ބްލޫ ރިބަން: ވަކަރުގޭކުދިންގެ ވެލިފޮޅުން

ދޮންބެއްޔާ ، އެންމެ ފުރަތަމަ މާލެޔަށް އައިސް އުޅުނުދުވަސްވަރު ، މާލޭގެ މަގުމަތިން ފެންނަ ކުދިބަޔަކު އުޅެއެވެ. އެކުދިންނާ ދިމާއަށް މީހުންގޮވަނީ " ވަކަރުގޭ ކުދިން " ގެ ނަމުންނެވެ. ވަކަރުގޭކުދިން ، ފާހަގަކުރެވިފައި އޮންނަނީ ، އެންމެ ދެރަ ، ހުތުރު އުޅުންއުޅޭ ވިޔާނުދާ ކުދިންގެ ގޮތުގައެވެ. އަނެއްބަޔަކު ބަލާގޮތުގައި ، ވަކަރުގޭކުދިންނަކީ ، ސަލާންޖަހާ ކުދިންނެވެ. ސަލާންޖަހައިގެން އެއްޗެތި ހޯދައިގެން އުޅޭ ނިކަމެތި ފަޤީރުކުދިންނެވެ. މިކުދިން ނިދައިއުޅެނީ " ވަކަރުގޭގަ " އެވެ.

އެދުވަސްވަރު ، މާލޭގެ އުތުރުފަރާތުގައި ރަށްފުށުމީހުން ލަފާފުރާ ދިމާއިން ، ކުޑަލާމިގަސްދޮށާ ދިމާ އަތިރިމަތީ ، ސަރުކާރުގެ ވަކަރާއި ލަކުޑި ރައްކާކުރަން ގުދަނެއް އަޅާފައި ހުރެއެވެ. އެ ވަކަރުގެ އެއީ ، ފަހުން ، މާރުކޭޓާ ދިމާއިން ދެކުނުގައި ، ކުރީގެ އަތިރިމަތީގައި ހުންނަ ގެޔެކެވެ. މާލޭގެ މަގުމަތީ ، ސަލާންޖަހަން އުޅޭކުދިން ނިދައި އުޅޭނީ އެ ގޭގައެވެ. " ވަކަރުގެ " ، އެގެޔަށް ކިޔެނީ ، ވަކަރާއި ލަކުޑި ، އެގެޔަށް ލާފައި ހުންނާތީއެވެ. އޭގެފަހުން ، މާލޭގެ މަގުމަތީ ސަލާންޖަހަން އުޅޭކުދިން ނިދަން ، ސަރުކާރުން ގެޔެއް އަޅައިދިނެވެ. މިގެ ، ސަރުކާރުން އަޅައިދިނީ ، ބަނޑޭރިގެޔާ ދިމާއިން އަތިރިމަތީ ފާރުކައިރީގައި އޭރު އެތާހުރި ހެލެނބެލިގަސްދޮށު ދޮރޯށީގެ ހުޅަނގުގައެވެ. މިގެޔަށްވެސް ފަހުން ކިޔައި އުޅުނީ ވަކަރުގެއެވެ.

ވަކަރުގޭކުދިންގެ ނަން މަޝްހޫރުވެ އެނަން އެކުދިންގައި ހަރުލީ ، އެކުދިން ނިދައި އުޅޭނީ އެ ( ވަކަރުގޭގައި ) ކަމަށްވާތީއެވެ. ވަކަރުގޭ ކުދިންނަކީ ، ވަރަށް ނިކަމެތި އަދި ، ފަޤީރު ކުދިބަޔެކެވެ. ލައިގެން ތިބޭނީވެސް ، ވީދި ހަޑިވެފައިވާ ހެދުމެވެ. ބޮލުފުނަލެއް ނާޅާނެއެވެ. ފައިވާނަކަށް ނާރާނެއެވެ. މަދުކުއްޖަކު ފިޔަވާ ގިނަކުދިން ، ވަރަށް ބަސްނާހާފައި ނުލަފާވާނެއެވެ. މީހުންނަށް އެހައި ޖެއްސުން ކުރާނެއެވެ. ގައިގެ ބައެއްތަންތަނުން ފާރުނުހިކި ހަލާކުވެފައި ހުންނާނެއެވެ. އެއްވެސްކަމެއްކުރާކަށް ލަދެއް ނުގަންނާނެއެވެ. ޖެހިލުމުގެ ކަންފުޅެއްވެސް ނުހުންނާނެއެވެ. އެހެން ، އަބަދު އުޅެއުޅެ ، ބައެއްކުދިން ވަރަށް ހިތްވަރުވެސް ގަދަވާނެއެވެ. އަނެއްބައިކުދިން ވަރަށް ހިތްބަލިވާނެއެވެ.

ކިތަންމެ ހިތްބައްޔަސް އަދި ހިތްވަރުގަދަޔަސް ، ހުރިހާކުދިންގެހެން ، އެއްގޮތެއް ނުވަތަ އެއްސިފައެއް ހުރެއެވެ. އެއީ ގޮތް ދޫނުކުރުމެވެ.

މަގުމަތި ކުޑަޔަށްލައި ، ނުލަފާކޮށް އުޅެންފެށީމަ އެއިން ކުއްޖެއްގެ ގައިގާ މީހަކު ޖަހާފާނެއެވެ. ޖަހާއިރަށް ބިންމައްޗަށް ވެއްޓޭނެއެވެ. ވެއްޓޭއިރަށް ވެލިފޮޅާލާފައި ތެދުވާނެއެވެ. ތެދުވުމާއެކު ބުނާނެއެވެ. " ދެން ، ނިކަން ޖަހައިބަލާށެވެ ! " ތަންކޮޅެއް ރުޅިގަދަ މީހުން އެކުއްޖާގައިގާ އަލުން ޖަހާނެއެވެ. ޖަހާއިރަށް ވެއްޓޭނެއެވެ. ވެއްޓޭއިރަށް ވެލިފޮޅައިލާފައި އަލުން ތެދުވެ ބުނާނެއެވެ. " ދެން ، ނިކަން ޖަހައި ބަލާށެވެ ! " މިހެންގޮސް ، ވެއްޓޭ ކޮންމެފަހަރަކު ރޯކަށް ނުއޮންނާނެއެވެ. ތެދުވެ ވެލި ފޮޅައިލާނެއެވެ. އަދި އަނގައިން ދެރަނުވެ ، ދެން ނިކަން ޖަހައިބަލާށޭ ބުނާނެއެވެ.

ބަނޑުވަތަށްލައި ވެއްޓުނީމަ ، ގޮތްދޫނުކޮށް ، ތިމާވަރުގެ މީހެއްނެތޭ ހިތައި ، ކޮޅަށް ތެދުވާން މަސައްކަތްކުރާ  މީހުން މިހާރުވެސް ދުނިޔޭގައި އެބައުޅެއެވެ. އެހެންނަމަވެސް ؛  ރޫޙެއްދިރޭނީ ރޫޙުގައި ހުރެގެންނެ ރޫޙެއް ހަމަދިރޭ ، އެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.