އަނާ - 40

(15 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ދުވަހު އަނާ މާޖިދު ބައްދަލުވީ ހެނދުނު ސައި މޭޒުކައިރީންނެވެ. ދެ މީހުން ސައިބުއީ އެކުއެކުގައެވެ. ސައިތަށިން އެތިފޮދެއް ބޯލައިފައި މާޖިދު ބުންޏެވެ.

"ރޭވެސް ހޭދަކުރީ ވަރަށް ހިތްދަތިގޮތެއްގައި.... އެކަމަކު އަހަރެން .........ހިތްހަމަޖައްސަލީ އަހަރެންނަށް ކުރެވުނު ކުށްތަކުގެ ސަޒާ ލިބެނީ ކަމަށް ހީކޮށްލައިގެން..."

އަނާ ހިނިތުންވެލިއެވެ. އަދި ބުންޏެވެ.

"މިއަދު އަހަރެން ކުންފުނީގެ ކަންތައްތަކާއި މުޅީން ހަވާލު ވާނަން"

"ތިޔަ ބުނީ ކީކޭ؟" މާޖިދު ވަރަށް ބޮޑަށް ސިއްސައިގެން ދިޔައެވެ.

ކުންފުނީގެ ކަންތައްތައް ސީދާ އަހަރެންގެ ބެލުމުގެ ދަށަށް ގެންނާނަމޭ. އެހެނީ މިހާރު ބައްޕަ ވަރަށް ބޮޑަށް ވަރުބަލިވެލައްވާފައި. ވީމާ ވަރަށް ބޮޑަށް އަރާމުކުރައްވަން ބޭނުންވާނެ. އަހަރެމެންވާނީ ބައްޕައަށް ޚިދުމަތްކޮށްދޭން އަދި ބައްލަވަމުން ގެންދެވި ކަންތައްތަކާ ޙަވާލުވާން"

"އަހަރެންނަށް ހީވާގޮތުގައި ތިޔައީ މުޅީން ރަނގަޅު ގޮތެއް ނުވާނެ.... ބައްޕަ އަމިއްލައަށް މަރުވެސް ވެދާނެ......."

"ބައްޕައާ ވާހަކަދައްކާލާފައި ބައްޕަ ބުނުއްވާ އެއްޗެއް ބަލާލެވިދާނެއެއްނު"

އަނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމައިތިރިކޮށް އަދި އެހާމެ ސީރިޔަސްކޮށެވެ.

"ގޮސްބަލަ ބައްޕައާ ވާހަކަ ދައްކާބަލަ... އަހަރެން ވަރަށް ދެރަވާން ޖެހޭނެ....!"

ދެރަނުވުން...އެދެން...އަހަރެން އެއްވެސްމީހެއްގެ ޙައްޤަކަށް ނާރާނަން.....ހިނގާ ދެ މީހުން އެކުގައިގޮސް ވާހަކަ ދައްކަން.."

މާޖިދު ކުރާނެކަމެއް ނެތިގެން ބޯހޫރާލިއެވެ. އަދި ތެދުވެގެން އަނާއާ އެކުގައި ހިނގައިގެންފިއެވެ.

ޚާންއާޞިފް އެ ދެ މީހުންނާ ދިމާއަށް ވަކިވަކިން ބަލާލިއެވެ. އެވަގުތު އަނާ ސަލާމް ގޮވާލިއެވެ. ޚާންއާޞިފް ބޮލުގެ އިޝާރާތަކުން ސަލާމް ބަލައިގެންފައި އެތާހުރި ގޮނޑިސެޓެއް ދައްކާފައި އިށީންނަން ބުނެލިއެވެ.

"އަޅުގަނޑު މިއައީ ކަލާއާ މަޝްވަރާއެއް ކޮށްލަން!" އަނާ އިށީންނަމުން ބުންޏެވެ.

