ކިރުއިލޮށި - 49

(30 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަރީމް ، ކުލަޖައްސަން ސިޓިންގރޫމުގައި އަޝްހަރާއެކު އިށީނދެލައިގެން އިނެވެ. ޕޮޕްކޯން ތައްޓެއް ހަދައިގެން ގެނެސް ހަރީމްގާތުގައި ޚައިރާދު ބެހެއްޓިއެވެ. އެވަގުތު ޓީވީން ދައްކަމުންދިޔަ ކައިވެނީގެ ރަސްމިއްޔާތެއްގެ މަންޒަރުތަކެއް ހަރީމަށް ފެނުނެވެ. ބައްޕައާއި މަންމަގެ ކައިވެނިވެސް ކުރެވުނީ އެކަހަލަ ފުރިހަމަގޮތަކަށްތޯ ހަރީމް އޭނާގެ ބައްޕައާ ސުއާލުކުރިއެވެ. އަޝްހަރު ، އޭނާގެ ދަރިފުޅުގެ ސުއާލަށް އާނއެކޭ ބުނުމުން ، ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތައް އޭނާއަށް ދައްކައިލަދިނުމަށް ހަރީމް އެދުނެވެ. އެހެންނަމަވެސް ، މިވަގުތަކުނޫނޭ ފަހުން އެފޮޓޯތައް ދައްކާނަންކަމަށް އަޝްހަރު ބުންޏެވެ. އޭނާގެ ދަރިފުޅުގެ ހިތް ނޭދޭނެ ޖަވާބެއް ދިނުމަށް އަޝްހަރުގެ ހިތް އޭނާއަކަށް ހުއްދައެއް ނުދެއެވެ. އެ ދަރިފުޅުގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް އަޝްހަރެއް ނުކުރާނެއެވެ.  ހަރީމް އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އެފޮޓޯތައް ހަމަ މިހާރު ބަލައިލަން ، އޭނާ ބޭނުންވާކަމަށް ބުންޏެވެ.

ހަރީމްގެ ގޮތްދޫނުކުރުމަށް ޚައިރާދު ކަންބޮޑުވިއެވެ. ބައްޕަ އެބުނީ ފަހުން ފޮޓޯތައް ދައްކާނަމޭ ނޫންހެއްޔެވެ. އެހެންވީމާ ބަސްއަހައިގެން އެކަން ޤަބޫލުކުރާށެވެ. ބައްޕަ އެހެންބުނީމާ އެކަމާ ދެކޮޅު ހަދާ ބޮޑާ ހާކާކަށް ނުވާނެއެވެ.

ހަރީމްވެސް އޭނާގެ ގޮތެއްދުލެއް ނުކުރިއެވެ. ފޮޓޯތައް ނުދައްކަނިސް އޭނާ އެރޭ ނުކާނެކަމުގައި ބުނެ ބޮޑާ ހާކަން ފެށިއެވެ. ޚައިރާދު އެކަމާ ހިތްހަމަ ނުޖެހިގެން ހަރީމަށް ގޮވައިލިއެވެ. ހަމައެއާއެކު ، އެންމެ ރަނގަޅޭ ފޮޓޯތައް މިހާރު ދައްކައިލާނަމޭ އަޝްހަރު ބުންޏެވެ. އެވަގުތު ، ފަރީދާވެސް އެތަނަށް އާދެއެވެ. ކުރީގެ ފޮޓޯތައް ހުންނާނީ ކޮންތާކުތޯ އަޝްހަރު އޭނާގެ މަންމަކުރެން އެހިއެވެ. އެފޮޓޯތައް ހުންނާނީ ، ފާޚާނާ ކުރިމަތީހުރި ކަބަޑެއްގައިކަމުގައި ފަރީދާ ބުންޏެވެ. ފޮޓޯތައް ހިފައިގެން އަންނާނެކަމަށް ހަރީމްގާތުގައި ބުނެ އަޝްހަރު ތެދުވިއެވެ. ހަރީމްވެސް ، ތިމަންނަވެސް ދާނަމޭ ބުނެ އަޝްހަރާއެކު ދިޔައެވެ. ހަދާނެގޮތެއް ނޭނގި ކަންބޮޑުވެފައި ޚައިރާދު އިނެވެ.

