އަނާ - 20

(10 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން ފެންބޮވައި ގެންފައިވާ އުފާ މިއަދު އަހަރެންނަށް ޙާޞިލްވެއްޖެ. އެއުފަލަކީ ކުރީގެ މުވައްކިލަށް ގެނެސް ނުދެވުނު އުފާ..."

"އެއީ ކޮންއުފަލެއްތޯ؟...ސަރ"

"ކާފަ ދަރިފުޅެއް " ޚާން އާޞިފް ހިނިތުންވެލިއެވެ.

"އަޅުގަނޑަކަށް ނުވިސްނުނު. ސަރ ޘަނާ ޙައިރާންވާގޮތް ދައްކާލިއެވެ.

ޚާންއާޞިފް ބޮޑަށް ހީނލާފައި ބުންޏެވެ.

"މިއަދުން ފެށިގެން އަހަރެން ކަލޭގެ މުސާރައަށް ފަސްހާސް ރުފިޔާ މި އިތުރުކޮށްދެނީ"

"ޝުކުރިއްޔާ. ސަރ ކަލާގެ ތިޔަ އޯގާތެރިކަމާ ދީލަތިކަމަށް އަޅުގަނޑު އަބަދުވެސް އުއްމީދު ކުރަން. އެއްފަހަރާ ފަސްހާސް ރުފިޔާ މުސާރައަށް އިތުރުކޮށްދެއްވާ ވަރުގެ އުފަލެއް ކަލާއަށް ތިޔަ ލިބިލެއްވީ އަނެއްކާ އެއީ ކޮންކަހަލަ އުފަލެއްތޯ؟"

"އަހަރެން ބުނެފީމެއްނު ޤުދްރަތު އަހަރެމެންނަށް އޯގާތެރި ކަމުގެ ލޮލުން ބަލާލީ. ޚާން މާޖިދަށް ފިރިހެން ކުއްޖަކު ލިބުނީ. އަހަރެންނަށް ކާފަ ދަރިއެއް ލިބުނީ ފިރިހެން ކުއްޖެއް"

"އެކަމަކު... އެކަމަކު ޑޮކްޓަރުގެ ރިޕޯރޓްގައި ވާގޮތް ...؟" ޘަނާ ޙައިރާންވާގޮތް ދައްކާލާފައި ޖުމުލައިގެ ދެބައި ކުޅަ އެއްބައި ބުނެފައި އަނެއްބައި ނުބުނެ ދޫކޮށްލިއެވެ.

"ޚާން އާޞިފް އަނެއްކާވެސް ތަންކޮޅެއް ބޮޑަށް ހީނލިއެވެ. ހީވަނީ ޘަނާއަށް ނުވިސްނޭކަމުގެ މައްޗަށް ހީނލި ހީނލުމެއް ހެންނެވެ. އިރުކޮޅެއް ވަންދެން ހީނލުމަށްފަހު ޘަނާއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ބުންޏެވެ.

"ކަލެއަކީ ވަކީލެއް... އަހަރެންގެ ޤާނޫނީ މުޝީރު ކަލޭ ނާކާމިޔާބާ ކުރިމަތިލާޖެހުނީ ކޮންފަދަ ކަންތައްތަކަކުންކަން އަދި ކޮންކަހަލަ ގޮތްތަކަކުންކަން އަދިވެސް ކަލެއަށް ނޭނގޭތަ؟"

"އޯ" ޘަނާ ފުންނޭވާއެއްލިއެވެ.

ޚާންއާޞިފް މޫނުމައްޗަށް މަލާމާތް ކުރުމުގެ ގޮތް ގެނެސްފައި އަނެއްކާވެސް ބުންޏެވެ.

 "އެނގުނީ ވަރަށް ލަހުން ޘަނާ!"

