ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކް ގައި ހިމެނޭ ގައުމުތަކާއި އެ ޖަމްއިއްޔާގައި ނުހިމެނޭ ރަޝިޔާ ފަދަ ގައުމުތަކުން (އޯޕެކް+ އިން) ތެޔޮ އުފައްދާ މިންވަރު މަދުކުރަން ކުއްލި ގޮތަކަށް ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ. މިއަހަރު ނިމެންދެން މިހާރު އުފައްދާ މިންވަރުގައި ހިފަހައްޓާނެކަމަށް ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން އުއްމީދުކޮށްގެން ތިއްބައި އޯޕެކް+ އިން ދުވާލަކު އުފައްދާ ތެލުން ގާތްގަނޑަކަށް 3.6 މިލިއަން ފީފާ (ދުނިޔެއަށް ދުވާލަކު ބޭނުންވާ ތެލުގެ %3.7) މަދުކުރަން ނިންމުމާއެކު، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އަރައިގެން ހިނގައިދާނެކަމަށް ލަފާކުރެވެއެވެ.
އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް (އޯޕެކް) ގެ މެންބަރު ގައުމުތަކާއި، އެ ޖަމްއިއްޔާގައި ނުހިމެނޭ، އެ ޖަމްއިއްޔާގެ ސިޔާސަތަށް ތާއީދުކުރާ ގައުމުތަކުގެ ނިންމުމާއެކު އިއްޔެ ތެޔޮ ފީފާއެއްގެ އަގުން 4 ޑޮލަރު ވަނީ އުފުލިފައެވެ. އަދި ބައެއް ބާވަތެއްގެ 5 ޑޮލަރު އުފުލިފައި ވާއިރު، ތެޔޮ ފީފާއެއްގެ އިއްޔެ ދުނިޔޭގެ ބާޒާރުގައި ހުރީ 84 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.
އޯޕެކުން ބުނީ އެ ޖަމްއިއްޔާއާއި، އެ ޖަމްއިއްޔާއަށް ތާއީދުކުރާ ގައުމުތަކުން އެޅި މި ކުއްލި ފިޔަވަޅަކީ ބާޒާރުގައި ތެލުގެ އަގު ވެއްޓުނަ ނުދޭން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައެވެ. އެހެންނަމަވެސް، މި ކުއްލި ނިންމުމާއެކު ދުނިޔޭގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އަދި މުދަލާއި ޚިދުމަތުގެ އަގު އުފުލިގެން ހިނގައިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރު ދިރާސާކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިސްޓާޑް އެނާޖީން ލަފާކުރާ ގޮތުގައި މިއަހަރު ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް އުފުލި، އަހަރު ނިމޭއިރު މިއަދަދު 110 ޑޮލަރަށް އަރައިގެން ދިއުން ގާތެވެ.
ތެލުގެ އަގު ވެއްޓުނަ ނުދިނުމަށްޓަކައި ފާއިތުވި 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުވެސް އޯޕެކް+ އިން ވަނީ ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 2 މިލިއަން ފީފާ މަދުކޮށްފައެވެ.
އެންމެ ގިނައިން ތެޔޮ ބޭރުކުރާ ގައުމު ސައުދީ އަރަބިއްޔާއިން ދުވާލަކު 5 ލައްކަ ފީފާ މަދުކުރަން ނިންމާފައިވާއިރު، ރަޝިޔާއިން ވެސް ވަނީ އެގައުމުން ދުވާލަކު ބޭރުކުރާ ތެލުން 5 ލައްކަ ފީފާ މަދުކޮށްފައެވެ.