ފަރީދާ ، ޚައިރާދާ ގާތަށް ޖެހިލިއެވެ. އަދި ދަރިފުޅު އެގެޔަށް ގެނެސް އެވެއްދީ ، ވަރަށް ރަނގަޅަށް ތަމްރީންކޮށްގެންނޭ ބުނެ ޚައިރާދާ ދިމާއަށް މަލާމާތް ކޮށްލިއެވެ. އަދި އަޝްހަރުގެ ހިތުގައި ކުރީގެ ހަނދާންތައް ތާޒާކޮށްލަދޭން ބޭނުންވަނީދޯއޭ ބުންޏެވެ. އަދި ، ޚައިރާދުގެ މަޢުޞޫމިއްތާއި ހަމްދަރުދީން ، އަލުން އަޝްހަރު ޚައިރާދުގެކޮޅަށް އަނބުރައިލަން މަސައްކަތްކުރާކަމުގެ ތުހުމަތު ޚައިރާދުގެ ބޮލުގައި އެޅުވިއެވެ.

ޚައިރާދުގެ ދަރިފުޅު ރަނގަޅަށް ތަމްރީންކުރެވުނުކަމަށްޓަކައި އޭނާ އުފާކުރާކަމުގައި ޚައިރާދު ބުންޏެވެ. ހަރީމްގެ މަޢުޞޫމިއްޔަތާއި ތެދުވެރިކަމަކީ ، އޭނާގެ ތަމްރީނުގެ ނަތީޖާކަމުގައި ޚައިރާދު ބުންޏެވެ. އެގޭގައި ހަރީމް އުޅުނުނަމަ ، ދަސްވާނީ ފަރީދާފަދައިން ދޮގާއި މަކަރާ އަދި ޙީލަތްހެދުމަށްކަމުގައިވެސް ބުންޏެވެ. ފަރީދާ ފަދައިން އަމިއްލަ ލޭބޮއެ ޙައިވާނުންގެ ވިސްނުން އެ ތުއްތު ކުއްޖާގެ ހިތުގައި އަށަގަންނާނެކަމަށް ބުންޏެވެ.

ޚައިރާދަކީ ތެދުވެރިއެއްތޯއާއި ފަރީދާއަކީ ދޮގުވެރިއެއްތޯ އަހައި ޚައިރާދާ ސުއާލުކުރިއެވެ. ފަރީދާ ކުޅެލި އެންމެ ޑްރާމާއަކުން އެޙަޤީޤަތް އޭގެ އިދިކޮޅަށް ބަދަލުކޮށްލާފައި އޮންނާނެކަމަށް ފަރީދާ ބުންޏެވެ. ޚައިރާދަކީ ތެދުވެރިއެއްކަމަށް ޚައިރާދު ބުންޏެވެ. އޭނާގެ ހިތްސާފުވެފައި ޢަމަލުތައް ސީދާވަނީ އެސަބަބަށްޓަކައެވެ. ފަރީދާއަށް ދިމާވެފައިހުރި ގޮތަށް ، އޭނާގެ ހިތުގައި ﷲ ، މޮހޮރު ނުޖައްސަވާކަމުގައި ޚައިރާދު ބުންޏެވެ. އޭނާ ރޭގަނޑު ހަމަޖެހިލައިގެން ނިދާލަނީ އުފަލުންނެވެ. ފަރީދާގޮތަށް ، އަމިއްލަ ލޭ ވިހަކޮށް ، އެހެން އިންސާނުންނަށް ތަކުލީފަކަށްވެ އޮވެ ، ނިދިނައިސް އެނދުމަތީ ފުރޮޅެން އޭނާއަކަށް ނުޖެހެއެވެ. އެހެންމީހެއް ކީއްކުރަން ހެއްޔެވެ ؟ ތިމާގެ ބަނޑުން ވިހައި ދުނިޔެއަށް އުފަންކުރި އަމިއްލަ ދަރިފުޅަށްވެސް ފަރީދާ ހަދަމުން ގެންދަނީ ދޮގާއި މަކަރާއި ޙީލަތެވެ. މުޅި ޢުމުރުގައިވެސް ދޮގަކަށްފަހު ދޮގެއްހަދަމުން ، ދަރިފުޅުގެ ދިރިއުޅުން ފަރީދާ އެގެންދަނީ ބަރުބާދު ކުރަމުންނެވެ. ޚައިރާދުގެ ވާހަކަތަކަށް ދޭނެ ރައްދެއް ފަރީދާގެ ހިތަކަށް ނައެވެ.