"އޭރުވެސް އެނގެންވާނެ. ކަލޭ ދަޢުވާ ކުރަމުން ދިޔައީ ޚާންއާޞިފަކަން އޭރުވެސް އެގެންވާނެ. ޚާންއާޞިފަކީ އިންސާނުން ގަނެ އެމީހުން މެރުން އާދައަކަށް ވެފައިވާ ޚާން އާޞިފްކަން އޭރުވެސް އެނގެންވާނެ"

"އާދެ! ސަރ. ފައިސާއަކީ ވަރަށް ބާރުގަދަ އެއްޗެއް. އެހެންވީމާ މިހާރު އަޅުގަނޑު ގެއަށް ދިއުމުގެ އަމުރު ދެއްވުން އެދެން. އަޅުގަނޑުގެ ބައްޕައަކީ ވަރަށް މުސްކުޅި މީހެއް ވީމާ އަޅުގަނޑު ގަސްދުކުރަނީ އެއްހަފްތާ ވަންދެން ބައްޕަކައިރީގައި މަޑުކޮށްލަން"

"އާނ...އަވަހަށް ދޭ. އަދި މި ޗެކްވެސް ގެންދޭ. މިއީ ކަލާގެ ވަފާތެރިކަމުގެ އިނާމު. ކަލޭ މިހާރު އަހަރެންގެ ނޯކިރީގައި އުޅޭތާ އެއްއަހަރުވެއްޖެ. އަހަރެން އަބަދުވެސް އަހަރެންނަށް ވަފާތެރިވާ މީހުންނަށް ހެޔޮކޮށް ހިތަން."

"ޝުކުރިއްޔާ ސަރ" ޘަނާއުﷲ ހިނިތުންވެލާފައި އެ ޗެކް ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ.

ޚާޏންއާޞިފް އަމިއްލައަށް ވަރަށް ބާރަށް ބުނެލިއެވެ.

"މޮޔަ އިންސާނާ ...ޤާނޫނީ މައްސަލަތަކުގައި ކިތަންމެ ކުޅަދާނަވެފައި ހުޝިޔާރު ނަމަވެސް އެހެން ކަންތައްތަކުގައި ހަމައެހާ ނުވިސްނޭ އަދި ތާކުންތާކު ނުޖެހޭ!"

ނަމަވެސް އޭގެ އަނެއްދުވަހު ޚާން އާޞިފަށް ޘަނާއުﷲ ސިޓީއެއް ލިބުމުން އޭނާއަށް އިޙްސާސް ކުރެވުނީ މުޅިން އެހެން އެއްޗެކެވެ. ހީވީ އޭނާގެ މެއަށް ކޮންމެވެސް މީހަކު ބަޑިޖެހީހެންނެވެ.

"މައިޑިއަރ ޚާން އާޞިފް"

ކަލާއަށް ކާފަ ދަރިކަލަކު ލިބިލެއްވީތީ މުބާރަކް ދަންނަވަމެވެ. އަޅުގަނޑުވެސް އައީ އެދުވަހަށް އިންތިޒާރު ކުރަމުންނެވެ. އަދި އަޅުގަނޑަށް ވަނީ ވަރަށް ބޮޑުކަމެއް ނިންމަން ޖެހިފައެވެ. އެކަންތައް ނިންމައިފީމެވެ. ކަލާގެ ބޭރުގައި ހުރިހާ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ އިންކަމްޓެކްސް ނުދައްކައި ސަލާމަތްވުމަށްޓަކައި އަޅުގަނޑު ލައްވާ ތައްޔާރުކުރުވި ހުރިހާ ލިޔުންތައް ހިފައިގެންނެވެ. އަޅުގަނޑަކީ ކަލާ ކަހަލަ އިންސާނެއްގެ ވަޒީފާ އަދާ ކުރާވަރުގެ މޮޔައެއްނޫނެވެ. މިހާރު ދެން ކަލާ ޖަލަށް ވެންނެވުމަށް ތައްޔާރުވެލައްވާށެވެ....ކަލާގެ ނައު މިހާރުވަނީ ކަނޑަށް ޣަރަގުވެފައެވެ. އަޅުގަނޑު ފުރިހަމަ އެއްއަހަރު ވޭތިކުރީ ވިނަކާކަށްނޫނެވެ. ކަންތައް އޮތްގޮތް ރަނގަޅަށް އެނގިލައްވައިގެން އަލުން "ވިޔަފާރި ކުރެއްވުމަށް" ދުރުވާނެ ކަމުގެ އުއްމީދުގައި ހުރީމެވެ."

