(17 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސޯޅަވަނަ ބައި
ދަރިފުޅުގެ ކުލަ ގެއްލި ވަޅުވަނދެފައިވާ ދެލޮލުން އެކަނި ވެސް ޒިވިޔާގެ ބައްޕަ ވަރަށް ގިނަ ކަންކަން ދެނެގެންފިއެވެ. އިޚުތިޔާރުން ބޭރުން ދަރިފުޅާއޭ ކިޔައި މަޖީދަށް ގޮވައިލެވުނެވެ. އެ އަޑު އިވުމުން އެކަނި ވެސް ބައްޕައަށް ކުރި އަސަރު ޒިވިޔާ ދެނެގެންފިއެވެ. ބައްޕަގެ ލޮލުން ފެނުނު ސުވާލުމާކަށް ދޭނެ ޖަވާބެއް ނެތުމުން ޒިވިޔާ އިސްޖަހާލިއެވެ.
ގެއަށް ވަދެވުމާއެކު ޒިވިޔާ އެދުނީ މަންމަ ވެސް އެރަށަށް ޒިވިޔާ ގާތަށް ގެނެސް ދިނުމަށެވެ. ވީ އެންމެ އަވަހަކަށެވެ. އެ ވަގުތު ވެސް މަޖީދު ޒިވިޔާއަށް ބަލަން ހުރީ ވީ ކީއްތޯ އަހާފަދަ ނަޒަރަކުންނެވެ.
އިރުކޮޅަކު އިސްޖަހާލައިގެން އިނުމަށްފަހު އިސް އުފުލާލިއިރު ޒިވިޔާގެ ދެލޮލުން ކަރުނަ އޮހޮރެނީއެވެ. މަޖީދު އައިސް ދަރިފުޅުގެ ބުރަކަށީގައި ފިރުމަން ފެށުމުން ޒިވިޔާއަށް ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ބައްޕަ ގައިގާ އޮޅުލަ އޮޅުލާފައި ރޮއެގެންފިއެވެ. ތަކުރާރުކޮށް ވެސް މަޖީދު އަހަމުން ދިއައީ ޒިވިޔާއަށް ވީގޮތެކެވެ. އެންމެ ފަހުން މަންމަ އައިމާ ބުނާނެ ކަމަށް ޒިވިޔާ ބުނުމުން މަޖީދު ގުޅީ ޒިވިޔާގެ މަންމަ ޖަމީލާ އަށެވެ. ޖަމީލާ އެރަށަށް ގެނައުން އެއީ މަޖީދަށް ކިތަންމެ މުހިންމު ކަމެއް ކަމަށްވިއަސް ޖަމީލާ އެއްބަސް ކުރުވުން ވީ ބޮޑުކަމަކަށެވެ. އެހެން ނަމަވެސް ޒިވިޔާ އެ ރަށުގައި އެބަހުރިކަމަށާ އުޅެނީ ބަލިވެކަމާ ޒިވިޔާ ބޭނުންވީ ޖަމީލާ ވެސް އެރަށަށް އައުން ކަމަށް މަޖީދު ބުނުމުން ކޮންމެވެސް ގޯހެއް އުޅޭކަން ޔަގީން ވުމުން ޖަމީލާ އެ ރަށަށް ދާން އެއްބަސް ވެއްޖެއެވެ.
ފަހާތަނުގައި ހުރި ތަކެތި ރައްކާކޮށް ބަންދުކުރުމަށްފަހު ގެ ތަޅުލާފައި ޖަމީލާ މަޖީދުގެ ރަށަށް ފުރީ ދެ ދުވަސް ފަހުންނެވެ.