ޚައިރާދު ، އޭނާގެ ފެންވަރުގައި ހުރުމަށް ފަރީދާ ބުންޏެވެ. ޚައިރާދާއެކު ގެނެސް އެގެޔަށްވެއްދި ކުއްޖާގެ އަވާގައި ޖެހި އަޝްހަރަށް އައިސްފައިވާ ބަދަލު އެންމެ ދެދުވަހަކުން ބަދަލުކޮށްލަފާނެކަމަށް ބުންޏެވެ. އަދި އޭނާ އުފައްދާ މައްސަލަޔަކުން ، އެކުއްޖާގެ އަބުރު ގެއްލި ، ބައްޕައެއްނެތް ކުއްޖެއްގޮތަށް ބަދަލުކޮށްލަފާނެކަމަށްވެސް ބުންޏެވެ. އަޝްހަރުގެ ހިތް ހަލާކުވިޔަސް ފަރީދާގެ މައްސަލައެއް ނެތެވެ. ޚައިރާދަށް ތަކުލީފެއް ދެވޭނެ އެއްވެސްކަމެއް ކުރުމަކަށް ފަރީދާ ފަހަކަށް ނުޖެހޭނެއެވެ.

" ތިޔަ ފަރީދާ ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ ؟ ގެންނަމީހަކު ގެންނާށެވެ. ދައްކާނެ ވާހަކައެއް ދައްކާށެވެ. ކުޅޭނެ ޑްރާމާއެއް ކުޅޭށެވެ. ލާރިހުރިއްޔާ ބޭނުންކަމެއް ކުރެވިދާނެއެވެ. ލަނޑަޔާވާނީ ލަނޑަޔާއެވެ. ކައިސަރަކީ ފަރީދާކަހަލަ ފިރިހެން ހަރުފައެކެވެ. ދެޖިންސުގެ ދެހަރުފަ އެއްތަންވީމަ ނުވާންޖެހޭ ހުރިހާކަމެއްވެސް ވާނެއެވެ. އަދި އެއްހަރުފަ އަނެއްހަރުފަ ކާލާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އެއީވެސް ފެނިދާނެ ދުވަހެކެވެ. ބުނަން ހެއްޔެވެ ؟  އަހަރެން ކުރިން ބިރުގަތެވެ. ދެރަވެސް ވިއެވެ. ހިތްވެސް ހަލާކުވިއެވެ. އެއީ ، އަހަރެން ފަރީދާގެ ދަރިފުޅާއެކު ދިރިއުޅުމަށް ބޭނުންވީތީއެވެ. މިހާރު އެހެންނެއް ނޫނެވެ. ފަރީދާއަށްވެސް ، ފަރީދާގެ ދަރިފުޅަށްވެސް އަދި މިގެޔަށްވެސް އަހަރެން ލަޢުނަތް ދެމެވެ. ބަދު ދުޢާ ކުރަމެވެ. ހަމަ ، އަހަރެންގެ އެ ހިތުންނެވެ." ފަރީދާގެ އަނގަ ބަންދުކޮށްލުމަށްފަހު ، ޚައއިރާދު އެތަނުން ނުކުމެގެން ދިޔައެވެ.

