ކިރުއިލޮށި - 47

(25 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދާއި އަޝްހަރު އަދި ހަރީމްތިބީ ސިޓިންގރޫމުގައި މަޑުކޮށްލައިގެންނެވެ. ހަރީމް އޮތީ ޚައިރާދުގެ އުނގުގައި ބޯ އަޅައިލައިގެން މަންމައާއި ބައްޕައާ ސަމާސާ ކޮށްލާށެވެ. އަޝްހަރުގެ މޫނުމަތިންވެސް ފާޅުވަމުންދަނީ އުފާވެރިކަމެވެ.

ނުމެ ޢީދަކު ނުމެރޯދަޔަކު ، ކުއްލިޔަކަށް ގޭގެ ބޮޑުދޮރު ހުޅުވާލާފައި އެވަނީ ފަރީދާއެވެ. އޭނާގެ ދަތުރު ކުރުކޮށްލާފައި އަންނަން މަޖުބޫރުވީއެވެ. ޚައިރާދު އެގެއިން ބޭރުކޮށްލުމަށް އޭނާހުރީ ފެންބޮވައިގެންފައެވެ. ކެތް މަދުވެފައެވެ. ދޮރުހުޅުވުނު އަޑަށް އަޝްހަރު ބަލައިލިއެވެ. ފަރީދާ ، އަޑުގެ ނެތްތަނަށް އަޝްހަރަށް ގޮވައިލިއެވެ. މަންމަ ފެނުމާއެކު ، އަޝްހަރު ޙައިރާންވެސް ވިއެވެ. އަދި ހިނިތުންވެސް ވެލައި މަންމައަށް ސަލާމް ގޮވައިލިއެވެ.

ފަރީދާ އައިގޮތަށް އައިސް ، އަޝްހަރުގެ ސަލާމްވެސް ބަލައިނުގަނެ ، މީކޮންފަދަކަމެއްހޭ ކިޔައި ރުޅިވެރިކަމާއެކު އަޝްހަރާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" މަންމާއެވެ ! މިއީ ހަރީމެވެ. އަހަރެންގެ ދަރިފުޅެވެ. " އަޅައަޅައިގެންފައި އަޝްހަރު ޖަވާބު ދިނެވެ. އަދި އެއީ ދަރިފުޅުގެ މާމައޭ ބުނެ ، ހަރީމްގާތު މާމަޔަށް ސަލާމް ގޮވައިލުމަށް އަޝްހަރު ހަރީމްގާތު ބުންޏެވެ. ޚައިރާދު އަނގައިންވެސް ނުބުނެ ، ހަރީމް އޭނާގެ ގަޔާލައި ބޮނޑިކޮށްލައިގެން ކަންބޮޑުވެފައި އިނެވެ.

ހަރީމް ވަގުތުން ، މާމާއޭ ބުނެ ފަރީދާއަށް ސަލާމް ގޮވައިލިއެވެ. ފަރީދާ ، ހަރީމްގެ ސަލާމް ބަލައިގަތުމުގެ ބަދަލުގައި އަޝްހަރާ ދިމާއަށް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އަޝްހަރު މޮޔަވީހެއްޔެވެ. ތިންހަތަރު އަހަރުފަހުން މިއަންހެނާ ގެޔަށް އައިސް މިހުރީ އަޝްހަރުގެ ދަރިއޭ ބުނީމާ ޤަބޫލުކުރީ ހެއްޔެވެ ؟ ފަރީދާގެ އަޑު ހަރުވެފައި ރުޅިވެރިކަން ހުރިވަރުން ، އަޝްހަރަކަށް ހިމޭނަކުން ނުހުރެވުނެވެ. މަންމަގެ އަޑު މަޑުކުރާށޭ ، ހަރީމްގެ ޞިއްޙަތު ރަނގަޅެއްނޫނޭ ، އެކަމުން އޭނާއަށް އަސަރުކުރާނޭ ބުނެ ފަރީދާއާ ކުރިމަތިލިއެވެ. އަޝްހަރުގެ މޫނުމަތިންވެސް ފެނުނީ ރުޅިވެރިކަމެވެ. އަޝްހަރު ، ހަރީމަށް ގޮވައިލިއެވެ. އަދި މަންމައާއެކު ދަރިފުޅު ކޮޓަރިޔަށް ދާށޭ ބައްޕަ އެބަދަމޭ ބުނެ ، ޚައިރާދާއި ހަރީމް އެތަނުން ފޮނުވައިލިއެވެ. އަދި ހަމަޖެހިލައިގެން ވާހަކަ ދައްކާލަން އެތާ އިށީނުމަށް ފަރީދާގާތު އެދުނެވެ.

