(11 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޚައިރާދުގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ. އޭނާގެ ހިތުގައި މިވަގުތު އަޅަމުންއެދާ ވޭނަކީ ، ދުވަހަކުވެސް އެހިތް ތަޖުރިބާކޮށްފައިނުވާފަދަ ކެކުޅުމެކެވެ. ހިތް ފޮތިފޮތިވެ ، ނެގެމުންދިޔަ ކީލިތަކުގެ ވޭން ސިކުނޑީގެ އެންމެ ހިމަނާރާ ހަމަޔަށް ފޯރިއެވެ. މިފަދަ ދުވަހެއް ދެއްކެވުމުގެ ކުރިން ، އޭނާ މަރުވިނަމަ މާ ރަނގަޅުވީހޭ ހިތަށް އަރާވަރަށް ، އޭނާގެ ދުނިޔެ އޮޅުނެވެ. އެހާ ލޯބިން ، އޭނާއަށް އަޅައިލަމުން ، މަންމައެއްގެ ދަރަޖަ އަމިއްލަޔަށްދީގެން އުޅުނު ، އަޝްހަރުގެ މަންމަގެ ފަރާތުން މިފަދަ ބޮޑު ޖަރީމާއެއް ހިނގައިފާނެކަމަކަށް ޚައިރާދަށް ޤަބޫލެއް ނުކުރެވުނެވެ. މަސައްކަތް މެދުކަނޑާލާފައި ، އޭނާބުނެގެން އޭނާގާތަށް އައި ލޯބިވާ ފިރިމީހާ ، އޭނާގެ ބަސް ނާހާނެކަމަކަށް ހިތަކަށް ނާރައެވެ.
ކައިސަރަކީ ދުރުމީހެކެވެ. ކައިސަރުގެ އަމިއްލަ ބޭނުމެއް ފުއްދުމަށްޓަކައި ، ކޮންމެކަމެއްކުރިނަމަވެސް ، އޭނާގެ އަމިއްލަ ފިރިމީހާއާއި މަންމަ ، އޭނާއަށް އަމާޒުވި އިލްޒާމުތަކުން ސަލާމަތްވުމަށް ދިފާޢުގައި ދެއްކި ވާހަކަތަކާއި އާދޭހުގެ އަޑު ނޭހީ ކީއްވެގެންކަމެއް ޚައިރާދަކަށް ނުވިސްނުނެވެ. އެމަންމަ ، ކުއްލިޔަކަށް އެހާބޮޑަށް ބަދަލުވެ ، ޚައިރާދުގެ ކިބައިން އެހިފަނީ އޭނާއަށް ކުރެވުނު ކޮންކުށެއްގެ ބަދަލެއް ބާވައެވެ. އެންމެ ފުރަތަމަ އަޝްހަރެވެ. އޭނާކުރި ކުށެއްނެތި ، އެތައް ވޭނެއް ދިނެވެ. ފުރައިގެންދިޔައީ ރުޅިމޫނާ އެކުގައެވެ. އޭނާގާތަށް އަޝްހަރު އައިތަނުން ، މަންމަ އެރޭވީ ކޮންފަދަ ބޮޑު ޖަރީމާއެއް ހެއްޔެވެ ؟ އެއަރޕޯޓުން ، އަޝްހަރު އެގެޔަށް އައުން އެއީ އިއްތިފާޤެއް ހެއްޔެވެ ؟ ނޫނެކެވެ. އެއީ މަންމަގެ ރޭވުމެވެ. އެކަން ކައިސަރުގެ ވާހަކައިން ސާބިތުވެއެވެ.