އަނެއްކާވެސް ވަރުގަދަ ލޮޓިއެއް ނުދެނިސް މިއަންހެނާ މައިތިރިއެއް ނުވާނެއެވެ. ނިކަން ހުރެބަލާށެވެ ! އަހަރެން މިއީ ކާކުކަން ފިސާރި ރަނގަޅަށް އަންގާލަ ދޭނަމެވެ. ފަރީދާގެ ހިތަށް އެރިއެވެ.

ސާރާ ފޮތެއްކިޔާލަން އެނދުމަތީ ހަމަޖެހިލައިގެން އިންދާ ކައިސަރުގެ ފޯނެއް އައުމުން އޭނާގެ މޫނުމަތީގެ ކުލަބަދަލުވިއެވެ. ޗޮކެއް ކަނޑާފައި ފޯނުނަގައި ކައިސަރުގެ ޙާލުގެ ވާހަކައިން ސުއާލު ކުރިއެވެ. ސާރާގެ ހަނދާންތަކުގައި ހިތްނުތަނަވަސްވެފައި ހުރިކަމުގައި ކައިސަރު ބުންޏެވެ. އެކަމަކު ސާރާ އޭނާގެމަތިން ހަނދާން ނުކުރާކަމުގައިބުނެ ޝަކުވާކުރިއެވެ. ކައިސަރުމަތިން ހަނދާން ނުކުރާހެން ހީވީ ކިހިނެއްވެގެންތޯ ސާރާ ސުއާލުކުރިއެވެ. އަދި ، ކައިސަރުގެ މަތިން އޭނާ ވަރަށް ހަނދާންކުރާކަމުގައިބުނެ ، މޫމު ކުނިކޮށްފައި ބޮޑުދޮގެއް ހެދިއެވެ. އެހެންވިއްޔާ އުފާވެރި ޚަބަރެއް ދޭނަމޭ ކައިސަރު ބުންޏެވެ. ކައިސަރުގެ ހަނދާނުގައި ސާރާގެ ހިތަށް ތަކުލީފެއްލިބޭކަށް ކައިސަރު ބޭނުމެއް ނުވެއެވެ. ދެން ، އޭނާއަށް ކެތެއް ނުކުރެވޭނެއޭ ބުނެ ، އޭނާ ސާރާ ގާތުގައި ހުންނަން ވަރަށް އަވަހަށް އެބަދާކަމުގައި ކައިސަރު ބުންޏެވެ. އޭނާ އެނބުރި ކަރާޗީއަށް އަންނަނީއެވެ. ސާރާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަޅައަޅައިގެންފައި ، އެނބުރި އަންނަނީ ހެއްޔޭ ސާރާއަށް އަހައި ލެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިކަމަށާއި އެންމެ ދުވަހަކުވެސް ދެން ، ސާރާއާ ވަކިން ހުންނަން ކެތް ނުކުރެވޭނެކަމަށް ކައިސަރު ބުންޏެވެ. އަދި ، ކައިސަރު މިހާރު އެހުރީ ސާރާ ބޭނުންވާފަދަ ތަޢުލީމީ އަދި ކާމިޔާބު ވިޔަފާރިވެރިޔަކަށް ވެގެން ކަމަށާއި ، ސާރާއާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމަކަށް ކުފޫ ހަމަވެފައިކަމުގައި ކައިސަރު ބުންޏެވެ. ބަންދުވެގެން ދިޔައީ ހަމައެކަނި ސާރާގެ އަނގަ އެކަންޏެއްނޫނެވެ. ތަންމިނަށް ހުޅުވިފައިހުރި ބޮޑު ދެލޯވެސް މަރައި ލެވުނެވެ. ހިތް ހުއްޓުނެވެ. ބޮލަށް އެނބުރުން އެރިއެވެ. އިށީނދެއިން އެނދު ބާރަށް އެނބުރެން ފެށިއެވެ.

" އަހަރެން އަންނަ ވާހަކަ އިވިފައި އުފަލެއް ނުވޭ ހެއްޔެވެ ؟ " ކައިސަރު ސުއާލު ކުރިއެވެ.