ފަރީދާގެ ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ. މިގޭގައި މި ހިނގަނީ ކޮންކަންތައްގަނޑެއް ހެއްޔޭ ، އަޝްހަރު ތިހުރީ މޮޔަވެފައި ހެއްޔޭ ބުނެ އަޝްހަރާ ދިމާއަށް ހަޅޭއްލަވަމުން ގެންދިޔައެވެ. އަދި ވެގެން އެއުޅެނީ ކީއްކަން އޭނާއަށް ނުވިސްނޭކަމަށް ބުނެ ކޮޓަރިޔާދިމާއަށް ހިނގައިގަތެވެ. އަޝްހަރު ގޮވުމުންވެސް މަޑެއް ނުކުރިއެވެ.

ސާރާ ބޭރުން އައިސް ގެޔަށް ވަތްތަނުން ޒަރީނާއާ ދިމާވެގެން އޭނާ އެއައީ ކޮންތާކުންތޯ ސުއާލު ކުރިއެވެ. ސާރާ އެއައީ ރައްޓެހިންތަކަކާއެކު ކޮފީއަކަށް ގޮހެވެ. އޭގެފަހުން ބާޒާރުކޮށްލަން ދިޔައީއެވެ. ސާރާ ބޭރަށް ނުކުމެ ރައްޓެހިންނާއެކު ތަންތަނަށް ގޮސް އުޅުމަކީ ޒަރީނާގެ ހިތަށް ހަމަޖެހުންލިބޭ ކަމެކެވެ. އެކަމާ ޒަރީނާ އުފާކުރިއެވެ.

ސާރާހުރީ އުފަލުންގޮސް ފޮޅިފައެވެ. ދަތުރު ކުރުކޮށްލާފައި ފަރީދާ ، މިއަދު އެނބުރި އަތުވެއްޖެއެވެ. ސާރާގެ ހުރިހާ ކަންބޮޑުވުމަކަށް ޙައްލު ލިބުނީއެވެ. ދެނެއް ، ލަހެއް ފަހެއް ނޯންނާނެއެވެ. ދެމިނިޓްގެ ތެރޭގައި އެގެއިން ޚައިރާދު ބޭރުކޮށްލާނެއެވެ.

ޚައިރާދު ގެއިން ބޭރުކޮށްލީމަ ސާރާއަށް ވާނެ ފައިދާއަކީ ކޮބައިތޯ ޒަރީނާ ސުއާލުކުރިއެވެ. އޭގެ މާނަޔަކީ ، އަނެއްކާވެސް ނިކަމެތިގޮތަކަށް ޚައިރާދު އެގެއިން ބޭރުކޮށްލެވެނީއެވެ. ޚައިރާދު އެއައީ އޭނާގެ ދަރިފުޅު ބަހަނާއަކަށް ހަދައިގެން އަލުން އަޝްހަރުގެ ދިރިއުޅުމުގެ ތެރެޔަށް ވަންނާށެވެ. ފަރީދާ ދައްތަ އެކަން އެހެން ވިޔަކަ ނުދޭނެއެވެ. ސާރާގެ ހިތުގައި ފަރީދާގެ ޙީލަތްތެރިކަމުގެ މައްޗަށް އެހާބޮޑު ޔަޤީންކަމެއް އޮތެވެ. ޒަރީނާ ސާރާއާ ކުރާ ސުއާލަކީވެސް އެއީއެވެ. އެކަން އެހެންވެއްޖިއްޔާ ސާރާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ ؟ ސާރާއަށް ޙާޞިލްވާނީ ކޮންކަމެއް ހެއްޔެވެ ؟

ޒަރީނާގެ ސުއާލުން ސާރާ ކަންބޮޑުވިއެވެ. އަދި ޒަރީނާގެ ސުއާލުގެ މަޤްޞަދަކީ ކޮބައިތޯ ސުއާލުކުރިއެވެ. ޚައިރާދު އެގެއިން ނެރެލީމަ އޭނާއަށް ލިބޭނެ ފައިދާ މަންމަޔަށް ނުފެންނަނީތޯ ސާރާ ސުއާލު ކުރިއެވެ.

" ހަމަގައިމުވެސް އަޝްހަރެއް ސާރާއަކަށް ނުލިބޭނެއެވެ. " ޒަރީނާ ބުންޏެވެ.

ސާރާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ މަންމަޔަށްވެ ހުރެ  ޒަރީނާއަށް އެބުނެވޭ އެއްޗެއް އެނގޭތޯ ސާރާ ސުއާލުކުރިއެވެ.

ސާރާއާ ޒަރީނާ އެކުރާ ސުއާލަކީ ، ސާރާގެ މަންމަ ކަމަށްވާތީ ކުރާ ސުއާލެއްކަމަށް ޒަރީނާ ބުންޏެވެ. މީހަކާ އިނދެގެންހުރި ފިރިހެނެއްގެ ފަހަތުން ، އޭނާގެހުރި ހަމައެކަނި އަންހެންދަރި ދުވާތަން އޭނާއަށް އެބަ ފެންނަކަމުގައި ޒަރީނާ ބުންޏެވެ. ސާރާގެ ދިރިއުޅުން ބަރުބާދުވުން ނޫންކަމެއް އެކަމުގައި ނެތްކަމަށް ޒަރީނާ ދެކެއެވެ. ސާރާގެ އަޑު ގަދަވިއެވެ. ދެލޯބޮޑުކޮށްފައި މަންމައާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" ދިރިއުޅުމަކީ އަހަރެންގެ ޙައްޤެކެވެ. އާބާދުވިޔަސް ބަރުބާދުވިޔަސް އެއީ އެހެން މީހަކާބެހޭ ކަމެއްނޫނެވެ. " ސާރާ ރުޅިއަރައިގެންފައި ކޮޓަރިޔަށްވަދެ ދޮރުލެއްޕިއެވެ.

ފަރީދާ ދިޔަގޮތަށްގޮސް ، ބޮޑުތަކުރު ޔާސީނަށް އަރާއިންނަހެން އެނދުމައްޗަށް އަރައި ، ދެރަވާކަމަށް ހަދައިގެން އިނެވެ. އަޝްހަރު ފެންތަށްޓެއް ހިފައިގެން އައިސް މަންމަޔަށް ދިއްކޮށްލިއެވެ. އަދި ފެންފޮދެއްބޯލައި ހަމަޖެހިލުމަށް އެދުނެވެ.

ފަރީދާ ފެންބޯން ދެކޮޅު ހެދިއެވެ. އަދި އެ ޙަޔާތްކުޑަ އަންހެނާގެ މޫނުފެންނަންވެސް އޭނާ ބޭނުންނުވާކަމަށް ބުންޏެވެ. އަޝްހަރު އެހާބޮޑަށް އޭނާއަށް އޮޅުވައިލާނެކަމަކަށް ފަރީދާ ހިއެއް ނުކުރެއެވެ. އެއަންހެނާ އޭނާގެ ގެޔަށް ވަނުމަށް ހުއްދަދިނީ ކީއްވެގެންތޯ އަޝްހަރާ ސުއާލުކުރިއެވެ. އެއީ ، އަޝްހަރުގެ އަނތްބެއްގެ ގޮތުގައިހުރެ އެހެން ފިރިހެނަކާ ހިތާވި އަންހެނެކެވެ. އެހާބޮޑުކަމެއް އެހާ ފަސޭހައިން އަޝްހަރު ހަނދާން ނައްތައިލީ ކިހިނެއްތޯ ސުއާލުކުރިއެވެ.

އަޝްހަރު ، އޭނާގެ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އަތުގައި ހުރިއްޔާ ހުރިބާރެއްލާފައި އަތުގައި އޮތް ބިއްލޫރިތަށި ތަޅުންގަނޑުމައްޗަށް އެއްލައިލިއެވެ. އޭނާއަށް ބުނެވުނީ ކީކޭކަމެއްވެސް އަޝްހަރަކަށް ނޭނގެއެވެ. ޚައިރާދު އެގެޔަށް ގެނައީ އޭނާކަމުގައި އަޝްހަރު ، ހަރުއަޑުން ބުންޏެވެ.

ޙާލާތުގެ ނާޖާއިޒު ފައިދާ ނަގައި ޚައިރާދު ، އަޝްހަރު ބޭނުންކުރަމުންދާކަން ނޭނގެނީތޯ ފަރީދާ ސުއާލުކުރިއެވެ. ގެއިން ނުކުމެގެންދިޔަ މީހަކު އަނބުރާ ގެޔަށް ވައްދަންވީ ކީއްވެގެން ހެއްޔެވެ ؟ އަޝްހަރަށް ވެފައި އެހުރީ ކީއްތޯ އަހައި ފަރީދާ ހަޅޭއްލަވަމުން ގެންދިޔައެވެ. ޚައިރާދު އެގެޔަށް އެއައީ ގެ އަމިއްލަކުރަންކަމަށް ފަރީދާ ތުހުމަތު ކުރިއެވެ.

