ތަމްސީލު ޝޯތައް ބާއްވާ މީހަކު ބުނެފައި ވެއެވެ.
"ތަމްސީލަކީ ދިރިއުޅުމެވެ. ތަމްސީލުން ފެންނާނީ ދިރިއުޅުމުގެ ޙަޤީޤަތެވެ. ފެންނަ މަންޒަރުތަކާ ކޮންމެވެސް ކަހަލަ ގުޅުމެއް އޮތް މީހަކު ތަމްސީލު ބަލަން ހުންނާނެއެވެ. އިސްޓޭޖު މަތިން އެ ފެންނަނީ ތިމަންގެ ދިރިއުޅުމޭ އޭނާގެ ހިތަށް އަރާނެއެވެ. އެކަމަކު އެ ދިރިއުޅުމުގައި އޭނާއެއް ނުހިމެނެއެވެ. ޙަރަކާތްތެރިވަނީ މުޅީން އެހެން ބައެކެވެ. ތަމްސީލު ކުޅޭ މީހުންނާއި ތަމްސީލު ބަލާ މީހުންގެ ތަފާތު ވަރަށް ބޮޑެވެ. ބަލާ މީހާގެ އިޙްސާސްތަކާއި ކުޅޭ މީހާގެ އިޙްސާސްތައް ތަފާތެވެ. ބަލާމީހާއަށްޓަކައި އެއީ ހަމައެކަނި މަންޒަރެކެވެ. ކުޅޭ މީހާއަށްޓަކައި އެއީ ޙަޤީޤަތެކެވެ. އެހެން ވަނީ އޭނާ އެ މަންޒަރުގެ ތެރޭގައި އުޅޭތީއެވެ."
ދިރިއުޅުމަކީ ވެސް ތަމްސީލެކެވެ. ދިރިއުޅުމުގެ ތަމްސީލު ދުރުން ބަލާ މީހަކަށް ދިރިއުޅުމުގެ ޙަޤީޤަތެއް ނޭނގޭނެއެވެ. ދިރިއުޅުން ދުރުން ބަލާ މީހުންނަކީ ކޮބައިތޯއެވެ؟ އެއީ ހަމަ ލޮލަށް ފެންނަ ކަންތައްތައް ފިޔަވައި އެހެން އެއްވެސް ކަމެއް ނޯންނަ ކަމަށް ހީކޮށްގެން ތިބޭ މީހުންނެވެ. އެ ފަދަ މީހުންގެ ދިރިއުުޅުން ބިނާ ކުރާނީ ދުނިޔޭގެ ލާބަ އާއި މަންފާއަށެވެ. މިއަދު ލިބޭން އޮތް އެއްޗެއް ލިބިގަތުމުގެ މައްޗަށެވެ. ފަހުން އަންނާނޭ ދުވަހެއްގެ ޚިޔާލެއް އެ މީހުންނެއް ނުކުރާނެއެވެ.
މިޔާ ޚިލާފަށް ތަމްސީލު ކުޅޭ މީހާގެ އިޙްސާސްތައް ހުންނާނީ މުޅީން ތަފާތު ގޮތަކަށެވެ. އޭނާއަށް ކޮންމެ ކަމެއްވެސް ފެންނާނީ ޙަޤީޤަތެއްގެ ގޮތުގައެވެ. އޭނާ ވިސްނަމުން ދާނީ ނަތީޖާ އާ މެދުގައެވެ. އޭނާގެ ޢަމަލުތައް ބަހައްޓާނީ ކުޅޭ މަންޒަރަކާ އެންމެ ގުޅުން ބޮޑު ގޮތަަށެވެ. އެހެން ނޫނީ މުޅި ތަމްސީލު "ނުބައި ވެގެން" ހިނގައިދާނޭކަން އޭނާއަށް އެނގޭނެއެވެ.
ދުނިޔޭގައި އުޅޭން ލިބިފައި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ކަންތައްތައް ބަހައްޓަންވީ ތަމްސީލު ކުޅޭ މީހަކާ އެއް ގޮތަށެވެ. ތަމްސީލު ބަލާ މީހަކާ އެއް ގޮތަކަށް ނޫނެވެ. އަޅުގަނޑުމެން ބަލަންވީ ނަތީޖާއަށެވެ. ދިރިއުޅެން އަންގަވައިފައިވާ އުޞޫލުތަކުގައި ހިފަހައްޓަވައިގެން ދިރިއުޅުއްވުން ކުރިއަށް ގެންދެވީމާ ނޫނީ ނަތީޖާ ރަނގަޅު ނުވާނެކަން އަބަދުވެސް ހަނދުމަފުޅު ކުރައްވަން ވާނެއެވެ.
ކޮންމެ މީހަކުވެސް ވާންވީ އެ މީހެއްގެ ޙަޔާތުގެ ތަމްސީލު ކުޅޭ މީހަކަށެވެ. އަދި އެ ތަމްސީލު ބަލައި ދިރިއުޅުމާ މެދު ވިސްނައި ފިކުރު ކޮށް އާޚިރަތުގެ ނަތީޖާ އަށް ތައްޔާރު ވާން މަސައްކަތް ކުރާ މީހެއް ކަމުގަ އެވެ.