ސާރާއަށް ވާހަކައެއް ނުދެއްކުނެވެ. ކައިސަރުގެ ސުއާލަށް ދޭނީ ކޮން ޖަވާބެއްކަމެއް ނޭނގުނެވެ. އަޅައަޅައިގެންފައި އޭނާއަށް ކަރުބުޑުން ބުނެވުނެވެ. ނޫނެކެވެ. ވަރަށް އުފާވެއްޖެއެވެ. އެ ޚަބަރު ލިބުމުން ވީއުފަލުން ބުނާނީ ކީކޭކަންވެސް އޭނާއަށް ނޭނގުނީކަމުގައި ބުންޏެވެ.

ކައިސަރުގެ އުފާވެރިކަން ކޮޅުންލިއެވެ. އަދި ، މާދަމާގެ ފްލައިޓުން އޭނާ ކަރާޗީއަށް އަންނާނެކަމަށް ބުންޏެވެ. އަންނަ ގޮތަށް އައިސް ލަސްނުކޮށް ދެމީހުން ކައިވެނި ކުރާނީއެވެ. ހަނީމޫނަށް ދާނީ ސްވިޓްޒަރލޭންޑަށެވެ. އޭނާގެ ފިހާރަވެސް މުދާތަކާއެކު ވިއްކާލައިފިކަމަށް ބުންޏެވެ. އަދި ކަރާޗީގައި ވިޔަފާރިއެއް ފަށައި ، ދެމީހުން ދިރިއުޅެން ރީތިގެޔެއް ގަނެފަ އިތުރުވާނެ ފައިސާ ، އޭނާއަތުގައި މިހާރު އެބަހުރިކަމަށް ކައިސަރު ބުންޏެވެ. އެހުރިހާ ފައިސާއެއް މިހާރުވަނީ ކަރާޗީގައި ހުންނަ އޭނާގެ ޙަބީބްބޭންކް އެކައުންޓަށް ޓްރާންސްފަރ ކޮށްފައިކަމަށްވެސް ކައިސަރު ބުންޏެވެ. ކައިސަރު ވާހަކަ ދައްކަމުން ދިޔަވަރަކަށް ، ސާރާގެ ދެލޯ ބޮޑުވަމުން ، ނޭވާ ތާށިވަމުން ހިތް ގުޑުގުޑުލަމުންދިޔައެވެ. ނޭވާލާން އުނދަގޫވާން ފެށީމަ . އެހެންޏާވެސް ހަދާގޮތަށް ، ހަލޯހަލޯއޭ އަޑެއް ނީވެއޭ ބުނަމުންގޮސް ފޯނު ކަނޑައިލިއެވެ. އަދި ، ހަމައިސްކޮޅަށް އެނދުމައްޗަށް ދެމުނެވެ. އެނދުގައި އޮތް ކަންނެޔޮ ނަގައި ، ވީދާލައި ކަފަތައް ބޭރަށް ނެރުނެވެ. ލައިގެން ހުރި ޓީޝާރޓްގަނޑު އިރާލައި ބެޑްޝީޓްގައި ތަޅައި ކުޅުޖަހަމުން ގެންދިޔައެވެ. ސާރާ އެހުރީ ހަމަހޭ ނުގޮސް މޮޔަވެފައެވެ.

ފޮޓޯތައް ބަލަމުން ހަރީމް ، އަޝްހަރާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ބޭނުންވީ ބުދުތަކަށް ގެޔެއް ހޯދާށެވެ. އެއީ އާދީއްތަ ދުވަހެވެ. ބަންދު ދުވަހެކެވެ. އަޝްހަރު ނިންމައިގެން ހުރީ އެދުވަހުގެ މެންދުރުގެ ކެއުމަށް ބޭރަށް ދާށެވެ. މަންމަވެސް ، ޚައިރާދުވެސް ގޮވައިގެން ، ޢާއިލާ އެއްކޮށް މެންދުރުގެ ކެއުމަށް ، ޚާއްޞަ ރެސްޓޯރެންޓަކަށް ދާންކަމަށެވެ. އެހެންނަމަވެސް ، މާމަގެންދާކަށް ހަރީމް އެއްބަހެއް ނުވިއެވެ. މާމަ ނުގެންދަންވީ ކީއްވެގެންތޯ އަޝްހަރު ސުއާލުކުރިއެވެ. މާމަ އޭނާއަށް ރަނގަޅުނޫންހެން ހީވާތީކަމުގައި ހަރީމް ބުންޏެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް އަޝްހަރު އޭނާގެ ދަރިފުޅުގާތު އެދުނެވެ. މާމަ ދަރިފުޅުދެކެ ލޯބިވާކަމަށް ބުންޏެވެ. އަދި ޗޮކްލެޓާއި ބުދުވެސް ، މާމަވެސް ގެނެސްދޭނޫންހޭ ބުންޏެވެ.

