އަނާ - 39

(12 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިހާރު ދެން އެގޮތަށް އެކަންތައް ވުމުގައި އަހަރެންގެ އެއްވެސް އަތެއް ނޯންނާނެ...އަދި ކީއް! އަހަރެންހުރީ ބައްޕަގެ ކުރިމަތީގައި މަޖުބޫރުވެފައު، ކުރާނެކަމެއްނެތިފައި، ހިތަހަލާކުވެފައި، ކަލޭގެ ލޯބީގެ ސަބަބުން އަހަރެންގެ ހިތް ހަލާކުވެގެން ދިޔަ އަހަރެން ރޮއެހެދީނު އަދި ކަލޭގެ ވަކިވެގެން ދިޔުމުން އަހަރެން އެކަމާ  ވަރަށް ބޮޑަށް ހިތާމަކުރިން. ނަމަވެސް ..ނަމަވެސް..މިހާރު އަހަރެން ހިތަށް މިއަރަނީ އަހަރެންނަކީ އެހާ ބާރެއްނެތް މީހަކަށް ނުވާނެއޭ ބާރެއްނެތް މީހަކަށްވެގެން. އަހަރެމެންނަށް މިގޮތްތައް ދިމާނުވިނަމަ މިއަދު އަހަރެމެން ދެ މީހުންގެ ދެމެދުގައި އުފެދިފައި މިވާ ނަފްރަތެއް ނުއުފެދުނީސް މިހާރު އަހަރެންގެ އާދޭހަކީ ވާންއޮތްނަމަ އަހަރެންނަށް މާފުކޮށްދިނުން..."

އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހަމަ މާޖިދާ ދިމާއަށް ބަލަންހުރީއެވެ. މާޖިދު ޙިނާ ދޫކޮށްލާފައި އެނދުން ތެދުވެގެން އަނާ ކައިރިއަށް އަތުވެއްޖެއެވެ. އަދި އަނާ އިށީންދެގެން އިން ގޮނޑީގެ އަތްގަނޑުމަތީގައި އިށީދެލާފައި ބުންޏެވެ.

"މާފު ކޮށްދެވިދާނެތަ؟"

"ޒުމައްރަދު ވަރިކޮށްފާނަންތަ؟"

"ނޫން..ނޫން...އަނާ އަހަރެންނަށް އެކަމެއް ނުކުރެވޭނެ އަހަރެން ކުރީން އެއްކުށް ކޮށްފިން ދެން ދެވަނަ ފަހަރަށް އެކުށެއް އަހަރެން ނުކުރާނަން"

"ކޮންކަހަލަ ކުށެއްތަ؟"

"އޭނާއާ ކައިވެނިކުރުން...އެއީ އަހަރެންނަށް ކުރެވުނު ކުށެއް އަދި އެއީ އަހަރެންގެ ފިނޑިކަމާއި އަހަރެންގެ ބާރެއްނެތް ކަމަށް އަހަރެންނަށް ވެވުނު އިޢްތިރާފެއް  މިހާރު އަހަރެން ފިނޑިއެއްނޫން... އަހަރެންގެ ބާރުވެސް އެބަހުރި.... މިހާރު އަހަރެންގެ ދިރިއުޅުމުގެ ވެރިޔަކީ ޚުދް އަހަރެން..... މިހާރު އަހަރެން ކަންތައްތައް ކުރާނީ އަހަރެން ބޭނުންވާގޮތަށް..."

"ކަލޭ ޚުދް ޒުމައްރަދު ވަރިކުތާކަށް ޚުދް އަހަރެންވެސް ނޭދެން... ވަރިއަކީ އަންހެނަކަށް ދެވޭނެ އެންމެބޮޑު ހުތުރު ... އެންމެރަނގަޅު. ކަލޭ އޭނާ އަހަރެންނާ ދުރުގައި ގެންގުޅޭ... އޭނާއަކީ ރަނގަޅު އަންހެނަކަށް ވާނަމަ އަދި އޭނާ އަހަރެންނާ އެކުގައި އުޅެންބޭނުންނަމަ އޭނާވެސް މިގޮތް ޤަބޫލު ކުރާނެކަންނޭނގެ... އެކަމަކު އޭނާއަކީ ރަނގަޅުފާޑުގެ އަންހެނެއް ހެން ހިޔެއްނުވޭ.... އޭނާ އުޅެނީ ނުލަފާވާން އަދި އަހަރެން ނިކަމެތި ކުރަން... އެކަމަކުވެސް ވަރިހަމަ.... އަހަރެން މަސައްކަތް ކުރާނީ އިތުރު ނުބައެއް ނައިސްވާނޭގޮތް ހެދޭތޯ!"