ކަލާގެ ޤާނޫނީ މުޝީރު

ޘަނާ

" ކަލެއަށް ލަޢުނަތް ލައްވާނެ. އަތުކުރި ތެރޭގައި އޮތް ހަރުފަގަނޑު" ޚާންއާޞިފް ވަރަށް ބޮޑަށް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. ނަމަވެސް ހަމަ އެ ހިނދުކޮޅުގެ ތެރޭގައި އޭނާ ދެރަވެލާފައި ގޮނޑީގެ އަތްގަނޑުގައި ލެނގިލިއެވެ. އޭނާގެ ކުރިމަތީގައި ވަނީ އަނދިރި ކަމެވެ.

ޙަޤީޤަތުގައި އޭނާވަނީ ގެބިފައެވެ. ޘަނާއުﷲ ބުނެފައިވާ ލިޔުންތައް ސަރުކާރަށް ހުށަހަޅައިފިނަމަ އޭނާ ސަލާމަތް ވާނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އިންކަމްޓެކްސްއާ ބެހޭ ހުރިހާ ލިޔުމެއްވާނީ އޭނާ އަތުގައެވެ. ކޮންމެއަހަރަކު އިންކަމްޓެކްސްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ސަރުކާރަށް ދައްކަން ޖެހުނެވެ. ނަމަވެސް އެފައިސާތައް ނުދައްކައި އެ ފައިސާއިން ތަފާތު ނަންނަމުގައި ބޭރުޤަވްމުތަކުގައި ކުންފުނި ހަދައިގެން ހިންގަމުން ގެންދިޔައީއެވެ. ނަމަވެސް  މިހާރު ޘަނާއުﷲ އަތުގައި އެ ހުރި ލިޔުންތަކުން ބޭރު ޤަވްމުތަކުގައި އެ ހުރި ކުންފުނިތަކަކީ ހަމަ ޚާން އާޞިފްގެ އަމިއްލަ ތަންތަންކަން ރަނގަޅަށް އެނގޭނެއެވެ. އަދި ކުންފުނި ތަކުގައި އޭނާގެ އެއްވެސް ޕާރޓްނަރެއްވެސް ނުހިމެނޭކަން އެނގޭނެއެވެ. ސަރުކާރަށް އެކަން އެނގިއްޖެނަމަ އޭނާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. ސަރުކާރަށް ކެހިދީފައި ކަޅުފައިސާ ގެންގުޅޭ މީހުންނަކަށް ސަރުކާރުން މާފެއް ނުދޭނެއެވެ.

ޚާން އާޞިފްގެ ނިތްކުރިން ދާހިއްލައިފިއެވެ. ހަމައެކަނި ނިތްކުރިންނެއް ނޫނެވެ. އޭނާ މުޅި ހަށިގަނޑުވެސް ދާހިއްލައިފިއެވެ.
"ބަކަމޫނުގެ ދަރި" ކަލޭ އަހަރެންގެ ހުރިހާ ކަމެއް  ހަލާލުކޮށްފީމު. ކަލެއަކީ ހަމަރަނގަޅަށް އަތުކުރީ ތެރޭގައި އޮތް ހަރުފައެއް... ނުލަފާ މީހާގަނޑު. އަހަރެން ކަލެއަކަށް މާފެއް ނުކުރާނަން" ޚާންއާޞީފް ދަތްކުނޑި ވިކަވިކާފައި އެއްޗެތި ގޮވަމުންދިޔައެވެ.

