އަނާ - 8

(29 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ހިތަށް އެވަގުތު އަރަމުންދަނީ އޭނާގެ ފިރިމީހާ އެހެން މީހަކާ އިންނަން އުޅޭކަމެވެ. ލޯބީގެ ހަމައެކަނި އޭނާގެ ޙައްޤެއް ކަމަށްވާ އޭނާގެ ފިރިމީހާގެ މައްޗަށް އެހެން މީހެއް އަތްގަދަކޮށްލަން އުޅޭކަމެވެ. ދުނިޔޭގެ އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާ އެހެން އަންހެނަކާއެކު ޙިއްޞާ ކުރާކަށް ޤަބޫލެއް ނުވާނެއެވެ. ނަމަވެސް މިއަދު އަނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާގެ އެއްވެސް ބާރެއްނެތެވެ. މަދަދުވެރިއެއް ނެތެވެ. އަނާ ހިނގަމުން ދިޔައީ ފުރާނައެއްނެތް ހަށިގަނޑެއްހެންނެވެ. ދުނިޔެ އޭނާއަށްޓަކައި ވަނީ މުޅީން އަނދިރިވެފާކަހަލައެވެ.

"އަހަރެމެން ސަރާހަންޕޫރަށް އެނބުރި ދާނީ  އަނާ ބުންޏެވެ.

" އަހަރެންނަނސް ފެންނަނީ ފުރަތަމަ ބައްޕަމެންގެއަށް ދާން"

"އަހަރެންބޭނުމީ އެނބުރި ސަހާރަން ޕޯރަށް ދާން"

އަނާ އެހެން ބުނީ ވަރަށް ހަރުކަށި ގޮތަކަށެވެ. އެހެން ކަމުން އާންޓީ ޒައިތޫންއަކަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެން ނޫންނަމަ އޭނާ ޚިޔާލުކޮށްފައިވާ އޮތީ އެރޭ އަމީރުއްދީނުމެންގެ ގޭގައި ތިބޭށެވެ. ދަތުރު ވަރުބަލިވެސް އޭރުން ފިލުވާލެވޭނެ ތީއެވެ. ނަމަވެސް އަނާ އެހާ ވަރުގަދައަށް އެގޮތަށް ބުނުމުން އޭނާ ބުނާގޮތް ނޫން އެހެން ގޮތެއް ހަދަން މިވަގުތު އުޅުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް އާންޓީ ޒައިތޫންއަށް ވެސް ވިސްނިއްޖެއެވެ. އެހެންވެގެން އޭނާ ބުނިގޮތަށް ސަހާރަންޕޫރަށް ދާން ޓެކްސީގައި ބަސްޓޭޝަނަށް ހިނގައްޖެއެވެ. އެތަނުން ޕްލައިންގްކޯޗް ނަގައިގެން ސަހާރަންޕޫރަށް ދިއުމުގެ ދަތުރު ފަށައިފިއެވެ. މި ދަތުރު ސަހާރަންޕޫރުން ފެށިގެން އަނާ އިނީ ކިހާ އުފަލުންތޯއެވެ. ނަމަވެސް އެދަތުރު ނިންމާލާފައި އަލުން އެނބުރު ސަހާރަންޕޫރަށް ދާއިރު އޭނާގެ ހިތުގެ ތެރޭގައި ވަނީ ކޮންފަދަ ހިތާމަވެރި ޝުޢޫރު ތަކެއްތޯއެވެ. ކުރީން އޭނާގެ ހިތުގެ ތެރޭގައި އުފެދެމުން ހެދެމުންއައީ ކޮންފަދަ މަތިވެރި އުއްމީދު ތަކެއްތޯއެވެ. މިހާރު އެއުއްމީދުތައް ފެނަށްވެން ދާތަން އޭނާއަށް އިޙްސާސްގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަމުން ދާއިރު ހީވަނީ މާޔޫސްވުމުގެ ކަނޑެއްގެ ތެރެއިން އެމޫނު ފެންނަހެންނެވެ. ދަތުރުގެ މަގުމަތީގައި އޭނާ އެއްވެސް އެއްޗެއް ނުކައެވެ. ނުމެބޮއެވެ.