"ޝުކުރިއްޔާ އަނާ! ކަލެއަކީ އަސްލުގައި މާތް މީހެއް..ގްރޭޓް މީހެއް ކަލޭ ދޫކޮށްލުމަކީ އަހަރެންނަށް ކުރެވުނު ފާފައެއް،،،

މިހެން ބުނެލާފައި މާޖިދު އޭނާގެ ތުރުތުރު އަޅައަޅާއޮތް އަތް އަނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. އަނާވެސް.... މާޖިދުގެ މިކައިރިކޮށްލުމަކަށް ޢިއުތިރާޟެއް ނުކުރަމެވެ.

އާދޭ... ބަތްކާންހިނގާ... މިހާރުދެން އެކަނި ކެއުމުގެ ބޭނުމެއްނެތެއްނު!

އަނާވެސް އެއްބަސްވުމުގެ ގޮތުން ބޯހަލުވާލިއެވެ. އަދި ޙާލަތު ރަޙުމާއި އޯގާތެރިކަމަށް އަނެއްކާވެސް އޭނާގެ ނަޞީބު ދޫކޮށްލިއެވެ.

އެރޭ ޑިނާރނެގީ އެ ދެ މީހުން އެކީގައެވެ. ޒުބޭދާ ޙިނާއަށް ދޭ ބުއްފުޅި ތައްޔާރުކޮށްގެން ގެނެސްފިއެވެ. އަދި އޭގެ އިތުރަށް ދެ ކިރުތަށިވެސް ހަދައިގެން ގެނެސްކޮޓަރީގެ މޭޒުމަތީގައި ބަހައްޓައިފިއެވެ.

"ވާހަކައެއް ބުނަންތަ! މާޖިދު ހިތްބަރު ނުކުރާތި!"

"ބުނޭ.... ޤުރުބާން ވާންތައްޔާރަށް ހުރިގޮތް ދައްކާ ފަދަގޮތަކަށް މާޖިދު އަނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ."

"ކަލޭ މިކޮޓަރީގައި ނިދަންނޯވޭ!"

"ކީއްވެގެން؟"

"މިހާތަނަށް އަހަރެން އަމިއްލައަށް އަދި ހިތްހަމައެއްނުޖެހޭ އެހެންވީމާ އަހަރެންގެ ވިސްނުންތަކާއި ފިކުރުތައް ހަމަޖެހިލަންދެން އިހަށް އަހަރެމެން ވަކިންތިބެން ބޭނުންވަނީ"

"އެންމެ ރަނގަޅު..... ކަލޭ ބުނާގޮތަކަށް ހަދާނީ...އަހަރެންނަށް މި ކޮޓަރީގައި އިރުކޮޅަކު އިނދެވިދާނެދޯ؟"

"އާނ..އާނ.. އިނދެވިދާނެ، އަހަރެން ނިދަން އޮށޯންނާން ވަންދެން އަހަރެންނާ ވާހަކަ ދައްކަން އިނދޭ އަހަރެމެންގެ ދިރިއުޅުމުގެ ވާހަކަތައް ދެއްކިދާނެ. ޙިނާ ލޯބިކޮށް ހެދިދާނެ..."

"އަހަރެންގެ ވާހަކަތަކަކީ ހަދައިގެން ދައްކާވާހަކައެއް ނޫން. އަހަރެންގެ ތެދުވެރިކަން ކަލޭ އިމްތިޙާނު ކުރަން ބޭނުންވާވަރަކަށް އިމްތިޙާނު ކުރެވިދާނެ.. ކަލެއަށް އެނގޭނީ އަހަރެންގެ ސީދާކަން ތެދުވެރިކަން"

އަނާ އެންމެ ފުރަތަމަ ފަހަރަށް ހީނލިއެވެ.

އަދި މަޑުމަޑުން ތެދުވެގެން އައިސް ޙިނާ ކައިރީގައި އޮށޯވެއްޖެއެވެ. މާޖިދު އަނެއްކާވެސް ބުންޏެވެ.

"މިބުނަނީ ފިސާރި ތެދެއް. އަހަރެން ރޭގައި އެއްގޮތަކަށް ވެސް ނުނިދަން ހަތަރުދަމު އޮތީ ކަލާގެ ހަނދާންތަކުގައި ބޭޤަރާރުވެގެން... ކަލޭ އަހަރެން ދޫކޮށްލާފައި ދިޔަދުވަހު އަހަރެންނަށް ލިބުނު ހިތާމަތަކުގެ ހަނދާނުގައި ނުނިދިގެން.... އެދުވަހު ކަލޭ ދިޔައިމާ  އަހަރެން ދިހަބާރަދުވަސް ވަންދެން އާވާރާވެގެންވެސް އުޅުނިން..."