ޒިވިޔާއަށް މަންމަ ފެނުމާއެކު މަންމަގެ މޫނަށް ފުރަތަމަ ބަލާލާކަށެއް ވެސް ނުކެރުނެވެ. އިނީއެވެ. ހިއްސުތައް ގަނޑުވެފައެވެ. ޖެހި ބުދެއް ހެންނެވެ. ޒިވިޔާއަށް އައިސްފައިވާ ބަދަލު ފެނުމުން އެ މައިމީހާގެ މައިލަގޮނޑިއަކަށް ކެތެއްނުކުރެވުނެވެ. މަރުވެފައިވާ މައްޔިތެކޭ އޭނަގެ މޭގެ އެތިކޮޅުކަމަށްވާ ލޯބިވާ ދަރިފުޅު ތަފާތެއް ނެތެވެ. ރޮއެގެންފައި ވީ ކީއްތޯ އެހިއެވެ. ދަރިފުޅުގައިގާ ފިރުމަ ފިރުމާފައި ބަލީތޯ އެތައް ފަހަރަކު އެހިއެވެ. ޒިވިޔާ ހަމަ އިނީއެވެ.
އެންމެ ފަހުން ޒިވިޔާ ތެދުވެގެން ގޮސް ޖޫސް ތައްޓެއް ގިރައިގެން އައިސް ޖަމީލާއަށް ދިނެވެ. އަދި މަޖީދުއަށް ވެސް އެއްތަށި ދިނުމަށް ފަހު ޒިވިޔާ ވެސް ޖޫސް ފޮދެއް ބޯލިއެވެ. މަންމައަށްޓަކައި ޒިވިޔާ ވަރަށް ހިތްވަރު ކުރަން ޖެހޭނެކަން ޒިވިޔާއަށް އެނގެއެވެ. އެހެންކަމުން މި ދުވަސްކޮޅު އުޅެނީ މާބޮޑަށް ބަލިކޮށް ކަމަށް ބުނެ ފަހުން ރަނގަޅު ވެދާނެއޭ ބުނީ ހިތި ހިނިތުން ވުމަކާއެކުގައެވެ.
އޭރު އިޝާނަމާދަށް ބަންގި ގޮވަނީއެވެ. ޖަމީލާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ޒިވިޔާ ގާތު ނަމާދު ކުރަނީ ކޮން އިރަކުތޯ އެހިއެވެ. އަދި މިރޭ ޢިޝާ ނަމާދު ކުރާނީ ޒިވިޔާއާ އެކުގައިކަމަށް މަންމަ ބުނުމުން ޒިވިޔާ ވަނީ ފާޚާނާއަށެވެ. މަންމަ ބޭނުން ކޮށްފައި ހުރި ޝޭމްޕޫގެ ވަސް ޖެހުމާއެކު ޒިވިޔާއަށް ހޮޑުލެވިއްޖެއެވެ. ޒިވިޔާ ހޮޑުލާ އަޑު އިވުމުން ޒިވިޔާގެ މަންމަ ގެ ތޫނު ވިސްނުމަށް ވަރަށް ގިނަ ކަންކަން ނަގާގަނެވިއްޖެއެވެ.
ހޮޑުލާ ނިމިގެން ޒިވިޔާ ނިކުތުމުން ފުން ނަޒަރަކުން ޖަމީލާ ޒިވިޔާއަށް ބަލައިލިއެވެ. ނޭނގޭ ސަބަބަކާ ހެދި އޭނަގެ ހިތް ބާރުބާރަށް ތެޅެނީއެވެ. އެހެންނަމަވެސް ހިތުގައި ހިނގާލި ޝައްކާ ބެހޭ ގޮތުން ނަމާދުކޮށް ނިމިގެން ސުވާލުކުރުމަށް ނިންމާ ދެން އުޅުނީ ނަމާދު ކުރުމާއިގެންނެވެ.
ނަމާދުކޮށް ނިމިގެން ދެމައިން އުޅުނީ ޒިވިޔާގެ ބައްޕަ އައުމުން ކެއުމަށެވެ. ކާން ތިބި ވަގުތު ވެސް ޖަމީލާ ޒިވިޔާގެ ޙަރަކާތްތަކަށް ފަރުވާތެރިކާއެކު ބެއްޔެވެ. އަދި ބަދަލުވަމުން އައި ޒިވިޔާގެ ހަށިގަނޑަށް ވެސް ބެއްޔެވެ.