އެކަމަކުވެސް ހަރީމް މާމައާއެކު ބޭރަށްދާކަށް އެއްބަހެއް ނުވިއެވެ. އެއީ އެންމެންނާ ދިމާއަށް މާމަ އެއްޗެހިކިޔާތީއެވެ. އަދި އެންމެން ދެކެ ރުޅިއައިސްފައި ހުންނާތީއެވެ. އަޝްހަރު ، އޭނާގެ ދަރިފުޅުގެ ބަސްތަކާމެދު ކަންބޮޑުވިއެވެ. އެއީ ކާކު ހަރީމްގާތު ބުނި ވާހަކައެއްތޯ ސުއާލުކުރިއެވެ.

" އެއްވެސް މީހަކު ހަރީމްގާތަކު އެވާހަކައެއް ނުބުނެއެވެ. އެއީ ، ހަރީމަށް ފެންނަތަނެވެ. މަންމައާ ދިމާއަށްވެސް އެއްޗެހިކިޔައި ހަޅޭއްލަވައެވެ. މާމަ އަބަދުވެސް ހުންނަނީ މަންމަދެކެ ރުޅިއައިސްފައެވެ. މީހަކު ކައިރީގަ ނެތިއްޔާ މާމަ ހުންނަނީ ހަރީމާ ދިމާއަށްވެސް ލޯ އަޅައިގެންނެވެ. " ހަރީމް ބުންޏެވެ.

އަޝްހަރު ، އޭނާގެ ދަރިފުޅުގެ ވިސްނުން މަންމައާމެދު ހުރިގޮތާމެދު ފިކުރު ބޮޑުވިއެވެ. އެއީ ހަރީމްގާތު ހަރީމްގެ މަންމަ ބުނިވާހަކަތަކެއްތޯ ސުއާލުކުރިއެވެ.

" ނޫނެކެވެ. އަހަރެންގާތު ، މަންމަ އެއްވެސް ވާހަކައެއް ނުދައްކައެވެ. މާމައެއީ ރަނގަޅުމީހެއްތޯ އަހަރެން ސުއާލުކުރީމަވެސް އެއީ ރަނގަޅު މީހެކޭ މަންމަ ބުންޏެވެ. މަންމަ ދެކެ މާމަ ހިތްހަމައެއް ނުޖެހެއެވެ. މަންމައާ ދިމާއަށް އެއްޗެހިކިޔާ ހަޅޭއްލެވިތަން ހަރީމަށް ކިތަންމެ ފަހަރަކު ފެނިއްޖެއެވެ. ބައްޕަގާތު މިވާހަކަ ހަރީމް ބުނިވާހަކަ މަންމަގާތު ނުބުނައްޗެވެ. އޭރަށް މަންމަ ދެރަވާނެއެވެ. މާމަގާތު އަމްދުން ނުބުނައްޗެވެ. އޭރަށް ހަރީމާ ދިމާއަށްވެސް މާމަ ހަޅޭއްލަވާނެއެވެ. " ހަރީމް ބުންޏެވެ. އެ މަޢުޞޫމް ކުއްޖާގެ ހިތުގައިވާ އުދާސްތަކަށް އަޝްހަރަށް ކެތެއް ނުކުރެވުނެވެ. އަދި ، އެކަހަލަ ވާހަކަ ނުދައްކާށޭ ހަރީމްގާތު ބުންޏެވެ. މަންމަ އެވާހަކަ ދައްކައިފިއްޔާ މާމައެއީ ރަނގަޅުމީހެކޭ މަންމަ ގާތު ބުނާށެވެ.

