އެންމެން ރީތިކަމަށް ނަންކިޔާ ފަރީދާގެ ، ރޫފިލުވައި ކުލަޖައްސައިގެން ގެންގުޅޭ ، އެއޮއްފަދަ މޫނަށް އެވީ ކިހިނެއް ހެއްޔެވެ ؟ މިދެތިން ދުވަހެއްގެ ތެރޭގައި ސްޕާއަށް ނުދެވުނަސް ، އެނަލަ މޫނަށް އެވަރުގެ ބަދަލެއް އަންނާނީ ލައްކަ ވަރު ވެގެންނެވެ. އެހާމެ ބޮޑަށް ކަންބޮޑުވެގެންނެވެ. ޢުމުރާ ބަލާފައި މީހުން ބުނެއުޅެނީ ޒަރީނާއަކީ ފަރީދާގެ ދައްތަ ކަމުގައެވެ. އެކަމަކު ދައްތަޔަކީ ފަރީދާއެވެ. އެއް ޢުމުރުފުރައިގެ މީހުންނަށް ދޫނުކޮށް ، ޅަކަންމަތީ ހުރެވޭތޯ ފަރީދާ ބަލައެވެ. އެކަމަށް އެހާ ޚަރަދުވެސް ކުރޭ މެއެވެ. މިފަހަކަށް އައިސް ފަރީދާގެ މައިގަނޑު މަސައްކަތަކީ ، އޭނާގެ ޅަކަމާއި ރީތިކަން ވިއްކައިގެން މުއްސަނދިންގެ އަތުން ، އޭނާގެ އެންޖީއޯއަށް ފައިސާ ހޯދުމެވެ. އެމީހުންގެ ޢާއިލީ ވިޔަފާރިން އޭނާއަށް ނެގެންހުރި ފައިސާ ، ފަރީދާވަނީ ، ކައިސަރަށް ދީފައެވެ. ރިޝްވަތުގެ ގޮތުގައެވެ. ކައިސަރަށް ލިބިފައި އޮތް ފުރުޞަތުގެ ބޭނުންހިފައި ބުނެކިޔައި ބިރުދައްކައިގެންވެސް ، އެތައްލާރިއެއްވަނީ ފަރީދާ އަތުން އަތުލާފައެވެ. އެއީ އެމެރިކާގައި ، ކައިސަރުގެ ވިޔަފާރި ފެއްޓުމަށެވެ. ޢާއިލީ ވިޔަފާރިއަށް އެހާބޮޑު ލޮޅުމެއް އެރި އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ކޮންމެހެން ، އަޝްހަރަށް އެވިޔަފާރި ނުބެލެހެއްޓިގެން ، ނުހިންގިގެން އެކަންޏެއްނޫނެވެ.
ފަރީދާ ދެލޯބޮޑުކޮށްގެން ، އޭނާގެ އަމިއްލަ ސޫރަޔަށް ބަލަހައްޓައިގެން ހުށްޓެވެ. އޭނާގެ ފުރަގަހުން ފަރީދާއޭ ބުނެ މީހަކު ގޮވައިލިއަޑަށް ސިއްސައިގެންގޮސް ކުއްލިޔަކަށް ފަހަތަށް އެނބުރިލިއެވެ. އެއީ ބަޝީރަތުގެ އަޑެވެ. އޭނާގެ ކުރިމަތީގައި އެހުރީ ބަޝީރަތެވެ. އޭނާއާ ދިމާއަށް ބަޝީރަތު އެބަ އާދެއެވެ. ފަރީދާގެ ދެލޯ އިތުރަށް ބޮޑުވިއެވެ.
" ފަރީދާއެވެ ! އެނގޭ ހެއްޔެވެ ؟ އަހަރެންގެ ދަރިފުޅު އެރޮނީ ކީއްވެގެންކަން ހެއްޔެވެ ؟ އޭނާ އެރޮނީ އެހެންކަމެއް ވެގެންނެއް ނޫނެވެ. އޭނާގެ އަމިއްލަ މަންމަ ، އޭނާއަށް އަނިޔާވެރިވެގެންނެވެ. އޭނާ އެރޮނީ އޭނާގެ މަންމަ ދެކެ ލޯބިވާތީއެވެ. އޭނާ އެރޮނީ ، މިހާރު އޭނާއެހުރި މަޤާމަށް ފޮނުވީ އޭނާގެ އަމިއްލަ މަންމަ ކަމަށްވާތީއެވެ. އޭނާގެ ދިރިއުޅުން ވެއްޔާ މޮޑެލާފައިވާތީއެވެ. "
ކޮޓަރީގެ އެއް އަރިޔަކުން ސާރާ ނުކުތެވެ. ސާރާ ބުނަމުން ގެންދިޔައެވެ.
" އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ފަރީދާއެވެ. އަހަރެން މަރައިލީ ފަރީދާއެވެ. ފަރީދާގެ އަޞްލާއި ޙަޤީޤަތް އަޝްހަރަށް އެނގުނުކަން އެއީ ވަރަށްބޮޑު ނަޞީބެކެވެ. "
ކުރިމަތިން ޚައިރާދު ނުކުތެވެ. ޚައިރާދު ބުނަމުން ގެންދިޔައެވެ.
" އަހަރެންގެ ޢިއްފަތްތެރިކަން ނީލަންކިއުމުގެ ދޮގު ބަދުނާމު އަޅުވައި އަހަރެން ފަޟީޙަތް ކޮށްލީ ފަރީދާއެވެ. ފަރީދާއަށް ހީވަނީ ހެއްޔެވެ ؟ ﷲ އަށް ސިއްރުން ކަމެއް ކުރެވޭނެކަމަށް ބެލިން ނޫންހެއްޔެވެ؟ އެކަން ވެއްޖެ ހެއްޔެވެ ؟ ﷲ ، ފަރީދާގެ ކިބައިން އެ ބަދަލުހިއްޕެވީ ކޮންފަދަ ރީތި ގޮތަކަށް ހެއްޔެވެ ؟ ފަރީދާ ބޭޒާރުކުރާކަށް ، އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. އެއީ ﷲ ގެ ރޭއްވެވުމާއި އެކަލާނގެ ކުޅަދުންވަންތަ ކަމެވެ. "
ފަރީދާގެ ހަތަރު ފަރާތުން އޭނާއަކީ ކުށްވެރިއެއްކަން ކަނޑައަޅަމުން ، ގޮވަމުން އައި އަޑުތަކަށް ކެތް ނުވެގެން ދުވެގޮސް ކޮޓަރީގެ އެއްކަނަކަށް ތިރިވިއެވެ. އަނގަމަތީ އަތްއަޅައި ، ރޮމުން ހަޅޭއްލަވަމުން ގެންދިޔައެވެ. ގުޅަވެށިގެންގޮސް ބޯޅައެއްހެން ، ތަޅުންމައްޗަށް ވެއްޓުނެވެ. ސިކުނޑިޔަށް ބާރުބޮޑުވެގެންގޮސް ބުމަރެއްހެން އެނބުރެން ފެށިއެވެ. އެފަދަ ޙާލެއްގައި އިރުގަނޑެއްވުމަށްފަހު ، އުޑަފައިން އިށީނދެ އިނދެ ހޭން ފެއްޓިއެވެ.