ޚައިރާދު އެއިން އެއްވެސް ކަމެއް ނުކުރާކަމަށާއި އޭނާ އެއައީ ، އެއްވެސް ޙައްޤެއްހޯދަން ނޫންކަމުގައި އަޝްހަރު ބުންޏެވެ. އަދި އެގެޔަށް ޚައިރާދު ގެނައީ ޚުދު އަޝްހަރުކަމުގައިވެސް ބުންޏެވެ.

ޚައިރާދުގެ މަޤްޞަދަކީ ، އަޝްހަރާއި އޭނާއާ ދެމެދަށް ވަނުންކަމަށާއި އެދެމައިންގެ ގުޅުން ކަނޑުވައިލުންކަމުގައި ފަރީދާ ބުންޏެވެ. ފަރީދާ އޭނާގެ ކުރިމަތީގައި ހުރަހަކަށްވެ ހުންނާނެކަން ޚައިރާދަށް އެނގޭނެއެވެ. ޚައިރާދު އެއައީ އޭނާގެ ކިބައިން ބަދަލު ހިފުމަށެވެ. އެކަން ކުރަން އެއްވެސް ޙާލެއްގައި ފަރީދާ ، ޚައިރާދަށް ފުރުޞަތެއް ނުދޭނެއެވެ.

" މަންމާއެވެ ! ޚައިރާދު އައީ ހަމައެކަނި ހަރީމަށްޓަކައެވެ. ޙަރީމުގެ ބައްޔަށް ފަރުވާ ކުރަންވެގެންނެވެ. އެހެން ބޭނުމެއް ޚައިރާދުގެ ނެތެވެ. ޚައިރާދު މިގޭގައި ހުންނަން އަހަރެން ހުއްދަދިނީ ހަމައެކަނި ހަރީމަށްޓަކައެވެ. ހަރީމުގެ ސާޖަރީ ނިމުނީމަ ޚައިރާދު މިގެޔަކު ނުހުންނާނެއެވެ. " އަޝްހަރު ބުންޏެވެ.

" އަޝްހަރެވެ ! އަހަރެންގެ ވާހަކަ ކަނުލައި އަޑުއަހާށެވެ ! މިގޭގައި ޚައިރާދު ބަހައްޓައިފިނަމަ ، އަހަރެން ދުވަހަކުވެސް އަޝްހަރަށް މަޢާފެއް ނުކުރާނަމެވެ. ޚައިރާދަކީ ، އަޝްހަރަށް ބޭވަފާތެރިވި އަންހެނެއްކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. އަޝްހަރުގެ އަނތްބެއްގެ ގޮތުގައި ޚައިރާދު އަލުން ބަލައިގެންފިނަމަ ، ތިއީ އަހަރެންގެ ދަރިއެއްނޫންކަމަށް އަހަރެން ނިންމާނަމެވެ.  އަދި ، ދަރިއެއްނެތް މީހެއްގެ ގޮތުގައި އަހަރެން އުފަލާއެކީ މަރުވާނަމެވެ. އަހަރެން ދުވަހަކުވެސް އަޝްހަރަށް މައާފެއް ނުކުރާނަމެވެ. ގޮތެއް ނިންމާނީ އަޝްހަރެވެ.  " ފަރީދާ ، އަޝްހަރަށް އިންޒާރު ކުރިއެވެ. ރުޅިވެރި ބަސްތަކުން ހަރު އަޑުންނެވެ.

