ކިރުއިލޮށި - 37

(14 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަތިހު ހޭލައި ނަމާދުކޮށްލައިގެން ތެދުވެ ، ކޮޓަރީގެ އެއްކަނަކަށް ޖެހި އިނދިރީގައި ޚައިރާދު ހުއްޓިލައިގެން ކޮޅަށް ހުއްޓެވެ. ނިދާބޮކީގެ އަލިން ، އެކޮޓަރީގެ ހުރިހާ ދިމާއެއް އަލިކޮށެއް ނުދެއެވެ. ހަށަންބަނދެލައިގެން ޚައިރާދު ހުއްޓާ ޚާލާ ދައްތަ އައެވެ. ޙާލުގެ ވާހަކައިން އަހައި ، އެދަރިފުޅު އެއްވެސް ވާހަކައެއް ނުބުނާހާ ހިނދެއްގައި ، ވެގެން އުޅޭގޮތެއް އޭނާއަށް ނޭނގޭނެކަމުގައި ބުންޏެވެ. އަދި ކަމެއް ދިމާވިކަމަށްވަންޏާ އެކަމެއް އެނގެން އޭނާ ބޭނުންވާކަމުގައި ޚާލާ ބުންޏެވެ. ޚައިރާދުގެ މަންމައެއްގެ ދަރަޖައިގާ މިއަދު ދުނިޔޭގައި ހުރިމީހަކީ ޚާލާ ދައްތައެވެ. ޚައިރާދުގެ ޙަޔާތާބެހޭ އެއްވެސް ވާހަކައެއް ކިޔައިލަދޭނެ ތިމާގެ އެއްވެސް ނަފުސެއް މިދުނިޔެއަކު ނެތެވެ. އަފްސީނަށް އެވާހަކަތައް ކިޔައިދޭން އޭނާ ލަދުގަނެއެވެ. އަޝްހަރުގެ ރަނގަޅުކަމުގެ ވާހަކަ ދައްކަމުން އައިސް ކުއްލިޔަކަށް އޭގެ އިދިކޮޅަށް އަފްސީންގާތު ވާހަކަ ދެއްކުމަކީ އޭނާއަށް ކުޅަދާނަ ކަމެއްނޫނެވެ.

އެހާ ދަންގަޑިއެއްގައި ، ކަރާޗީން ހައިދަރުއާބާދަށް ޚައިރާދު އެފަދަގޮތަކަށް އަންނާނީ ވަރަށްބޮޑުކަންތައްގަނޑެއް ހިނގައިގެންކަމުގައި ޚާލާ ބުންޏެވެ. އެކަން ސާފުނުވަނިސް އޭނާގެ ހިތަށާއި ސިކުނޑިޔަށް އެވަމުންދާ ތަދު ނުކެނޑޭނެކަމުގައި ބުންޏެވެ. އަޝްހަރު ކޮބައިތޯވެސް ޚާލާ ސުއާލުކުރިއެވެ. ޚާލާ އެހުރިހާ ވާހަކަތަކެއް ދައްކައި ސުއާލުތަކެއް ކުރިއިރުވެސް ޚައިރާދު އަނގަޔަކުން ނުބުނެއެވެ.

" ޚާލާ ދައްތާއެވެ ! ރޭގަނޑު ދަންވަރު އަހަރެން މިގެޔަށް މިއައީ ، ރޭގަނޑު އަހަރެން ގެއިން ނެރެލެވުނީމައެވެ. " އެންމެފަހުން ޚައިރާދު ވާހަކަ ދައްކަން ފެށްޓިއެވެ. ލިބިފައިހުރި ވޭނާއި ކެކުޅުމުގެ އަސަރު އޭނާގެ އަޑުން އަދިވެސް ނުކެނޑެއެވެ.

ޚައިރާދު ، ގެއިން ނެރެލީ ކާކުތޯ ޚާލާ ސުއާލުކުރިއެވެ.