ޚައިރާދު މަޑުމަޑުން ހިނގާލާފައި އައިސް ގޭގެ ބޮޑުދޮރު ހުޅުވައިލިއެވެ. ވަރަށް ބޯކޮށް ވާރޭވެހެމުން ދެއެވެ. ތޫފާނީ ރެޔެކެވެ. އިރުއިރުކޮޅުން ޖަހަމުންދާ ގުގުރީގެ އަޑުވެސް އެހާ ގަދައެވެ. ބޭރު ބަލަހައްޓައިގެންހުރެ ، ޚައިރާދު ވާހަކަ ދައްކަން ފެއްޓިއެވެ.
މަންމާއެވެ ! ތިއުޅެނީ ކޮންތާކު ހެއްޔެވެ ؟ މަންމަގެ ދަރިފުޅުގެ ، ގެއްލިފައި އޮތް އަބުރާއި ޢިއްޒަތް މިއަދު ލިބިއްޖެއެވެ. އަހަރެންގެ އަގެއްނެތްކަމަށް ނިންމައި ދުނިޔެއަށް ގިނަކޮށްލި ޝަޚުޞިއްޔަތު ، އަހަރެންގެ ބޮލުގައި އަތްލައި މަރުވެދިޔަޔަސް އަހަރެން ދޫކޮށްނުލާނެކަމަށް ހުވާކޮށްފިއެވެ.
އަޝްހަރު ، މަޑުމަޑުން ހިނގާލާފައި އައިސް ޚައިރާދުގާތުގައި ހުއްޓިލިއެވެ. ޚައިރާދުގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް އަވަސް އަވަހަށް ފުހެލިއެވެ. އަޝްހަރު ، ކަރުތެރެ ސާފުކޮށްލައި ، ޚައިރާދަށް ގޮވާލައި ވާހަކަ ދައްކަން ފެއްޓިއެވެ.
އޭނާ ޚައިރާދުގާތު އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދިނުމަށް ބޭނުންކުރާނެ ބަހެއް އަދި ލަފުޒެއް ނެތެވެ. އޭނާއަކީ ޚައިރާދުގެ ޤާތިލެވެ. އޭނާއަށް ކުރެވުނު ހުރިހާ ކުށަކަށް އިޢުތިރާފުވާން އަޝްހަރު އެހުރީ ތައްޔާރަށެވެ.
ޚައިރާދުގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ވަރަށް ހިތްވަރުކޮށްލައި ލަސްލަހުން އޭނާގެ ވާހަކަ ފެއްޓިއެވެ.
ޚައިރާދަށް ކުރެވުނު އަނިޔާގެ ހެއްކަކަށް އަޝްހަރު ވެއްޖެއެވެ. އެއްވެސް އިރެއްގައި ، އެއްވެސް ޙާލެއްގައި އަޝްހަރަށް އަނިޔާއެއް އަދި ދެރައެއް ލިބޭކަށް ޚައިރާދު ނޭދެއެވެ. އަޝްހަރު އޭނާއާ ކުރި ހުރިހާ ސުއާލުތަކަކަށް ހެކި ހޯދީ އަޝްހަރު އަމިއްލައަށެވެ. ޚައިރާދު ބުނަން ބޭނުންވި ވާހަކައެއް ، ބުނަން ޖެހުނު ހިނދެއްގައި އެއޮތީ ބުނެފައެވެ. ޚައިރާދަށް ލިބުނު ތަކުލީފާއި އަނިޔާތަކުގެ ވާހަކަ ތަކުރާރު ކޮށްގެން ، އަޝްހަރުގެ ހިތް އިތުރަށް ހަލާކުވާކަށް ޚައިރާދެއް ނޭދެއެވެ.
އަޝްހަރާނުލައި ޚައިރާދު ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ، ޚައިރާދު އުޅެން ޖެހުނު މަޖުބޫރީ ޙާލަތާއެކުވެގެން ، އޭނާގެ ހިތުގައި އަޝްހަރުގެ މައްޗަށް އުފެދިފައި އޮތް ލޯބި މިހާރު އޮތީ ، އޭނާއަތުން ބީވެފައެވެ. އަޝްހަރަށް ނޭނގިހުރެނަމަވެސް ، އަޝްހަރުގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ ނަފުރަތުގެ މެސެޖްތަކާއި ، ލޮލުން ކުރަމުންގެންދިޔަ ވޭންދެނިވި ޢިޝާރާތާ އަދި ދުލުން ބޭނުންކުރަމުން ގެންދިޔަ އިހާނެތި ބަސްތަކުން ހިތަށް ކުރި އަސަރުގައި ، އެލޯބިވަނީ އޭނާގެ ހިތުން ފުހެލެވިފައެވެ. ވީތަނެއްވެސް ނޭނގެއެވެ. އެލޯބި އަނބުރާ އޭނާގެ ހިތަށް ގެންނާނީ ، އަދި އެލޯބި ހޯދާނީ ކޮންތާކުން ، ކިނިނެއްކަމެއް ޚައިރާދަކަށް ނޭނގެއެވެ. އެލޯބި ދޭން އޭނާގާތު އަޝްހަރު ބުނެފިނަމަ ، އެހޯދައިގެން އޭނާ ގެންނާނީ ކޮންތާކުން ހެއްޔެވެ ؟
އެހެން ނުބުނުމަށް ޚައިރާދުގެކިބައިން އަޝްހަރު އެދުނެވެ. އޭނާއަކީ މިހާރު ، ޚައިރާދަށް ޙައްޤު މީހެއްނޫނެވެ. އެއީ އެހެން މީހެކެވެ. މިހާރު އޭނާއަކީ ، ޚައިރާދާ އެކަށީގެންވާ މީހެއްނޫނެވެ. ބޮޑު މުޖުރިމެކެވެ. ކުށްވެރިޔެކެވެ.
