ތީ ފުރާނައިގެ ދިރުމޭ މަގޭ... - 5

(10 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަސްވަނަ ބައި

އަރުޝަދުގެ ވިސްނުން ބަދަލު އެވީ ޒިވިޔާ ފެނުނު ހިސާބުންކަން ޒިވިޔާގެ ވިސްނުމަށް ނަގައިގަނެވުނެވެ. އެހެންކަމުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނީ އަރުޝަދަށް އަނިޔާއެއް ދެވޭ ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެކަމަކު ވެސް އަތުގައި ހިފީތީ މަޢާފު ކޮށްފީމޭ ބުނާކަށް ޒިވިޔާ ބޭނުމެއް ނޫނެވެ. ދުވަސްކޮޅަކުން އަރުޝަދު ހަމައަކަށް އެޅިދާނެއޭ ޒިވިޔާ ހިތަށް އެރިއެވެ.

ލޯންޗަށް އަރާ ހަމަޖެހިލުމަށްފަހު ފޯނު ނަގާ ވައިބަރއިން އަރުޝަދަށް މެސެޖެއް ލިޔެލިއެވެ. އެއަށްފަހު މެސެޖަށް ބަލަން އިނުމަށްފަހު މެސެޖް ފޮހެލީއެވެ. ފޮނުވާކަށް ނުކެރުނެވެ. އަރުޝަދު އެހާ ވަރުން އަންނަ ހިތުން ހުރެފައި ޒިވިޔާއާ ހެދި ނައީކަން އެނގުނީމަ އޭނާ ހުރި ނުތަނަވަސް ވެފައެވެ. އަރުޝަދު އައިނަމަ ކިހާރަނގަޅުވީސްހޭ ހިތަށް އެރި އަދަދެއް ވެސް ނޭނގެއެވެ.

އެ ހަފުތާގެ ހުކުރަކީ ކައިރީގައި އޮތް ފަޅުރަށަށް ހޮސްޕިޓަލުގެ މީހުން ޕިކުނިކު ދާން ނިންމާފަ އޮތް ދުވަހެވެ. ލިސްޓްގައި ނަން ލިޔުނު އެންމެން ވެސް އެކަށޭނަ އުޒުރަކާ ލައިގެން ނޫނީ ނުގޮސް ނުތިބެން އަސްލަމު ވަނީ އެދިފައެވެ. އެއީ ކުރިން ވެސް އެކަން އޮންނަ އުސޫލެވެ. ނަން ލިޔުނު މީހުންގެ ތެރޭގައި ހޮސްޕިޓަލުގައި މިވަގުތު ތިބި ތިން ޑޮކުޓަރުންގެ ތެރެއިން ދެ ޑޮކުޓަރުން ނަން ލިޔުއްވިއެވެ. އޭގެ ތެރޭގައި ޑޮކުޓަރ އަރުޝަދު ވެސް ހިމެނެއެވެ.

ޕިކުނިކު ދާނީ މުއައްޒަފުންނާ އެމީހުންގެ އާއިލާގައި ހިމެނޭ މީހުންނެވެ. އެއީ އެކަން އަބަދުވެސް އޮންނަ ގޮތެވެ.

ފުރުން އޮތީ ހެނދުނު ހަތަކުން ނައްޓާލާ ގޮތަށެވެ. އެއީ ހެނދުނުސައި ބޯން ދަތިނުވާ ގޮތަށެވެ. ހުރިހާ އެއްޗެއް ވެސް ކައްކާނީ އެތަނަށް ގޮހެވެ. ގޭސް އުނދުންފަދަ އެއްޗެހި ދާއިރު ދާނީ ހިފައިގެންނެވެ. އެއީ މިހެންދާ ދަތުރުތަކުގައި ކަންކުރާ ގޮތެވެ. އެންމެން ހަމަވެގެން ފުރޭވަރުވީ ކަނޑައެޅި ގަޑިއަށްވުރެން ތަންކޮޅެއް ލަހުންނެވެ.

