(11 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބުންޔާމީންގެ ދަބަހުން ، ރަސްކަމުގެ ދަރުބާރުގެ ރަންތަށި ފެނުމުން ، އެހުރިހާ ބޭފުޅުން ޙައިރާންވެ ވަޑައިގަތެވެ. ކުއްލިއަކަށް ، އެކުދިންގެ ބައްޕަ ޔަޢުޤޫބުގެފާނަށް ، ބުންޔާމީން ރައްކާތެރިކުރުމަށް ވީ ވަޢުދުގެ މަތިން ހަނދާންވިއެވެ. ބުންޔާމީން ދޫކޮށްލައި އޭގެ ތެރެއިން އެހެންކުއްޖަކު ހައްޔަރު ކުރުން އެދި ، އެކުދިން އާދޭސް ކުރިއެވެ. އެހެންނަމަވެސް އެކަން ، ރަސްގެފާނުގެ ހަނގުރާމަވެރިން ޤަބޫލެއް ނުކުރިއެވެ. އޭގެ ތެރެއިން އެންމެ ދޮށްޓަށްހުރި ކުއްޖާ ބުންޏެވެ.
" އަހަރެންމިރަށުން ފައިބަން ބައްޕަ ހުއްދަ ނުދެއްވަނިސް ނުވަތަ ﷲ ވަކިގޮތަކަށް ނުނިންމަނިސް އަހަރެން މިރަށަކުން ނުފައިބާނަމެވެ. " އެންމެ ދޮށްޓަށްހުރި ކުއްޖާނޫން އެހެންކުދިން މިޞްރުން ފައިބައިގެން ދިޔައެވެ. އެކަލޭގެފާނުގެ ހަނގު ދަރިކަލުން ހައްޔަރުވެވަޑައިގަތް ވާހަކަ އިވިވަޑައިގެން ، ޔަޢުޤޫބުފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ލޯފުޅު އަނދިރިވަންދެން ކީރިތި ކުރެއްވިއެވެ. ﷲ މިންވަރުކުރައްވާ ގޮތެއްގެމަތިން މެނުވީ އެކަލޭގެފާނުގެ ހިތާމަފުޅަށް ނިމުމެއް ނާންނާނެކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ. ހަމައެއާއެކު ، މިޞްރަށްގޮސް ، ބުންޔާމީނަށް ވާގޮތެއް ބެލުމަށް އެކުދިންނަށް އަމުރު ކުރެއްވިއެވެ.
އަނެއްކާވެސް ، ޔަޢުޤޫބުގެފާނުގެ ހުރިހާ ބޭފުޅުން މިޞްރަށް ވަޑައިގަތެވެ. އަދި ޔޫސުފުގެފާނާ ބައްދަލުކޮށް ، އެކުދިންނަށް ކުރިމަތިވެފައިވާ ހިތާމައިގެ ވާހަކަ ދެންނެވިއެވެ. އެވަގުތު ، ޔޫސުފުގެފާނު ، އެކުދިން ވާހަކަ ދައްކާ ބަހުރުވައިން ވާޙަކަދައްކަން ފެށްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޔޫސުފަށް ކަލޭމެން ހެދިގޮތް ހަނދާން އެބަހުރި ހެއްޔެވެ ؟ ކަލޭމެންނަށް އެނގިގެންނުވާކަމެއްގައި ބުންޔާމީނަށް ވީގޮތް ހަނދާން އެބަހުރި ހެއްޔެވެ ؟ " އެކުދިންނަށް ، އެއީ ޔޫސުފުގެފާނުކަން ދެނެގަންނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އެހެންކަމުން ، ބިރުންގޮސް ހަދާނެގޮތް ބޮޑުވިއެވެ. އެހެނަސް ޔޫސުފުގެފާނު އެކަލޭގެފާނުންގެ ބޭބޭފުޅުންނާ މުޚާތަބުކުރައްވާ ވިދާޅުވިއެވެ.
" މިއަދު ، ކަލޭމެންގެ ކިބައިން ބަދަލުހިފުމެއްނެތެވެ. މާތް ﷲ ކަލޭމެންނަށް މަޢާފުކުރައްވާ ކަލޭމެންގެ ފާފަ ފުއްސަވާނެތެވެ. މި ގަމީސްކޮޅުގެންގޮސް އަހަރެންގެ ބައްޕަގެ ލޯފުޅުގައި ޖައްސާށެވެ ! އޭރުން އެކަލޭގެފާނުގެ ލޯފުޅު ފަސޭހަފުޅުވެ ، ފެނިވަޑައިގަތުން އިޢާދަ ވާނެއެވެ. "
ޔޫސުފުގެފާނު ވިދާޅުވިގޮތަށް ، އެކަލޭގެފާނުގެ ގަމީސްކޮޅު ގެންގޮސް ޔަޢުޤޫބުގެފާނުގެ ލޯފުޅުގައި ޖެއްސުމާއެކު އެކަލޭގެފާނުގެ ލޯފުޅަށް ފެނިވަޑައިގަތެވެ. ގަމީސްކޮޅުގެ ވަހުން އެއީ ޔޫސުފުގެފާނުގެ ގަމީސްކޮޅުކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އެކަލޭގެފާނުގެ ބޭފުޅުން ، އެބޭފުޅުންނަށް ކުރެވުނު ފާފަ ފުއްސަވައި ރަޙުމަތް ލެއްވުންއެދި ﷲ ގެ ޙަޟުރަތުގައި ދުޢާކޮށްދެއްވުމަށް އެހުރިހާކުދިން ، ޔަޢުޤޫބުގެފާނުގެ އަރިހުން އެދުނެވެ.