" އެއީ ވަރަށް އަގުބޮޑު ހައިބަތުހުރި ގަނޑުވަރެއް ނޫންހެއްޔެވެ. އަހަރެންގެ މަންމަ އަހަރެންދޫކޮށް މިދުނިޔެއިން ވަކިވީ އެ ގަނޑުވަރުގައެވެ. އެ ގަނޑުވަރުގައި އުޅޭ އެތާނގެ ވެރި ފަރާތުން ، އަހަރެންގެ ދަރަޖަ ބުނެދީ ، ރޭގަނޑުގެ ދަންގަޑީގައި އަހަރެން އެ ގަނޑުވަރުން ނެރެލީއެވެ. އަހަރެން އަޝްހަރާއެކު ހޭދަކުރި ހުރިހާ ވަގުތެއްގެ އަގު އަހަރެންގެ މޫނުމައްޗަށް ޖެހުމަށްފަހު ، އަގުއަދާކޮށް އަހަރެން އެގަނޑުވަރުން ނެރެލީއެވެ. އެކަން އަހަރެންގެ އަނގަމަތިން ފެންނަން މިހިރީއެވެ. " ޒަޚަމްވެފައިވާ އަނގަމަތި ޚާލާއަށް ދައްކާލަމުން ، ޚައިރާދު ބުންޏެވެ.

ޚައިރާދު އެދައްކަމުންގެންދާ އެއްވެސް ވާހަކައެއް ޚާލާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ޚައިރާދު ދައްކަމުން އެދަނީ ކޮންކަހަލަ ވާހަކައެއްތޯ ޚާލާ ސުއާލުކުރިއެވެ.

" އަހަރެންގެ މައްޗަށް އެއްވެސް މީހަކު ރަޙުމެއް ނުކުރިއެވެ. އެއްވެސް މީހެއްގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަވެސް ހަމްދަރުދީއެއް ނެތެވެ. އަހަރެން ، އެހާ ލޯބިން މަންމާއޭ ގޮވަމުން އައި މައިދައިތަ އާއި ފިރިމީހާވެސް އަހަރެންނަކާ އަޅައެއް ނުލިއެވެ. ބޭރުފުށުން ހިތްހެޔޮ އަދި ޚުލްޤު ރަނގަޅުކަމަށް ފެންނަ ، އެމީހުން ވަރަށް ގޯހެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް އެމީހުންގެ ހިތަކު ނޯވެއެވެ. އެއީ ވަރަށް ނުބައި ނުލަފާ ބަޔެކެވެ. އަހަރެންގެ ނަފްސުގެ ޢިއްޒަތް ދުއްވާލައި ، ހަދަހަދައިގެން ދޮގު އިލްޒާމްތަކެއް އަހަރެންގެ ބޮލުގައި އެޅުވިއެވެ. އަހަރެންދެކެ ލޯބިވާ ކަމަށް ދަޢުވާކުރާ ފިރިމީހާވެސް ، އަހަރެންނަށް އެއްބަޔަކު އަނިޔާކުރަމުން ދަނިކޮށް އަހަރެން އެމީހުންގެ އަތްމައްޗަށް ދޫކޮށްލާފައި ދިޔައީއެވެ. ދެފުއްދެގޮތް މުނާފިޤު މަންމަ ، ތެދުކަމުގައި ބަޔާންކުރަމުންގެންދިޔަ ދޮގުތައް އެއީ ތެދުކަމުގައި އޭނާ ޤަބޫލު ކުރިއެވެ. އަހަރެންގެ އިޚުލާޞްތެރި ލޯތްބާއި ހިތުގެ ކުލުނުގެ މަތިން އޭނާ ހަނދާނެއް ނެތެވެ. ޒަމާނީ ތަރައްޤީގެ މިސާލުތަކުން އާބާދުވެ އޮންނަ ބޮޑެތި ސަހަރުތައް އެއީ ސިއްރު އެތައްކަމެއް ފޮރުވިގެންވާ ތަނެކެވެ. އެސަހަރުތަކުގައި ދިރިއުޅޭ ބައެއް އިންސާނުންނަކީ ، އަހަރެމެންގެ މިކުދި ސަހަރުތަކުގައި މަގުމަތީ އުޅޭ ޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ ބަޔެކެވެ.  " ޚައިރާދު ބުންޏެވެ.

