ދަންމަރު: ކަނޑުތަކުގެ ވާހަކަ

ވާރެއާއި، މޫދާއި، ފެން އާރުތަކާއި، ކަނޑުތަކާއި މި ނޫނަސް ބޯން ލިބޭ ފެން ވެފައި ވަނީ ވަރަށް އާދައިގެ އެއްޗަކަށެވެ. މީހުން ތިބެނީ އެއަށް ވަރަށް ބޮޑަށް ހޭނިފަ އެވެ. ވުމާއެކު ދުނިޔޭގެ ބޮޑު ބައިގައި ވަނީ ފެން ކަމެއް ގިނަ މީހުން ހަނދާނެއް ނުކުރެ އެވެ. މީގެ އިތުރަށް އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ ވަރަށް ބޮޑު ޙަޤީޤަތެއް އެބަ އޮތެވެ. އެއީ ކާއިނާތުގައި ލައްވާފައިވާ ދުނިޔެތަކުގެ، ނުވަތަ ތަރިތަކުގެ ތެރެއިން ބޯން ކަމުދާ ފެން ހުރީ ހަމައެކަނި އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔޭގައި ކަމެވެ.

ފެނަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުން މާއްދާ އެކެވެ. އެހެން ނަމަވެސް ސޯލާ ސްިޓަމް ގައި ހިމެނޭ އަނެއް 63 ތަރީގައި ފެނެއް ނުހުރެ އެވެ. ދުނިޔޭގެ ފަސްބައި ކުޅަ ހަތަރު ބަޔަކީ ފެނެވެ. ބޮޑެތި ކަނޑުތަކުގެ އިތުރަށް އެހެން ސިފަ ސިފައިގައިވެސް ދުނިޔޭގައި ފެން ލައްވާފައި ވެއެވެ. އޭގެ ތެރޭގައި ކޯރު ކޯރާއި ފެން ގަނޑު ގަނޑު ހިމެނެ އެވެ. އެކި ތަންތާނގައި ލައްވާފައި ވަނީ އެކި ކަހަލަ ފެނެވެ. ބައެއް ތަނތާނގެ ފެނަކީ ބޮއި އުޅެން ނުކެރޭ ވަރަށް ލޮނު ގަދަ ފެނެވެ. ބައެއް ތަނާގައި ހުންނަނީ ބޯން ކަމުދާ މީރު ފެނެވެ. ފެން ލައްވާފައި ވަނީ ދުނިޔޭގައި އުޅޭ ދިރޭ އެއްޗިއްސަށް ބޭނުންވާ ފަދަ ގޮތަކަށް ވަކި މިންގަނޑެއްގެ ތެރޭގަ އެވެ.

ފެނެކޭ އެއް ފަދައިން އެތައް ބާވަތެއްގެ ދިރޭ އެއްޗިއްސެއް ދުނިޔޭގައި ލައްވާފައި ވެ އެވެ. ފެނުގެ ސަބަބުން ދިރޭ އެއްޗިއްސަށް ކުރާ ފައިދާތައް ވަރަށް ގިނަ އެވެ. މިސާލަކަށް ވާރޭ ވިލަޔާއި ވާރޭ އުފެދެނީ ފެން އާތްވަށް ވެގެން މައްޗަށް އަރައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފެނަކީ ވަރަށް ބޮޑަށް ހޫނު ހިފަހައްޓައިދޭ އެއްޗެކެވެ. ވުމާއެކު ދުނިޔޭގެ ހޫނުމިން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުގައި ބޮޑެތި ކަނޑުތަކުގެ ދައުރު ވަރަށް ބޮޑެވެ. ރޭގަނޑާއި ދުވާލުގެ ހޫނުމިން ހުންނަނީ ތަފާތު ދަރަޖައެއްގަ އެވެ. އެހެން ނަމަވެސް އައްސޭރިފަށުގައި ހުންނަ ތަންތާނގައި މި ތަފާތު ހުންނަނީ ވަރަށް ކުޑަ ކޮށެވެ. އެ ފަދަ ސަރަހައްދުތަކުގައި އުނދަގުލަކާ ނުލައި ދިރިއުޅެވޭ ސަބަބަކީ އެއީ އެވެ.