ނަމަވެސް ހަމަކުޑައިރުކޮޅެއްގެތެރޭގައި އަނެއްކާވެސް ހިމޭންވެއެވެ. އޭނާގެ ޙިއްސުތައް މަސައްކަތް ކުރަން ފެށުމާއެކު އޭނާއަށް އިޙްސާސް ވަމުންދަނީ މިހާރު އޭނާ މިވަނީ މަރުގެ ތުންފަތްމަތީގައެވެ. އޭނާއަށް ވަގުތު އޮތްގޮތަކީ ވީހާ އަވައަހަށް ޘަނާއާ ބައްދަލުވުންކަމެވެ. އޭނާ އެދުނު ކޮންމެއެއްޗެއް ދީގެން ނަމަވެސް އޭނާގެ އަނގަ ބަންދުކުރުންކަމެވެ.

އަނެއްކޮޅުން ޘަނާއުﷲ ހުރީ އެ ވަގުތު އަނާގެ ގޭގެ ދޮރުމަތީގައެވެ. ގޭގެ ދޮރު ހުޅުވާލައިގެން ހުރީ އާންޓީ ޒައިތޫނެވެ.

"ކޮއިފުޅާ ކަލޭތަ؟" ޒައިތޫން ޙައިރާންވާގޮތްވިއެވެ.

"އަޅުގަނޑު އަނާޖީއާ ބައްދަލުވާން ބޭނުން. ވަރަށް މުހިއްމު ކަމެއްގައި. ކަލާ އަމުރު ދެއްވައިފިނަމަ ގޭތެރެއަށް ވަންނަންތޯ؟"

"އާދޭ އާދޭ! ކޮއފުޅާ މީހަމަ ކަލޭގެ ގެއޭ!" އާންޓީ ޒައިތޫން ބުނަމުން ދިޔައެވެ. އަނާއަށް ހަނދެއްފަދަ ލޯބިލޯބި އަންހެން ކުއްޖެއް ލިބިއްޖެއެވެ.

"ހަމަތެދެއްތަ؟" ޘަނާ އުފާވެލާފައި ބުންޏެވެ.

" މާޝާ ﷲ މިހާރު ވިހި ދުވަސް މިވަނީ. ހީވަނީ ހަމަ މަންމަހެން. ވަރަށް ރީތި." އާންޓީ ޒައިތޫން ބުންޏެވެ.

ޘަނާގެ ހިތުގެ ތެރޭގައި އުފާވެރިކަމުގެ ޝުއޫރުތައް އުފެދިގެން ދިޔައެވެ. އޭނާ ގޭތެރެއަށްވަނީ އެ އުފާތަކުގެ އިޙްސާސާ އެކުގައެވެ.

"ދަރިފުޅާ އަނާ ބަލާލަބަލަ. ކާކުތަ އައިސް މިހިރީ." އާންޓީ ޒައިތޫން ސިއްސާލާފަދަ ގޮތަކަށް އަނާއަށް ގޮވާލިއެވެ. އަދި އެވަގުތު އަނާވެސް ސިއްސައިގެން ގޮސްފައި އެނބުރި ދޮރާދިމާއށް ބަލާލިއެވެ. އެއާއެކު ކުއްލިއަކަށް މުޅީން ހިމޭން ވެއްޖެއެވެ.

"އިށީނދޭ! ކޮއިފުޅާ އަހަރެން ކަލެއަށް ސައިތަށްޓެއް ހަދައިގެންއަންނާނަން." އާންޓީ ޒައިތޫން އެހެންބުނެފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"ދަރިފުޅު ލިބުމުގެ އުފަލުގައި ބައިވެރިވަމުން މުބާރަކްބާދު އަދާ ކުރަން" ޘަނާ ވަރަށް ޖެހިލުންވެހުރެ ބުނެލިއެވެ. "ބުނުއްވަން ބޭނުންވަނީ ކޮންވާހަކެއްތޯ؟" އަނާ އޭނާއާ ދިމާއަށް ބަލަން ހުރެ ބުންޏެވެ.