ހެނދުނު ސަޔަށް ފަހު މުއީޒާ އާއި ޒިވިޔާ އިށީނދެ ތިބީ މުއީޒާގެ ހަނގަށް ތިބޭ ތަންކޮޅެއް ކުޑަ ދެބެންނާ އިތުރު ދެތިން ކުދިން ކުޅެން މޫދުގައި ތިބުމުން އެ ކުދިންނަށް ފާރަވެރިވެގެން ތަންކޮޅެއް އެއްގަމުގައެވެ. ހޭޅިފަށުގައި ހުރި ހިޔާ ބޮޑު ނިކަގަހެއްގެ ހިޔަލުގައެވެ. ދެކުދިންގެ ތެރެއިން މުއީޒާ ދައްކަމުން ދިޔައީ ހޮސްޕިޓަލުގައި އުޅޭ ބައެއް އަންހެން ކުދިން ޑޮކުޓަރ އަރުޝަދާ ހެދި މޮޔަވެގެން އުޅޭ ވާހަކައެވެ. ޚާއްސަކޮށް ނަރުހަކަށް އުޅޭ ޖީހާން މާވަރެއް ވެފައި ހުންނަ ވާހަކައެވެ. މުއީޒާގެ ވާހަކަ ހުންނަ ގޮތުން ޒިވިޔާ ގާތަށް ހިނި އާދެއެވެ. އަނެއްބައި ފަހަރު އެއްޗެއް ނުބުނަން އިނަސް އާން ހޫން ކިޔަން މަޖުބޫރު ކުރުވައެވެ.

"އަޅެ ޒިވީ!  ޒިވީ އުޅެބަލަ މިކަމާ! އަހަންނަކަށް ހިއެއްނުވޭ ޑޮކުޓަރ އަރުޝަދު އެއިން މީހަކާ ލައިކް ވާހެންނެއް''  މުއީޒާ މި ބުނި އެއްޗަކުން ޒިވިޔާގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ހަށިގަނޑުގައި ފިނި ރާޅެއް ދަތުރުކޮށްލި ކަމުގެ އިޙުސާސެއް އުފެދުނެވެ.

''މަ ބަހައްޓާފައި މުއީ އުޅެންވީނު ތިކަމާ! މަގޭ ޝައުގެއް ނެތް!'' ޒިވިޔާ ދިނީ ހަމަ މުއީޒާ ހީކުރި ފަދަ ޖަވާބެކެވެ.

''ޒިވީއަށް އެނގޭނެ ތިހެން ބުނާއިރު ވެސް ސުހައިލް ދެކެ މަ ކިހާ ލޯތްބެއްވާކަން!''

މިހެން ބުނަމުން މުއީޒާ ޒިވިޔާގެ އަތުގެ އިނގިލި ތަކަށް ފިތާލީ ތިއީ އެއްވެސް ކަމެއް ކުރަން ކެރޭވަރަށްވުރެ ފިނޑި ކުއްޖެކޭ ވެސް ބުނެ އިތުރުކޮށްލަމުންނެވެ.

އެވަގުތު ދުރުން ހިނގާލާފައި އަރުޝަދާ މަސައްކަތު ހަލީމަތުގެ ފިރުޝާންއާ ދެމީހުން އަންނަތަން މުއީޒާއަށް ފެނިއްޖެއެވެ. ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށްފަހު މުއީޒާ، ޒިވިޔާއަށް ފިރުޝާން ދައްކައިލިއެވެ. ޒިވިޔާ ވެސް މުއީޒާ އިޝާރާތް ކުރި ދިމާއަށް ބަލައިލުމަށްފަހު މޫދާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އަރުޝަދު ހުރުމުން ގިނައިރު ބަލަހައްޓައިގެންހުންނަން ނުކެރިގެންނެވެ.