ކައި ނިމިގެން މަޖީދުވަނީ ކޮޓަރިއަށެވެ. ރޭގަނޑު ކާން ޖެހޭ ބޭސް ހުރުމުން އެ ބަލައެވެ. އޭރު ޒިވިޔާ ވެސް ޖަމީލާ ވެސް ކައި ނިމއްޖެއެވެ.
ޖަމީލާ ގަސްދު ކުރީ ދެން އެހިސާބުން ޒިވިޔާއާ ސުވާލުކުރުމަށެވެ.
''ދަރިފުޅާ!'' މަންމަގެ އަޑަށް ފެންތަށި ނަގައިގެން ބޯން އިން ޒިވިޔާ އިސް އުފުލާލިއެވެ.
''ދަރިފުޅު ބަނޑު ބޮޑު ދޯ!'' ޖަމީލާ ވަރަށް ހިތްވަރުކޮށްފައި ސުވާލުކުރިއެވެ. ޒިވިޔާއަށް ހުއްޓުމެއް އައެވެ. ޖެހި ބުދެއް ހެން އިން ގޮތަށް އިނީއެވެ. އެ ވަގުތަކީ މަޖީދު ކާބަޔަށް ވަންނަން އައި ވަގުތު ވެސް މެއެވެ. އިވުނު އަޑު ގަބޫލުކުރަން ބޭނުން ނުވިއަސް މަޖީދުއަށް އޭނަގެ މޭގައި ބާރަކަށް ހިފަހައްޓައިލެވުނެވެ.
''ޒިވިޔާއާ އޭ މަންމަ ސުވާލު މިކުރަނީ! ދޮގު ނަހަދާ ބުނޭ! ދަރިފުޅު ބަނޑުބޮޑު! އެހެންނު!''
މަންމަގެ އަޑުގައި ހިތްތައް ކުދި ކުދިވާ ފަދަ ވޭން އެކުލެވިގެން ވިއަސް މަންމަގެ އަޑު މަޑެވެ. ހީވަނީ މަޖީދަށް އަޑު އިވިދާނެތީ އުޅޭ ހެންނެވެ.
ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ސަބަބުން ޒިވިޔާއަށް ފެން އަޅާފައި ހުރި ހުދުކުލައިގެ ބިއްލޫރި ތަށިވެސް ފެންނަނީ ފުސް ކޮށެވެ. މަންމަގެ ވާހަކައަށް އާނއެކޭ ބުނެ ޒިވިޔާ ބޯ ޖަހާލީ އިސް އުފުލާ ބަލައި ނުލާ އިނދެއެވެ.
ޒިވިޔާގެ ޖަވާބު އެނގުމުން ޒިވިޔާގެ މަންމަ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އިނދެފައި ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ.
މަންމަ ދިއަގޮތުން ކޮޓަރިއަށް ވަންނާކަށް ޒިވިޔާ އަކަށް ނުކެރުނެވެ. ބައްޕަ ވެސް ފެންނަން ނެތުމުން ޒިވިޔާ މަޑުކުރީ ކޮޓަރިން ބޭރު ދޮރުކައިރީގައެވެ. ދެފައި ވާޅުވެ ކޮޅަށް ހުރެވޭހާ ވަރު ނެތުމުން ވެސް އެހެންތާކު އިށީންނާކަށް ޒިވިޔާގެ ހިތެއް އެއްބަހެއް ނުވިއެވެ. އިސްޖަހާލައިގެން އެހެން ކަރުނަ ފޮހެ ފޮހެ ހުންނަތާ އެތައް އިރެއް ވީފަހުން ޖަމީލާ ދޮރު ހުޅުވާލާފައި ޒިވިޔާ ގާތު އެތެރެއަށް ވަންނަން ބުންޏެވެ. ދެމައިން ކުރެ އެކަކު ވެސް އަނެކެއްގެ މޫނަކަށް ނުބަލައެވެ. ކޮންމެ މީހަކަށް ވެސް އަނެކާގެ ހިތުގެ ހާލު އެނގެއެވެ. އަމުދުން މަންމަ ޒިވިޔާ ގާތު ވަންނަން ބުނި ވަގުތު އަޑު ކުރެހިފައި ހުރުމުން މަންމަ އެ ނިކުތީ ރޮއެފައިކަން ޒިވިޔާއަށް އެނގުނެވެ. އެ ވަގުތު ވެސް މަންމަގެ ހިތުގައި ޖެއްސުނީތީ ޒިވިޔާ އިތުރަށް ދެރަވިއެވެ.