ޚައިރާދުގެ ވާހަކަތައް ޚާލާގެ ކަންފަތަށް އިވެމުންދިޔައީ ، ފެންނެތް ދެވިލާގަނޑެއްޖެހުމުން އުފެދޭ ބާރު ގުގުރީގެ އަޑަށްވުރެވެސް ބާރަށެވެ. ޚާލާގެ ހިތަށް ޤަބޫލުކުރެވޭ އެއްވެސް ވާހަކައެއް ޚައިރާދު ، އަދި ނުދައްކައެވެ. ޚާލާގެ ދެލޯހުރީ ބޮޑުވެފައެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައެވެ. އޭނާ ހިފައިގެން އައި ކޮފީތަށި އަތުންދޫވެ ވެއްޓި ބަންޑުންވެ ޚާލާގެ އަމިއްލަ ފައިމައްޗަށް އެޅި ، އޭގެ ހޫނުކަން ފިލައިދިޔައިރުވެސް އެއިންކަމެއް އިޙްސާސެއް ނުވިއެވެ.

ޚައިރާދުގެ އަނގަމަތި ޒަޚަމްވެފައި އެހުރީ ކީއްވެތޯ ޚާލާ ސުއާލުކުރިއެވެ. އެސުއާލުގެ ޖަވާބު ދިނުންވެގެންދާނީ ، ޚައިރާދުގެ އަމިއްލަ ނަފްސަށް ކުރެވޭ މަލާމާތަކަށެވެ. އެއީ އޭނާ އެހާލޯބިން މަންމާއޭ ގޮވަމުން އައި މައިދައިތަ ، އޭނާގެ ކަންކަށިމަތީ ފިރުމާލައި ދިން ހަދިޔާއެއްކަމުގައި ބުނާކަށް ޚައިރާދަކަށް ނުކެރުނެވެ. ފަރީދާގެ މާތްކަމާއި ހެޔޮކަމުގެ ވާހަކަ ، އަދި އޭނާދެކެ މަންމައެކޭ އެއްގޮތަށް ލޯބިވާ ވާހަކަ،  ޚާލާގާތު ، ޚައިރާދު އޮތީ ކުރިން އެތައްފަހަރަކު ދައްކާފައެވެ. ފަރީދާ އެފަދަކަމެއް ކުރާނެކަމަކަށް ޚާލާއަކަށްވެސް ޤަބޫލެއް ނުކުރެވޭނެއެވެ. ފަރީދާއާ ބެހޭގޮތުން އެއްޗެކޭ ބުނެވިދާނެތީ ، ޚައިރާދު ކުރިޔަށް ޖެހިލައި ކުޑަދޮރުގައި ލެނގިލިއެވެ.

ސާރާ ކޮޓަރީގައި ހެދުން ނަގަން ހުރެފައި އަލަމާރީގެ ދޮރުލައްޕައިލިތަނުން ކުރިމަތީގައި ކައިސަރު ހުއްޓާ ފެނި ، ސިއްސައިގެން ދިޔައިވެ. ކައިސަރު ހުރީ ހެވިދިލިފައެވެ. ސާރާ ސިއްސައިގެންގޮސް ، މިތަނަށް ވަނީ ކޮންއިރަކުހޭ އަހައިލިއެވެ.