އެކަންތައް އޮޅުންފިލުވަން އެދޭގޮތް މޫނުމަތިން ދައްކާލާފައި ޚާން އާޞިފް އަނާއާ ދިމާއަށް ބަލާލިއެވެ. އަނާ އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ.

"ބައްޕަ ރެޔާދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު ލައްކަ ދުވަސް ވެއްޖެ ނޫންތޯ. މިހާރު އަޅުގަނޑަށް ވިސްނެނީ ބައްޕަ ވަރަށް ބޮޑަށް ވަރުބަލި ވެލައްވާފައި ވާނެކަން...އެހެންވީމާ އަޅުގަނޑު މެން ދެ މީހުން މި ނަންގަންނަނީ ކަލާގެ މި އެއްޗަކަށް ނުވާ ޅީދަރިފުޅާ ކަލާގެ ދަރިކަލުން ކަލާ އަރާމު ކުރައްވަން ވެއްޖެކަމަށް މަޝްވަރާ ނުދޭންވީ ކީއްވެތޯ؟"

"ބުނަން ބޭނުންވެގެން ތިޔައުޅެނީ ކީކޭތަ؟" ހީވަނީ ޚާންއާޞީފްގެ ހަށިގަނދު ތެރޭގައި އަލިފާނުގެ ހުޅުގަނޑެއް އުފެދެނީހެންނެވެ. އަނާ ހިނިތުންވެލުމާއެކު ބުންޏެވެ.

"އަޅުގަނޑު މި ނަންގަންނަނީ މިހާރު ކަލާ އަރާމުކުރައްވަން ވެއްޖެއޭ..... އަދި ކަލާގެ ވިޔަފާރީގެ ކަންތައްތައް އަޅުގަނޑުމެން ދެ މީހުންނާ ޙަވާލުކުރައްވާށޭ..."

"ވިޔަފާރި ކަންތައްތައް ކަލޭމެންނާ ޙަވާލުކުރާށޭ!" ޚާން އާޞިފް ދެ ލޯ ބޮޑުކޮށްލާފައި ބުންޏެވެ.

"ލައްބަ އަޅުގަނޑަށް ފެންނަނީ އެގޮތް. ހަމަ އަޅުގަނޑުމެންނަށް ޓަކައި ބައްޕަ ވަރަށް ގިނަކަންތައްތަކެއް ކޮށްދެއްވައިފީމު ނޫންތޯ؟"

ޚާންއާޞިފް ކަޅިޖަހާ ނުލާ އަނާއާ ދިމާއަށް ބަލަމުންގެންދިޔައެވެ.

އޭނާގެ މޫނުމަތިން ތަފާތު އަސަރުތައް ފެންނަމުންދިޔައެވެ. އެންމެފަހުން ސުއްޓާއެއް ނަގާފައި ރޯކޮށްލައިފިއެވެ. އަދި ދެތިން ފަހަރަކު ވަރަށް ބާރަށް ދަމާލުމަށްފަހު މާޖިދާ ދިމާއަށް ބުންޏެވެ.

"ދަރިފުޅާ! މިކަމާމެދުގައި ދަރިފުޅުގެ ޚިޔާލަކީ ކޮބައިތަ؟ ދަރިފުޅުގެ އަންހެނުން އެބުނަނީ ރަނގަޅުވާހަކައެއްތަ؟"

އަޅުގަނޑު ބުނާނީ ކީކޭތޯ. ތިޔަ ކަންތައްތަކާ އަޅުގަނޑާ ނުބައްސަވާ. އަޅުގަނޑު މިހާރު އޮންނާނީ އެ ވާހަކަ އަނާ ގާތުގައިވެސް ބުނެފައި. އަދި އަނާ ކަންތައްތ ކުރަމުންއެދާ ގޮތް މުޅިން ރަނގަޅު ނޫންކަމަށްވެސް އަޅުގަނޑު އޮންނަނީ އޭނާ ގާތުގައި ބުނެފައި. އަޅުގަނޑަށް ހީވާގޮތުގައި އެ ހިސާބުން އަޅުގަނޑުގެ ވާޖިބު އަދާވީ!"