ޚައިރާދުގެ ހަށިގަނޑަށް އަނިޔާއެއް ދިނުމަށް ، މިހާތަނަށް އެއްވެސް މީހަކު އިނގިލިކުރިވެސް ޖައްސައިލާފައެއް ނުވެއެވެ. އެހެނަސް ، އޭނާ މަންމައެއްކަމަށް ބަލާމީހެއްގެ އަތްތިލައިން އޭނާގެ މޫނުމަތީގައި ޖެހުމަކީ ، އިންސާނިއްޔަތާ ޚިލާފު ކަމެކެވެ. ބޮލަށް އެރި އެނބުރުމާއި ލޮލަށްވީ ތަދަށްވުރެ، ހިތުގައި އެޅިވޭން އެތައް ގުނައެއް އިތުރެވެ. އިންސާނިއްޔަތުކަމެއް ނެތި އޭނާއަށް އަނިޔާކުރާ ހިސާބަށް މިދިޔައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟
ކައިސަރު ލޯބިވަނީ ސާރާ ދެކެއެވެ. ސާރާ ލޯބިވަނީ އަޝްހަރު ދެކެއެވެ. ސާރާގެ ލޯބި ، ކައިސަރަށް ނުލިބުމަށް މެދުވެރިވަނީ އަޝްހަރު ކަމަށްވާތީ ، އަޝްހަރުގެ ކިބައިން ބަދަލުހިފުމަށް ލިބޭ ހަނި ފުރުޞަތެއްވެސް ކައިސަރު ދޫކޮށެއްނުލާނެއެވެ. އެކަމަކު ، އެ ޙަސަދައިގެ ތެރޭގައި ޚައިރާދަށް އަނިޔާއެއް ލިބޭގޮތަށް ކައިސަރުގެ ޢަމަލާއި ރޭވުން ބަށްޓަން ވެގެން ދިއުމަކީ އިންސާފެއް ނޫނެވެ.
ބޮލަށް އެނބުރުން އަރާވަރަށް ސިކުނޑި ހާސްވެ ، ހިތަށް ނުކުޅަދާނަ ވަރަށް ކެކުޅުންލިބި ، ހަދާނެގޮތެއް ނޭނގި ޚައިރާދު ހުށްޓެވެ. އެންމެފަހުން ، ގެޔަށް ދިއުމަށްޓަކައި އޭނާ އެގެއިން ނުކުތެވެ. އޭނާ ދޫކޮށްލާފައި ، އަޝްހަރުވެސް އަދި އެގެޔަށް އޭނާގެނައި މަންމަވެސް ހިނގައްޖެއެވެ. ގެޔަށް ދާންޖެހޭނީ އެކަންޏެވެ. ނެތްހިތްވަރުލާފައި ، ޚައިރާދު މަގުމައްޗަށް ނުކުމެ ކުރޮޅިއެއް ހުއްޓުވިއެވެ.
އަޝްހަރު ކާރުދުއްވަމުންދިޔައިރު ، ކައިސަރު ދެއްކި ވާހަކަތަކާއި މަންމަގެ ވާހަކަތައް އޭނާގެ ކަންފަތުގައި ތަކުރާރުވަމުން ދިޔައެވެ. އަޝްހަރު ދިޔައީ ގެޔަކަށް ނޫނެވެ. އޭނާދިޔައީ އަތިރިމައްޗަށެވެ. ކާރުޕާކުކޮށްލުމަށްފަހު ، ނުކުމެ މޫދަށް ބަލަހައްޓައިގެން ހުއްޓެވެ. އަޝްހަރުގެ ބޯކޮޅު ބަލަމުން ކައިސަރު އޭނާގެ ފަހަތުން ދިޔައެވެ. އެކަން އަޝްހަރަކަށް ނޭނގެއެވެ. ކައިސަރުހުރީ އަޝްހަރު ހަދާއެއްޗެއްބަލަން ، އަޝްހަރަށް ނުފެންނަ ހިސާބު ދުރުގައެވެ. އެހެންހުއްޓާ ، އޭނާއަށް ފޯނެއް އައެވެ. އެއީ ފަރީދާގެ ފޯނެކެވެ. އަޝްހަރު ރަނގަޅުތޯ ފަރީދާ ސުއާލުކުރިއެވެ.
އަޝްހަރު ހަދާ އެއްޗެއް އޭނާ ބަލަމުން އަންނަ ކަމުގައި ކައިސަރު ބުންޏެވެ. އަދި މިހާތަނަށް އެމީހުން ރޭވިހުރިހާ ކަމެއް ، ރޭވިގޮތަށް ހިނގަމުން އަންނަ ކަމުގައި ފަރީދާ ބުންޏެވެ. ކޮންމެގޮތެއް ހަދާފަވެސް ، އެރޭ އަޝްހަރު ގެޔަށް އަޔަދީގެން ނުވާނެކަމުގައި ފަރީދާ ބުންޏެވެ. އަދި އަޝްހަރު ގޯހެއް ހެދިޔަނުދީ ބަލަހައްޓައިދިނުމަށް ކައިސަރުގާތު ބުންޏެވެ. އެއަގެއްނެތް އަންހެންކުއްޖާއާ ހެދި ، އޭނާގެ ދަރިފުޅަށް އެލިބޭ ވޭނަށް ފަރީދާއަށް ކެތްނުކުރެވޭކަމުގައި ބުންޏެވެ.