ކައިސަރު ގެޔަށް އައިތަނުން ، ސާރާ ކޮޓަރީގައި އުޅޭވާހަކަ ބުނީ ޒަރީނާއެވެ. ކައިސަރު އެހުރީ ސާރާގެ ޙައްޤުގައި ވަރަށްބޮޑު ޤުރުބާނީއެއް ވެފައެވެ. އެއްދޮނުގައި ދެބުޅި ޖަހާފައެވެ. އެއްކޮޅުން ، ޚައިރާދުގެ ދުވަސްދިޔަނަމަވެސް ، އަޝްހަރުގެ މުޅިދިރިއުޅުން ބަރުބާދު ކޮށްލެވުނީއެވެ. އޭނާ އެހުރީ ، އިތުރު އަންހެނަކާދިމާއަށް ބަލައިލަން ބޭނުންނުވާވަރަށް ، އަޝްހަރު ، އަންހެނުނުންގެ މަތިން ފޫހިކުރުވާފައެވެ. ދުވަހަކުވެސް އަޝްހަރަކަށް އުފަލެއް ނުލިބޭނެއެވެ. އަނެއްކޮޅުން ، ސާރާގެ މަންމަގެ އެދުމުގެމަތިން ފަރީދާބުނި ހުރިހާކަމެއް އޭނާއެހުރީ އެމީހުން ބުނިގޮތަކަށް ކޮށްދީފައެވެ. މި ހިނދަށް ، ސާރާގެ އިޒުނައެއް ނެތި ، ސާރާގެ ކޮޓަރިޔަށް ވަދެލެވޭވަރު އޭނާ އެވަނީ ސާރާއަށްޓަކައި ކޮށްދީފައެވެ.

ކޮޅަށް ނުހުރެ އިށީންނާށޭ ބުނެ ކައިސަރު ގެންގޮސް އެނދުގައި ބައިންދައި ، ސާރާވެސް އެނދުގައި ޖައްސައިލިއެވެ. ކައިސަރު އެދުވަހު އެއައީ ، ސާރާއާ ވާހަކަ ދައްކާލާށެވެ. ދެތިންދުވަހެއްގެ ތެރޭގައި އޭނާ އެމެރިކާއަށް ދާން ފުރާނެއެވެ. ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ހުރީ ހަމަޖެހިފައެވެ. ސާރާގެ ކިބައިގާ ރުޅީގެ އަދި ފޫހީގެ އެއްވެސް އަސަރެއް މިއަދަކު ނެތެވެ. ކައިސަރަކީ އޭނާއަށް ، މިއަދު ވަރަށް މުހިންމު މީހެކެވެ. ޓަކިވެސް ޖަހައިނުލާ އައިސް ކޮޓަރިޔަށް ވަނަސް މައްސަލައެއްނޫނެވެ. ސާރާވެސް ، ކައިސަރާ ގުޅަން ބޭނުންވެފައިހުރިވާހަކަ ބުންޏެވެ.

" ކައިސަރެވެ ! ކައިސަރު އަހަރެންދެކެ ލޯބިވާ މިންވަރާއި އަހަރެން ބޭނުންވާވަރު ވިސްނާލެވިފައެއް ނެތެވެ. އަހަރެންނަށްޓަކައި ކޮންމެފަދަ ކަމެއްވެސްކުރަން ކައިސަރު ތިހުރީ ތައްޔާރަށެވެ. އަންހެނަކަށް އެއަށްވުރެ ބޮޑު ނިޢުމަތެއް ލިބޭނެ ހެއްޔެވެ ؟ " ސާރާ ބުންޏެވެ.

" ސާރާއެވެ ! ސާރާއަށް ލަފާކޮށް ވިސްނައިލަންވެސް ނޭނގޭވަރަށް އަހަރެން ، ސާރާ ބޭނުމެވެ. ސާރާ ޙާޞިލްކުރުމަށްޓަކައި އަހަރެން އަދި މިއެޅީ އެންމެ ފިޔަވަޅެކެވެ. ސާރާ ޙާޞިލްކުރުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެއްވެސް ވިސްނުމެއް ، ފިކުރެއް ޚިލާލެއްނެތި ، މުޅި ދުނިޔެއާވެސް ހަނގުރާމަ ކުރާނަމެވެ. " ކައިސަރު ބުންޏެވެ.

