ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ ބަލައިގަންނާނެ ކަމެއް ނޫން: އެމްއެންޕީ

އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ހިންގި އަމަލު ކުށްވެރިކުރުމަށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނީ 21 ޖޫން 2022 ގައި ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން އެޕާޓީގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

އެމްއެންޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނެތުމަކީ އެ ޕާޓީން ކަންބޮޑުވާކަމެއް ކަމަށެވެ.

މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް އަންދާޒާ ކުރެވޭފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މި އިވެންޓް ކުރިއަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރު ވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައިނެތްކަން ފާހަގަކުރެވޭ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެންޕީން ބުނީ މިފަދަ އިވެންޓެއް ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ މި ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއްނެތި މި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ މި އިވެންޓްގައި ބައިވެރިވާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވީމާ ސަރުކަރުން މިފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިއަށްދިއުމަކީ މުހިންމުކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށާއި މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލާ ތައްޔާރުވެތިބެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް އަދި ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައިވެއެވެ.

1 ޚިޔާލު

  1. ޔޯގާ އަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ނަމާދަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ވެރިންނަށް މުހިއްމީ އެމީހުންގެ ދުނިޔަވީ އަބުރާ އިއްޒަތެވެ. ފައިސާގެ އިއްޒަތެވެ. މިނިސްޓަރު ކަމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އެހެންނޫންނަމަ ތިމަންނާގެ މައްސަލައެއް ތަހުގީގު ކުރާނަމަ މިނިސްޓަރުކަން ދޫކޮށްލާނަމޭ ބުނިމީހާ މިނިސްޓަރުކަން ދޫކޮށްލާނެއެވެ. މުނާފިގުންނާ ތެދުވެރިން އޮޅިއްޖެއެވެ. މިއަދު ހެޔޮ މަގުގަ ތިބީ މަދު ބައެކެވެ. ތަން ފަސާދަވެއްޖެއެވެ. ދީނުގެ ނަމުގަ މެދުމިނޭ ކިޔައި ގައުމުގައި ރިބާ އާންމުވެއްޖެއެވެ. އެކަން ކުރީ ދައުލަތުންނެވެ. މަޑުމަޑުން ފަހަރަކު ކަމެއް / ނުބައި ކަމެއް އާންމު ކުރަމުން ކުރަމުން ގޮސް މުޅި ގައުމު ފަސާދަ ވެއްޖެއެވެ. މިއީ ހުޅަނގުގެ ރޭވުމެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި ދީނީ މީހުންނެވެ. ގައުމުގައި ގިނައީ އޮރިޔާމާ އުޅޭ އަންހެނުންނެވެ. ހުކުރުވިލޭރޭ ރާބޮއެގެން ކުނޑި ބޮއެގެން/ޕާޓީ ޑުރަގު ނަގައިގެން ޑީޖޭ ޑާންސެވެ. ކަސްބީ ވިޔަފާރިއެވެ. ދައުލަތުން އަޅާނުލައެވެ. ސަބަބު ﷲ އާ ވަކީލެވެ. އެވާހަކަ ދައުލަތުން ސިއްރު ކުރަނީއެވެ. އެކަމާ އިދިކޮޅީ އަދި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ޣައިރު ދީނުތައް ޕްރޮމޯޓް ކުރަނީއެވެ. އެޖަމިއްޔާގެ ވެރިންތައް މިއަދު ތަންފީޒީ އިދާރާތަކުގައެވެ. ދައުލަތް އެކަމަށް އޯކޭއެވެ. ބައިނަލްއަގުވާމީއެވެ. އެކަމާ ހިތްހަމަނުޖެހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ރާވިއްކުން (ހަރާމް ކަމެއް ހުއްދަ ކުރުން / ހަލާލްކުރުން) ދައުލަތުން އެއޮތީ ހަލާލުކޮށްފައެވެ. ރައްޔިތުން ތިބީ އޭގެއަވައިގަ ޖެހި ލިބޭ ފައިސާއިން ހެވިފައެވެ. ވަޒީރުންނެވެ. ވިޔަފާރިވެރިންނެވެ. އެކަމާ ނުރުހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ނަރަކައޭ ބުނީމާ ހިތަށް ބިރުވެރިކަން ވަންނަ މީހުން މަދެވެ. ހިތްތަކުގައި ވަނީ ﷲ ވަހީ ކުރެއްވި ފަދައިން ފާސިގު ކަމުން ގޮސް ކަޅުލައްތަކެއް ޖެހިފައެވެ. ދަންނަވަންތޯއެވެ. ހައްގާ ބާތިލް އޮޅުވާ ނުލެވޭނެއެވެ. މިދޭތި އޮޅުވާލުމަށް ސިޔާސީ ބަޔަކު ކޮންމެފަދަ ސްޓަންޓެއްވެސް ޖައްސާކަށް ފަސް ނުޖެހޭނެއެވެ. ފައިސާގެ އަވައިގަ ޖެހި އެމީހުން އެތިބީ ހަރާމް ކަންތައް ހަލާލުކޮށްގެންނެވެ. އެމީހުން ނުރުހޭ ނުވަތަ އިސްލާމްދީނުގަ އޮންނަގޮތަށް ކަންތައްކުރުމަށް ގޮވާލާ މިހުންނަކީ އެބައިމީހުން ކުރިމަތީގަ ހައްދުފަހަނައެޅި މީހުންނެވެ. ނުވަތަ ހަރުކަށި ފިކުރުގެ މީހުންނެވެ. ގަބޫލުކުރާށެވެ! ބުނަން ނުކެރުނަސް ހަގީގަތަކީ މިއީކަން އެންމެންވެސް ދަނެއެވެ. ވީމާ ދީނާ ދުރުހެލިކޮށް، ޝޭހުންގެ އަގު ވައްޓަން މިޒަމާނުގަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.