" މިއީ އަހަރެންގެ ގެއެވެ. މިގޭގައި އުޅޭނީ އަހަރެން ބޭނުން މީހެކެވެ. އަހަރެންގެ ދައްތަ ހުންނާނީ މިގޭގައެވެ. ދައްތަގެ ދަރިފުޅުވެސް ހުންނާނީ މިގޭގައެވެ. އަދި ، ބުނަން ހެއްޔެވެ ؟ ޚައިރާދު މިގޭގައި ހުންނާނީ އަހަރެންގެ ޅީދަރިފުޅުގެ މަޤާމުގައެވެ. އަހަރެންގެ މިނިންމުމަށް އެއްބަސްނުވާނަމަ ، ހަމަމިހާރު މިގެއިން ނުކުމެގެން ދާށެވެ ! " މިއީ ފަރީދާއާ ދިމާއަށް ބަޝީރަތު ބުނި ބަސްތަކެވެ. ފަރީދާގެ މޫނުމަތިން ކެހިވެރި ހިނިތުންވުމެއް ފާޅުވިއެވެ. އޭނާގެ އަމިއްލަ ނަފުސަށް ބުނެ އިއްވާލިއެވެ. " ނިކަން ބަލަންހުންނާށެވެ ! މިގޭގައި އުޅޭނީ ކާކުކަން އަންގައިލާނަމެވެ. މިއަދަކު ބަޝީރަތެއްވެސް ނެތެވެ. މިގޭގައި އަމުރުކުރަން މިއަދު މިހުރީ އަހަރެންނެވެ."
ޚައިރާދު އައިސް ގެޔަށް ވަނެވެ. އޭނާއަށް ކުރިމަތިލާން ޖެހުނީ ފަރީދާއާއެވެ. ފަރީދާ ގޭތެރޭގައި އުޅެފައި ޚައިރާދު ގެޔަށް ވަންނަން ދޮރުހުޅުވާލި އަޑުއަހާފައި ، ބޭރުގޭތެރެޔަށް ނުކުމެ ، ޚައިރާދުގެ ކުރިމަތީ ހުއްޓުނެވެ.
" އަހަރެންނަށް މިފަދަ އަނިޔާއެއް މަންމަ ތިދެނީ ކީއްވެ ހެއްޔެވެ ؟ މަންމަގެ ހިތުގައި އަހަރެންނާމެދު އެހާ ރުޅިއާއި ނަފުރަތު އޮތްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިންސާނިއްޔަތުކަމެއްވެސް ނެތީ ހެއްޔެވެ ؟ " ޚައިރާދު ބުންޏެވެ.
" ފައިގައޮތް ފައިވާން އަހަރެންގެ ދަރިފުޅު ކަރުގައި އަޅުވައިފިއެވެ. އެކަން ރަނގަޅުކުރަން ޖެހޭނެ ނޫންހެއްޔެވެ ؟ ދެކޮޓަރީގެ އެޕާޓްމަންޓެއްގައި އުޅުނު ފަޤީރު އަންހެން ކުއްޖަކު ، ސަރުކާރު ސްކޫލެއްގެ ޓީޗަރަކަށް އުޅުނު މީހެއްގެ އަންހެންދަރި ، އަހަރެންގެ ޅީދަރިއަށް ވާނެ ހެއްޔެވެ ؟ އަހަރެންގެ އަޝްހަރުގެ އަނތްބަކަށް ވާނެ ހެއްޔެވެ ؟ އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.