"އެހެންވީއިރު ކަލޭ އެހާފިނޑީ ކީއްވެގެންތަ؟"

"ޙާލަތުގެ ސަބަބުން އަހަރެން ލޯބިވާ އަނާ! ޙާލަތު އިންސާނުން ފިނޑި މީހުންނަށް ހަދާ، އެގޮތުން އަހަރެންވެސް ފިނޑި މީހަކަށްވީ.... ނަމަވެސް ކަލޭގެއްލުމުން އަހަރެންނަށް އެނގުނީ އަހަރެންނަކީ ހަމައެކަނި އަހަރެންގެ ބައްޕަގެ ކިޔަމަންތެރި ކުއްތާއެއްކަން."

"ދެން މިހާރު..... ކަލޭ އަހަރެން ތިޔަ ޤަބޫކުރަނީ ކަލޭގެ ހަމަހިތުގެ އަޑިންތަ ނުވަތަ މިހާރުވެސް ޙާލަތު ކަލެއަށް މަޖުބޫރުކޮށްގެންތަ؟"

"ކަލޭ ތިޔަ އިޝާރާތްކުރާ ޙާލަތަކީ ކަލޭގެ އަމިއްލަ ސުޕަރޕަވަރް ކަމަށްވާނަމަ އަހަރެންގެ ނަޡަރުގައި އެއާމެދު އެއްވެސް އަހަންމިއްޔަތެއްނެތް

"އޭގެ އަހައްމިއްޔަތެއް އޮތިއްޔާ އޮންނާނީ ހަމައެކަނި ބައްޕައަށް ސަބަބަކީ އެސުޕަރޕަވަރްގެ ސަބަބުން ބައްޕަ ބަލިވެފައިވާކަން...އަދި ފަހަރެއްގައި މިފިނި ހަނގުރާމަ ދުވަހަކުވެސް ނުނިމި އޮވެދާނެކަން... އަހެނީ ބައްޕަ ދެކިލައްވާގޮތުގައި ކޮންމެ ބަލިވުމަކީ މަރު.... އަދި އޭނާ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން...ނަމަވެސް..ނަމަވެސް އަހަރެން އެދެނީ އަހަރެމެން ދެ މީހުންގެ މައްސަލަ މުޅީޏް ވަކީން ބޭއްވުމަށް އެހެންވީމާ އަހަރެން ސާފުކޮށްދޭން ބޭނުންވާ އެއްނުކުތާއަކީ ބައްޕައާ ކަލެއާދޭތެރޭގައި ހިނގާހަނގުރާމައިގައި އަހަރެން އެއްވެސް ފަރާތަކަށް ނުޖެހޭނެކަން......އެންމެ ފުރަތަމައިންވެސް އަހަރެންހުރީ ކުޅިބަލާމީހަކަށް އަދި މިހާރުވެސް މިހިރީ ހަމަ ކުޅިބަލާ މީހަކަށް ދެން އަހަރެން ބުނަންއޮތް އަނެއްވާހަކައަކީ ޚާންއާޞިފަކީ އަހަރެންގެ ބައްޕައޭ އޭނާއަށް ދެރަގޮތެއްވެއްޖަނަމަ އަހަރެން ދެރަވާނެއޭ އެހެންވީމާ މިފިނިހަނގުރާމަ ހަމައެކަނި ކަލެއާ ހަމައިގައި ހިފެހެއްޓުން އަހަރެން އެދެން..."

"އަހަރެން މަސައްކަތް ކުރާނަން....މާޖިދު!"

"ޝުކުރިއްޔާ.... ފުރާނަޔާ! ދެން ނިދާލާ!"

އެހެންބުނެފައި މާޖިދު ގޮޑިން ތެދުވެއްޖެއެވެ. އަދި ޙިނާކައިރިއަށް އައިސް ގުދުވެލާފައި އޭނާގެ ނިތްކުރީގައި ދޮނެއްދިނެވެ. އަދި ހިތާމަވެރި ނަޡަރަކުން އަނާއާ ދިމާއަށް ބަލާލިއެވެ.

އަދި ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ.

އަނާ ވަރަށް ފުން ނޭވާއެއްލިއެވެ.