"ކަލާ އަޅުގަނޑު އިށީންނަންވެސް ނުބުނުއްވާނަންތޯ؟ އަނާޖީ؟" ޘަނާ ހިނިތުންވެލެވޭތޯ މަސައްކަތް ކުރިއެވެ.
"ކަލާ ތިޔަ ދުރުވީ އަޅުގަނޑުގެ ބަދުނަޞީބަށް ޓަކައި މުބާރަކް ބާދު އަދާކުރައްވަންތޯ؟" އަޅުގަނޑު މިހާރު  އޮންނާނީ ދެން އިތުރަށް ބައްދަލުވެ އުޅެން ނުޖެހޭނެކަމަށް ނަންގެންފައި؟"

"އަޅުގަނޑަށް އެކަން އެނގޭ އަނާޖީ. ނަމަވެސް އަޅުގަނޑަކީ އަދިވެސް ކަލާގެ ވަކީލު. ވޭތުވެދިޔަ ފުރިހަމަ އެއްއަހަރު އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ. ރެޔާދުވާލު ވަނީ އަޅުގަނޑުމެންގެ އަތަށް އައިސްފައި"

"ނަމަވެސް މިހާރު އަޅުގަނޑު އަލުން އެ ކޭސް ކުރިއަށް ގެންދާކަށް ބޭނުމެއްނޫން ...އަދި"

"ޕްލީޒް އަނާޖީ!  ފުރަތަމަ އަޅުގަނޑުގެ ހުރިހާ ވާހަކަތަކެއް  އައްސަވާ ބައްލަވާ. އަޅުގަނޑަށް ލިބިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް."

" ބުނުއްވަން ބޭނުމީ ކީކޭތޯ؟" އަނާ ވަހަކައަށް ހިސާބަކަށް ފިނިކަން އަތުވެއްޖެއެވެ. ޚާން އާޞިފް ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި ކަލާއާ ބައްދަލު ކުރަން އަތުވެދާނެ. ފުރަތަމަ އަޅުގަނޑުމެން އެދެމެންދިޔައީ ހަމައެކަނި ތިރީސްލައްކަ ރުފިޔާއަށް. ނަމަވެސް މިހާރު އެދެންވާނީ އެއްކުރޯޑު ރުފިޔާއަށް. މިހާރު އޭނާއަށް ކާފަދަރިފުޅަކުވެސް ވަނީ ލިބިފައި. ވީމާ އެއްކުރޯޑަށް ވުރެ އެންމެ ރުފިޔާއެއްވެސް މަދުކޮށްގެން ނުވާނެ."

"ކަލާ އަނެއްކާ ތިޔަދުރުވީ މަސްތުވާއެއްޗެއް ބައްލަވައިގެންތޯ؟" އަނާ ފޫހިގޮތެއް ދައްކާލާފައި ބުންޏެވެ.

"ޘަނާއުﷲ ހީނލިއެވެ.

"އަޅުގަނޑު އަނެއްކާވެސް ކޭހާއިގެން ކުރިއަށްދަނީ އަދި މިފަހަރު އަޅުގަނޑު އެދޭނީ ފުރިހަމަ އެއް ކުރޯޑު ރުފިޔާއަށް. އެއަށްވުރެ ކުޑަކޮށް މިފަހަރު ދުލެއްނުކުރާނަން....މިކަންކަލާގެ ވިސްނުމުގައި ބާއްވަވާ. އަޅުގަނޑު ބުނަންއައި ވާހަކައަކީ މީ...އަޅުގަނޑު ބުނަން އޮތްހާ ވެސް އެއްޗަކީ ހަމަ މީ......"

އެހެންބުނެފައި ޘަނާއުﷲ އެނބުރިލައިފިއެވެ.

