(6 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނާ ގެއަށް އައުމުން ނުހަނު ލޯތްބާއެކު އޭނާއަށް މަރުޙަބާކީ ޙާމިދު ޢަލީއެވެ.
"ދަރިފުޅާ! މާތްރަސްކަލާނގެ ދަރިފުޅަށް ހިތްހަމަޖެހުން ދެއްވާށި! އަދި ކެތްތެރިކަންވެސް ދެއްވާށި!" ޙާމިދު ބުންޏެވެ.
އަނާ އޭނާގެ ހެޔޮކަމަށްޓަކައި ޝުކުރު އަދާކުރިއެވެ. ޙާމިދު ޢަލީއާއި އާންޓީ ޒައިތޫންއާ ދެމަފިރިންގެ ކުއްޖެއް ނެތުމާއެކު އަނާ އެ ގެއަށް އައުމުން އެ މީހުން ތިބެނީ ވަރަށް އުފަލުންނެވެ. އެމީހުން އަނާއާ މެދު ދެކެމުންދަނީ އެ މީހުންގެ ދަރިއެއްގެ ގޮތުގައެވެ.
"ދެން އަޅުގަނޑު ދަނީ އިނގޭތޯ އަނާޖީ!"
"އިހަށް މަޑުކޮށްލައްވާ! އިށީންނަވާ! ދުރުވާނީ ސައިބައްލަވައިގެން!" ޝުކުރިއްޔާ އަނާޖީ އެހެން ފަހަރަކުން އަންނާނަން!"
އެހެން ބުނެފައި ޘަނާއުﷲ ނުކުމެއްޖެއެވެ. އަދި އޭނާ ދިއުމުން ހޮސްޕިޓަލުން ފެށުނު "ވާހަކަ" ނިމިގެން ދިޔައީއެވެ.
އޭގެ އަނެއްދުވަހު އަނާ ޘަނާއުﷲގެއަށް ދިޔައެވެ. ޘަނާގެ މުސްކުޅި ބައްޕަ އެ ދުވަހުވެސް އޭނާއަށް ސައިހަދައިދިނެވެ.
"މިހާރު މުޅިން ރަނގަޅު ދޮގެއްތޯ؟ އަނެއްކާވެސް މިއަދުވެސް ކަލާ ތިޔަދުރުވީ ނާސްތާ ނުކުރައްވާތޯ؟ ޘަނާއުﷲ ހީނލާފައި އަހައިލިއެވެ. "އަޅުގަނޑު ކަލާގާތު ވަރަށް މުހިއްމު ވާހަކައެއް ނަންގަންނަން ހަނދާން ނެތިފައި އެބަ އޮތް ޘަނާ!"
"ކޮން ކަހަލަ ވާހަކައެއްތޯ އަނާޖީ!" ޘަނާ ޙައިރާންވެލާފައި އަހާލިއެވެ. "އަޅުގަނޑު ހޮސްޕިޓަލުން ނުކުތުމުގެ ދެ ދުވަސްކުރިން އަޅުގަނޑަށް ޚާން އާޞިފް ފޯނުކުރެއްވި!"
"އަނެއްކާ އޭނާ ބުނީ ކީކޭތޯ؟"
"އޭނާ އަޅުގަނޑު ބިރުގެންނެވީ. އޭނާ އަޅުގަނޑުގެ ކޭސް ޝަހަރުގެ ކޯޓަށް ބަދަލު ކުރަނިއްޔޯ؟"
"ދެން އެކަމުގައި ހާސްވާންވީ ކީއްވެތޯ؟ ފައިސާވެރިންނަށް އެ މީހުން ބޭނުން ކޮންމެ ކަމެއްވެސް ކުރެވިދާނެ. އެކަމަކު މިކޭސް ކާމިޔާބު ކުރާކަށް ނުކެރޭނެ"
"އަޅުގަނޑުމެން ދެރަނުވާނެކަން ކަލާއަށް ހަމަޔަޤީންތޯ ޘަނާ؟"
"ކަލާ ދެރަވުން ޤަބޫލު ނުކުރައްވާހާ ހިނދަކު ދެރަނުވާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް!"
