކާތް ފަށާ، އެޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ގެންދަނީ ރައްޔިތުންނަށް މެސެޖުތައް ފޯރުކޮށްދެމުންނެވެ.
ދަ ޑިމޮކްރެޓްސްގެ އަމާޒަކީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި 3،000 މެމްބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރުމެވެ.
ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. "ދަ ޑިމިކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.