އަސާސީ ޚިދުމަތްތަކުގެ އަގު ކުޑަކުރުމަށް ކުންފުނިތަކުގެ ފައިދާ ބޭނުންކުރެވޭނެ: ނާޒިމް

ރައްޔިތުންނަށް މުހިއްމު ޚިދުމަތްދޭ ކުންފުނިތަކުގެ ފައިދާއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ އަގަށް ލުއިދީ، ކުޑަ އަގެއްގައި ޚިދުމަތްދޭ ގޮތް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މުޙައްމަދު ނާޒިމް މިހެން ވިދާޅުވީ އެމް.އެން.ޕީ ގެ ކްލަބްހައުސް އިވެންޓް ގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މިހާރު މި ފެންނަނީ ބޮޑެތި ކުންފުނިތަކުން ބޮޑު ފައިދާއެއް ހޯދާ ކަން ދައްކައި އެ ޢަދަދުތައް ހާމަކޮށް ދައްކާ އެކަމުގެ ވާދައިގައި އުޅޭ ތަނެވެ. ނަމަވެސް އެ ކުންފުނިތަކުން ބަލަންވީ، ކުންފުނީގެ ފައިދާ ކުޑަވިކަމުގައި ވިޔަސް ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ އަގު ކުޑަކުރުމަށް ކަމުގައެވެ.

މިގޮތުން، އެމް.އެން.ޕީ ގެ ވެރިކަމެއްގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ފެނަކަ ފަދަ ރައްޔިތުންނަށް މުހިއްމު އަސާސީ ޚިދުމަތްތައް ދޭ ކުންފުނިތައް ރީސްޓްރަކްޗަރ ކޮށް، ބޮޑު ފައިދާ ހޯދަން އުޅުމުގެ ބަދަލުގައި، ކިރިޔާ ޚަދަރު ސަލާމަތްވާ ވަރަށް ހިންގައިގެން ވިޔަސް، އަގުތައް ތިރިކުރެވެނެކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިސާލު ޖެއްސެވީ ސްޓެލްކޯ އަދި ބޭންކް އޮފް މޯލްޑިވްސް އަދި ފެން ކުންފުނިންނެވެ. ސްޓެލްކޯއިން ކޮވިޑް ގެ އެންމެ ދަތި އަހަރު 2020 ގައިވެސް ފައިދާގެ ގޮތުގައި 171 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހޯދިކަމަށާ، ނަމަވެސް، ސްޓެލްކޯގެ ފައިދާގެ ބޮޑު ޢަދަދެއް ނިސްބަތުން ދާންޖެހޭނީ ބިލްތަކުގެ ތެރެއިން ރައްޔިތުންނަށް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަދި 2020 ގައި ފެންކުންފުނިގެ ފައިދާއަކީ 305 މިލިއަން ކަމަށް ވާއިރު، މި ކުންފުނިތަކުގެ ފައިދާ ފެންނަންޖެހޭނީ ޚިދުމްތުގެ އަގު ކުޑަކޮށްގެން ކަމުގައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ  2020 ވަނަ އަހަރުގެ ފައިދާއަކީ 450 މިލިއަން ރުފިޔާއަށްއަށް ވުރެ މައްޗަށް އަރައިގެން ދިޔައިރު، މި ފައިދާ ފެންނަންޖެހޭނީ އިންޓަރެސްޓް ރޭޓްކުޑަކޮށްގެން ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިގޮތަށް ކަން ނުކޮށް، ކުންފުނިތަކުން ބޮޑު ފައިދާ ހޯދަން ވާދަކުރުމުގެ ސަބަބުން އޭގެ ގެއްލުން ވަމުން ދަނީ ރައްޔިތުންނަށް ކަމުގައެވެ. އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި ކުންފުނިތަކަށް ލާ އެމް.ޑީން ވެގެން ދާނީ މި ވާދަވެރިކަމުގައި ނޫޅުއްވާ، ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކުންފުނީ ހިންގާ ބަޔަކަށް ވާނެކަމުގެ ޔަޤީންކަން ނާޒިމް ދެއްވިއެވެ.

އެހެން ކަމުން އެމް.އެން.ޕީގެ ވެރިކަމެއްގައި ސްޓެލްކޯ، އެމް.ޑަބްލިޔު.އެސް.އީ ފަދަ ކުންފުނިތަކުގެ ފައިދާގެ ވަކި ޢަދަދެއް ޚިދުމަތުގެ އަގުކުޑަކޮށްގެން ރައްޔިތުންނަށް ފޯރުކޯށްދޭނެ ކަމަށާއި،  ބީ.އެމް.އެލްގެ ފައިދާގެ ވަކި ޢަދަދެއް އިންޓަރެސްޓް ރޭޓްކުޑަ ކޮށްގެން ރައްޔިތުންނަށް ލިބޭ ގޮތަށް ސިިޔާސަތު ބަދަލުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.