ސާރާއަށް އެކަން ކުރިން އިޙްސާސްނުވީކަމުގައި ބުންޏެވެ. އެކަމަކު ، މިހާރު ސާރާއަށް އެކަން އިޙްސާސް ކުރެވޭކަމުގައި ސާރާ ބުންޏެވެ. އެއީ ، އޭނާގެ ހިތުގެ އަޑިން ހެޔޮހިތަކުން ބުނާވާހަކައެއް ނޫންކަމުގެ އެއްވެސް އިޙްސާސެއް ނެތެވެ. ކައިސަރުގެ ހިތުގައި އެކަން ޔަޤީންކުރިއެވެ. ސާރާގެ ލޮލަށް ބަލަހައްޓައިގެން ހިނިތުންވެފައި އެތައް އިރަކު އިނެވެ. އޭނާގެ ފުރަތަމަ ފިޔަވަޅުންވެސް ، ސާރާގެ ކޮޓަރިއަށް ، ޓަކިވެސް ޖަހައިނުލާ އައިސްވަދެ ، ސާރާގެ އެނދުމަތީ އިށީނދެލުމުގެ ފުރުޞަތު އެއޮތީ ފަހިވެފައެވެ. ދެން ކުރިމަތިވާ ކަންކަންވެސް ނުކުރާނެކަމެއްނެތެވެ. ކެހިވެރިކަމުގެ ޅޮސް އުނދޯންޏެއްގައި ކައިސަރު ބައިންދައިގެން ، އެއުނދޯލި ސާރާ ހެއްލައިދެމުން ގެންދާނެކަމުގެ ހިލަމެއްވެސް ، ކައިސަރަކަށް ނުކުރިއެވެ. ފަރީދާ އާއި ޒަރީނާ އަދި ސާރާއަކީ ކިހާވަރެއްގެ ކޮންބައެއްކަން ދެނެގަތުމުގެ ޤާބިލްކަމެއް ކައިސަރުގެ ކިބަޔަކު ނެތެވެ. އެކަންކަން ދެނެގަންނަން ނޭނގޭވަރަށް ، ކައިސަރުވަނީ ސާރާގެ މަޅިފަތީގައި ޖެހި ތާށިވެފައެވެ. ހަމަ އެންމެ ފިޔަވަޅަކުންނެވެ. އެކަހަލަ އެތައް ކިރުއިލޮށްޓެއްގައި ކައިސަރު ޖެހޭނެކަން އޭނާއަކަށް ނޭނގެއެވެ.

އަޝްހަރު ހަދާނެގޮތް ބޮޑުވެ ގޭތެރޭގައި ހުންނަން ހިތަށް އުނދަގޫވެގެންގޮސް ، ބަގީޗާތެރެޔަށް ނުކުމެ ، ގަހެއްގެ ދޮށުގައި ހުއްޓިލައިގެން ހުރެ ، ބޮލުގައި އަތް އުނގުޅަމުން ގެންދިޔައެވެ. ކުއްލިޔަކަށް އޭނާގެ ބޮލަށް އެނބުރުން އަރައި ބިންމައްޗަށް ވެއްޓުނެވެ. ދުރުގައި ތިބި ދެނޯކަރަކަށް އެތަންފެނި ދުވެފައި އައިސް އަޝްހަރު ނަގައިގަނެ ، ފަރީދާއަށް ގޮވިއެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ކައިސަރު ފަރީދާއަށް ފޯނުކޮށް ، ޚައިރާދު ، ހައިދަރުއާބާދަށް ހިނގައްޖެކަމުގެ ޚަބަރު ދިނެވެ. އަދި އެގޭގެ ކަންކަން ރަނގަޅުތޯ ސުއާލުކުރިއެވެ. ގޭގެކަންތައް ރަނގަޅު ނޫންކަމުގައި ފަރީދާ ބުންޏެވެ. އެވަގުތު އޭނާ އެއުޅެނީ ، އަޝްހަރު އަނބުރައިގަނެގެން ވެއްޓިގެން ހޮސްޕިޓަލަށް ގެނެސްގެންކަމުގައި ބުންޏެވެ. އަދި ، ކައިސަރު ކުރަންހުރި ކަންކަން އެހިސާބުން ނިމިއްޖެކަމަށާއި ،  ވީ އެންމެ އަވަހަކަށް އެމެރިކާއަށް ދިއުމަށްޓަކައި ފުރަން ފަރީދާ އެންގިއެވެ. އެކަމާ ފަރީދާ ނުވިސްނުމަށް ކައިސަރު ބުންޏެވެ. ދެދުވަހުގެ ތެރޭގައި ފުރާގޮތަށް އޭނާވަނީ ޓިކެޓް ނަގާފައެވެ.