"އޭގެ މާނަޔަކީ ކަލޭގެ އަންހެނުންނާ ކަލޭ އެއްބަހެއް ނުވަމޭދޯ!"

"އެއީ އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައިވާ މައްސަލައެއް ބައްޕާ! އަޅުގަނޑު މި ނަންގަތީ އެއީ އަޅުގަނޑުމެންގެ ދެމަފިރިން ދޭތެރޭ އޮތްކަމެކޭ"

 ޚާންއާޞިފް ފުން ނޭވާއެއްލާފައި ބުންޏެވެ.

 "އަހަރެން މިހާރު ބަލިވެއްޖެކަން އެހަރެން ޤަބޫލުކުރަން. އެހެންވީމާ އަހަރެންނަށްވެސް ބޭނުންތެރި ގޮތަކަށްވާނީ އަހަރެން އަމިއްލައަށް ވަކިވުން....ނަމަވެސް ކުޑަދުވަސްކޮޅެއް ވަންދެން އަދި އަހަރެން ކުންފުނީގެ ކަންތައްތަކާ ޙަވާވެގެން ހުއްޓަދީ! ކަލޭމެން ދެ މީހުންނަށް އެކަންތައްތަކާ ޙަވާލުވެވޭ ހިސާބަށް ދިޔުމުން އަހަރެން ގާތުގައި ބުނޭ! އޭރުން އަހަރެން ގެއަށްއައިސްފައި ކަލޭމެންނާ އެ ކަންތައްތައް ޙަވާލުކުރާނަން!"

"ޝުކުރިއްޔާ ބައްޕާ!"

އަނާ ތެދުވެއްޖެއެވެ.

އަދި ހަމަ އަނެއްދުވަހު އަނާ ކުންފުނީގެ ކަންތައްތަކާ ޙަވާލުވެއްޖެއެވެ.

އެންމެ ފުރަތަމަ ކަމަކަށް އޭނާ ކުރިކަމަކީ ކުންފުނީގެ އެކައުންޓް ސީޒްކޮށްލުމެވެ. ޚާންއާޞިފްގެ ޕާރސަނަލް އެކައުންޓާމެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ. އެ ހިސާބުން ފެށިގެން އަނާ ރެޔާއި ދުވާލު ކުންފުނީގެ ކަންތައްތައް ހިންގުމުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. އެ ކަންތައްތަކާމެދު ވިސްނުންވެސް ހިންގަން ފަށައިފިއެވެ.

ގޭގައި ޙިނާގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ ޒުބޭދާއާއި ޢާޝީއެވެ. ބިއްލާ ކޮންމެ ދުވަހަކު ވެސް އަނާއާއެކު ކުންފުންޏަށްދެއެވެ. އަނާއާ މާޖިދާ ބިއްލާ ދަނީ އެއްކާރުގައެވެ. ކުންފުންޏަށް ދަނީވެސް އަދި ކުންފުނީން އެނބުރި އަންނަނީވެސް ތިން މީހުން އެކުގައެވެ.

ރޭގަނޑާދުވާލު އަރާމެއްނެތި މަސައްކަތް ކުރަން ފެށުމުން އަނާގެ ޞިއްހަތަށް ނުރަނގަޅު އަސަރުތައް ކުރަން ފަށައިފިއެވެ.

އޮޅުކޮށްފައިވާ ކުއްތާއެއްހެން މާޖިދު އަނާގެ ކޮންމެ އަމުރަކަށް ކިޔަމަންވެގެން އަނާ ފަހަތުގައި އުޅެމުންދެއެވެ. މިހާރު އަނާ ހިސާބަކަށް މާޖިދާމެދު ދެރަވާންވެސް ފަށައިފިއެވެ.

