އަނާ - 29

(19 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުޑައިރުކޮޅެއް ފަހުން އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ ނޯކަރު އަންހެންމީހާ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާއަކީ އަނާ މިގޭގައި އިންއިރު އުޅުނުމީހެއް ނޫނެވެ. އާމީހެކެވެ.

" ކަލާ މިގޭގައި އުޅުއްވާތާ ކިހާ ދުވަހެއްވެއްޖެތަ!" އަނާ އޭނާޔާ މުޙާތަބް

ކުރީ ވަރަށް މާތްގޮތެއްގައެވެ.

" ހަތަރުމަސް ށަހިބާ"

" މިގޭގައި އަޅުގަނޑުގެ ހައިސިއްޔަތު ކަލާއަށް އެނގިލައްވާތޯ؟"

" ލައްބަ ޢާޝީ އަޅުގަނޑަށް ކިޔާދެއްވައިފި"

" ރަނގަޅު. އަހަރެންގެ ދަރިފުޅު ޙީނާއާ ބެހޭގޮތުން ބައެއްކަންތައްތައް ކަލާޔާ ޙަވާލުކުރަންކަމަށް . ކަލާއެކަން ކަމާމެދު ވަރަށް ބޮޑަށް ފަރުވާތެރިކަން ބަހައްޓަވަންވާނެ. މިކަމުގައި އަޅުގަނޑަށް ކަލާގެ މައްޗަށް އިތުބާރު ކރެވިދާނެތޯ؟"

" ލައްބަ ސާހިބާ އަޅުގަނޑުގެ މައްޗަށް އިތުބާރު ކުރެއްވިދާނެ"

އަނާ ހިނިތުންވެލާފައި ބުންޏެވެ.

" ޙިނާއަށް ކާންދިނުމާބެހޭ ކަންތަކަމެދު ފަރުވާ ބަހައްޓަން ޖެހޭނެ. އޭނާއަށް ދޭކޮންމެ އެއްޗެއް ވެސް ހަމަގަޑިޖެހޭއިރަށް ދެވެންވާނެ. އަޅުގަނޑު ގޭގައި އުޅުނަސް އަދި ނޫޅުނަސް މިކަން ފަރުވާތެރި ކަމާއެކު ކޮށްދެއްވަންވާނެ. އަދި ވަކީން ޚާއްޞަކޮށް ޙިޔާލު ކުރައްވަންޖެހޭނެ އެހެންކަމެއް އެބައޮތް. އެއީ އެންމެ މިނިޓެއްހާއިރުވެސް ޙިނާ  ނުފެންނަ ހިސާބަށް ކަލާ ނުދުރުވުން، ގޭގެ އެއްވެސް މީހަކު ޙިނާ ނަގައިގެން ގެންދިޔަނުދިނުން. އެއީ ޚާންއާޞިފްކަމަސްވީނަމަވެސް ޙިނާ ގެންދިޔަދެއްވައިގެންނުވާނެ"

އަދި މީގެ އިތުރަށްވެސް ޙިނާއާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް އަނާ އެނޯކަރު އަންހެންމީހާއަށް ކިޔާދިނެވެ. އެއަށްފަހު ކިރުފޮދެއް ހޫނުކޮށްގެން ގެންނަން ބުނެފައި އޭނާ ފޮނުވާލައިފިއެވެ.ނޯކަރު އަންހެން މީހާ ދިޔައީމާ ޢާޝީ ބުނެލިއެވެ.

"ޙިނާއަށް މިގޭގައި ނުރައްކަލެއް އަތުވެދާނެތަ ބޭބެދައްތާ!"

އަނާ ވަރަށް ފަރުވާތެރިކަމާއެކު ޢާޝީ އާދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ.

" ޔަޤީންކޮށް އެއްވެސް އެއްޗެއް ނުބުނެވޭނެ. ނަމަވެސް މިގޭގައި އަހަރެމެން ރައްކައުތެރިވެގެން އުޅުން އެއީ ކޮންމެހެންވެސް ބޭނުންކަމެއް."

" ޙިނާ ކޮއްކޮ ރައްކާއުތެރިކޮށް ބެލެހެއްޓުމުގެ ޒިންމާއާއި އަޅުގަނޑު

ޙަވާލުވެދާނަން"

" މިހާރު ކޮލެޖަށް ދިޔުން ނޯންނަނީތަ؟"

" އަޅުގަނދު މިހާރު ބީ.އޭ. ނިންމައިފިން އަދި މިހާރު  ރޭވެމުންދަނީ މިއަންނަ މަހު އަޅުގަނޑުގެ ކައިވެނިވެސް ކުރަން. އެހެންވީމާ މިހާރު އެއްގޮތަކަށްވެސް ގެއިން ބޭރަކަށް ނުނިކުންނަން."

" ޢާޝީ އަހަރެން ކަލެއަށް އިތުބާރު ކުރާނަން...ބުނަން އަހަރެން މިގޭގައި މިހާރު އިންނައިރު ހިތަށް އަރަނީ ސާރިދޯޅާ މިނިކާވަގުތަކެއްގެ ތެރެއަށް ވެއްޓިފައި އޮންނަހެން، އެހެންވީމާ އަހަރެންނަށް އިތުބާރުކުރެވޭ ހަމައެކަނި ފަރާތަކީ ހަމަތިޔައީ ޢާޝީކޮއްކޯ! ކޮއްކޮގެ ލޮލުން އަހަރެންނަށް ލޯބީގެ ވިދުވަރު ފެނޭ.އޯގާތެރިލަމާ ހިތްހެޔޮކަމުގެ ނޫރުފެނޭ އަދި އަހަރެންނަނށް ދެރަކަމެއް ނުކުރާނެކަމުގެ ކުލަވަރުވެސް ފެނޭ...."

