ދަންމަރު: ތައްޔާރުވުންް

ބިން ހެލުމާއި ވަރުގަދަ ޠޫފާންތައް އަންނަ ޤައުމުތަކުގައި އެ ކަން ކަމަށް ތައްޔާރު ވުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅު އަޅާފައި ހުރެއެވެ. ޠޫފާން އައިސް ކަރަންޓު ދިއުމުގެ ސަބަބުން އަނދިރީގައި އުޅޭން ޖެހިއްޖެ ނަމަ ދިއްލާނޭ ޚާއްޞަ ވައްތަރެއްގެ ބައްތިއެއް ތައްޔާރު ކޮށްފައި ހުރެއެވެ. ބިން ހެލުމެއް އައިސް ގެ ވެއްޓުން ފަދަ ކަމެއް މެދުވެރި ވެދާނެތީ ރައްކާތެރި ވުމުގެ ގޮތުން ވަންނާނޭ ތަން ތަން ތައްޔާރު ކޮށްފައި ހުރެއެވެ. ޠޫފާނުގައި ބޯކޮށް ވާރޭ ވެހި، ފެން ބޮޑު ވުމުގެ ސަބަބުން ދިމާ ވެދާނޭ އުނދަގޫތަކުން ސަލާމަތް ވުމަށްޓަކައި ބައެއް ތަންތާނގައި ތަޅުންގަނޑު އުސްކޮށް ގެ އަޅައެވެ.

މި ހުރިހައި ފިޔަވަޅެއްގެ ޙަޤީޤީ ސަބަބަކީ ކޮބައިތޯއެވެ؟ އާދެ، ފުރާނައާއި، މުދަލާއި، ގެދޮރު ސަލާމަތް ކުރުމެވެ. އަންނާން އޮތް ނުވަތަ އަތުވެދާނޭ ނުރައްކަލަކުން ސަލާމަތް ވާން ކުރެވެން އޮތް ހައި ކަމެއް ކުރުމެވެ.

ޠޫފާނެއް އަންނަނީއޭ ގޮވައިލުމާއެކު މީހުން ކޮޅު ކޮޅު މައްޗަށް ދުއްވައިގަނެއެވެ. އެހެން ހުރިހައި ކަމެއް ހުއްޓާލާފައި ޠޫފާނުގެ ނުރައްކަލުން ސަލާމަތް ވުމަށް ފިޔަވަޅު އަޅަން ފަށައެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގިފައި އޮތް "ނުރައްކަލަކުން" ސަލާމަތް ވާން މަސައްކަތް ކުރާ މީހުން ވަރަށް މަދެވެ. އެއީ ޤިޔާމަތް ވުމެވެ. ޤިޔާމަތް ވާނީ ކޮން ދުވަހަކު، ކޮން ވަގުތަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. ޤިޔާމަތަކީ ވަކި ޤައުމަކަށް ކުރިމަތިލާން ޖެހޭ ކަމެއް ނޫނެވެ. އެއީ މުޅި ދުނިޔެއަށް އަންނާނޭ ދުވަހެކެވެ.

އެ ދުވަހަށްޓަކައި ތައްޔާރު ވާނޭ ގޮތް ވަނީ އެ ދުވަސް އަންނާނޭކަން އެންގެވި ފަރާތުން އަންގަވާފައެވެ. އެ ދުވަހަށްޓަކައި ދިއްލަން ޖެހޭ ބައްތިއަކީ އީމާންކަމުގެ ބައްތިއެވެ. ހެޔޮ ޢަމަލުތަކުގެ ބައްތިއެވެ. އެ ދުވަހު ކަންތައްތަކުން ސަލާމަތް ވާން ވަންނާނޭ ތަނެއް ނުހުންނާނެއެވެ. ކިތަންމެ އުސްކޮށް ގެ އެޅިޔަސް އެ ދުވަހުގެ "ޠޫފާނަކުން" ސަލާމަތެއް ނުވެވޭނެއެވެ.

އެކަމަކު ހިތާމަ ކުރަން ޖެހެނީ ޤިޔާމަތް ވާނޭކަން ޤަބޫލު ކޮށްގެން "ލައްބައިކަ" އޭ ގޮވަމުންދާ މީހުންނަށްވެސް އެ ދުވަހަށްޓަކައި ތައްޔާރު ވާން ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭ ކަމެވެ. މާ ބޮޑަށް ފަރުވާ ކުޑަ ކޮށްލައިގެން ތިބެވޭ ކަމީ ދެރަ ކަމެކެވެ.

މިއީ އިންސާނާގެ ޠަބީޢަތުގައި ހުންނަ ދެރަ ސިފައެކެވެ. ކުރިމަތިން ނުރައްކަލެއް ނުފެންނަ ނަމަ، ނުރައްކަލުގެ އިޙްސާސް ކުރުމަކީ ގިނަ މީހުން ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޤިޔާމަތް ދުވަހުގެ ކުލަވަރު ކޮންމެ ދުވަހަކު ނުފެނުނު ކަމުގައި ވިޔަސް އެ ދުވަހަށްޓަކައި ތައްޔާރު ވެއްޖެ މީހާގެ ދިރިއުޅުން ބާއްޖަވެރި ވެއްޖެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.