ޚައިރާދަށް ލިބުނު ޙައިރާންކަމުގައި ދެލޯ ބޮޑުވެ ، އަނގަހުޅުވިފައި ހުރެވުނެވެ. މިއީ ކޮންފަދަ އަންހެނެއް ހެއްޔެވެ ؟ ވިހަގަދަ ހަރުފަޔަކަށްވުރެ ނުރައްކާތެރި މީހެކެވެ. ޚައިރާދަށް މަންމަ ކިޔައިދީގެން ، މަންމައެއްގެ ދަރަޖައިގާހުރި މީހަކު ، އެހާ އަނިޔާވެރިވީ ކީއްވެގެން ހެއްޔެވެ ؟ މަންމަގެ ދަރިފުޅުގެ ޢިއްޒަތް ލައްކައެއްހާ ރުފިޔާއަށް ވިއްކައިލިއިރު ، ތިޔައީ އެންޖީއޯއެއް ހިންގާ މީހެކޭ ބުނަން ލަދެއް ނުގަނޭ ހެއްޔެވެ ؟ ފަރީދާއާ ދިމާއަށް މަންމައޭ ބުނެ އެނަމުން ގޮވާލަންވެސް ލަދުގަންނަ ކަމުގައިި ޚައިރާދު ބުންޏެވެ.
" އަހަރެންނަކީ ޚައިރާދުގެ މަންމައެއް ނޫނެވެ. ކޮންމެހެން މަންމައޭ ކިޔާ އަހަރެންނަށް ގޮވާނެކަމެއްނެތެވެ. ދެރޮށީގެ އަގެއްނެތް އަންހެން ކުއްޖަކު ، އަހަރެންގެ އަޝްހަރުގެ އަނތްބަކަށްވާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންގެ ދަރިޔަކަށް ވާނީ ކިހިނެއް ހެއްޔެވެ ؟ " ފަރީދާ ، ޚައިރާދަށް މަލާމާތް ކުރަމުން ބުންޏެވެ.
ޚައިރާދު އެއިނީ ފަރީދާގެ ދަރިފުޅުގެ ދަރިޔަކަށް ބަލިވެ ކަމުގައި އޭނާ ، ފަރީދާއަށް ހަނދާން ކޮށްދިނެވެ. އެހާ ނުބައި ރޭވުމެއް ރޭވިއިރު އެތުއްތު ދަރިފުޅާމެދު ވިސްނާނުލިކަން އެއީ އިންސާނުންގެ ދަރަޖައިން ، ޙައިވާނުންގެ ދަރަޖަޔަށް ، ފަރީދާ ގެންގޮސްދިން ޙާލަތެއްކަމުގައި ޚައިރާދު ބުންޏެވެ. އޭނާއާމެދު ވިސްނާނުލިނަމަވެސް ، އެކުއްޖާފުޅާމެދު ވިސްނާލިނަމަ އެވެ.
" ދަރިފުޅޭ ހެއްޔެވެ ؟ ކޮންދަރިފުޅެއް ހެއްޔެވެ ؟ ކާކުގެ ދަރިފުޅެއް ހެއްޔެވެ ؟ " ފަރީދާ ބުންޏެވެ.
ފަރީދާގެ ވާހަކައިން ، ޚައިރާދު އިތުރަށް ކަންބޮޑުވިއެވެ. އެސުއާލުތަކުގެ މާނަޔަކީ ކޮބައިތޯ ޚައިރާދު ސުއާލުކުރިއެވެ.
" އަހަރެން ، ޚައިރާދަށް ގޮންޖަހާފައި ބުނަމެވެ. އަހަރެން މަރުނުވަނިސް ، ތިޔަކުއްޖަކީ އަޝްހަރުގެ ކުއްޖެއްކަން ނިކަން ސާބިތުކޮށްދީ ބަލާށެވެ. ނުވަތަ ތި ކުއްޖަކީ އަޝްހަރުގެ ކުއްޖެއްކަމުގައި އޭނާ ބަލައިގަންނާނެ ގޮތެއް ނިކަން ހަދާބަލާށެވެ. އެކަން ޚައިރާދަށް ކުރެވިއްޖިއްޔާ ، ޚައިރާދު މޮޅުވީއެވެ. އަހަރެން ބަލިވީއެވެ. " ފަރީދާ ބުންޏެވެ.