އަހަރެންނަށް ދުވަހަކުވެސް ، ޚައިރާދު މަޢާފު ކުރާނެކަމެއް ނެތެވެ. އެއީ އަހަރެންނަށް ޙައްޤު ކަމެއްނޫނެވެ. އަޝްހަރާމެދު ޚައިރާދުގެ ހިތުގައި އުފެދިފައިވާ ރުޅިއާއި ނަފުރަތު ، އެއޮތްގޮތަކަށް ބާއްވާށެވެ. ޚައިރާދުގެ ހިތުން އެކަން ފިލުވައިލާނެކަމެއް ނެތެވެ. ޚައިރާދުގެ މުޅި ޢުމުރަށްވެސް އެ ނަފުރަތާއި ރުޅިވެރިކަން ޚައިރާދުގެ ހިތުގައި ބާއްވާށެވެ. އެނަފުރަތު އުފެދުމުގެ ސަބަބަކީ އޭނާއެވެ. އޭގެ ސަބަބުން ، އަޝްހަރުގެ ހިތް އިތުރަށް ފޮތިފޮތިވެގެންދާން ދޫކޮށްލާށެވެ. ޚައިރާދުގެ ހިތުގެ ތަކުލީފުތައް ހިތުން ނެރެލާށެވެ.
އަޝްހަރަށް ބައެއްފަހަރަށް ހީލެވެއެވެ. އަނެއްބައި ފަހަރަށް ، ހިތަށް ތަދުވެގެންގޮސް އެތަދު ، ބޮލަށް އަރައި ސިކުނޑިއާ ހަމަޔަށް ދެއެވެ. ލޮލުން ކަރުނަ ހިލެއެވެ. އަދި ޚައިރާދާ ދިމާއަށް ބަލައިލާ ކޮންމެ ފަހަރަކު ، އެކަރުނަތައް އިތުރަށް ދިޔާ ވެއެވެ. ޚައިރާދުގެ ހިތަށްވެސް ، އުނދަގޫވެގެންގޮސް އެކަން އޭނާގެ މޫނުން ފާޅުވާވަރު ވެއެވެ. ބަޑިފަޅައިގެން ނުގޮސް އެހުންނަނީ ކިރިޔާއެވެ.
ޚައިރާދުގެ ދިރިއުޅުމުގައި ކުރިމަތިވި ހުރިހާ ހިތާމަޔަކާއި ވޭނެއްގެ ސަބަބަކީ އަޝްހަރެވެ. އެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. އަޝްހަރު ދުވަހަކުވެސް ، މާފުކުރާށޭ ބުނެ ޚައިރާދަކަށް އުނދަގުލެއް ނުކުރާނެއެވެ. އެހިތާމައާއި ވޭން އޭނާގެ ހިތުގައި ދަމަހައްޓާނެއެވެ. އެކަމުން ހަރީމަށްވެސް އަދި ޚައިރާދަށްވެސް އުނދަގުލެއް ފޯރިއަކަ ނުދޭނެއެވެ.
" ޙަޤީޤީ ލޯބިވެރިޔަކަށްވާން އަހަރެންނަށް ދަސްވިނަމަ ކޮންފަދަ ހެއްޔެވެ ؟ އަދި އަހަރެންފަދަމީހުން ، ލޯބިވެރިންނަށް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ލޯބިވާ މީހުންނަކީ ކޮބައިކަން ވަކިކުރަން ، އަހަރެންނަށް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. " އަޝްހަރު ބުންޏެވެ.
ދެއަތަށް ބޯހޫރަމުން ، ޚައިރާދަށް ދެން އިތުރަށް އަޝްހަރާއެކު އުޅޭކަށް ނުކެރޭނެކަމުގައި ޚައިރާދު ބުނަމުން ގެންދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާ އުޅެންޖެހުނު ޙާލުން ، އޭނާގެ މިޒާޖުވަނީ ބަދަލުވެފައެވެ. އޭނާގެ ހިތްވަނީ ، ފަރުވާކޮށްގެންވެސް ރަނގަޅުނުވާ ވަރަށް ހަލާކުވެފައެވެ. އެހިތަކު ވިންދެއް ނެތެވެ. ހަމަޔަކަށް ލެޔެއް ނުހިނގައެވެ. ނާރުތައް ހުރީ ބެދިފައެވެ.
" ހަރީމާމެދު ޚައިރާދު ވިސްނާލާށެވެ ! އަހަރެންނާމެދު ވިސްނާނެކަމެއް ނެތެވެ. އަހަރެން ކޮންމެފަދަ ޙާލެއްގައިވެސް ޚައިރާދާއެކު އުޅެފާނަމެވެ. އަހަރެންނަށް ހަމައެކަނި ބޭނުންވަނީ ޚައިރާދުގެ ޙާޟިރެވެ. ޚައިރާދުގެ ތަކުލީފުތައް ދުރުކުރުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު އަހަރެންނަކަށް ޙައްޤެއްނޫނެވެ. އެކަމަކުވެސް ، އެކަން ކުރަން އަހަރެންގެ ހިތް އެދެއެވެ. ހަރީމް މިދުނިޔެއަށް ނައިނަމަ ، އަލުން އަހަރެމެން ދެމީހުން އެއްތަނެއް ނުވާނެއެވެ. އެއީ އަހަރެމެން ދެމީހުން އަލުން އެއްތަންކުރެއްވުމަށް ތަޤްދީރުގައި ލިޔެވި ނިމިފައިވާ ގޮތެވެ. ތަޤްދީރަށް ފިލަން އަހަރެމެން މަސައްކަތް ނުކުރަމާ ހެއްޔެވެ ؟ " އާދޭހުގެ ރާގެއްގައި އަޝްހަރު ބުނަމުން ގެންދިޔައެވެ. އޭނާގެ ވާހަކަ އަދި ހުހެއް ނުވެއެވެ.