ޒައިތޫން އާންޓީވެސް އެއްވެސް ތާކަށް ނުފައިބައެވެ. ދަތުރުގައި އެއްފަހަރު ރެސްޓޯރެންޓެއް ކައިރީގައި ވިއްސަކަށް މިނެޓް އިރުވަންދެން އެބަސް ހުއްޓާފައިއޮތް ވެސްމެއެވެ. ބަހުން ދަތުރުކުރި މީހުން ރޭގަނޑުގެ ކެއުން ލިބިގަތުމަށްޓަކައި ފުރުޞަތުދޭށެވެ. ނަމަވެސް  އަނާ ބަހުން ނުފައިބާ އަދި އެއްވެސް އެއްޗެއް ނުބުނެ  އިނީއެވެ. އާންޓީ ޒައިތޫނު ގާތުގައި، އޭނާގޮސް ކޮންމެވެސް އެއްޗެއް ކާލައިގެން އަންނާށޭވެސް ބުނެނުލައެވެ. ދަތުރަކީ ހަތަރުގަޑިއެއްހާ އިރުގެ ދަތުރެކެވެ. ސަހާރަންޕޫރަށް އެމީހުންނަށް އާދެވުނީއިރު ރޭގަނޑުގެ 10 ޖަހަނީއެވެ. ގެއަށް އާދެވުނީ ދިހަގަޑި ބައިވާން އުޅެނިކޮށެވެ. ގެއަށް ދިއުމަށްފަހު އަނާއަށް ކޮންމެވެސް އެއްޗެއް ކާންދެވޭތޯ އާންޓީ ޒައިތޫން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަނާ ހަމަ އެއްވެސް އެއްޗެއް ނުކައި، އޭނާގެ ކޮޓަރިއަށް ވަދެ އޮށޯތީއެވެ. އަނާ މިހެން ހެދުމުން އާންޓީ ޒައިތޫން ބުންޏެވެ.

 "އެމީހުން ކަލެއާމެދު އެއްވެސް ފަރުވާލެއް ނުބެހެއްޓީމާ ދެން ކަލާ ތިޔަގޮތަށް ހިތާމަކުރަންވީ ކީއްކުރަން. މާތްރަސްކަލާނގެ ޚާންއާޞިފަށް ލަޢުނަތް ލައްވާނެ. ޤުދްރަތުން އަދިވެސް އިތުރަށް ކަލޭ އިމްތިޙާން ކުރައްވަނީ ކަންނޭނގެ. ސަހާރަންޕޫރުގައި އިތުބާރު ކުރެވޭ ކަހަލަ ރަނގަޅު ވަކީލެއް އުޅޭތަ؟" އަނާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"ވަކީލެކޭ..ޒައިތޫން ޙައިރާންވެލާފައި ބުންޏެވެ. "އާނ..ވަކީލެއް.... ނުގަނެވޭ ކަހަލަ ވަކީލެއް. އަދި ނުވެސް ވިކޭކަހަލަ ވަކީލެއް..."

"އަނެއްކާ އޭނާޔަށް ކީއްކުރަން ކަމަށް..."

އަނާ އާންޓީއާ ދިމާއަށް ލޯބޮޑުކޮށްލާފައި ކަޅިއަޅާލިއެވެ. އާންޓީ ކަންބޮޑުވާގޮތް ވެފައި އަނެއްކާވެސް ބުންޏެވެ.

"ކަލޭގެ އަންކަލް ކުރެން އަހާބަލަ؟"

ކުޑައިރުކޮޅެއް ފަހު އާންޓީގެ ބަދަލުގައި، އޭނާގެ ފިރިމީހާ އަންކްލް ޙާމިދު އަތުވެއްޖެއެވެ. އަދި އަނާގެ ބޮލުގައި އޯގާވެރި ކަމާއެކު ފިރުމާލާފައި ބުންޏެވެ." އަހަރެން ހުރިހާ ކަމެއް ރަނގަޅަށް އޮޅުންފިލައިފި. މާތްރަސްކަލާނގެ ދަރިފުޅަށް ކެތްތެރިކަން ދެއްވާށި. ފައިސާވެރިންނަކީ ހިއްސެއް ނުހުންނަ ބައެއް އެހެންމީހުންގެ އިޙްސާސްތަކެއް އެމީހުންނަކަށް ނޭނގޭނެ...އަނާ... ކޮންމެވެސް އިތުބާރުކުރެވޭ ކަހަލަ ރަނގަޅު ވަކީލެއްގެ ވާހަކަ އާންޓީ ދެއްކި!"