ފަރީދާއާ އިތުރަށް ވާހަކަ ދައްކާކަށް ޚައިރާދު ބޭނުމެއް ނޫނެވެ. ފަރީދާ މިހާރު އެހުރީ ، ޚައިރާދުގެ ކިބައިން ބަދަލު ހިފުމުގެ ރޫޙުގައި ދުނިޔެއިން މޮޔަވެފައެވެ. އޭނާ ބޭނުމީ އަޝްހަރާ ވާހަކަ ދައްކަން ކަމުގައި ބުންޏެވެ. އޭނާއަކީ ބާޒާރުމަތިން ހޮވައިގެން ގެނެވުނު އަންހެން ކުއްޖެއް ނޫނެވެ. އެއީ އަޝްހަރުގެ އަނބިމީހާއެވެ. ފަރީދާއާ ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ހުރިހާ ވާހަކައެއް ތެދަށް ޙަޤީޤަތަށް އަޝްހަރަށް އޭނާ ކިޔައިދޭނެއެވެ. ޚައިރާދު ހިނގައިގަތްތަނާ ފަރީދާ ހުރަސްއެޅިއެވެ. ދެވަނަ ފަހަރަށް ، ޚައިރާދާ ދިމާއަށް ބަލައިލަން އޭނާގެ ދަރިފުޅު ބޭނުންނުވާނެކަމުގައި ފަރީދާ ބުންޏެވެ. މިއީ ފަރީދާގެ ގެއެވެ. އެގޭގައި ހިނގާނީ ފަރީދާގެ ޙުކުމެވެ. އެގޭގައި އުޅެވޭނީ ހަމައެކަނި ، އޭނާ ހުއްދަދޭމީހަކަށް ކަމުގައި ފަރީދާ ބުންޏެވެ. ޚައިރާދުގެ ޙައިޞިއްޔަތާ ނުބައްދަލު އަރާމާއި އުފާ މިގެއިން ޚައިރާދު ހޯދައިފިކަމުގައި ފަރީދާ ބުންޏެވެ. ޚައިރާދުގެ ޙައިޞިއްޔަތާ އެއްވަރު އުޅުމެއް އުޅެން އޭނާގެ ގެއިން ނުކުމެގެން ދިއުމަށް ، ފަރީދާ އަމުރުކުރިއެވެ.
ޚައިރާދު އެގެއިން ނެރެލަން ފަރީދާއަކީ ކާކުތޯ ޚައިރާދު ސުއާލުކުރިއެވެ. އެއީ އޭނާގެ ފިރިމީހާގެ ގެޔެވެ. އެގެއިން ނުކުމެގެން އެހެންތާކަށް ޚައިރާދެއް ނުދާނެއެވެ. ޚައިރާދު ގޭތެރެޔަށް ވަންނަން ހިނގައިގަތްތަނާ ، ޚައިރާދުގެ އަތުގައި ފަރީދާ ހިފެހެއްޓިއެވެ. އަދި އެހެން ނުދެވޭނެކަމަށާއި އެގޯސް ނުހެދުމަށް ފަރީދާ ބުންޏެވެ. އަދި ގަދަކަމުން ނެރެ އެއްލައިލުމުގެ ކުރިން އޭނާގެ ގެއިން ނުކުމެގެން ދިއުމަށް އަމުރު ކުރިއެވެ. އެހެންނޫންކަމަށްވަންޏާ ، ތަޅާ މަރާފައި ޚައިރާދު އެގެއިން ބޭރަށް ނެރެ އެއްލައިލާނެކަމުގައި ފަރީދާ ބުންޏެވެ.