ޚައިރާދު ދެފައިވަށްކޮށްލައިގެން ކޮޓަރީގައި އެކަނި އިނެވެ. ޚާލާ ބަތްކޮޅެއް މޮޑެގެން ހިފައިގެން އައިސް ޚައިރާދަށް ކާންދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޚައިރާދު މިހާރު އެއިން ޙާލަތުގައި ނުކައި ހިތާމަކޮށް ހެދުމުން ގެއްލުންވާނީ ހަމައެކަނި ޚައިރާދަށް ނޫންކަން ވިސްނައިދިނެވެ. ބަނޑުގައި އޮތް ކުޑަދަރިފުޅަށްޓަކައިވެސް ، ހިތްވަރުކޮށްފައި އެއްޗެއް ކެވޭތޯ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަން ޖެހޭކަން ޚައިރާދަށް ވިސްނައިދިނެވެ. އެކުއްޖާފުޅަށްޓަކައިވެސް ، ޚައިރާދު ހިތްވަރު ކުރަން އެބަޖެހޭކަމުގައި ބުންޏެވެ. ބޭސްވެސް ކެވޭނީ ބަނޑަށް އެއްޗެއްލައިގެން ކަމަށް ޚާލާ ބުންޏެވެ.

އަޝްހަރު ބާއްވާފައި އޮތް އެނދުކައިރީގައި އިށީނދެލައިގެން ފަރީދާ އިނެވެ. އިރުކޮޅަކުން އެއައީ ސާރާގެ ފޯނެކެވެ. ސާރާ އެގުޅީ އަޝްހަރުގެ ޙާލު ބަލައިލަން ވެގެންނެވެ. އަޝްހަރު ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ލިބުނުއިރު ، އޭނާ ކައިރީގައި އޭނާގެ ރޯމިއޯ އައިސް އިންވާހަކަ ބުންޏެވެ. އަދި އެރޭ ، ރޭގަނޑުގެ ކެއުމަށް އޭނާ ގެންދަންވެގެން ކައިސަރު އުނދަގޫކުރާވާހަކަ ބުންޏެވެ. ކައިސަރު ދިޔައީ ކީއްކުރަންތޯ ފަރީދާ ސުއާލުކުރިއެވެ. ކައިސަރު ދެއްކިވާހަކަތަކުން ބައެއް އޭނާ ފަރީދާއަށް ކިޔައިދިނެވެ. ސާރާއަށްޓަކައި ، އަޝްހަރާއި ޚައިރާދު އޭނާ ދުރުކޮށްދީފިކަމުގައި ކައިސަރު ބުންޏެވެ. އެ ޑްރާމާ ކުޅުމަށްޓަކައި އެތައްލައްކަ ރުފިޔާއެއް ފަރީދާއަތުން އޭނާ އަތުލިކަން ސާރާއަށް އެނގޭކަން ކައިސަރަކަށް ނޭނގެއެވެ.