" ހަރީމަށް ބޭނުންވަނީ ހަމައެކަނި ، އޭނާދެކެ ލޯބިވާ ބައްޕައެއް އެކަންޏެއްނޫނެވެ. އޭނާދެކެ ނުހަނު ލޯބިވާ އޯގާތެރި މަންމައެއްގެ ލޯތްބާއި އަޅައިލުންވެސް ހަރީމަށް ވަރަށް މުހިންމެވެ. ޚައިރާދުނެތި ، އެކަނިވެރިވާ ޙާލަތެއްގައި އަހަރެންނަށް އެކަނި ހަރީމެއް ނުބެލޭނެއެވެ. އޯގާތެރި ހިތަކުން މަޔަކު ދީފައިވާ އަޅައިލުމާއި ލޯބި ، އެ ތުއްތު ހިތުން ފިލުވައެއް ނުލެވޭނެއެވެ. އެއީ އޭނާއަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. އަހަރެންގެ ދަރިފުޅު ، ހަރީމަކީ ދެވަނަ ޚައިރާދަކަށް ހަދަން އަހަރެން ބޭނުމެވެ. އެކަން ކުރެވޭނީ ޚައިރާދަށެވެ. ދެވަނަ ، އެހެންމީހަކަށް އެކަމެއް ނުކުރެވޭނެއެވެ. " އަޝްހަރު ، ޚައިރާދަށް އާދޭސް ކުރަމުން ގެންދިޔައެވެ.
" ޚައިރާދެވެ ! މުޅި ޢުމުރަށްވެސް އަހަރެންނަށް ، ޚައިރާދު ނަފުރަތު ކުރިޔަސް އެންމެ ރަނގަޅެވެ. އެކަމަކާ އެއްވެސް ޝަކުވާއެއް އަހަރެންނެއް ނުކުރާނަމެވެ. އެހެންނަމަވެސް ، ހަރީމަށްޓަކައި ، އަހަރެންނަށް ދެވަނަ ފުރުޞަތެއް ދޭށެވެ ! " އަޝްހަރުގެ ހިތަށް ތަދުވެގެންގޮސް ރޮވުނެވެ.
ޚައިރާދު ، އިސް އުފުލާލައި އަޝްހަރުގެ މިލާމޯޅިވެފައިވާ މޫނަށް ބަލައިލިއެވެ. އަޝްހަރުގެ ނިތްކުރިން ހަލާކުވެފައިވާ ތަންތަނުގައި އަދިވެސް ލޭގެ އަސަރު ހުއްޓެވެ. އެހެނަސް އެއީ ކީއްވެގެން ވެފައިވާ ޒަޚަމްތަކެއްކަމެއް ޚައިރާދަކަށް ނޭނގެއެވެ.
" ލޯބި އޮތީ ވެވިފައެވެ. އެލޯބީގެ ނިޝާނެއްވެސް ދުނިޔެއަށް އޮތީ އުފަން ވެފައެވެ. އެހެންކަމުން ޙާލަތު ކޮންމެ ގޮތަކަށް އޮތަސް އެލޯބީގެ ވާޖިބު އަދާކުރަން މަޖުބޫރުވާނެއެވެ. އެއީ ދުނިޔެ ހިނގާ ގޮތެވެ. " ޚައިރާދަށް ގިސްލެވެމުން ގޮސް ބުނެވުނެވެ.
" އެކަމަކު ، އަޝްހަރު އަހަރެން ދެކެވީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ ؟ އެލޯތްބަކަށް އިތުބާރު ނުކުރެވޭ ލޯތްބަކީ ، ލޯތްބެއްނޫނެވެ. އެވަރަށްވެސް އަހަރެންދެކެ ، އަޝްހަރު ލޯބިވީ ކީއްވެ ހެއްޔެވެ ؟ ނާމާން ބިރުވެރި މަގެއްގެ ހަތަރު އަގޮޅިއަކަށް އަހަރެން އެއްލައިލާފައި އަޝްހަރު ދިޔައީ ކޮންތާކަށް ހެއްޔެވެ ؟ އެއަކަށް ލޯތްބެކޭ ނުކިޔާނެއެވެ. " އަޝްހަރު ބުންޏެވެ.
" ދުނިޔެއާ ހަނގުރާމަ ކޮށްކޮށް އަހަރެން ބަލިވެއްޖެއެވެ. އިތުރު ދިރިއުޅުމަކަށް ހިތްވަރުލިބޭވަރަކަށް ، އަހަރެން ގަޔަކު ވަރެއް ނެތެވެ. " ޚައިރާދުގެ ރުއިމުގެ ތެރޭގައި ބުންޏެވެ.
ޚައިރާދު ، އިސްއުފުލާލައި އަޝްހަރާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެތައް އިރަކު އެދެމީހުން ، ދެމީހުންގެ ލޮލުން ބުނަމުން އެދާ ޝަކުވާއާއި ވާހަކަތައް ކިޔަން ތިއްބެވެ. އެހެނަސް އެއީ ކިޔާކިޔާ ހުސްވާން އޮތް ވާހަކަ ތަކެއްނޫނެވެ.
އަޝްހަރު ، ޚައިރާދާ ގާތަށް ޖެހިލިއެވެ. އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ. ކޮންމެފަދަ ޙާލެއްގައި އުޅެން ޖެހުނަސް ، ކޮންމެފަދަ ކަމެއް ދިމާވިޔަސް ، ދެން ދުވަހަކުވެސް ، ޚައިރާދު ދޫކޮށްލާފައި ނުދާނެކަމަށް އަޝްހަރު ވަޢުދުވިއެވެ.
އެވަގުތު ވަރަށް ބާރަށް ގުގުރިއެއްޖަހައި ވިދައިގެންފައި ބޯކޮށް ވާރޭ އޮއްސައިލިއެވެ. ދެމީހުންގެ ހިތުގައިހުރި އުދާސްތައް ދޮވެލަން އައި ، ރަޙުމަތުގެ ވާރެއެއް ފަދައެވެ. ގުގުރީގެ އަޑަށް ސިއްސައިގެންގޮސް ޚައިރާދަށް އަޝްހަރުގެ ގައިގާ ބައްދައި ލެވުނެވެ. އަޝްހަރުގެ ވަހާއި އިޙްސާސްތައް ، އެތައް ޒަމާނަކަށްފަހު އޭނާއަށް ލިބުނެވެ. ހިތިކަމެއް ހުއްޓަސް އެއީ ފޮނި އިޙްސާސް ތަކެކެވެ. ކުރިޔާ ތަފާތެވެ. އެހެނަސް އެއީ ލޯބި އިޙްސާސެކެވެ. ޚައިރާދު ޖެހޭނީ އަލުންބަލުން އެއަށް ހޭނޭށެވެ. އޭނާގެ އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. ހަރީމަށްޓަކައެވެ. އެގެއިން ، އިތުރު ޚައިރާދެއް އުފަންކުރުމަށްޓަކައެވެ. އަޝްހަރުގާތުގައި އޭނާ ހުންނަންޖެހޭ ސަބަބެއް އޮތްނަމަ ، އޮތް ސަބަބަކީ އެއީއެވެ.