ކޮންމެ ގޮތެއްގައިވެސް މާޖިދަކީ އޭނާގެ ފިރިމީހާވިއްޔާއެވެ. އެއްދުވަހަކު ވަރަށް ކުއްލި ގޮތަކަށް ޙިނާ ބަލިވެއްޖެއެވެ. އަވަސް އަވަހަށް ޑޮކްޓަރ ގެނެސްފިއެވެ. ޙިނާ ގައިން ހުން ނުފިލާހުންނަ ގޮތްވެއްޖެއެވެ. އަދި ދުވަހެއް ދުވަހަކަށް އޭނާގެ ޙާލު ދެރަވަމުން ދާން ފަށައިފިއެވެ. އޭނާއާމެދު އަނާ ވަރަށް ފިކުރު ބޮޑުވާން ޖެހިއްޖެއެވެ. ކީއްވެގެންތޯއެވެ. ވިދިވިދިގެން ހަތަރުދުވަސް ވަންދެން ބޭސްދިންއިރު ވެސް އެއްވެސް ބަދަލެއް ނާންނާތީއެވެ. އަނެއްކޮޅުން އަނާގެ ޞިއްޙަތުވެސް  އެއްދުވަހުން އަނެއްދުވަހަށް ދަނީ ނުރަނގަޅު ވަމުންނެވެ. ގައިގެ ވަރުދެރަވާ ގޮތްވެސް ވަމުންނެވެ. އެކަމާމެދު އޭނާ ހީކުރަމުންދަނީ މަސައްކަތް މާބޮޑުވެގެން ވަމުންދާ ކަމެއްކަމުގައެވެ. ރޭގަނޑާއި ދުވާލުގެ މަސައްކަތުގެ ސަބަބުން ވާކަމެއްކަމުގައެވެ.

"ކަލޭ އަމިއްލަ ޞިއްހަތާމެދު ނިކަން ސަމާލުކަން ދީބަލަ.... މޫނުބަލާ ލޯގަނޑަކުން ބަލާވެސް ނުލަނީތަ ކިހާބޮޑަކަށް ހިކިއްޖެތަ ލޯކައިރިވެސް އެހުންނަނީ ކަޅުވެފައި." އެއްދުވަހަކު މާޖިދު އަނާއާ ދިމާއަށް ބުންޏެވެ.

އަނާ ހީނލިއެވެ.

"އަހަރެން މިބުނީ ކީކޭ؟"

"އަހަރެންނަށް އަޑު އިވިއްޖެ! ފަރުވާކުޑަ ގޮތަކަށް އަނާ ބުންޏެވެ.

"އަނާ ނިކަން ވިސްނާލަބަލަ! އަހަރެން ކަލޭގެ ކަންތައްތަކަކާ ނުބެހެން. އަދި ނުވެސްބެހޭނަން އެކަމަކު ކަލެއަކީ އަހަރެންގެ ދަރިފުޅުގެ މަންމަކަމަށްވާތީ އަދި އަހަރެންގެ އަންހެނުން ކަމަށްވާތީ ކަލޭ ބަލިވާކަށް އަހަންނެއް ނޭދެން. އަހަރެންނަށް ކަލޭމެންގެ ދެމައިން ބޭނުން ޙިނާއަށް ބޭސްކުރަމުން ދިޔުމާއެކުވެސް ރަނގަޅުވާގޮތެއް ނުވޭ.... އަނެއްކޮޅުން ކަލެއާމެދު ކަލޭ އެއްވެސް ފަރުވާލެއް ނުބަހައްޓާ ކުންފުނިން ގެއަށް އައުމާއެކު ފައިލުތައް ހިފައިގެން އިށީންނަނީ.. ބަލަ! ހިސާބަކަށް އަރާމުކޮށްގެން ވެސް ތިކަން ތައްތައްކުރެވިދާނެ.... ހިނގާ އަހަރެންނާއެކު ޑޮކްޓަރަށް ދައްކަން."