" ދައްތަ ތިޔަކުރެއްވި އިތުބާރަށް އަޅުގަނޑު ކަމޭހިތާނަން އަޅުގަނޑުގެ ފަރާތުން އެއްވެސް ދެރައެއް ދައްތައަކަށް ނުލިބޭނެ"

" އަހަރެންނަށ ޔަޤީން އަދި ކީއް. އަހަރެންގެ އީމާނަކީވެސް ޢާޝީ ކޮއްކޮ ތިޔަބުނާ ވާހަކަތަކަކީ ތެދުކަމުގެ ޤަބޫލުކުރަން" އެހެންބުނެފައި އަނާ ހީނލިއެވެ. އަދި ޙިނާ ދެކެން އަންނާށޭ ޢާޝީއާ ދިމާއަށް ބުނެލިއެވެ.

ޢާޝީ އަވަސްއަވަހަސް ކުރިއަށް ޖެހިލިއެވެ.

އަދި އަނާގެ އަތުގެ ތެރޭގައި އޮތް ޙިނާ އުރައިލައިފިއެވެ.

" ޙިނާ ކޮއްކޮ ހާދަ ލޯތްބޭ! ހާދަ ރީއްޗޭ ހާދަ ލޯތްބޭ..."

" ޢާޝީ ކޮއްކޮ ކައިރީގައި މަޑުކޮށްލާ އަހަރެން ހަމައެންމެ ފަސް މިނިޓެއްހާއިރުގެ ތެރޭގައި އެބަ އަންނަން. އެހެންބުނެލާފައި އަނާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ދިޔައީ ޚާންއާޞިފްގެ ކޮޓަރިއާދިމާއަށެވެ. އޭނާ އެދިޔަގޮތަށްގޮސް ކޮޓަރީގެ ދޮރުގައި ޓަކިވެސް ދިނުމަކާނުލާ ޚާންއާޞިދްގެ ކޮޓަރިއަސް ވަދެއްޖެއެވެ.

އޭނާ ކޮޓަރިއަށް ވަންތަން ފެނިފައި ޚާންއާޞިފް ސިހޭގޮތްވިއެވެ. ނަމަވެސް މިވަގުތުގެ ސީރިޔަސްކަން ހިތަށްވަދެފައި ރުޅިމޫނެއް ނުދައްކައި

އޯގާތެރިގޮތަކަށް ހިނިތުންވެލިއެވެ.

" އާދޭ..ދަރިފުޅާ!"

"އަޅުގަނޑަށް ފައިސާކޮޅެއް  ބޭނުންވޭ!"

" ކިހާވަރެއްތަ؟ އޭނާ ހީލިއެވެ.

" ފަންސާސްހާސް.."

" އެހައިގިނަފައިސާއިން ކުރަންވީ ކޮންކަމެއްތަ....އަނެއްކާ ދަރިފުޅުގެ ވަކީލުގެ ފަޤީރުކަން ނައްތާލަން ބޭނުންވީތަ!" އަނާ ބޯހޫރާލާފައި ބުންޏެވެ.

" ކުރިއަށް އޮތްތާނގައި ކަލާ ތިޔަކަހަލަ ގޯސް ވާހަކަ ދައްކައިގެން ނުވާނެ ކަލާއަށް އެނގިލައްވާފައި އޮތުމަށްޓަކައި ނަންގަންނަން.އަޅުގަނޑަކީ ކުޑަކުއްޖެއްގެ މަންމައެއް އަޅުގަނޑަށާއި އެދަރިފުޅަށް އެއްޗެތި ހޯދުމަށްޓަކައި ސައުވީސް ގަ|ޑިއިރުވެސް ފައިސާއަށް ބޭނުންވާނެ. އަދި  އެދަރުފުޅަކީ ޚާންމާޖިދުގެ ދަރިފުޅެއް އާދައިގެ މީހެއްގެ ދަރިއެއްނޫން..."

" ބޭނުންވަނީ ނަގުދު ފައިސާއިންތަ؟"

ނުވަތަ ބޭންކުގައި ޖަމާކުރަންތަ!"

" ނަގުދު ފައިސާއިން"

މިހެން ބުނުމާއެކު އަނާ ބާރުބާރަށް ހިނގާލާފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ އަޖައިބުވާފަދަ އަސަރުތަކެކެވެ. ނަފްރަތާއި ރުޅިވެރިކަމުގެ އަސަރުތަކެކެވެ.

ނަމަވެސް އޭނާގެ އަމިއްލަ ކޮޓަރިއަށް ވަންއިރު އަނާވަނީ މުޅީން އާދައިގެ ގޮތަކަށް ބަދަލުވެފައެވެ.

އޭރު ޢާޝީ ޙިނާ އުނގުގައި ބާއްވައިގެން އިނެވެ. އަދި ނޯކަރުމީހާ ކިރުފޮފު ހިފައިގެން އައިސް ހުއްޓެވެ. އަނާ އެކިރުފޮދު ބުއްދޭ ފުޅިއަށް އަޅާފައި ޢާޝީއަތަށް ދިއްކޮށްލަމުން ބުންޏެވެ.

" ކޮއްކޮއަށް ބޯންދީ ...މިހާރު އޭނާއަށް ކޮންމެވެސް އެއްޗެއް ދޭންވެއްޖެ."

" ކޮއްކޮއަށް ކިޔުއްވާފައި މިވަނީ ވަރަށް ރީތިނަމެއް ޙިނާ ހަޤީޤަތުގައިވެސް އެއީ ވަރަށް ރީތި ނަމެއް"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.