"ތިޔަ ބުނުއްވަނީ ކީކޭތޯ؟ ޘަނާ"
"މިނަންގަންނަނީ ހަމަ ރަނގަޅަށް އަނާޖީ.... އޭނާއަކަށް އަޅުގަނޑެއް ނުގަނެވުނު. ވީމާ ދެން އޭނާ މަސައްކަތް ކުރާނީ ކަލާ ގަނެވޭތޯ އަދި ކަލާ އަނބުރާ އޭނާގެ ގެއަށް ގެންދަން މަސައްކަތް ކޮށްފާނެ"
"ޚާން އާޞިފަކީ އެކަހަލަ މީހެއްނޫން. އޭނާ ފަހަރެއްގައިވެސް އަޅުގަނޑުގެ ކުރިމަތީގައި އިސްޖަހައެއް ނުލާނެ!" އަނާ ބާރުލާފައި ބުންޏެވެ.
"އަޅެ ބުނުއްވަ ބައްލަވާ! އޭނާ އިސްޖަހައިފިއްޔާ ވާނީ ކިހިނެއްތޯ؟"
"ދެން އަޅުގަނޑު ހަދަންޖެހޭނީ ކިހިނެއްތޯ؟"
"އެއީ ކަލާ ވިސްނަވަންވީ ކަމެއް އަޅުގަނޑުގެ ކަމެއްނޫން!"
"އެހެންވިއްޔާ ވިސްނަންޖެހޭ ވަގުތު އައުމުން ވިސްނާނީ ކަމަކާ ނުލާ މިހާރު ބޮލަށް ތަދުކުރުމުގެ ބޭނުމަކީ ކޮބައިތޯ؟"
ޘަނާ ސިއްސައިގެން ގޮސްފައި އަނާއާ ދިމާއަށް ބަލާލިއެވެ. އަދި ދިގު ނޭވާއެއް ލާފައި ބުންޏެވެ. ކަލާ ކޮންމެ ގޮތަކަށް ނިންމެވިނަމަވެސް އެ ނިންމަވާ ގޮތެއް އަޅުގަނޑަށް އަންގަވާލައްވާތި!"
ޚާން އާޞިފް އަޅުގަނޑާ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވާނެކަން ކަލާއަށް ޔަޤީންތޯ؟"
"އެކަށީގެންވޭ"
"އެހެން ދިމާވެއްޖެނަމަ އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ ވަކީލާ މަޝްވަރާ ކުރާނަން." އެހެން ބުނެފައި އަނާ ތެދުވެއްޖެއެވެ.
"އިށީންނަވާ!"
"އަޅުގަނޑު މިހާރުވެސް ލައްކަ ގިނައިރު އިނދެއްޖައިން. ކަލާފަދަ ކުޅަދާނަ ވަކީލެއްގެ ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް"
ޘަނާ އޭނާއާ ދިމާއަށް އަޖައިބުވާފަދަ އަދި ކުރާނެކަމެއްނެތް ގޮތްފެންނަ ނަޡަރުކުން ބަލަމުން ދިޔައެވެ. ނަމަވެސް އަނާގެ ރީތިކަމުގެ އަސަރު އޭނާގެ ހިތުގެ ތެރެއަށް ވަންނަން ފެށުމުން އަވަސް އަވަހަށް އޭނާގެ ނަޡަރު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ.
"އެންމެ ރަނގަޅު ޚުދާޙާފިޡު! ދެންވެސް ކަލާ ބޭނުންވެލައްވައިފިނަމަ އަޅުގަނޑަށް އަންގަވާ ލައްވާ ނުވަތަ މިގެއަށް ދުރުވޭ!"
ޘަނާ އިތުރު އެއްވެސް އެއްޗެއް ނުބުނެ އަނާ އާއެކުގައި މަޑުމަޑުން ހިނގާފައި ގޭގެ ދޮރުމައްޗާ ހަމައަށް އައެވެ.
އެވަގުތު އަނާ ކުއްލިއަކަށް ބުންޏެވެ.
"އަޅުގަނޑަށް ކަލާގެ ފީވެސްވަނީ އަދާނުކުރެވި. އެކަން އަޅުގަނޑަށް އެނގޭ. ވަގުތު އަޅުގަނޑަށް ތަންދީފިނަމަ ހަމަޔަޤީނުންވެސް އަޅުގަނޑުގެ އެ ފީ އަދާކުރާނަން."