މިދެތިންދުވަހު ، ކައިސަރު ހައްލާލައިގެން ގެންގުޅުމަށް ސާރާގެ ކިބައިން ފަރީދާ އެދުނެވެ. ކައިސަރާ އޭނާ ޤަބޫލުނޫންކަން އެނގިއްޖެނަމަ ، މުޅި ޕްލޭން ފެއިލްވެގެން ހިނގައިދާނެކަން ހަނދާންކޮށްދިނެވެ. ކައިސަރު ބޭނުންވާގޮތަކަށް ، ކައިސަރު ހިތްހަމަޖެހޭ ގޮތްގޮތް ހަދައިގެން ، ދެދުވަހެއްގެ ތެރޭ ކައިސަރު ، އެމެރިކާއަށް ފޮނުވައިލުމަށް ފަރީދާ ބުންޏެވެ.

ފަރީދާ ، އަޝްހަރާ ދިމާއަށް ބަލައިލިއެވެ. އަޝްހަރު އޮތީ ، ނިދިފައެވެ. ފަރީދާ ވައިއަޑުން ސާރާއާ ވާހަކަ ދައްކަން ފެށިއެވެ. ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި ކައިސަރު އެނބުރި ކަރާޗީއަކަށް ނާންނާނެއެވެ. އެ ދެތިން އަހަރުގެ ތެރޭގައި ދުނިޔެ ބަދަލުވެގެންދާނީ ކޮންގޮތަކަށްކަމެއް ނޭނގޭނެއެވެ. އެދެތިން އަހަރު ، ސާރާ ހުންނާނީ ކައިސަރުގެ އިންތިޒާރުގައި ކަން ކައިސަރަށް ވިސްނައިދީފައި އެމެރިކާއަށް ފޮނުވައިލުމަށް ފަރީދާ ބުންޏެވެ.

ކައިސަރު އެދުނުގޮތުގެމަތިން ، އެރޭ ރޭގަނޑުގެ ކެއުމަށް ސާރާ ދިޔައެވެ. ދެމީހުން ކެއުމަށް އިންސާފުކުރަމުން ގެންދިޔައެވެ. ކައިސަރު ކިޔަވާނިމިގެން އެނބުރިއަންނާނީ ކޮންއިރަކުންތޯ ، ސާރާ ސުއާލުކުރިއެވެ. ސާރާގެ ސުއާލަށް ކައިސަރު ކުރީ ސުއާލެކެވެ. އޭނާ އަންނަންދެން އިންތިޒާރުކުރާނަންހޭ ކައިސަރު އެހިއެވެ. އޭނާ ހުންނާނީ ކައިސަރުގެ އިންތިޒާރުގައިކަމަށް ހިނިތުންވެލައިގެން އިނދެ ސާރާ ބުންޏެވެ. ސާރާގެ އެވަޢުދަކީ ، ކައިސަރުގެ މުޅިޙަޔާތުގައިވެސް އޭނާއަށް ލިބުނު އެންމެ އުފާވެރި ހަދިޔާއެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ކައިސަރު އެނބުރި އައުމަށް ސާރާ އެދުނެވެ. ކައިސަރު އިނީ އުފަލުން ފޮޅިފައެވެ. ސާރާއަކީ އޭގެކުރިން އޭނާގެ މޫނު ފެނިލުމަށްވެސް ފޫހިވާ މީހެކެވެ. އެކަމަކު މިއަދު ސާރާއެވަނީ ، އޭނާގެ މިލްކަކަށްވާން ތައްޔާރުގައެވެ. ދުނިޔެއަކީވެސް ހާދަ ފާޑެއްގެ ތަނެކެވެ. މިދުވަސް އަތުވެދާނެކަމަށް ކައިސަރު ، ހުވަފެނުންވެސް ދެކެފައެއް ނުވެއެވެ.

ކިޔެވުން ނިންމާފަ އެނބުރި އާދެވުނުހާ އަވަހަކަށް އެމީހުން ކައިވެނިކުރާނީކަމަށް ކައިސަރު ބުންޏެވެ. ސާރާވެސް އެކަމަށް އެއްބަސްވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.