"ލައްބަ... އަންކަލް ..އަޅުގަނޑަށް ވަކީލެއްވަނީ ބޭނުންވެފައި.... "

"މި ރަށުގައި ވަކީލެއް އުޅޭ. އެކަމަކު އޭނާއަކީ އިތުބާރު ކުރެވޭ ކަހަލަ ރަނގަޅު މީހެކޭ ޔަޤީންކަމާއެކު ބުނާކަށް ނުކެރޭނެ."

"އަޅުގަނޑު މާދަމާ ހެނދުނު އޭނާއާ ބައްދަލުވާނ ބޭނުން. އަންކަލް އޭނާގެ އެޑްރެސް އަޅުގަނޑަށް ދެއްވާފާނުންތޯ؟"

"އަހަރެން ދަރިފުޅާއެކު ދާނަން"

ނޫން..އަންކަލް އަޅުގަނޑު އޭނާއާ ބައްދަލު ކުރަންބޭނުންވަނީ އެކަނި..."

ކޮންމެވެސް އެއްޗެއް ކާލައި ނުވަތަ ބޯލާ ހަދާބަލަ. އޭރުން އަހަރެން އޭނާގެ އެޑްރެސް ބުނެދީފާނަން"

"އެންމެ ރަނގަޅު ...އާންޓީ އަތުގައި ކޮންމެވެސް އެއްޗެއް ފޮނުވާ އަޅުގަނޑު ޒަހަރެއް ހެން ކާލާނަން. އަޅުގަނޑު އެއްވެސް އެއްޗެއް ކާހިތެއް ނެތް އެކަމަކު...ޙާމިދު އަލީ އާއެކޭ ބުނާ ގޮތަކަށް ބޯހުރާލާފައި ކޮޓަރިން ނުކުމެން ހިނގައްޖެއެވެ. ހީވީ އަނާ އެވަގުތު ކާހިތް ނުވާނޭކަން އޭނާވެސް ޤަބޫލު ކުރާހެންނެވެ. ކުޑައިރުކޮޅެއްގެ ފަހުން އާންޓީ ޒައިތޫން ހިފައިން އެކޮޓަރިއަށް އަތުވެއްޖެއެވެ. އަދި އަނާވެސް ހިތާ ދެކޮޅަށް، ކުޑަ އެތިކޮޅެއް ކައިފިއެވެ. އަނާ އޭނާގެ އަންކްލަގެ ފަރާތުން ވަކީލުގެ އެޑްރެސް ހޯދުމަށްފަހު އަނެއް

ދުވަހުގެ ވަރަށް ހެނދުނާ ގެއިން ނުކުމެއްޖެއެވެ. ވަކީލުގެ ހުންނަ ހިސާބަށް ދިއުމަށްޓަކައި ގާތްގަޑަކަށް މޭލެއްހާ ތާނގައި އޭނާއަށް ހިނގައްޖެހުނެވެ. އެ ހިސާބުން ވަކީލުގެ ގެ އޭނާއަށް ދެއްކީ ހެނދުނު ކިރުފުޅި އަތުލަން ގެއެއްގެ ދޮރުން ނުކުތް ބާރައަހަރުގެ ކުޑަކުއްޖެކެވެ. ވަކީލު ނަމަކީ ޘަނާއުﷲއެވެ.

ގޭގެ ދޮރުގެ ރަނގަބީލު ޖަހާލުމުން ދޮރު ހުޅުވާލާފައި ނުކުތީ ޢުމުރުން ދުވަސްވެފައި ހުރި މުސްކުޅި މީހެކެވެ. އެހެންކަމާއެކުވެސް އޭނާ ކުރިމަތީގައި ހުރި ޤުދްރަތުގެ ކުޅަދުންވަންތަ ކަމުގެ ރީތި ނަމޫނާ ފެނިފައި އޭނާއަށްވެސް ޙައިރާންކަން ވެރިވެގެން ދިޔައެވެ.

"ކާކާ ބައްދަލުކުރަންތަ ދަރިފުޅުއައީ"

"ޡަނާއުﷲ ވަކީލާ"

"އެއީ އަޅުގަނޑުގެ ދަރިފުޅު އާދޭ އެތެރެއަށް ވަދޭ"

އެ މުސްކުޅި މީހާ އަނާ ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. އަދި ގޭގެ ދޮރު މަތީ ބަހައްޓާފައި ހުރި އެނދެއްގައި އަނާ ބައިންދާފައި ބުންޏެވެ.