އަޝްހަރުގެ ، މިލާ މޯޅިވެފައިވާ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފާޅުވިއެވެ. ނިތްކުރީގައިވާ ޒަޚަމްތަކުގައި އަޅަމުންދިޔަ ވޭނީ އިޙްސާސްތަކަށް ލުޔެއްލިބުނެވެ. ކުރިޔަށް ޖެހިލައި ގޭގެދޮރު ލައްޕައިލިއެވެ. އަދި ދެމީހުން އެކުގައި ހަރީމްގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ. އަޝްހަރު ހުރީ ޚައިރާދުގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ދެން ދުވަހަކުވެސް އެއަތުން ދޫކޮށްނުލާގޮތަށެވެ. ޚައިރާދުވެސް މިހާރު ، އެހުރީ އެފުރުޞަތު އަޝްހަރަށް ދޭގޮތަށެވެ. ހަރީމަށްޓަކައެވެ.
ބަގީޗާ ތެރޭގައިހުރި ގޮނޑިއެއްގައި ފަރީދާ ބައިންދާފައި އިނެވެ. އޭނާގެ ދެފަރާތުގައި ، ދެނޯކަރުން ކޮޅަށް ތިއްބެވެ. އެދެމީހުންނަކީ ، ފަރީދާ ބެލެހެއްޓުމަށްޓަކައި ޚާއްޞަކޮށްފައިތިބި ދެ ޚާދިމުންނެވެ. ފަރީދާގެ ސިކުނޑި މިހާރު ހަމައެއްނޫނެވެ. އެހެން އިނދެފައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ހަމަނުޖެހޭ ، ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. ބައެއްފަހަރަށް އަޑުގެ ނެތްތަނަށް ހޭނެއެވެ. އަނެއްބައި ފަހަރަށް އަޑުންއަޑުނަގާ ރޯނެއެވެ. ފަރީދާގެ ސިކުނޑީގެ ބައްޔަށް ގެންދަނީ ފަރުވާ ހޯދަމުންނެވެ. މޮޔައިން ބައިތިއްބާ ތަނަކަށް ނުފޮނުވާ ސަލާމަތްވީ ކިރިޔާއެވެ. އެކަމުން ސަލާމަތްވީ ، ގޭގައި ބައިންދައިގެން ފަރުވާ ދިނުމުގެ ޒިންމާއާ އަޝްހަރު ޙަވާލުވެ ، ޑޮކްޓަރުގާތު އެތައް ވަރަކަށް ކިޔައިގެންނެވެ.
ފަރީދާގެ ސިކުނޑީގެ ނާރެއް ފަޅައިގެންގޮސް ، ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ، ސާޖަރީއެއް ހަދަން ޖެހުނެވެ. ފަރީދާއަށް އަންނަނީ ރަނގަޅުވަމުންނެވެ. އެހެންނަމަވެސް ، ކުރީގެ ޙާލަތަށް ފަރީދާ ބަދަލުނުވާނެކަން ޑޮކްޓަރުން އޮތީ ޔަޤީންކޮށްދީފައެވެ. އަދި ފަރީދާ ބަލަހައްޓަން ، އޭނާ ކައިރީގައި އަބަދުވެސް މީހަކު ހުންނަންޖެހޭނެކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. އެހުރިހާ ކަމެއް ފަރުވާތެރިކަމާއެކު އަޝްހަރު ގެންދަނީ ބަލަހައްޓަމުންނެވެ. ޚައިރާދާ ޙަވާލުކުރެވިފައި އޮތީ ، ފަރީދާއަށް ގަޑިންގަޑިޔަށް ކާންދިނުމުގެ ޒިންމާއެވެ.
މަޑުމަޑުން ހިނގާލާފައިގޮސް ، މަންމައާ ޖެހިގެން އެގޮނޑީގައި އަޝްހަރު އިށީނދެލިއެވެ. މަންމައަށް ބޯންދޭންގެނައި ކިރުތަށި ނުބޮއި މޭޒުމަތީ ބެހެއްޓިފައިހުރިތަން އަޝްހަރަށް ފެނުނެވެ. ފަރީދާ ބޮޑާ ހާކައިގަތީމަ ، ގަދަކަމުން ނުދޭންވެގެން ، އެ ކިރުތަށި ބަހައްޓާފައި އައިވާޙަކަ ، ޚައިރާދުގޮސް އަޝްހަރުގާތު އޮތީ ބުނެފައެވެ. ކިރުތަށި ނަގައި މަންމަގާތަށް ޖެހިލައި ، މަންމަގެ ތުނބުގައި ޖެއްސިއެވެ. އަދި ، ބަސްއަހައިގެން ކިރުތަށި ބޯލުމަށް ބުންޏެވެ. ތުން އަނބުރާލައިފާ ނުބޯނަމޭބުނެ އަޝްހަރުގެ އަތުގައިޖަހައި ، އޭގައިހުރީ ވެލިކަމަށް ފަރީދާ ބުންޏެވެ. އަދި ކަކަކަކަލާފައި ހޭން ފެއްޓިއެވެ.
" ސާރާހުރީ އަހަރެންދެކެ ވަރަށް ރުޅިއައިހެވެ. އޭނާ ގޭތެރެޔަށް ވަނަނުދެއްޗެވެ. އެހެންލާފައި އޭނާ އެބައާދެއެވެ. " ފަރީދާ ބުންޏެވެ.
މަންމަ އެކަމާ ނުވިސްނާށޭ ބުނެ ފަރީދާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ހަރީމް އެތަނަށް އައެވެ. އޭނާއައީ އެއްޗެއް ހޯދަންވެގެން އެވާހަކަ ބައްޕަގާތު ބުނުމަށެވެ. ހަރީމް ފެނުމާއެކު ، ހަރީމާދިމާއަށް ހީލައި ، ޕަރީއޭ ބުނެ ހަރީމަށް ގޮވައިލައި ހީލިއެވެ. ހަރީމްގާތަށް ހުރީ ފާޑެއްގެ ހިންޏެއް އައިއްސައެވެ. އެއީ އެއްވެސް މީހަކު އޭނާއާ މުޚާތަބުކުރާ ނަމެއްނޫނެވެ.