އިސް ޖަހާލައިގެން ހުރެ ޒިވިޔާ ގޮސް އިށީނީ އެނދުގައެވެ. މަންމަވެސް އިށީނީ އެނދުގައެވެ. ޒިވިޔާ ގާތުގައެވެ. އޭގެފަހުގައި ދެމައިން ކުރެ އެކަކު ވެސް އަނގައިން ނުބުނެ ވަގުތުކޮޅެއް ދިއުމަށްފަހު ވާހަކަ ދައްކަން ފެށީ ޒިވިޔާގެ މަންމައެވެ.
''ކަންވެ ތިއޮތީ ނިމިފައި....ވީކަމެއް ނުވާކަމަކަށް ނުވާނެ.........މަންމަ ޒިވިޔާއާ މެދު ކުރީ ވަރަށް ފޮނި އުންމީދުތަކެއް!'' ޖަމީލާ ވާހަކަ ހުއްޓައިލިއެވެ. ގިސްލެވޭތީ ކުރިއަށް ގެންދަން އުނދަގޫ ވުމުންނެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ހަމަޖެހިލަން މަސައްކަތް ކުރަމުން އަނެއްކާވެސް ޒިވިޔާގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. މި ފަހަރު ޒިވިޔާ ގެނެސް ގައިގާ ލައްކޮށްލަމުނެވެ. މަންމަގެ ޙިމާޔަތް ލިބުމުން ޒިވިޔާ އަދި ވަކިން ބޮޑަށް ހިތުގައި ޖެހުނެވެ.
''ދަރިފުޅާ! މަންމައަށް އެނގޭ މަންމަގެ ޒިވިޔާ އަކީ ވިއަޔާ ނުދާ ގޮތަށް ނާސިއެއްހެން އުޅެން އާދަ ވެފައިވާ ކުއްޖެއް ނޫންކަން. ތިއީ މަންމައަށް ހިވާގޮތް ކުށް ހީއަކަށް ނުވަންޏާ ދަރިފުޅަށް ކުރެވުނު އެންމެ ކުށެއްގެ ސަޒާ! މަންމަ އެދެނީ މި ލިބުނު ތަޖުރިބާއިން ދަރިފުޅު ފިލާވަޅުތަކެއް ލިބިގަތުން!"
އިރުކޮޅަކަށް ހުއްޓާލުމަށްފަހު އަނެއްކާވެސް ޒިވިޔާގެ މަންމަ ބުންޏެވެ.
''ދަރިފުޅު ބޭނުމިއްޔާ އެބޯޝަން ވެސް ހެދިދާނެ!''
މަންމަގެ މި ޖުމުލައާ އެކު ޒިވިޔާއަށް ތެޅި ގަނެވުނެވެ. އަދި މަންމައާ ދުރަށް ޖެހެމުން ''ނޫން ނޫން'' އޭ ބާރަކަށް ބުނެވިއްޖެއެވެ.