''ޒިވީ، ފިރުޝާން ރީއްޗެއް ނޫންތަ ! .............އެ ސޮރަކަށް ވެސް ޝައުޤެއް ނެތް؟''

ޒިވިޔާ ދޭނެ ޖަވާބު އެނގޭތީ މުއީޒާ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލީ ޒިވިޔާގެ ޙަރަކާތަށް ބަލަން އިނދެގެންނެވެ.

''ބަލާލާ އެސޮރުގެ އެހެރަ ރީތި ހެއަރ ސްޓައިލެއް ވެސް!''

މުއީޒާ ބުނި އެއްޗަކުން އަދި ބުނި ރާގަކުން ޒިވިޔާއަށް ހީނ ގަނެވުނީ އިޚުތިޔާރަކާ ނުލައެވެ. މުއީޒާ އެ އިޝާރާތް ކުރީ ފިރުޝާންގެ ދިގުކޮށްފައިވާ ބޮލުގެ އިސްތަށިގަނޑަށެވެ.  ވޫލް ކޮޅަކުން އައްސާލުމަށްފަހު ފަހަތަށް ދޫކޮށްލާފައިވާ ޒަމާނީ ހެއަރސްޓައިލް ފިރުޝާންގެ ރީތި ހިތްގައިމު އިސްކޮޅާ ވެސް ވަރަށް ގުޅެއެވެ.

އޭރު އަރުޝަދުމެން އައިސް އެ ހިސާބާ އަރާ ހަމަ ކުރަނީއެވެ. ދެ އަންހެންކުދިން ހޭއަޑަށް އަރުޝަދާ ފިރުޝާން އެ ދިމާއަށް އެނބުރި ބަލައިލިއެވެ. އެ ވަގުތު އަރުޝަދުގެ ލޮލާ ޒިވިޔާގެ ލޯ ބައްދަލުވެ ސިކުންތު ކޮޅަކަށް އެ ވަގުތުކޮޅު ދެމިގެން ދިޔައެވެ. އަރުޝަދުގެ ލޮލުގައި ހުރި ތޫނުފިލިކަމަކުން ޒިވިޔާއަށް އިސްޖަހައިލެވުނެވެ. ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް އުފެދިގެން ދިޔަކަން ޒިވިޔާއަށް އިހުސާސްކުރެވުނެވެ.

''ހިނގާ އަޅުގަނޑުމެން ވެސް އެތާ ހިޔަލުގައި އިށީންނަމާ!" ވާހަކަ ދެއްކީ ފިރުޝާންއެވެ. ޒިވިޔާމެންނާ ދިމާއަށް އިޝާރާތް ކުރަމުންނެވެ. ކިތަންމެ ދާން ބޭނުންވެފައި ހުއްޓަސް އިސްވެ އެކަމަށް ފިޔަވަޅެއް އަޅަން ނުކެރި ހުއްޓާ ފިރުޝާން މި ބުނި އެއްޗަކުން ހިތާ ރުހުމުން އަރުޝަދު ވެސް އެދިމާއަށް ބަލާލަމުން މިސްރާބު ބަދަލުކޮށްލިއެވެ.

''ޒިވީ، މިތާގަ އިށީންނަން ހުއްދަ އެބައޮތްތަ!'' ޒިވިޔާގެ ބަހަކަށް އިންތިޒާރު ކުރުމެއް ނެތި ފިރުޝާން އައިސް ޒިވިޔާގެ ޖެހިގެން އިށީނެވެ. އަރުޝަދު އިށީނީ މުއީޒާއާ ވީފަރާތުގައެވެ. ޒިވިޔާ އަނގައިން ވެސް ނުބުނެ އާދައިގެ މަތިން އިސްޖަހައިލިއެވެ.