" އަހަރެންގެ ގެޔަށް އެއައީ ޕަރީއެކެވެ. އެއީ ކާކުގެ ޕަރީއެއް ހެއްޔެވެ ؟ " އަޝްހަރުކުރެން ފަރީދާ އެހިއެވެ. އަޝްހަރު ހިނިތުންވެލިއެވެ. އަދި އެއީ އޭނާގެ ޕަރީކަމުގައި ބުނެ ޖަވާބުދިނެވެ.
" އެހެން ހެއްޔެވެ ؟ އެއީ އަޝްހަރުގެ ޕަރީއެއް ހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.
ކަންބޮޑުވުމާއެކު ، އަޝްހަރު އޭނާގެ މަންމަގެ ބޮލުގައި ބޮސްދިނެވެ. އަދި ، އަތުގައިހިފައި ފިރުމައިލިއެވެ.
ޒަރީނާ ، ބޮލުގައި އަތުން ހިފަހައްޓާލައިގެން ، މޮޅިވެރިކަމުގައި އިސްދަށަށް ޖަހާލައިގެން ސިޓިންގރޫމުގައި އިނެވެ. އިރުކޮޅަކުން ކައިސަރު އައިސް ޒަރީނާގާތަށް ހުއްޓުނެވެ. އަދި ޒަރީނާއަށް ސަލާމް ގޮވައިލިއެވެ.
ޒަރީނާ ، އިސްއުފުލާލައި ، ސަލާމް ބަލައިގަތުމަށްފަހު އިށީނުމަށް ކައިސަރުގާތު ބުންޏެވެ.
ކައިސަރު އިށީނދެ ހަމަޖެހިލުމަށްފަހު ، ޒަރީނާގެ ޙާލު ކިހިނެއްތޯ ސުއާލުކުރިއެވެ. ޒަރީނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ފުހެލުމަށްފަހު ، އަދި މަރެއް ނުވެއޭ ބުންޏެވެ.
" ލަންޑަނަށް ދާވާހަކަ ދައްކާފައި އެކަން އޮތީ ކިހިނެއް ހެއްޔެވެ ؟ މާޙައުލު ބަދަލުވީމަވެސް ޒަރީނާގެ ޙާލަތަށް ހެޔޮ އަސަރެއް ކޮށްފާނެއެވެ. " ކައިސަރު ބުންޏެވެ.
އެއްވެސް ތާކުން އޭނާގެ ހިތަށް ދެން ، ތަސައްލީއެއް ނުލިބޭނެކަމުގައި ޒަރީނާ ބުންޏެވެ. އޭނާއަށް ދެންއޮތް ގޮތަކީ އެއިންތާ އިނދެ މަރުވެދިއުމެވެ. އޭނާގެ މުޅިދުނިޔެވަނީ ގެއްލިފައެވެ. ހުރި ހަމައެކަނި ދަރިފުޅު ، ސާރާ އޭނާއާ ވަކިވެ ދިއުމުން ދެންއިތުރު ދިރިއުޅުމެއްގައި އޭނާއަކަށް އުފަލެއް ނުލިބޭނެއެވެ. އެދަރިފުޅަށްޓަކައި އޭނާ ކުރަމުން ގެންދިޔަ ފޮނި އުއްމީދުތައް އެވަނީ ގެއްލިފައެވެ. އޭނާގެ ޙަޔާތުގައި އިތުރު އުއްމީދެއްކުރާކަށް ތަނެއް ނެތެވެ. އުޅެންޖެހުނު ޙާލެއްގައި އުޅެފައި ، ވަޅުލަންދެން އޭނާ ހުންނާނީ ކަރާޗީގައެވެ. ލަންޑަނުގެ މުއްސަނދި ދިރިއުޅުމަކީ އޭނާ ، ސާރާއާއެކު ހޭދަކުރަން ކުރި އުއްމީދެކެވެ. އޭނާ އެކަންޏަކަށް އެފަދަ އުއްމީދެއްގައި ކުލައެއް ނުޖެއްސޭނެއެވެ. އެހިސާބުން އޭނާއެވަނީ ދުނިޔެމަތިން ފޫހިވެފައެވެ.
ސާރާ ދުނިޔެއިން ވަކިވެދިއުމުން ، އޭނާގެ ހިތަށް އަރާ ފައިބާއެއްޗެތި ބުނަންވެސް ނޭނގޭކަމުގައި ކައިސަރު ބުންޏެވެ. ފަރީދާގެ ބަހަށް ހެއްލި ޚައިރާދާ ދެކޮޅަށް އެކުޅުނު ޑްރާމާގައި ބައިވެރިވެވުނުކަމުގެ މޮޔަ އޭނާގެ ހިތަށް އަރައެވެ. އެއީ އޭނާއަށް ހެދުނު ވަރަށްބޮޑު ގޯހެކެވެ. އެކަމަކު ، އެގޯސް އޭނާއަށް ހަދަން ޙާލަތު މަޖުބޫރު ކުރުވީއެވެ. ސާރާ ޙާޞިލްކުރުމަށް ވާންޖެހުނު ޤުރުބާނީއެއްގެ ގޮތުގައެވެ. ގޯސް ކަމަކަށްވިޔަސް ، އެފިޔަވަޅު ނޭޅިނަމަ ، ކައިސަރަކަށް ނުކިޔެވޭނެއެވެ. އަދި ، އޭނާއަށް މިހާރު ލިބިފައިވާ މުއްސަނދިކަމަކީ ، ދުވަހަކުވެސް ލިބޭނެ އެއްޗެއްނޫނެވެ.
އެ އިޙްސާސް ޒަރީނާއަށް ކުރެވުނީ ، ވަގުތު ފާއިތުވީފަހުން ކަމުގައި ޒަރީނާ ބުންޏެވެ. އެކަމަކާހުރެ ، އޭނާގެ އަތުން ހުރިހާ އެއްޗެއް ބީވެގެން ހިނގައްޖެއެވެ. އެންމެ ދެރަކަމަކީ ، އޭނާގެ ގާތްތިމާގެ މީހެއްގެ ފަރާތުން އެފަދަކަމެއް ދިމާވުމެވެ. އެހެންނަމަވެސް ، ކައިސަރެކޭ އެއްގޮތަށް ، ޒަރީނާގެވެސް މަޤްޞަދަކީ ސާރާއަށް ހެޔޮގޮތެއް ހޯދައިދިނުމެވެ.
ކައިސަރު އެއައީ ، އޭނާ އެނބުރި އެމެރިކާއަށް ދާވާހަކަ ޒަރީނާގާތު ބުނުމަށެވެ. ކައިސަރުވެސް ދާށޭ ފަރީދާ ބުންޏެވެ.