"ޡަނާއުﷲ އަދި އޮންނާނީ ނިދާފައި. ދަރިފުޅު ތިޔައައީ މާހެނދުނާ"

އެހެން ބުނެފައި އެ މުސްކުޅި މީހާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭނާ އެތެރެއަށް ދިޔުމުން އަނާގެ ހިތުގައި އެ ގެއާމެދު ޚިޔާލުކޮށްލިއެވެ. އޭނާއަށް ލަފާކުރެވޭ ގޮތުގައި މި ގޭގައި އުޅޭ މީހުންނަކީ މާ އުފާވެރި ޙަޔާތެއް ވޭތުކުރާ ބައެއް ނޫނެވެ. ގެއަކީ މެދުމިންވަރެއްގެ އާމްދަނީއެއް ލިބޭ ބައެއްގެ ގެއެކެވެ. މިތަނުން ދާންވީއޭވެސް އަނާގެ ހިތަށް އަރައެވެ. ނަމަވެސް އެ މުސްކުޅި މީހާގެ މައްޗަށް އަނާގެ ހިތުގައި ރަޙުމް އުފެދިފައިވާތީ މަޑުކޮށްލީއެވެ. އެ މުސްކުޅިޔާ ގޭތެރެއަށް އެދިޔައީ އޭނާގެ ދަރިފުޅަށް ރަނގަޅު ވިޔަފާރިއެއް ލިބުނީ ކަމަށް ހީކޮށް އޭނާ ނިދާފައި އޮއްވާ ގޮވަން ކަންނޭނގެއެވެ. ކުޑައިރުކޮޅަކަށްފަހު އެ މުސްކުޅިމީހާ އެނބުރި އަތުވެއްޖެއެވެ.

 "އަޅުގަނޑު އޭނާއަށް ގޮވައިފިން" އެހެން ބުނުމުން އެ މުސްކުޅިމީހާ އަނާ ކުރިމަތީގައި ހުރި ދިގު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ބުންޏެވެ. "ދަރިފުޅު ތިޔައައީ ކޭހެއް ހިފައިގެންތަ. ދަރިފުޅު ތިޔައީ މިރަށު ކުއްޖެއްހެން ހިޔެއްނުވޭ."

"އާނ... އަޅުގަނޑު މިއައީ ކޭހެއް ހިފައިގެން އަދި އަޅުގަނޑަކީ މިރަށު މީހެއްނޫނޭ ކަލާ ތިޔަހީ ކުރެއްވި ހީކުރެއްވުންވެސް ހަމަ މުޅީން ރަނގަޅު..."

"ކޮންކަހަލަ މައްސަލައެއްތޯ" އޭނާ ސިއްރު ހޯދާލަން އުޅޭގޮތަށް ބުނެލިއެވެ.

"އަޅުގަނޑު އެވާހަކަ ބުނާނީ ކަލާގެ ދަރިފުޅުގާތު!"

"އަޅުގަނޑުމީ އޭނާގެ ބައްޕަ ނޫންތޯ؟" މުސްކުޅިޔާ އެކުވެރިގޮތް ދައްކާލުމާއެކު ލޯ މަރާލާފައި ބުންޏެވެ. "އެކަމަކު ކަލާއަކީ ވަކީލެއް ނޫނެއްނޫންތޯ." އަނާ މިހެން ބުނެލިގޮތުން މުސްކުޅިޔާއަށް ޖެހުނީ އަނެއް ފަރާތަށް ބަލާލާށެވެ. "ކަލާގެ ގޭގައި އެއްވެސް އަންހެނަކު ނޫޅެނީތޯ؟ އަނާ ވަރަށް މަޑުމަޑުން އަހާލިއެވެ. "އެންމެ އަންހެނަކު އުޅުނު ...އެއީ ޡަނާގެ މަންމަ އޭނާ މަރުވިތާ މިހާރު ދެއަހަރުވެއްޖެ."

"އޯހ...ހިތާމަހުރި..."

"ދަރިފުޅަށް ސައިތަށްޓެއް ގެންނަންތަ!"

"ސައިތަށި ހައްދަވާނީ ކަލާތޯ؟"

 "ގޭގެ މަސައްކަތްތައް ކޮށްއުޅޭނީ އަޅުގަނޑު އަމިއްލައަށް"

"ކޮންމެވެސް ނޯކަރެއް ގެންގުޅުއްވަންވީނު. ކަލާއަށް ވަރަށް ބުރަވާނެ ނޫންތޯ"

"މާބުރައެއްނޫން އަނެއްކޮޅުން ނޯކަރުކު ގެންގުޅެންޏާ! އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ. އަޅުގަނޑު ހުންނަވާނީ ބޭކާރުވެފައި. މިހާރު މިގޮތަށް އުޅުނީމާ އަބަދުވެސް އުޅެވެނީ ކޮންމެވެސް މަސައްކަތެއްގައި"

އަނާއަށް މުސްކުޅިޔާގެ ވާހަކަ ރަނގަޅަށް ވިސްނިގެން ޤަބޫލުކުރިގޮތް ދައްކާލާފައި ބޯޖަހައިލިއެވެ.