ދެން ވެސް ޘަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ކީއްތޯއެވެ އަނާ އެހެން ބުނުމުން ޘަނާގެ ތުންފަތުގައިވާ ހިނިތުންވެސް ގެއްލިގެން ދިޔައީއެވެ.
އަނާ ރެކްޝާއެއްގައި ގެއަށް ހިނގައްޖެއެވެ.
އޭގެ އެއްހަފްތާ ފަހުން އަނާގެ ކޭސް ޝަހަރުގެ ކޯޓަށް ބަދަލު ވެއްޖެކަން ޘަނާއަށް އަންގައިފިއެވެ. ދެން ކޭސް ފެށޭނެ ތާރީޚެއްކަމަށް އަންގާފައިވަނީ އޯގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. އޭނާ މިކަން އަނާއަށްވެސް އަންގައިފިއެވެ. އަދި ކޭހަށް ތައްޔާރުވުމުގެ މަސައްކަތް ފައްޓައިފިއެވެ. ކޭހަށް ޓަކައި ޝަހަރަށްދާން އޮތް ދުވަހު ޘަނާއުﷲ އަނާއާ ބައްދަލު ކުރިއެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ އެއްވެސް ޙާލެއްގައި ކަލާ ކޯޓަށް ދާންނުޖެހި ކޭސް ކުރިއަށް ގެންދެވޭތޯ މިކަމަކީ ވަރަށް އުނދަގޫ ކަމަކަށްވެސްވާނެ ނަމަވެސް އަޅުގަނޑު މަސައްކަތް ކުރާނީ އެހެންވޭތޯ އަދި އަޅުގަނޑަށް ހީވާގޮތުގައި މި ކޭސް ޝަހަރުގެ ކޯރޓްގައި ހިނގަމުންދާއިރު އަޅުގަނޑަށް ޖެހޭނީ
ސަހާރަންޕޫރު ދޫކޮށްލާފައި ޝަހަރުގައި ހުންނަން ނަމަވެސް އަޅުގަނޑަށް ވަގުތު ލިބުނުވަރަކުން ކަލާއާ ބައްދަލުކުރާނަން."
"ކަލާއަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާނެ!"
"ލައްބަ ވަރަށް ގިނަ އުނދަގޫތައް ހުންނާނެކަން އެނގޭ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑު މިހިރީ އެކަމަށް ތައްޔާރުވެގެން. ހާލާތު ބަދަލުވެގެންދާނީ ކޮންގޮތަކަށްކަން އެނގޭނީ ހަމައެކަނި ވަގުތު ޖެހުމުން. އަޅުގަނޑަށް ބުނެވޭނެހާވެސް އެއްޗަކީ ކަލާ އަޅުގަނޑާއެކުގައި ހުންނަވާހާ ހިނދަކު މި ކޭސް ބައްޔެއް ނުވާނޭ."
"ތިޔަހެން ކަލާ ތިޔަބުނުއްވަނީ ދެވަނަ ފަހަރަށް ކަންނޭނގެ"
"ތިންވަނަ ފަހަރަށް ކަންނޭނގޭ." ޘަނާއުﷲ ވަނީ ވަރަށް ސީރިއަސްވެފައެވެ.
"އެހެންވިއްޔާ އަޅުގަނޑުގެ ފަރާތުން މާޔޫސްވެލައްވަން ކަލާއަށް ޖެހިނުލައްވާނެކަން ޔަޤީން ކުރައްވައިގެން ދުރުވޭ!"
"ތިޔަ ހިތްވަރު ދެއްވުމަށް ޝުކުރުވެރިވަން"
އެހެން ބުނެފައި ޘަނާއުﷲ ހިނގައްޖެއެވެ.
"ނިކަމެތި އިޚްލާސްތެރި އިންސާނެއް..." އަނާގެ ދުލުން ބޭއިޚްތިޔާރުގައި ބުނެވުނެވެ.
އޭގެ ތިން ދުވަސްފަހުން ޘަނާއުﷲ އަނާއާ ބައްދަލުކޮށްފިއެވެ. އަނާއަށް ފެނުނުގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. މިއަދު އަނެއްކާވެސް އޭނާ ހުރީ މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލުން އޭނާ ފެނުނު ދުވަހުވެސް ހުރިގޮތަށެވެ. ނަމަވެސް އެ ދުވަހަށްވުރެވެސް މިއަދު އޭނާގެ މޫނު މަތިން ފެންނަ ހާސްކަން ބޮޑެވެ.