''ކޮންވާހަކައެއް މާ މަޖާ ވާހަކަ އަކަށް ތި ދައްކަނީ!'' އަރުޝަދު ސުވާލުކުރީ މުއީޒާއާއެވެ. ނަޒަރު ހުރީ ޒިވިޔާ އަށެވެ. އަރުޝަދުގެ އަޑު އިވުނުތަނާ މުއީޒާ ޖަވާބު ދޭން ފެށިއެވެ.

''އަޅުގަނޑު މިބުނަނީ ޒިވިޔާ ގާތު މީހަކާ އިންނަން އުޅޭށޭ!''

''އެބުނާހެން.. އުޅެބަލަ! މަވެސް މިހިރީނު! ދޯ މުއިއްތާ!'' ފިރުޝާން މަޖާ ވެލާފައި ބުނި އެއްޗަކުން ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން އިން ޒިވިޔާ ލަދުން އިސްޖަހާލިއެވެ. އެހެންނަމަވެސް އިޚުތިޔާރަކާ ނުލާ އޭގެ ކުރިން އަރުޝަދުގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު އަރުޝަދު އިނީ ޒިވިޔާއަށް ބަލަންކަން އެނގުމުން ބިންގަނޑު ފަޅާލާފައި އަޑިއަށް ވަންނާނެ ނަމައޭ ޒިވިޔާ ހިތަށް އެރިއެވެ. އެހާވެސް ލަދުގަތެވެ.

''އޭ ފިރުޝާން، މާ ފޮނިވާނެ ކަމެއްނެތް އިނގޭ! ރީތި މީހުން ތި ނޫނަސް އޭނަޔާ އިންނަން އެބަތިބި! ދޯ ޒިވިޔާ!'' މުއީޒާ ހެމުން ހެމުން ޒިވިޔާއަށް ދޯ ދިނީ ޒިވިޔާ ލަދުގަތްވަރު ފެނުމުންނެވެ. ދޯ ދިނަސް ޒިވިޔާ އެއްޗެކޭ ނުބުނާނެކަންވެސް އެނގެއެވެ. އެހެންނަމަވެސް އަނގައިން ބަހެއް ނުބުންޏަސް އެހެން މީހުންނަށް ނުފެންނަ ގޮތަށް މުއީޒާގެ ފަލަ މަސްގަނޑުގައި ޒިވިޔާ ވިކައިގަތެވެ.

''ޒިވިޔާ ބައްޕަ ގާތަށް ދާންވީ ދޯ! .....   ވަލީ ހޯދަން!'' ފިރުޝާން ދާން ތެދުވަމުން އަނެއްކާ ވެސް ލާނެއްވެލިއެވެ.

''ޑޮކުޓަރ މަޑުކޮށްލައްވާ! އަޅުގަނޑު އެބައަންނަން އެ ކޮޅުގެ ޙަރަކާތްތައް ހުރި ގޮތެއް ބަލާލާފައި!''

ފިރުޝާން ދިޔައީ ބާބެކިއު ހަދަން ތިބި ދިމާއަށެވެ. ޑޮކްޓަރ އަރުޝަދު އެރަށުގައި މިހޭދަ ކުރި ދުވަސްކޮޅު ހޮސްޕިޓަލުގެ މުއައްޒަފުންގެ އިތުރުން އެންމެ ގާތްކަން އުފެއްދި ފަރާތަކީ ފިރުޝާންއެވެ. އެއީ ފިރުޝާންގެ ހުންނަ މަޖާ މިޒާޖަކުންކަމަށް ވެސް ވެދާނެއެވެ. ބައެއް ފަހަރު އޭނަގެ މަންމަ ހޯދަން އެކި ކަންކަމުގައި އަރުޝަދުމެން ތިބޭ ގެއަށް ފިރުޝާން އައިސް ގޮސް ވެސް ހަދައެވެ. ބޮޑަށް އެކުވެރި ވެވުނީ އެހެންވެއެވެ.