''ދަރިފުޅަށް ހީވޭތަ އެވަރުގެ ބޮޑު ފާފައަކަށް މަންމަގެ ދަރިފުޅަށް މަންމަ ހިތްވަރު ދޭނެހެން. ނުދޭނަން. ތި ކުއްޖާ ވެދާނެ ދަރިފުޅުގެ ނަސީބު ކަމަށް ވެސް. އިރާދަ ކުރެއްވިއްޔާ ތި ދަރިފުޅުވާނީ މަންމަގެ ޒިވިޔާގެ ދިރިއުޅުމުގެ އުފަލަށް. ހަމަ ޖެހުމަށް.! މަންމަ ދުނިޔޭގައި ނެތް ދުވަހަކުން ވެސް ތި ދަރިފުޅަށް އަޅާލާ ރަނގަޅު ތަރުބިއްޔަތެއް ދޭތި! އިރާދަ ކުރެއްވިއްޔާ ދަރިފުޅުގެ ބައްޕަ ހުރިހާ ވަގުތެއްގައި ވެސް ދަރިފުޅަށް އެހީވާނެ. ....... މަންމަ ބޭނުމެއް ނޫން ދަރިފުޅު ގާތު ތިއީ ކާކުގެ ދަރިއެއްތޯ އަހާކަށް.......... މަންމައަށް ހީވަނީ ...... ''
ދުލު ކުރީގައި އޮތް ޖުމުލަ ފުރިހަމަ ނުކޮށް ޖަމީލާ ހުއްޓައިލިއެވެ.
ޒިވިޔާގެ އަތުގައި ހިފާ އަތްތިލާގެ ނުފުށުގައި ފިރުމާލަމުން ޒިވިޔާ ގާތު ނިދަން އޮށޯންނަން ޖަމީލާ ބުނިއިރު ހުރީ ވަރަށް ބޮޑަށް ހަމަ ޖެހިފައެވެ.
ދެމައިން ތިބީ އެއް އެނދުގައި ކަމުން މަންމަ ނިދުމުން މަޑުމަޑުން ޒިވިޔާ މަންމަގެ ގައިގާ ބައްދައިލިއެވެ. އަދި މަންމަގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސައިލިއެވެ.
ފަތިސްނަމާދަށް ޒިވިޔާ ހޭލިއިރު މަންމަ އިނީ މުސައްލަ މަތީގައެވެ. ދެއަތް ނަގައިގެން ދުޢާ ކުރުމުގައެވެ. ޒިވިޔާ ވެސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައި ހަދައިގެން ނިކުމެ ނަމާދުކޮށް ނިންމާލިއެވެ. އޭރު އަނެއްކާވެސް މަންމަ ގޮސް އެނދުގައި އޮށޯވެއްޖެއެވެ. ޒިވިޔާ ގޮސް މަންމަގެ މަގަތުން އިށީނުމުން އަދި އިރުކޮޅަކަށް ނިދާލާށޭ މަންމަ ބުންޏެވެ. ނިދީގެ އަސަރު ލޮލުގައި ނެތަސް މަންމަ ބުނީތީ ޒިވިޔާ މަންމަ ގާތުގައި އޮށޯތެވެ. އެކަމަކު އިރު އެރިއިރު ވެސް ނުނިދުމުން މަންމައަށް އުނދަގޫ ނުވާގޮތަށް މަޑުމަޑުން ތެދުވެގެން ބޭރަށް ނިކުމެއްޖެއެވެ. ޖޫސް ތައްޓެއް އަޅައިގެން ކާ ބައިގާ އިންދާ ބައްޕަ އައިސް ވަނީ ބޭރުންނެވެ. ޒިވިޔާ ފެނުމުން ހީނލަން އުޅުނެވެ. އެކަމަކު ބައްޕަގެ މޫނު އަނބުރައިލެވުނީ އަނެއްފަރާތަށެވެ. ބައްޕަގެ ހަރަކާތުން ހިތަށް ތަދުވިޔަސް އެއީ އެކަން ވާނެގޮތްކަމަށް ޒިވިޔާ ގަބޫލުކުރިއެވެ. ކޮންމެވެސް ގޮތަކުން މަންމަ ދެއްކި ވާހަކަ ބައްޕައަށް އިވުނީކަން ޒިވިޔާއަށް ވިސްނައިގަނެވުނެވެ.