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުން ، ދަތުރު ހައްދަވައި މިޞްރަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ބައްޕާފުޅަށް ކަމޭހިއްތަވައި ، ޔޫސުފުގެފާނު މަރުޙަބާ ދެންނެވިއެވެ. އަދި އެކަލޭގެފާނު އިށީނދެވަޑައިގެން އިންނެވި ތަޚުތުގައި ޔަޢުޤޫބުގެފާނު ބޭންދެވިއެވެ. ޔޫސުފުގެފާނު އެކަލޭގެފާޏުގެ ބައްޕާފުޅަށް ވިދާޅުވިއެވެ.
" ބައްޕާފުޅާއެވެ ! މިއީ އަޅުގަނޑު ، ކުރިންވެސް އަޅުގަނޑުގެ ތަޞައްވުރު ދެކެމުން އައިގޮތެވެ. މާތް ﷲ ތިމަންކަލޭގެފާނަށް އެކަން ހިއްމަވައިދެއްވައިފިއެވެ. ޖަލުން ނެރެދެއްވައި ، ބަދަވީންގެ ދިރިއުޅުއްވުމާދުރަށް ، ބައްޕަ މިތަނަށް ވަޑައިގަތުމަށް މިންވަރުފުޅުކުރެއްވުމުން ، އެކަލާނގެ ތިމަންކަލޭގެފާނަށް ނަޞްރު ދެއްވައިފިއެވެ. ތިމަންކަލޭގެފާނުގެ ބޭބޭފުޅުންނާއި ތިމަންކަލޭގެފާނާ ދެމެދަށް ޝައިޠާނާ ވަދެ ވަސްވާސްދިނުމަށްފަހުވެސް މެއެވެ. މާތް ﷲ އިރާދަކުރައްވާކަމެއް ފުރިހަމަކުރައްވާނެތެވެ. އެކަލާނގެއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "
ޔޫސުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅު ބައްދަލުވެ ވަޑައިގެން އެދެބަފައިން އެއްތަން ކުރައްވައިފިއެވެ.
ޔޫސުފުގެފާނު ވާހަކައިން ލިބޭ ފިލާވަޅުތައް ވަރަށް ގިނައެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި ކޮންމެ މުޞީބާތަކުން ސަލާމަތް ކުރައްވާނެކަމުގެ ޔަޤީންކަން އެކަލޭގެފާނަށް ލިބިވަޑައިގެން ވެއެވެ. އެކަލޭގެފާނުގެ އެއްބަފާ ބޭބޭފުޅުން އެކަލޭގެފާނަށް އަނިޔާ ދެއްވިއެވެ. އަޅުންގެ ބާޒާރުގައި އަޅެއްގެ ގޮތުގައި އެކަލޭގެފާނު ވިއްކައި ލެވުނެވެ. އަދި ޙައްޤުންކަމަކާނުލައި އެކަލޭގެފާނު ޖަލަށް ލެވުނެވެ. އެއިން އެއްވެސް ފަހަރެއްގައި ، ﷲ ގެ ޙަޟުރަތުން އެކަލޭގެފާނު އުއްމީދު ނަގައެއް ނުލައްވައެވެ. ﷲ ގެ ރަޙުމަތްފުޅަށް އެދި ވަޑައިގެން ހުންނެވިއެވެ. އެކަލޭގެފާނަށް ދެރަގޮތެއް މެދުވެރިވެވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނަށްޓަކައި ﷲ މިންވަރުކުރައްވާފައިވާ ވަކިކަންތައްތަކެއް ހުރިކަން ޤަބޫލުކުރެއްވިއެވެ.
ކީރިތި ޤުރުއާނުގެ ޔޫސުފު ސޫރަތުގެ 111 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لأُوْلِى ٱلأَلْبَابِ مَا كَانَ حَدِيثاً يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
" ހަމަކަށަވަރުން ، އެއުރެންގެ ވާހަކަތަކުގައި ، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއްވާކަން ކަށަވަރެވެ. އެ ޤުރުއާނަކީ ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު ، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ ، އަދި ހުރިހާކަމެއް ތަފްޞީލުކޮށްދޭ ، އަދި އީމާންވާ ބަޔަކަށް ، ހިދާޔަތެއްކަމުގައްޔާއި ، ރަޙުމަތެއްކަމުގައިވާ ފޮތެވެ. "
(ނިމުނީ)