މުއީޒާ ވެސް ތެދުވެގެން ކުދިން ކުޅެން މޫދުގައި ތިބި ތަނަށް މިސްރާބު ޖެހީ މުއީޒާގެ އެންމެ ކުޑަ ކޮއްކޮ މުއީޒާއަށް ގޮވަން ފެށުމުންނެވެ.

''ޒިވީ ނުފައިބަންޏާ މަޑުކުރޭ!'' މުއީޒާ ވާހަކަ ދެއްކީ އަރުޝަދަށް ވެސް ބަލަމުންނެވެ.

މިތަނުން ދާން މިއީ ރަނުގެ ފުރސަތެކޭ ޒިވިޔާ ހިތަށް އެރިއެވެ. އެހެންނަމަވެސް އަރުޝަދު އިނުމުން ތެދުވާން ވެސް ނުކެރި މުއީޒާ ދިޔަ ދިމާއަށް ނަޒަރު ހުއްޓައިލައިގެން ޒިވިޔާ އިނެވެ.

''ޒިވީ، އަހަރެންމިތާ އިނީމަ ދާން ނުކެރިފަތަ! މޫދަށް އެރޭ ހިތްވަންޏާ ދޭ! އަހަރެން އެކަނި އިނދެ ދާނަން! އަހަންނަށް އެނގޭ ޒިވިޔާ ބޭނުމެއް ނުވާނެކަން އަހަންނަށް ފެންނަން ވެސް! ..... '' އަރުޝަދު ބުނި އެއްޗަކުން ޒިވިޔާގެ ހިތުގައި ޖެހުނެވެ. އަރުޝަދުގެ އަޑުގައި ހުރީ ނިކަމެތިކަން އެކުލެވޭ ރާގެކެވެ. އެހެންވެ އަރުޝަދުގެ މޫނަށް އެ ބޮޑު ދެލޮލުން ބަލައިލެވުނެވެ.

''ނޫންތަ!'' ޒިވިޔާގެ ސަމާލުކަން ލިބުމުން އަރުޝަދު ޒިވިޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަނެއްކާވެސް އިތުރުކޮށްލިއެވެ. ވަކި ޖަވާބެއް ނުދިނަސް ޒިވިޔާ ބަލަން އިން ގޮތުން ދެމީހުންގެ ލޯ އޭގެ އެންމެ ފުރިހަމަ ގޮތުގައި ބައްދަލުވެ ދެމީހުންގެ ހިތަށް ކިތަންމެ ވަރަކަށް ވެސް އަސަރު ކޮށްފިއެވެ. ކޮންމެ މީހެއްގެ ނަޒަރުން ވެސް އަނެއްމީހާއަށް އަންގައިދޭން ބޭނުން ކިތަންމެ ވާހަކައެއް ދުލާ ހަމައަށް ގެނައުމުގެ ކުޅަދާންކަން ލިބިފައި ނުވާކަން އެ ބެލުމުން ސާބިތު ކޮށްދެމުން ދިޔައެވެ.  އެ ހަމަހިމޭން ބަސްމޮށުންތެރިކަމުގެ ސިކުންތުކޮޅު މެދުކަނޑާނުލާ ދެން އެންމެ ފަހުން ޒިވިޔާ އިސްޖަހާލިއެވެ.

ދެން ދިޔައީ އެއްވެސް މީހަކު އަނގައިން ނުބުނެ ވައިރޯޅި ގަސްތަކުގެ ފަތްތަކާ ކުޅެލާ އަޑާ ކަނޑުން ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ މަޑު މަޑު މިއުޒިކީ އަޑެވެ. އެހެންނަމަވެސް މި ލިބުނު ރަނުގެ ފުރުސަތު މާދުރުން އަންނަ މިޔުޒިކެއްގެ އަޑަށް ދޫކޮށްލާކަށް އަރުޝަދު ގަސްދެއް ނުކުރިއެވެ. ކުރިންވެސް އިންގޮތަށް ޒިވިޔާގެ މޫނަށް  ބަލަން އިނދެ ކުޑަކޮށް ކުރިއަށް ހަށިގަނޑު ގެންދިއުމަށް ފަހު ޒިވިޔާގެ މޫނާ މޫނު ކައިރިކޮށްލަމުން މަޑުމަޑުން ޒިވިޔާ އަށް އެކަނި އިވޭ ވަރަށް ބުނެލިއެވެ.