ކައިސަރު އެމީހަކަށްޓަކައި އެނބުރި ކަރާޗީއަށް އައި މީހާ މިހާރު ، މިދުނިޔެއަކު ނެތެވެ. އެހެންވީމާ ނުގޮސް ހުންނާނެކަމެއް ނެތެވެ. ކަރާޗީގައި ހުރެގެން އޭނާގެ ހިތަށްވެސް ކުރާނީ އަސަރެވެ. ކަރާޗީއަކުން އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސާރާގެ ހަނދާންތައް އެހާގިނަ ނޫންނަމަވެސް ، ލިބުނު ކުޑަކުޑަ އުފަލުން ހިތުގައި އުފެދިފައިވާ ޖަޒުބާތުން ސަލާމަތް ވެވޭނީ އެރަށުން ބޭރުވެގެންނެވެ. ކައިސަރަކީ ސާރާ ބޭނުންވި މީހެއްނޫންނަމަވެސް ، ހަދަހަދައިގެން އޮޅުވާލައިގެން ކައިސަރުގެ ހިތުތެރެޔަށް ސާރާވަނީ ވަދެފައެވެ. އެއީ ޙަޤީޤަތެއްކަމެއް ނުވަތަ ހަދައިގެން އުޅޭގޮތެއްކަމެއް ކައިސަރަކަށް ނުވިސްނުނެވެ. އެއަށްވުރެ ސާރާގެ ބަސްމަގާއި އޮޅުވައިލުން މާފުރިހަމައެވެ. އެކަމަށް އެހީތެރިވި މީހަކީވެސް ފަރީދާއެވެ. އެކަން އެހެން އޮއްވައި ، ކައިސަރުގެ ކައިވެނީގެ ހުށަހެޅުމައިގެން ސާރާމެންގެޔަށް ފޮނުވަންޖެހުނީވެސް ފަރީދާއެވެ. ފަރީދާ އެޖެހި ، ފިލުވައިލަން އުނދަގޫ ކިރުތަކެއްހުރި ، ކިރުއިލޮށީގައި ޖެހި ، ކައިސަރާއި ޒަރީނާ އަދި ސާރާގެ ދުނިޔެ އެވަނީ ބަރުބާދުވެގެން ގޮއްސައެވެ.
ފަރީދާގެ މަކަރާއި އޮޅުވައިލުންތަކުން ، އެތައްބަޔެއްގެ ދުނިޔެ އެވަނީ އަނދިރިވެގެން ގޮއްސައެވެ. ފަރީދާގެ މިއަދުގެ ޙާލަތަކީ އޭގެ ނަތީޖާކަމުގައި ބަލަން ޖެހެއެވެ.
ދެން އިތުރަށް ފަރީދާއާ ބައްދަލުކޮށް އިތުރު ވާހަކަތަކެއް ދައްކާކަށް ކައިސަރު ގަސްތެއް ނުކުރެއެވެ. އެހެންނޫނަސް ފަރީދާގެ ޙާލަތު ، ކައިސަރަކަށްވެސް އަދި ޒަރީނާއަކަށްވެސް އަދި ނޭނގެއެވެ. އަޝްހަރުވެސް ، މަންމަޔާބެހޭ އެއްވެސް ވާހަކައެއް ޒަރީނާއަކަށް ނާންގައެވެ. އެއީ އެހާ މުހިންމު ކަމަކަށް އަޝްހަރަކަށް ނުފެނުނެވެ. އަޝްހަރަށް މިހާރު އެންމެ މުހިންމީ އޭނާގެ ދަރިފުޅު ހަރީމެވެ.
ބޯކޮށް ، ވެހެމުންދާ ވާރޭގައި ބަގީޗާތެރޭ ، ހަރީމް ވާރެއާ ތެމެނީއެވެ. ލިބޭ އުފާވެރިކަމުން ހިނިއައިސްހުރެ މަޖާވެފައި ، ވާރޭފެނާ ކުޅެމުން އެނބުރެމުން ގެންދެއެވެ. އެތަން ބަލަހައްޓައިގެން ، ހިނިތުންވެފައި ، ގޭތެރޭގައި ޚައިރާދު ހުށްޓެވެ.
ޚައިރާދު ވައްކަޅިޔަކުން ބަލައިލިތަނުން ، އަޝްހަރު އައިސް އޭނާގާތު ހުއްޓިހުރިތަން ފެނުނެވެ. އަޝްހަރުވެސް ހުރީ ހިނިތުންވެފައެވެ. އެނާގެ މޫނުމަތިން ކުރިން ފެންނަމުންދިޔަ ، މާޔޫސްކަމާއި ނުތަނަވަސްކަމެއް މިހާރަކު ނެތެވެ. އޭނާގެ ދަރިފުޅު ވާރެޔާ ތެމެމުން މަޖާކުރަމުންގެންދިޔަ މަންޒަރުން ޚައިރާދު އޭނާއަށް ފެނުނެވެ. އެއީ މާކުރީގެ މަންޒަރެކެވެ.
އެއީ ، އެދެމަފިރިންގެ އުފާވެރި ދުވަސްތަކުން އެއް ދުވަހެކެވެ. ޚައިރާދުވެސް ، ހަމަ އެގޮތަށް ވާރެޔާ ތެމެމުންދިޔައެވެ. އަޝްހަރު ހުރީ ގޭތެރޭގައި މިހާރުވެސް އޭނާ ހުއްޓިހުރިތާނގައެވެ. ޚައިރާދު ވާރެޔާ ތެމެމުން ، އެބަގީޗާތެރޭ ، ހަމަ އެތަނުގައި އެނބުރެމުން ނަށަމުން ދިޔައެވެ. އަޝްހަރަށް އެއްލޮލުން ފެންނަނީ ހަރީމް އެތަނުގައި ހުރެ ވާރެއާ ތެމޭ ތަނެވެ. އަނެއް ލޮލަށް ފެންނަނީ ޚައިރާދުގެ ތަޞައްވުރެވެ.
މަންމާއެވެ ! ބައްޕާއެވެ ! ވާރެޔާ ތެމިލަން އައިސްބަލާށެވެ ! " ހަރީމް ، އޭނާގެ މަންމައާއި ބައްޕަޔަށް ގޮވިއެވެ.
