ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެެއްގެ އަގު %31 ދަށަށް ހިނގައްޖެއެވެ. މިއަދު ހެނދުނު އޭޝިޔާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 32.05 އެމެރިކާ ޑޮލަރާއި، 30.07 އެމެރިކާ ޑޮަލަރާ ދެމެދުގައެވެ. ތެލުގެ އަގު ކުއްލިއަކަށް ވެއްޓުނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކާއި ރަޝިޔާއާއި ދެމެދު ކުރަމުން އައި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުމުގެ ސަބަބުންނެވެ.
މިއީ 1991 ގެ ގަލްފު ހަނގުރާމައަށް ފަހު ތެލުގެ އެއް ދުވަހެެއްގެ ތެރޭގައި އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ.
އޯޕެކުގެ މެންބަރު ނޫން ގައުމުތަކގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިޔާއާއި، އޯޕެކުގެ ގައުމުތަކުގެ މެދުގައި 'ތެލުގެ ހަނގުރާމައެއް' ފެށުނީ މިއަދު ހެނދުނު އޭޝިޔާގެ ތެލުގެ ބާޒާރު ހުޅުވުމާއެކުގައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބްރެންޓް ތެޔޮ ފީފާއެއްގެ އަގު ވަނީ 45.27 އެމެރިކާ ޑޮލަރުން 31.02 ޑޮލަރަށް ވެއްޓިފައެވެ. ދުނިޔޭގައި މާލީ ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ގޯލްޑްމޭން ސޭޗްސްއިން ބުނި ގޮތުގައި މިގޮތަށް ދަނީނަމަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 20 އެމެރިކާ ޑޮލަރަށް ވެއްޓުން ގާތެވެ.
ރަޝިޔާއާއި އޯޕެކާ ދެމެދު ތެލުގެ އަގުގެ ވާދަވެރިކަން ފެށިގައި މިވަނީ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) ސަބަބުން ދުނިޔޭގައި ތެޔޮ ވިކޭ މިންވަރު މަދުވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތެލުގެ އަގު ދަށްވާން ފަށާފައި ވަނިކޮށެވެ. މި ނިމުނު ހަފުތާ ބަންދުގައި ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައެވެ. އަދި ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމުގެ އިޝާރާތެއްވެސް ވަނީ ކޮށްފައެވެ. އަނެއްކޮޅުން ރަޝިޔާއިން ވަނީ އެގައުމުގެ ތެޔޮ އުުފައްދާ ކުންފުނިތަކުން ބޭނުން ވަރަކަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ދީފައެވެ.
"ވިޔަފާރިއަށް ބާޒާރު ހުޅުވުމާއެކު ތެޔޮ ވިއްކުމުގެ ބޮޑު ރާޅަކުން ބާޒާރު 'ޣަރަގުކޮށްލީ" ގަބޫލުކުރަން ދަތި މިންވަރަށް." ހިއުސްޓަންގެ ކުންފުންޏެއް ކަމަށްވާ، ލިޕޯ އޮއިލް އެސޯސިއޭޓްސްގެ ރައީސު އެންޑީ ލިޕޯ ވިދާޅުވިއެވެ. "އޯޕެކާއި ތެޔޮ އުފައްދާ އެހެން ފަރާތްތަކުން މިވަނީ ބާޒާރުގައި ތިމާމެންގެ ވިއްކާ މިންވަރު އިތުރުކުރަން ވެގެން އަގުގެ ހަނގުރާމައެެއް ފަށައި، ބާޒާރު ހައިރާންކޮށްލާފައި." އޭނާ އިތުރަށް ވިދާޅުވިއެވެ.