މާމަ ގޮވައިގެން މާމައާއެކީ ބޭރަށްދާކަށް ހަރީމް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. އެންމެފަހުން ، ހަރީމް ބޭނުންވާ މީހަކު ގޮވައިގެންނޭ ދާނީ ބުނެ އަޝްހަރު އޭނާގެ ވާހަކަ ނިންމައިލިއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް އުނދަގޫތަކެއް ވިއެވެ.

ޒަރީނާ ދޮރުހުޅުވައިލުމަށްފަހު ، ސާރާގެ ކޮޓަރިޔަށް ވަނެވެ. އަދިވެސް ނުނިދެނީތޯ ސުއާލުކުރިއެވެ. ސާރާއިނީ ކައިސަރު މިއަދު އެދެއްކި ވާހަކަތަކުން ކަންބޮޑުވެ ނިދިނައިހެވެ. ޒަރީނާއައީ ސާރާގެ ކޮޓަރީގެ ބޮކިތައް ދިއްލާފަ ހުރީމަ ސާރާ އަދި ނުނިދާކަން އެނގިގެން ސާރާ އާ ވާހަކަ ދައްކައިލުމަށެވެ. ސާރާގެ މޫނުމަތިން ފެންނަންހުރި ކަންބޮޑުވުމުގެ އަސަރުތައް ފެނިފައި ، ނިދި ނައިސްގެން އުޅެނީ ކީއްވެތޯ ޒަރީނާ ސުއާލުކުރިއެވެ. ކޮންކަމެއް ދިމާވީ ހެއްޔެވެ ؟

ކައިސަރު އަނބުރާ ކަރާޗީއަށް އެބަ އާދެއެވެ. އެތައް ފައިސާއެއް ޚަރަދުކޮށްގެންވެސް ، ފަރީދާއަކަށް ކައިސަރު އެމެރިކާއަކު ނުބެހެއްޓުނެވެ. ކައިސަރު އަޔަސް އެކަމާ ވިސްނަން ނުޖެހޭކަމަށް ޒަރީނާ ބުންޏެވެ. ކައިސަރު އަންނަންޏާ އަޔަދޭށެވެ. އެމެރިކާ ދޫކޮށްލާފައި ، އޭނާގެ ވިޔަފާރިވެސް ހުއްޓާލާފައި ، ކައިސަރު އެއަންނަނީ ސާރާ އާ ކައިވެނި ކުރާށެވެ. އެއީ މައްސަލައެއް ނޫންކަމަށް ޒަރީނާ ބުންޏެވެ. ގަދަކަމުން ކައިސަރަކަށް ސާރާއަކާ ނީނދެވޭނެ ނޫންހެއްޔެވެ ؟ ކައިވެންޏަށް ނޫނެކޭ ބުނާށެވެ. ސާރާ އެކަމަށް އިންކާރު ކުރުމުގެ ބޭނުމެއް ނެތްކަމަށާއި އޭނާ އެކައިވެންޏަށް ދެކޮޅުހަދާނެކަމުގައި ޒަރީނާ ބުންޏެވެ. ކައިސަރަކީ މަކަރުވެރިއެކެވެ. އެވަރުގެ މީހަކު ސާރާގެ ދިރިއުޅުމަށް އަންނާކަށް ޒަރީނާ ދޫކޮށެއް ނުލާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. މިވަރުގެ ނުބައި ނުލަފާ އިބިލީހުންތަކެއް ތިބި ވާހަކައެއް ބޯމަތީގައި އޮތް އުޑު ބަޅުކޮށްލިހިސާބުގާ
    ބަޔަކު ކިޔާތީ އަހާފަކާނުވޭ، އަސްލު ޝައިތާނަށް
    ވުރެ އިންސާނުންގެ ޞޫރަލިބިފާވާ ޝައިޠާނުންގެ
    ނުރައްކާ ވަރަށްބޮޑުވާނެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.