"ކޮން އިރަކުއްސުރެ ފެންނުވަރުއްވަނީ؟" އަނާ ހިނިތުންވާން މަސައްކަތް ކުރަމުން އަހާލިއެވެ.
ޘަނާއުﷲ ހީނލާފައި ޖަވާބުދިނެވެ.
"އަޅުގަނޑަށް ސައިތަށްޓެއް ގެނެސްދެއްވަން އާންޓީ ޒައިތޫން ގާތުގައި ބުނުއްވާ! އަޅުގަނޑު މިވަގުތު ސައިތަށްޓެއް ބޯހިތްވަރަށް ބޮޑަށް ވޭ"
"ހަމަމިހާރު މި ގެނުވަނީ" އަނާ ތެދުވެގެން ކޮޓަރިން ބޭރަށް ހިނގައްޖެއެވެ. އަދި ކުޑައިރުކޮޅެއް ފަހުން އެނބުރި އައިސްފައި ބުންޏެވެ.
"އާންޓީ ޒައިތޫންއަކީ ވަރަށް ރަނގަޅު މީހެއް. ކަލާ ފެނިފައި އޭނާ ހުރީ ކުރާ އުނދުން މައްޗަށް އުދައިގެން"
ޘަނާ ހީލާފައި ނުހަނު ފަރުވާތެރިކަމާއެކު އަނާއާ ދިމާއަށް ބަލާލިއެވެ. އަދި ސިނގިރޭޓް ޕެކެޓް ޖީބުން ނަގައިގެން ސިނގިރޭޓެއް ރޯކޮށްލާފައި ބޯން ފެއްޓިއެވެ. އަނާވެސް މެދުކެނޑުމެއްނެތި ޘަނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ.
"ކަލާ އެއްޗެކޭ ބުނުއްވަން ބޭނުންވެލައްވަނީތޯ. ފަހަރެއްގައި ކަލާ ދެއްވަން ތިޔަ އުޅުއްވަނީ ވަރަށް ނުބައި ޚަބަރެއް ކަންނޭނގެ. އަޅެ ބުނުއްވާ ބައްލަވަ."
"ޘަނާ ... އަޅުގަނޑު އެތެރޭގައި ވަރަށް ގަދަހިތްވަރު އެބަހުރި" އަނެއްކާވެސް އަނާ ބުންޏެވެ.
"ބުނުއްވަ ބައްލަވާ!" ޖެހިލުންވެ ލައްވާނެ ކަމެއްނެތް އަނެއްކާވެސް ވާހަކަ ދެއްކީ އަނާއެވެ.
ދެންވެސް ޘަނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އަނާއާ ދިމާއަށް ބަލަން އިނީއެވެ. ޢަޖައިބުވާ ކަހަލަ ހިނިތުންވުމެއް އޭނާގެ ތުންފަތް މަތިން ފާޅުވަމުންދެއެވެ. އިރުގަނޑެއް ވަންދެން ހިމޭނުން އިނުމަށްފަހު އޭނާ ބުންޏެވެ.
"ފަހަރެއްގައި ކޭހުން އަޅުގަނޑުމެންނަށް ނާކާމިޔާބު ވެދާނެ"
"ފަހަރެއްގައި ނާކާމިޔާބު ވެދާނޭ ބުނުއްވުމުގެ މާނައަކީ ކޮބައިތޯ؟"
"ކޭހުގައި އަޅުގަނޑުމެންގެ ކޮޅު ވަރަށް ބޮޑަށް ބަލިވެއްޖެ. މުޙުތަރަމާ އަނާ!" ޘަނާގެ ވާހަކައިގައި ފުރަތަމަ ފަހަރަށް އަނާޖީއޭ ބުނުމުގެ ބަދަލުގައި މުޙުތަރަމާ އަނާއޭ ބުންޏެވެ.
"ހުރިހާ ވާހަކައެއް ކިޔާދެއްވާ! ކިހިނެއްވީތޯ؟" ޘަނާ އޭނާއާ މުޚާތަބު ކުރިގޮތާމެދު ފަރުވާލެއް ނުބަހައްޓާ އަނާ ބުނެލިއެވެ.
(ނުނިމޭ)
varah varah reethi shukuran