މިހާރު އޭނާގެ ހިތް ހަމަޖެހެން ފަށައިފިއެވެ. އެހެންއެވަނީ ކީއްވެގެންކަމެއް ޚުދް އޭނާއަކަށްވެސް ނޭނގެއެވެ. މާޖިދުގެ ވާހަކަތަކުން ތެދުބުނުމުގެ ވަސް އޭނާއަށް ދުވަން ފަށައިފިއެވެ. އޭނާގެ ހިތް ބުނަމުންދަނީ މާޖިދު ދައްކަމުންއެދާ ވާހަކަތަކަކީ ތެދުވާހަކަތަކެއް ކަމުގައެވެ.

މިއެންމެންގެ ސިކުނޑިއާ ކުޅެލި އަދި އެންމެންގެ ވިސްނުމަށް މިބަދުގެނައީ އަނާގެ އަތުގައިވާ ސުޕަރޕަވަރގެ ސަބަބުންކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.

ނަމަވެސް...... އެސުޕަރޕަވަރާމެދު އެއްވެސް އަހަންމިއްޔަތެއް ނުދޭކަމަށް މާޖިދު އެބުނިގޮތެއް އޭނާއަކަށް ނޭނގެއެވެ. އެ ސުޕަރޕަވަރާއި އޭނާއާއެއްވެސް ގުޅުމެއް ނުވަތަ އެއްވެސް ބޭނުމެއް ނެތްކަމަށް އެބުނި ބުނުމަކީ ފަހަރެއްގައި ކުށަކަށް ވެދާނެއެވެ. އޭނާގެ ހިތަށްއަރައެވެ. ނަމަވެސް އެހެން އޭނާ އެބުނިގޮތެއް އެއީ އަނާ އަށް ނުވިސްނުންކަމެކެވެ. އަދިވެސް އަނާގެ ހިތަށް އަރަމުންދިޔައެވެ. މާޖިދުގެ ވާހަކައިގައި އޭނާގެ ބައްޕައަތުގައި މިހާރު އެއްވެސް އެއްޗެއް ނެތްކަމަށާއި އެއީ މިހާރު ހަމައެކަނި ބައްޕައެއް ކަމުގައިވެސް ބުންޏެވެ. އަދި އެއީވެސް އާދައިގެ އެހެން މީހުންގެ ބައްޕަ ފަދަ ބައްޕައެކޭވެސް ބުންޏެވެ.

ހާދަ ބޮޑު އިންޤިލާބެއް އޭނާގެ ވިސްނުމަށް އަތުވެއްޖެއެވެ. ފަހެ ތިމާގެ ކަމާއި ގާތްކަމާ މިހުރިހާކަމަކީ ވެސް ފައިސާއާއި މުއްސަނދިކަމުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެއް ބާވައެވެ. މިއީ އަނާގެ ހިތުގައި ވަރަށް ބޮޑަށް އުފެދުނު ސުވާލެކެވެ. އެސުވާލުގެ ޖަވާބު ހޯދޭތޯ އެރޭގެ ހަތަރުދަމުވެސް އޭނާ މަސައްކަތްކުރިއެވެ. އަދި އެންމެފަހުން އޭނާއަށް ލިބުނު ނާތީޖާއަކީ ސުޕަރޕަވަރަކީ ފައިސާކަމެވެ.މުއްސަނދިކަންކަމެވެ. އެނޫން ހުރިހާ އެއްޗަކީވެސް އަގެއްނެތް ބޭނުމެއްނެތް އެއްޗެއްކަމެވެ.  ބައްޕަ އަތުގައި ފައިސާ ނެތްނަމަ ދަރިފުޅު ކިޔަމަނެއް ނުވާނެއެވެ. ބަހެއް ނާހާނެއެވެ. އިޙުތިރާމެއް ނުކުރާނެއެވެ. ފައިސާހުރިނަމަ ހަމައެދަރިފުޅު ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށްވާނެއެވެ. ލޯތްބާއި އިޙްތިރާމް އަދާކުރާނެއެވެ. ހެނދުނު ޒުބޭދާ އަނާއަށް ބެޑްޓީ ހިފައިގެން އައިއިރު ޙިނާއަށްޓަކައި ބުއްފުޅިވެސް ހަދައިގެން ގެނައެވެ. އެދުވަހު އަނާ މާޖިދު ބައްދަލުވީ ހެނދުނު ސައި މޭޒުކައިރީންނެވެ. ދެމީހުން ސައިބުއީ އެކުއެކުގައެވެ. ސައިތަށިން އެތިފޮދެއް ބޯލައިފައި މާޖިދު ބުންޏެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.