ހަށިގަނޑުގައި ވަރު ނެތަސް ގޭތެރޭގެ ބައެއް މަސައްކަތް ކުރަން އުޅުމުގެތެރޭ ކުއްލިއަކަށް މަންމަ ބޭރަށް ނުނިކުންނަކަން ހަނދާނަށް އތުވެއްޖެއެވެ. ކަމެއްގޯސް ނުވާނަމަ މަންމަ އެ ގޮތަކަށް އޮށޯވެއެއް ނޯތީހެވެ. މިހެން ހިތަށް އެރިއަސް އަނެއްކާ ވެސް އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު މަންމަ ކޮބާތޯ ބަލައިލިއެވެ. ޒިވިޔާ އެނދުން ތެދުވިއިރު އޮތްގޮތަށް މަންމަ އަދިވެސް އެ އޮތީއެވެ.
ޒިވިޔާ ގޮސް އެނދު ކައިރީ ހުއްޓި ހުރެ ދެ ފަހަރަކު މަންމައަށް ގޮވައިލިއެވެ. މަންމަގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުމުން ނިތްކުރީގައި އަތް ޖައްސައިލިއެވެ. އަދި ކުޑަކޮށް ތަޅުވައިލަމުން އަނެއްކާވެސް ގޮވައިލިއެވެ. އަތުގައި ހިފާ ހިއްލާލުމުން މަންމަގެ އެއްވެސް ބާރެއް ނެތްކަން އެނގިއްޖެއެވެ.
ހޮސްޕިޓަލުން މަރުވެފައި ތިބޭ މީހުން ފެނިފައި ހުރުމުން ޒިވިޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. މަންމާއޭ ކިޔާ ރޮމުން މަންމައަށް ގޮވަމުން ދިއައެވެ. އެ އަޑަށް ކޮޓަރީގައި ހުރި މަޖީދު ދުވެފައި އަތުވެއްޖެއެވެ. ސިކުންތަކަށް ހުއްޓުން އެރުމަށްފަހު ވެގެން އުޅޭ ގޮތް މަޖީދަށް ވިސްނައި ގަނެވިއްޖެއެވެ. ކައިރިއަށް ޖެހިލުމަށްފަހު ޖަމީލާގެ ވިންދު ބަލައިލިއެވެ. އަދި ދެއަތަކަށް ބޯހޫރާލުމަށްފަހު ޒިވިޔާއާ ދިމާއަށް ބަލައިލިއެވެ. ޒިވިޔާއަށް ބައްޕަގެ އެ އިޝާރާތް ވިސްނުމުން އަޑުން އަޑު ނަގާ ރޮމުން މަޖީދު ގައިގާ އޮޅުލައިގަތެވެ. އެ ހިސާބުން ޚަބަރު ހުސްވެގެން ޒިވިޔާ މަޖީދުގެ އަތްމައްޗަށް ދެމިއްޖެއެވެ.
ޒިވިޔާގެ މަންމަ މި ދުނިޔެއާ އަލްވަދާޢު ކިއި ދުވަހުން ފެށިގެން ޒިވިޔާ މުޅިން މާޔޫސް ވެއްޖެއެވެ. ކުރިއަށްވުރެ ބޮޑަށް އެކަނިވެރި ވެއްޖެއެވެ. މަންމަ މިހާ އަވަހަށް މިދުނިޔެ ދޫކުރަން ޖެހުނު ސަބަބަކީ ޒިވިޔާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު މުޅިހަށިގަނޑު ތުރުތުރު އަޅައެވެ.
(ނުނިމޭ)
varah reethi