ބްލޫ ރިބަން: ދިވެހިބަހުގެ ނިމުމާއި ދިރުން

Photo credit: ThatMaldivesBlog

ކޮންމެ ޤައުމެއްގައިވެސް ، މާދަރީބަހެއް އޮވެއެވެ. ދިވެހިރާއްޖޭގައިވެސް ދިވެހި ރައްޔިތުން ލިޔެ ވާހަކަ ދައްކާ ބަހުރުވައެއް އޮވެއެވެ. ޤައުމުގެ އެންމެން ވާހަކަ ދައްކައި ލިޔެއުޅެނީ އެއް ބަހަކުންނެވެ.  އެއީ ދިވެހި ބަހެވެ. ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 11 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ، " ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަހެވެ. " މިފަދައިންނެވެ.

ޤައުމެއްގެ ޤައުމީބަސް ނުވަތަ މާދަރީބަސް ކުރިއަރުވައި ތަރައްޤީ ކުރުމަކީ ، ދައުލަތުގެ ޒިންމާއެކެވެ. ދިވެހި ދައުލަތުން މި ޒިންމާ މަތިކޮށްފައިވަނީ ، މިނިސްޓްރީ އޮފް އާރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖާއެވެ. އެމިނިސްޓްރީގެ މޭންޑޭޓަކީ ، ދިވެހިބަހާއި އަދަބާއި، ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާތަކާއި ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމެވެ. އަހަރުތެރޭގައި ކުރިޔަށް ގެންދެވުނު މައިގަނޑު 14 ކަމެއް އެމިނިސްޓްރީގެ ވެބްސައިޓްގައި ފާހަގަކޮށްފައި އެބަ އޮތެވެ. ދިވެހި ބަހާބެހޭ އެއްވެސް ކަމެއް ކުރެވިފައި އޮތްކަމަކަށް ، އެ މައިގަނޑު ، 14 ކަމުގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.

27 ޑިސެމްބަރ 2022 ގައި ޝާއިޢުކޮށްފައިވާ " ދިވެހި މީޑިއާގެ އަޚުލާޤީ މިންގަނޑު " ގައި ، ދިވެހިބަސް ޙިމާޔަތްކޮށް ، ރައްކާތެރިކޮށް ކުރިއަރުވައި ދެމެހެއްޓުން ފިޔަވައި ، ދުނިޔޭގައި ލެއްވިހާ ކަމެއް އެމިންގަނޑަށް ފައްތާފައި ވެއެވެ. އެންމެ ކުޑަމިނުން ، ދިވެހިބަހަށް އިޙްތިރާމް ކޮށްލުމަށްވެސް އެމިންގަނޑުގައި ލިޔެވިފައެއް ނުވެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން އެއީ ، މިނިސްޓްރީ އޮފް އެންވަރަންމަންޓް ، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މޭންޑޭޓެކޭ ލިޔެފައި ވެއެވެ. ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށް ޓެކްނޮލޮޖީގެ ދާއިރާއިން ،އެމިނިސްޓްރީން ކުރިކަމެއްގެ މަޢުލޫމާތު ސާފުވާކަށް ނެތެވެ.

ދިވެހިބަހުގެ އެކަޑަމީއެއްވެސް އޮވެއެވެ. އެއެކަޑަމީން ހިންގިޙަރަކާތްތަކަށް ބަލާއިރު ، އެންމެފަހުން ހިންގާފައިވާ އިވެންޓަކަށް ވެބްސައިޓްގައި އޮތީ ހަމައެކަނި 2021 ގައި ބޭއްވުނު ، އެމް އެން ޔޫގެ ފޮތް މަޢުރަޒުގައި ދިވެހިބަހުގެ އެކަޑަމީގެ މޭޒެއް ބެހެއްޓުމެވެ. ބައެއް ، ޤައުމީ މުބާރާތް ބޭއްވިފައި ވެއެވެ. ކިރިޔާވެސް ދިވެހިބަހަށް ކަމެއް ކުރެވިފައި އޮތިއްޔާ އޮތީ އެ އެކަޑަމީން ކުރެވިފައިއޮތް ކަމެކެވެ. އެކަޑަމީގެ މޭންޑޭޓް ވަރަށް ފުޅަލެވެ. ދޭންޖެހޭނެ ކަމަށްބުނާ ޚިދުމަތްތައްވެސް އެހާ ގިނައެވެ.

ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި ދިވެހިބަސް ބޭނުންކުރުމަށް ޝަޢުޤުވެރިކަން އުފައްދަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރެވޭނެ އެތައް ކަމެއް އެބަހުއްޓެވެ. އަދި ދިވެހިބަހާބެހޭ ޢިލްމީ އެތައް ވިސްނުމެއް ދިވެހިންގެ މެދުގައި އެބައޮތެވެ. އޮފީސްތަކުގައި ސިޓީލިޔާ މުއައްޒަފުންނާއި ، ޒުވާނުންނާއި ، ފޯނުން އިނގިރޭސި އަކުރު ކިޔަން އުނދަގޫ މީހުންނާއި ، ސްކޫލް ކުދިންގެ މެދުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ، ޓެކްނޮލޮޖީގެ ދާއިރާއިން ކުރެވިދާނެ އެތައް ކަމެކެވެ. ސިޓީ ލިޔާއިރު ، ނުބައި ސުކުނެއް ޖެހީމާ ރަނގަޅުކޮށްލަން " އޮޓޯ ކަރެކްޝަން " އިން ބުނެދެވި ، " ތި ދެންނެވި ސުއާލު " ފަދަ ކުށްބަސް ރަނގަޅު ކުރެވި ، ގެޒެޓްގައި އޮޅުވައިލައިގެން ލިޔެވޭ ހާއާއި ޙާއާ އަދި ޚާ ފަދަ ކުދިކުދި ކަންކަން އެއީ ހަމަ ، ނުކުރެވޭ ވަރުގެ ބޮޑެތި ކަންކަމަށް ވަނީތޯއެވެ ؟

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.