މި ޞަފްޙާގައި އެ ވާ ފޮޓޯގެ ކަނުގައިވާ ކުޑަ ފޮޓޯ އަށް ބައްލަވައި ލައްވާށެވެ. އިރުގެ އަލި ހިކިފަސްތަނަށް އެޅުނީމާ، އެ އަލި ފެނަށް އެޅުނީމާ އަލިވާ ވަރަށް ވުރެ މާ ބޮޑަށް އަލި ވެއެވެ. ފެނަކީ ދުނިޔޭގެ ބޮޑު ސަރަހައްދު ކަމުގައި ވިޔަސް ފެނަށް އެޅޭ އަލި ފެނުގެ ތެރެއަށް ތަޙްލީލު ވެގެން ދަނީ ހިކިފަސް ތަނަށް އެޅޭ އައްޔަށް ވުރެ މާ ހަމަ ހަމަ ގޮތަކަށެވެ. ވުމާއެކު އީކުއޭޓަރާ ކައިރީގައި ހުންނަ ސަރަހައްދުތަކުގެ ހޫނުމިން އެކަށީގެންވާ ވަރަށް ވުރެ ބޮޑު ވެގެންނެއް ނުދެ އެވެ. މީގެ އިތުރަށް ދުނިޔޭގެ ދެ ދަނޑީގެ ސަރަހައްދުގެ ފެން ހުންނަނީ އެ ސަރަހައްދާ އެކަށީގެންވާ މިންވަރަކަށް ހޫނު ވެފަ އެވެ. އެ ތަނތާނގައި ހުންނަ ފެން ގަނޑު ގަނޑު އެންމެ ފުނުން ފެށިގެން މައްޗާ ހަމައަށް އެކީގައި ގަނޑު ނުވެ ހުންނަ ސަބަބަކީ އެއީ އެވެ.

މި ދެންނެވުނީ ފެނުގައި ލައްވާފައިވާ ޠަބީޢީ ސިފަތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. މިހައި ވަރަށް ދަންނަވައިލީމާ ވެސް ފެނަކީ އިންސާނުންނަށްޓަކައި ހައްދަވާފައިވާ އެއްޗެއް ކަން ފިސާރި ރަނގަޅަށް އެނގެ އެވެ. ވުމާއެކު މި ދުނިޔެ ނޫން ތަނަކުން ފެން ނުލިބޭ ކަމީ ޙައިރާން ވާ ވަރުގެ ކަމެއް ނޫނެވެ. ދުނިޔެއަކީވެސް އިންސާނުންނަށްޓަކައި ހައްދަވާފައިވާ ތަނެކެވެ. ދުނިޔެ ދިރި އޮންނަ ތަނަކަށް ވެފައި ވަނީ ފެނުގެ ސަބަބުންނެވެ. ދުނިޔެ ހައްދަވައި ދުނިޔޭގައި ލައްވާފައިވާ އިންސާނުންގެ މައްޗަށް ރަޙްމަތުގެ ވާރޭ ވެއްސަވަނީ  އެވެ.  ފެން ހައްދަވާފައި ވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީންނެވެ. ކީރިތި ޤުރްއާނުގައި  ވަޙީ ކުރައްވާފައި ވެއެވެ. ތިޔަބައި މީހުންނަށްޓަކައި އުޑުން ވާރޭ ފެން ބާވައި ލެއްވީ އެ ކަލާނގެ އެވެ. އެ ފެނުން ބުއިމެއް ވެ އެވެ. އަދި ތިޔަބައި މީހުންގެ ޖަނާވާރުތައް އެ ތަންތަނުން ހުއިހައްޕާ އުޅޭ ގަސްތަކާއި ވިނަތައް އެ ފެނުގެ ސަބަބުން ހެދެ އެވެ. (ސޫރަތުއްނަޙްލު 10)

(ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.