ޚައިރާދަށް ހަދާނެގޮތެއް ނޭނގި ގަނޑުވެފައި ހުރެވުނެވެ. އަޑުނީވެނީހޭ ބުނެ އަޑުގެ ނެތްތަނަށް ފަރީދާ ހަޅޭއްލަވައިގަތެވެ. އަދި މިވަރަކުން މިކުއްޖާގަނޑު ނުނުކުންނާނޭ ބުނެ ، ދޮރުހުޅުވާފައި ، ޚައިރާދުގެ ބުރަކަށީގައި އަޅާ ކޮށްޕައިލިއެވެ. އަދި އިހަށް މަޑުކޮށްލާށޭ މިކޮޅަށް އަންނާށޭ ބުނެ ޚައިރާދަށް ގޮވައިލިއެވެ. ދަމުން ދަމުން ، އޭނާދިން ތިއޮއް ދެއުޅަލާ ގަހަނާތައް އަނބުރާ ދޭށޭ ފަރީދާ ބުންޏެވެ. ޚާއިރާދުގެ ކަންފަތު މުންޖާއި އަތުގައި އަޅާފައި އޮތް ދެއުޅާ ނަގައި ފަރީދާއަތަށް ދިނެވެ. އެއާއެކު ، ފަރީދާ ، ޚައިރާދު ބޭރަށް ކޮއްޕާލުމާއެކު ، ދޮރުޖެހިއެވެ. ޚައިރާދުހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހަދާނީ ކިހިނެއްކަމެއް ނޭނގިފައެވެ. ރޭގަނޑުގެ މިއޮއް ލަސްގަޑީގައި އޭނާދާނީ ކޮންތާކަށް ހެއްޔެވެ ؟ އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ކާޚު ހެއްޔެވެ ؟ ކުރިޔަށް ފިޔަވަޅެއް ، ފަހަތަށް ދެފިޔަވަޅު އަޅަމުން އޭނާ ކުރިޔަށް ހިނގައިގަތެވެ. ތަންކޮޅަކަށް އައިސް ، އޭނާ އިސްއުފުލައިލިއެވެ. އަދި އެނބުރިގޮސް ގޭޣެ ބޮޑު ދޮރުގައި ތަޅަންފެށިއެވެ. ގޭޣައި ގެންގުޅޭ ދެނޯކަރުންކަމުގައިވާ ޖަމާލަށާއި ނޫރު އަފްޟަލް އަށް އޭނާ ގޮވަމުން ގެންދިޔައެވެ. ދޮރުހުޅުވާލަ ދިނުމަށްއެދި އާދޭސް ކުރަމުން ގެންދިޔައެވެ. ގޭގައި ދެންވެސް ހުރިއްޔާ ހުރި ދޮރެއްގެ ކައިރިޔަށްގޮސް ދޮރުގައި ތަޅައި ، އެ ދެ ނޯކަރުންނަށް އޭނާ ގޮވަމުން ގެންދިޔައެވެ. އެދެމީހުންނަކީ ނޯކަރުންނަމަވެސް ޚައިރާދު އެމީހުންނާ ދޭތެރޭ ދެކެނީ ތިމާގެ މީހުންގެ ގޮތުގައެވެ. އެއިން މީހަކަށް ޚައިރާދުގެ އަޑު އިވިއްޖެނަމަ ، ދޮރު ނުހުޅުވައެއް ނުތިބޭނެއެވެ. އެއްވެސް މީހަކަށް އަޑެއް ނީވުނެވެ. އެއްވެސް މީހަކު ދޮރެއް ނުހުޅުވިއެވެ. ދުރާލައި ، ހުރިހާ ދޮރުތަކެއްހުރީ ރަނގަޅަށް މަކުޑިއަޅުވައި ބަންދު ކޮށްފައެވެ.
ޚައިރާދަށް ހަދާނެ އެއްވެސް ގޮތެއް ނެތެވެ. އެގެއިން ނުކުމެގެން ދިއުމަށް މަޖުބޫރުވިއެވެ. މަގުމަތީގެ ޕޭމަންޓްމަތީ އޮންނަން ޖެހުނަސް ، އެގޭގެ އެއްވެސް ދޮރެއް އޭނާއަށްޓަކައި ނުހުޅުވާނެކަން އެނގުނެވެ. ފަރީދާއަކީ އެހާ ނުބައި ނުލަފާ އަންހެނެއްކަން ކުރިޔަކުން ޚައިރާދަށް އެނގިފައެއް ނެތެވެ. އަނެއްކާވެސް ޚައިރާދު ކުރިޔަށް ހިނގައިގަތެވެ. އަނދިރީގެ ތެރެއިން އޭނާގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ އަންހެން ނޯކަރު ނޫރު