"އިށީންނަވާ..އިށީންނަވާ ޘަނާ."

"ކަލާގެ މި އެއްޗަކަށް ނުވާ ވަކީލު އަދި ކަލާގެ ފިރިކަލުންގެ ބައްޕައަށް އެންމެ ދިހަހާސް ރުފިޔާއަށް ވިކިފައިވާ ވަކީލު، މިއަދު މިވަނީ ކަލާ ދެއްވި ފީގެ ޙައްޤު އަދާކުރެވޭހާ ޤާބިލް މީހަކަށްވެފައި." ޘަނާއުﷲ ބުނަމުންދިޔައެވެ.

"އަޅުގަނޑު އެމީހުންގެ ވަޒީފާއެއް އަދާކުރީ ކީއްވެގެންތޯ؟ އަނާޖީ؟ އަޅުގަނޑު މިދިޔަ އެއްއަހަރު ދުވަހު ކުރީ ކީއްކަން ދެން ލަހެއްނުވެ ކަލާއަށް އިޙްސާސްކުރެވިދާނެ...ވީމާ މިހާރު ދެން އަޅުގަނޑު ދިއުމުގެ އަމުރުދެއްވާ. އަޅުގަނޑު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާންޖެހިފައިވޭ. އެކަމަށްޓަކައި އޮތީ ދާދި ކުޑަވަގުތުކޮޅެއް"

"އިށީންނަވާ...ޘަނާ....އިށީންނަވާ" އަނާގެ އަޑުތުރުތުރު އަޅާގޮތްވެއްޖެއެވެ. އެހެންވުމުން ޘަނާ ކައިރިއަށް ހިނިއަންނަގޮތްވިއެވެ. ނަމަވެސް އެންމެ ފަހުން ރީތީގެ ކުރިމަތީގައި ހިތްވަރު އިސްޖަހާލަން ޖެހިއްޖެއެވެ.

ޘަނާ އިށީނދެއްޖެއެވެ.

"ސާފުސާފުކޮށް ވާހަކަ ދައްކަވާ ބައްލަވާ،ޘަނާ! ތިޔަދުރުވީ ކީއްކުރައްވާފައިތޯ؟ އަނާ އޭނާގެ ލޮލުގެ ތެރެއަށް ބަލަން ހުރެގެން ސުވާލުކޮށްލިއެވެ.

"އަޅުގަނޑު ކަލާގެ ފިރިކަލުގެ ބައްޕަ ބްލެކްމެއިލްކުރީ"

"ކޮންކަހަލަ ކަމެއް މެދުވެރިކުރައްވައިގެން؟" އަނާ އަހާލިއެވެ.

"އިންކަމްޓެކްސްއަށް ދައްކަވަންޖެހޭ ފައިސާ ތަކަކާބެހޭގޮތުން. އެކަން ފޮރުވުމަށް ޓަކައި އަޅުގަނޑުލައްވާ ތައްޔާރުކުރުވާފައި ވާލިޔުންތައް މެދުވެރިކޮށްގެން އަދި ބޭރުގައި ހުރި ޚާންއާޞިފްގެ އަމިއްލަ ކުންފުނިތަކާ ބެހޭގޮތުން އެ ތަންތަނަށް އަޅުގަނޑު ގޮސް އެ ތަންތަނާ ބެހޭ ލިޔުންތައް ވެސް ވަނީ ހޯދާފައި. އަޅުގަނޑު ކެނެޑާއަށާއި ބެލްޖިއަމްއަށް އަދި އެމެރިކާއަށް ކުރި ދަތުރަކުން އެނބުރިއައި ހަމަ މިއަދު...ޚާންއާޞިފް ސަރުކާރަށް ދައްކަމުންދަނީ އެ ކުންފުނުތަކުގައި އޭނާ ބައިވެރިވަނީ ހަމައެކަނި ދިހަޕަރސެންޓް"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.