މަޔެއްގެ ދުލުން ބޭރުވާން ނުޖެހޭ ބަސްތަކެއްގެ އަޑުއަހަން ، އަޝްހަރަށް އުނދަގޫވެފައި ހިމޭނުން އިނެވެ. އެހާބޮޑު ނަފުރަތެއް ޚައިރާދާމެދު ފަރީދާގެ ހިތުގައި އުފެދިފައި އެއޮތްގޮތަށް ތާޒާކަންމަތީ  އޮވެދާނެކަމަކަށް އަޝްހަރު ޤަބޫލެއް ނުކުރެއެވެ. ދުނިޔެ ބަދަލުވާނެއެވެ. ޙާލާތު ބަދަލުވާނެއެވެ. އެއާއެކު ވިސްނުންވެސް ބަދަލުވާނެއެވެ. އެކަމަކުވެސް ، އަޝްހަރަށް ފެނުނުތަނުގައި ، މަޔަކަށް އަސަރުކޮށްގެން ހިތްނުބައިވެ ނަފުރަތާއި ރުޅިވެރިކަން ހައްދުން ނައްޓާފަދަ ޢަމަލުތަކެއް ޚައިރާދުގެ ކިބައިން އޮތީ ފެނިފައެވެ. އެއީ ފަހަރެއްގައި ހަމަ ޖާއިޒު ކަމަކަށް ވެދާނެއެވެ. މަންމަ ކަމަށްވާތީ އަޝްހަރަށް ނުކުރާ އަސަރު ، ފަރީދާގެ ހިތަށް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަންހެނަކަށް ވާތީއެވެ. އޭގެ އިތުރަށް އަޝްހަރުގެ މަންމަކަމަށް ވާތީ މެއެވެ.

އަޝްހަރަށް މަންމަގެ ހުއްދަނެތި ޚައިރާދު އެގޭގައި ބެހެއްޓުނީތީ މައާފަށް އެދުނެވެ. އަދި އެކަމާ ދެރަވާވާހަކަ ބުނަމުން ކޮޓަރިން ނުކުތެވެ. ފަރީދާ އިނީ އަޝްހަރާ ދިމާއަށް ލޯއަޅައިގެންނެވެ.

ސާރާ ، އޭނާގެ ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި ކޮފީތަށްޓެއްބޯން އިނެވެ. ޒަރީނާ މަޑުމަޑުން ހިނގާލާފައި އައިސް އެތާ މަޑުކޮށްލިއެވެ. ސާރާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

ޙަޤީޤަތް ޤަބޫލުނުކުރިޔަސް ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. ސާރާ ދިރި ދުނިޔޭގައި އުޅުމުގެ ހުރަހަކަށް އަޝްހަރު ވެއްޖެއެވެ. އަޝްހަރުގެ ފަހަތުން މޮޔަވެގެން ހިނގާއިރު ، އަޝްހަރުގެ ފަރާތުން އެއްވެސް އުއްމީދެއް ނުލިބުނަސް ސާރާއަށް އެންމެ ރަނގަޅު ދޯއެވެ. ޚައިރާދު އަޝްހަރާއެކު ހުއްޓަސް އަދި ނެތަސް ، އަޝްހަރުގެ ހިތުގައި ސާރާގެ މައްޗަށް އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ. މި ވޭތުވެދިޔަ ތިންހަތަރު އަހަރުދުވަހުގެ ތެރޭގައި އެކަން ސާރާއަކަށް ނުވިސްނުނެވެ.

މަންމަޔަށް މިއަދު އެއުޅެނީ ކިހިނެއްވެގެން ، ކޮންކަހަލަ ހުވަފެނެއް ފެނިގެންކަމެއް ސާރާއަކަށް ނޭނގުނެވެ. ދަރިއެއްގެގާތުގައި ދައްކަންޖެހޭ ވާހަކަ މަންމަޔަށް އެބައޮޅޭކަމުގައި ސާރާ ބުންޏެވެ.

ޒަރީނާގެ ނަޒަރުގައި ، އޭނާއަށް ވެގެން އުޅޭގޮތަކީ ، އޭނާގެ ދަރިފުޅު ، ފިރިހެނަކާ އަޅައިގަނެގެން ނުނެއްޓި ، އެދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެގެންދާތަން  ފެނިފެނި އޭނާގެ ހިތްހަލާކުވަނީއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން އެގޮތަށް ބަރުބާދުވެގެންދާތަން ބަލަން ހުންނަން ހިތަށް ދަތިވަނީއެވެ.

އަޝްހަރަކީ ޒަހަރެއްނޫންކަމުގައި ސާރާ ބުންޏެވެ. ހަމައެއާއެކު ، ސާރާއަށްޓަކައި އަޝްހަރު އެއީ ވިހައެއްކަމުގައި ޒަރީނާ ބުންޏެވެ. އަދި އަޝްހަރުގެ ފަހަތުން ދުވުން ދޫކޮށްލުމަށް ޒަރީނާ އެދުނެވެ. އަޝްހަރަކީ ކުރިންވެސް ސާރާގެ މީހެއްނޫނެވެ. އަދި ކުރިޔަށް އޮތްތަނުގައި ، އެއީ ސާރާގެ މީހަކަށްވެސް ނުމެވާނެމެއެވެ. ސާރާ އެފެންފުރަނީ ފޫނެއް ފަޔަކަށެވެ.