މާޖިދު ބުންޏެވެ. އަނާވެސް ޤަބޫލުކުރާގޮތުގައި ޑޮކްޓަރަށް ދައްކައިގެން ޗެކްކޮށްލުމަކީ ރަނގަޅުކަމެކެވެ. ރެއާދުވާލުގެ ބުރަ މަސައްކަތުގެ ސަބަބުން އޭނާގެ ޞިއްޙަތަށް ނުބައި އަސަރުތަކެއް ކުރަމުންދާކަން މިހާރު އޭނާއަށްވެސް ދަނީ އިޙްސާސް ކުރެވެމުންނެވެ. އެހެންކަމުން އޭނާ މާޖިދާ ދިމާއަށް ބުންޏެވެ.

"އެންމެ ރަނގަޅު މާދަމާ ދާނީ. މިވަގުތު މިއުޅެނީ މާބޮޑަށް ވަރުބަލިވާތީ. ވީމާ މިހާރު ދެން ނިދާލާނީ.." އަނެއް ދުވަހު އޭނާ މާބޮޑަށް ބަލިވެއްޖެއެވެ.

ޙިނާވެސް މިއަދު މާ ބައްޔެވެ. މާމަޑު ހުމެއް ނުފިލާ ހުންނަނީއެވެ. މިހާރު އަނާއަށް ވެސް އެހުން ޖެހިއްޖެއެވެ.

އަނާ ކުންފުނީގެ އޮފީހުގައި މަސައްކަތް ކުރަން އިންދާ ކުއްލިއަކަށް ޘަނާއުﷲގެ މަތިން ހަނދާންވެއްޖެއެވެ. އަނާ ސިއްސައިގެންދާގޮތްވިއެވެ. ފަހަރެއްގައި މަސައްކަތް މާގިނަވުމުގެ ސަބަބުން އޭނާމަތިން ހަނދާން ވީކަންނޭނގެއެވެ.

އަވަސް އަވަހަށް ސިޓީއެއް ލިޔެލާފައި ޘަނާއަށް ޕޯސްޓްކޮށްފިއެވެ. އަނާ އެދިފައިވަނީ އާދެވުނުހާ އަވަހަކަށް ޘަނާ އެކުންފުންޏަށް އައިސްދިނުމަށެވެ. އަދި އަނާއާ މެދު ކަންތައްތައް ހިނގަމުންދާ ގޮތްވެސް ކުރުކުރުކޮށް ބަޔާންކޮށްލަ ދީފައިވެއެވެ. އެ ދުވަހު އޮފީސް ނިމިގެން ގެއަށްދިޔަ މަގުމަތީގައި ކާރު އެހެން މަގަކުން އަޅުވާލަމުން މާޖިދު ބުންޏެވެ.

"ޑޮކްޓަރެއް ކައިރިއަށް ދާންކަމަށް...އޭނާގެ ގެއިން ބައްދަލުކުރުމަށް އެޕޮއިންޓްމަންޓެއް އޮންނާނީ ހަމަޖައްސާފައި..." އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިނީ ކާރުގެ ކުރީ ސީޓުގައި މާޖިދުކައިރީގައެވެ. ފަހަތު ސީޓުގައި ބިއްލާ އިނެވެ. ކުޑައިރުކޮޅެއްގެ ފަހުން ޑޮކްޓަރު ގެއަށް ދެވިއްޖެއެވެ. އަނާއާއި މާޖިދު އެތެރެއަށް ވަދެގެން ދިޔުމުން ބިއްލާ ކާރުގައި އިނީއެވެ. މާޖިދު ޑޮކްޓަރާ ބައްދަލުކޮށް އަނާއަށް ވަމުންދާގޮތް ވަރަށް ތަފްޞީލްކޮށް ކިޔާދީފިއެވެ. ޑޮކްޓަރުވެސް އަނާ ބެލުމަށްފަހު ޕްރިސްކްރިޕްޝަން ލިޔެދީފިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.