އަފްޟަލެވެ. އެކުއްޖާފުޅަށްވެސް ހުރީ ރޮވިފައެވެ. އެއްވެސް ދޮރެއް ނުހުޅުވުމަށާއި ޚައިރާދުއާ ވާޙަކަ ނުދެއްކުމަށް ފަރީދާއޮތީ އެމީހުންނަށް އިންޒާރު ދީފައެވެ. އެކަންކޮށްފިނަމަ އެމީހުންގެ ވަޒީފާ ގެއްލޭނެކަމަށް އޮތީ ބުނެފައެވެ. މީހަކަށް ނުފެންނަނިސް ، ޚައިރާދު އެގެއިން ނުކުމެގެން ދިއުމަށް ނޫރު އަފްޟަލް އާދޭސްކުރިއެވެ. ޚައިރާދަށް އެކުރެވޭ އިންސާނިއްޔަތުކަމެއްނެތް އަނިޔާއަށް އެމީހުންނަށް ކެތްނުކުރެވޭނެކަމަށް ބުންޏެވެ. ފަރީދާގެ ބަސްމަގުހުރިގޮތުން ، ޚައިރާދު ދެން އެގޭގައި އުޅުނަކަ ނުދޭނެއެވެ. ނޫރު އަފްޟަލަށް ޝުކުރު އަދާކޮށްފައި ގެއިން ނުކުންނަން ޚައިރާދު ހިނގައިގަތެވެ. އަޑުގެ ނެތްތަނަށް ވޭނާއި ކެކުޅުމާއެކު ، އަޝްހަރަށް އޭނާ ގޮވައިލިއެވެ. މަގުގެ ޕޭމަންޓް މަތިން ޚައިރާދު ހިނގަމުން ދިޔައިރު ، އެއްވެސް އިންސާނަކު ފެންނާކަށް ނެތެވެ. އެއްވެސް މީހަކަށް އޭނާ ފެނުނުނަމަ ، އެއީ ގެވެހި އަނިޔާގެ ޝިކާރަޔަކަށްވެގެން ، ގެއިން ނެރެލެވުނު ނިކަމެތި އަންހެން ކުއްޖެއްކަން ، އޭނާ ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ހެދުން ވަނީ އެތައްފަހަރަކު ތަޅުނަގަނޑަށް ވައްޓާލެވުމުގެ ސަބަބުން ކިލާވެފައެވެ. އޭނާގެ އަނގަމަތީގައި ޖެހުމުގެ ސަބަބުން ލޭގެ ނިޝާން ފާޅުވާން ހުއްޓެވެ.
ޚައިރާދަށް ދާންވީ މިސްރާބެއް ނޭނގުނެވެ. އޭނާއަށް ބޭއިޚުތިޔާރުގައި އެނބުރި އާދެވުނީ އަޝްހަރުގެ ގެޔަށެވެ. ބޮޑޫދޮރުގެ ކުރިމަތީހުރި ސިޑިތަކުގެ މަތީ ޚައިރާދު ޖައްސައިލިއެވެ. އޭނާގެ ގިސްލުމާއި ރުއިމަށް ނިމުމެއްނެތެވެ. މެޔަށް ވާތަދުން މޭގައި އަތްއަޅައި ، އިރުއިރުކޮޅުން ދޮރާދިމާއަށް ބަލައިލެވެއެވެ. ޚައިރާދު ރޯން އިންދައި ދޮރުހުޅުވާލާފައި ، ފަރީދާ ނުކުމެގެން އައިސް ޚައިރާދު ގާތަށް ހުއްޓުނެވެ.
" އަހަރެންގެ ގެ ދޫކޮށްލާފައި އަދިވެސް ނުދަނީ ހެއްޔެވެ ؟ ތަޅައިމަރައިފާ ގެއިން ނެރެލެވޭތަން ދެކެން ބޭނުންވަނީ ހެއްޔެވެ ؟ ކޮންކަހަލަ ލަދުޙަޔާތްކުޑަ ކުއްޖެއް ހެއްޔެވެ ؟ " ފަރީދާ ހަރިކަށިކަމާއެކު ޚައިރާދާ ދިމާއަށް ބުންޏެވެ.
(ނުނިމޭ)
varah varahves asaru gadha Pakistan india meehunnanee mikahala baeh
މީދެން ކޮންފަދަ ނުބައި ނުލަފާ އިންސާނެއް މިފަރީދާ އަކީ، މިއީ އިންސާނުންގެ ޞޫރަލިބިފާވާ
ޝައިޠާނެއް، ވަރަށް ދެރަ! ތިކަންތަކުގާވެސް ފޮރުވި
ފާވާ ސިއްރެއް އޮންނާނެ! ޚައިރާދު. ކެތްތެރިކަމާއެކު ހިތްވަރު ކުރޭ!
Haadha asarugadha vaahaka eh rovihjje