ސާރާގެ މަންމަ ، ސާރާއާ ބެހޭގޮތުން އެކަހަލަ ވާހަކައެއް ދައްކަފާނެކަމަކަށް ސާރާ ހިއެއް ނުކުރެއެވެ. އަޝްހަރަކީ އޭނާއަށް ކިހާ މުހިންމު މީހެއްކަން ޒަރީނާއަކަށް ނުވިސްނެއެވެ. މަންމަގެ ތިމާގެ މީހަކީ ފަރީދާއެވެ. ފަރީދާއަށްވެސް މަންމަ އިތުބާރެއް ނުކުރެއެވެ. ސާރާ އޭނާގެ ގޮތްދޫނުކޮށް އޭނާއަށް ގޯސްކަމެއް ނުކުރެވޭކަން ސާބިތުކޮށްދިނުމަށްޓަކައި ، ވާހަކަ ދައްކަމުން ގެންދިޔައެވެ. ފަރީދާގެ ދޮގުތަކާއި މަކަރާއި ޙީލަތުން ސާރާވެސްވަނީ މަގުއޮޅިފައިކަމަށް ޒަރީނާ ބުންޏެވެ. ޚައިރާދަށް ފަރީދާ ހަދަން ބޭނުންވާގޮތެއް ހަދަން ދޫކޮށްލާށެވެ. ފަރީދާ ބޭނުން އަނިޔާއެއް ޚައިރާދަށް ދެވިދާނެއެވެ. ޚައިރާދު އެގެއިން ނެރެބޭރުކޮށްލެވިދާނެއެވެ. އެއީ ފަރީދާއަށް ކުރެވިދާނެކަމަކެވެ. އެހެނަސް ، ޚައިރާދަށް ފަރީދާ އެދޭ އަނިޔާގެ ބަދަލުގައި ، ސާރާއަށް އަޝްހަރު ލިބޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ ؟ ފަރީދާއާއި ސާރާއަށް އެ މަޤްޞަދު ޙާޞިލްވެދާނެކަމަށް ހީވޭ ހެއްޔެވެ ؟ ޒަރީނާ ، ސާރާކުރެން އެއްސެވެ.

" ލިބޭނެއެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނަށް އަޝްހަރު ލިބޭނެއެވެ. އަހަރެންނާ އަޝްހަރު ދުރުކުރަން މަންމަ ތިއުޅެނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. އެއީ މަންމަ ތި ހޯދައިގެން އުޅޭ މުއްސަނދި ފިރިހެނާއާ ކައިވެނިކުރަން އަހަރެން އެއްބަސް ކުރުވާށެވެ. އަހަރެންގެ ހިތާކުޅެ ، އޭނާގެ މައްޗަށް އަހަރެންގެ ހިތް އަނބުރައިލުމަށެވެ. " ސާރާ ރުޅިވެރިކަމާއެކު ބުންޏެވެ.

އަޝަހްރަށްޓަކައި މީހަކާ ނީނދެހުރެ ސާރާގެ މުޅި ޢުމުރުވެސް ހޭދަކޮށްފާނެއެވެ. އަދި އޭނާ އެހުރީ އެކަން ކުރުމަށް ނިންމައިގެންނެވެ. އަޝްހަރުދެކެ ކުޑައިރުއްސުރެ އޭނާ ވަމުން އައި ލޯތްބަކީ އެހެންމީހަކަށް ދެވޭނެ އެއްޗެއް ނޫނެވެ. އަޝްހަރާ ކައިވެނި ނުކުރެވުނު ނަމަވެސް ، ރައްޓެހިކަމުގެ ޒަރީޢާއިން ސާރާ ، އޭނާގެ ހިތް އަޝްހަރާއެކު އުފަލުގައި ބާއްވާނެއެވެ. އެހިތަށް ބޭނުންވާ އުފަލާއި އަރާމު ، ސާރާ ހޯދާނީ އަޝްހަރު ، އޭނާއާ ބާއްވާ ގާތްކަމުގެ ތެރެއިންލާފައި ، އަޝްހަރަށްވެސް އަންގައި ނުލައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.