''ތިއީ ވާހަކަ ނުދެއްކޭ ކުއްޖެއްތަ ނޫނީ އަހަރެން ފެނުމުން ދުލުގައި ތަޅެއް ލެވޭ ކުއްޖެއްތަ!  ނޫނީ .......'' އަރުޝަދުގެ ވާހަކަ މިހިސާބަށް ގެންދެވުނު ތަނާ ފެނުނީ ޒިވިޔާ ''ނޫން'' އޭ ބުނަމުން ތެދުވެގެން ދުއްވައިގަތް ތަނެވެ. އެ މޫނުމަތިން ފެނުނީ ލަދުވެތި އެހެނަސް އުފާވެރި މޫޑެއްގެ ކުލަވަރެވެ. ޒިވިޔާގެ މި ޙަރަކާތުން އަރުޝަދަށް ވަރަށް މަޖާވިއެވެ. ހިނިތުންވެވި ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ޒިވިޔާ ވެސް އަރުޝަދުގެ ވާހަކަޔާ ގަޔާވެއްޖެހެން ހީވުމުން އުފަލުން އެ ހިތް ފުރިގެން އައެވެ.

މޫދަށް ފޭބި ޒިވިޔާ އެހެން ކުދިންނާ އެކު މޫދުގައި ބޯޅަ ކުޅެން އުޅުނު މަންޒަރު ބަލަން ޝައުގުވެރިކަމާ އެކު އަރުޝަދު އިނެވެ. ޒިވިޔާއަށްޓަކައި އެ ހިތުގައި އުފެދެމުންދާ އިޙުސާސްތަކަށް ދޭނެ ނަމަކާމެދު ފިކުރުކުރެވެމުން ދިޔައީ މޫދުގައި އޮތް ޒިވިޔާގެ ފަރި ޙަރަކާތްތަކަށް ބަލަމުންނެވެ. އެއަށްފަހު ބޯދަށަށް ދެއަށް ލެއްވުމަށްފަހު އެތާ ވެލިގަނޑުމަތީ އުޑުތިލަމަތިން އޮށޯތީ ހަށިގަނޑު ދަމާލަމުންނެވެ. ހިތަށާ ރޫޙަށް ލިބުނު ބަޔާން ކުރަންދަތި އުފާތަކަށް ވެސް ސިއްރުން ހީނލަމުންނެވެ.

އަރުޝަދުގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ކުޅެން ތިބި ކުދިން ހަޅޭއްލަވާ ރޮއިގަތް އަޑަށެވެ. އަރުޝަދަށް އޮތްތަނުން ތެދުވެވުނީ ފުންމައިގެންނެވެ.

ހަޅޭއްލަވަމުން ރޮމުން ދިޔަ ކުދިން ތިބި ދިމާލަށް އަރުޝަދުގެ ނަޒަރު ދަތުރުކޮށްލި ވަގުތު އެހެންކުދިންނާ ދުރަށް އޮޔާއެކު ދާ ޒިވިޔާ ސަލާމަތް ވުމަށް ކުރަމުންދިޔަ ޙަރަކާތް ފެނި އަރުޝަދުގެ ހޭ ބުއްދި ފިލި ކަހަލައެވެ. ލައިގެން ހުރި ޓީޝާޓު ބޮލުން ދަމާ އެއްލާލެވުނު ގޮތެއްވެސް ނޭނގުނެވެ. ދިޔަ ގޮތަށް މޫދަށް ފުންމާލާ ފަތައިގަތީ ޒިވިޔާއާ ދިމާއަށެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.