ޚައިރާދުހުރީ ވާރެޔާތެމޭ ހިތަކުންނޫނެވެ. މިހާރު މާގިނައިރު ވެއްޖޭ ހީކަރުވައިގެންފާނެކަމަށް ބުނެ ގޭތެރެޔަށް އަންނަން ހަރީމުގާތު ބުންޏެވެ. އެވަގުތު ، ޚައިރާދު ކުރިން ބުނެފައިވާ ލޯބި ޖުމްލައެއް ، އަޝްހަރުގެ ކަންފަތް ދޮށުގައި ގުގުމާލިއެވެ.
" ވާރެޔާ ތެމުމަކީ އަހަރެންނަށް ވަރަށް މަޖާކަމެކެވެ. "
ހިނިތުންވެހުރެ ، ޚައިރާދާ ދިމާއަށް އަޝްހަރު ބަލައިލިއެވެ. އަޞްލުވެސް ޚައިރާދު ، ވާރެޔާ ގަޔާނުވަނީތޯ ސުއާލުކުރިއެވެ.
" ވާރެޔާ ގަޔާނުވަނީކީ ނޫނެވެ. ވާރެއާތެމެން މިހާރު ހިތް ނޭދެނީއެވެ. " ޚައިރާދު ބުންޏެވެ.
ވާރެޔާ ތެމުމުގެ ފޫހިކަން ލިބުނީ އަޝްހަރުގެ ސަބަބުންތޯ އަޝްހަރު ސުއާލުކުރިއެވެ. ޚައިރާދު އަޝްހަރުގެ ލޮލަށް ބަލަހައްޓައިގެން އެތައް އިރަކު ހުރުމަށްފަހު ނޫނެކޭ ބުނުމަށް އޭނާގެ ބޯ ހޫރާލިއެވެ. އަޝްހަރު ، އަޑުއަހަން ބޭނުންނުވާނެ ބަހެއް ބުނާކަށް ޚައިރާދު ބޭނުމެއް ނުވިއެވެ.
އަޝްހަރު ، ޚައިރާދާ ގާތަށް ޖެހިލިއެވެ. މަޑުމަޑުން ، ޚައިރާދުގެ ހުޅި މޮހާލައި ، އިސްތަށިގަނޑު ނިއުޅައިލިއެވެ. ވާރެޔާ ތެމިލަން ، ހަރީމްގާތަށް ބަގީޗާތެރެޔަށް ނުކުތުމަށް ، ލޮލުންނާއި ބޮލުން ، ޚައިރާދަށް އިޝާރާތް ކުރިއެވެ. އަދި ޚައިރާދުގެ އަތުގައި ހިފައިގެންހުރެ ، އަޝްހަރުވެސް ވާރެޔާތެމެން ނުކުތެވެ. މިހާރު އެއޮތީ ، ކުރަން ބޭނުންނުވާ ކަންކަންވެސް ކުރަން ޖެހިފައިކަމުގައި ހިތަށް އަރުވަމުންނެވެ.
ކުޑައިރުކޮޅަކު ވާރެޔާ ތެމިލުމަށްފަހު ، ހަރީމްގެ ކޮލަށް ދޮނެއްދީ ، ގޭތެރެޔަށް ވަންނަން އަޝްހަރު ދުއްވައިގަތެވެ. ހިޔަލަށްވަދެ ، ހަރީމާއި ޚައިރާދު ، ވާރެޔާ ތެމި މަޖާކުރަން އުޅޭތަން ބަލަން ، ހިނިތުންވެފައި ހުއްޓެވެ.
ޚައިރާދު ، އަޝްހަރާ ދިމާއަށް ބަލައިލާ ، އަތުން އިޝާރާތްކުރަމުން ، އެދެމައިންގާތަށް އައުމަށް ގޮވަމުން ގެންދިޔައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އަޝްހަރު ދިޔައެވެ. އަދި އެދެމައިންނާ ސަމާސާކުރަމުން ، ނޭނގޭކަމަށް ހަދާފައި ހަރީމް ގޮވައިގެން ގޭތެރެޔަށް ވަނެވެ. ޚައިރާދުވެސް އެދެބަފައިންނާއެކު ފަހަތުން އައިސް ގޭތެރެޔަށް ވަނެވެ. އުފަލުން ފޮޅެމުންނެވެ. އަޝްހަރާއި ޚައިރާދު ގޭތެރެޔަށް ވަދެގެން އެދިޔައީ ، އެމީހުންގެ ގައިގާ ޖެހިފައިއޮތް ކިރުއިލޮށީގެ ކިރުތައް ، ބޯކޮށް ވެހެމުންދިޔަ ބޮޑުތިކި ވާރެއިން ، ރަނގަޅަށް ދޮވެ ، ފިލުވައި ސާފު ކޮށްލައިގެންނެވެ. އެކަން އެގޮތަށް ހިންމަވައިދެއްވިކަމަށްޓަކައި ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ، ޙަމްދުކޮށް ޝުކުރު ދަންނަވަމުންނެވެ.
(ނިމުނީ)
" ކިރުއިލޮށި " މިވާހަކަ މިހިސާބުން މިނިމުނީއެވެ. ވާހަކަ ފަށައި ، ނިންމުމުގެ ތަވްފީޤު ދެއްވިކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ޙަޟުރަތަށް ، ޙަމްދުކޮށް ޝުކުރު ދަންނަވަމެވެ. މި ވާހަކަޔަކީ ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނަށްވެސް ، ޢިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް ގެނެސްދިން ވާހަކަޔަކަށްވީ ކަމަށް ހީކުރަމެވެ. ވާހަކަ ވިދާޅުވެ ، ވާހަކައިން މުނިފޫހި ފިލުއްވެވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމެވެ. ވާހަކަޔަށް ޚިޔާލު ދެއްވި ( ކޮމެންޓް ކުރެއްވި ) ކިޔުންތެރިންނަށް ، ޚާއްޞަ ޝުކުރެއް އަރިސް ކުރަމެވެ.
ެައެހެން ވާހަކަ އެއް ނެތް ތޯ
Kithamme varkah fenun dhovunas kiru iloshin heykunu kireh nufilaane theyolaigennoonee
alhugadu kudairu dhon dhooni. hifan kiruiloshi beynunkurin
mamma theyoungulhaane kirufiluvan varah reethi iburaiytheri vaahakae Shukuriyyaa
Faarooq
އަނެއްކާވެސް އާ ތަރުޖަމާ ވާހަކައަކަށް އިންތިޒާރުކުރަން😊
varahves ibraiytheri varahves reethi vaahakaeh vvv.shukuran