ކުއްލިއަކަށް ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި، ވަރަށް ރީތި ޒުވާނަކު، ބޮލުގެ އިސްތަށިގަނޑު ރީތި ކުރަމުން ބޭރަށް ނުކުމެއްޖެއެވެ. އޭނާ އަށްވެސް އެވަގުތު އޭނާގެ ގޭގެ ދޮރުމަތީގައި އިން އަންހެންކުއްޖާގެ ރީތި މޫނު ފެނިފައި ހުއްޓެވޭ ގޮތްވިއެވެ. އިރުކޮޅެއް ވަންދެން ހިނގައި ނުގަނެވި ހުރެފައި އިސްއުފުލާލާފައި އޭނާގެ ބައްޕައާ ދިމާއަށް ބުންޏެވެ.

"ބައްޕާ..މެހްމާނަށް ސައިގެނެސްދެއްވާ..."

"މިހާރު މިގެންނަނީ..."

"ދުރުވޭ އަޅުގަނޑު ކޮޓަރިއަށް ދުރުވޭ" އޭނާ އެނބުރިލަމުން އަނާއާ ދިމާއަށް ބުންޏެވެ.

އަނާ ތެދުވެއްޖެއެވެ.

އަނާ ޡަނާއުﷲގެ ކޮޓަރިއަށް ވަންއިރު، އޭނާހުރީ އެތާގައި ހުރި އަދަރާދަ ގޮނޑިތައް ސާފުކުރާށެވެ. އެއީ ދާދި ކުޑަކުޑަ ކޮޓަރިއެކެވެ. އެތާނގައި ހުރީ އެންމެ ތިންގޮނޑިއެވެ. ކުޑަވަށް މޭޒެކެވެ. އެނދެކެވެ. ފާރުގައި ހަދާފައި ހުރި އަލަމާރިއެކެވެ. ވައަތް ފަރާތު ފާރުގަ އަޅުވާލާފައިވާ ލޯގަނޑެއްގައި ހީވާގޮތުގައި ޡަނާއުﷲގެ މަންމަގެ ފޮޓޯއެއް ހުއްޓެވެ. އެހެން ފާރުގައި އެއްވެސް އެއްޗެއް ނެތެވެ.

"ކަލާއަކީ ސަހާރަންޕޫރުގެ މީހެއްނޫން ދޮގެއްތޯ؟!"

"ކަލާގެ ބައްޕަވެސް ތިޔަހެން އަޅުގަނޑާ ދިމާއަށް ބުނުއްވި. ކަލާ އަޅެ ބުނެއްދެއްވާފާނަންތޯ. މިރަށުމީހުންނަށް މިރަށުން ބޭރުމީހުން ފަސޭހައިން ދެނެގަނެވޭފަދަ ޚާއްޞަ ބާރެއް މިރަށުގެ ވަޔާއި ފެނުގައި ހުންނަނީތޯ؟"

"ނޫން...އަޞްލަކީ  ތިޔައެއް ނޫން."

"އެހެންވިއްޔާ ދެއްނ ކީއްވެތޯ؟"

އަސްލުގައި ކަލާ މާ ރީތީ. ކަލާ ކަހަލަ ރީތި އަންހެނެއް މުޅި ސަހާރަން ޕޫރުގައިވެސް ނޫޅޭނެ. އޭނާ އެއްވެސް އަސަރަކާ ނުލާ ބުނެލިއެވެ.

އަނާ ވަކީލާ ދިމާއަށް ލޯބޮޑުކޮށްލާފައި ބަލާލިއެވެ. އަދި ބުންޏެވެ.

"އަޅުގަނޑު ކަލާ ކައިރިއަށް މިއައީ ކަމެއް ކޮށްދެއްވާތޯ؟!"

"ކޮށްދޭނަން. އެކަމަކު އަޅުގަނޑުގެ ވަކި އުޞޫލުތަކެއް އޮވޭ"

"މިސާލަކަށް"

"އެއްކަމަކީ އެއްވެސް ކަހަލަ ޤަތުލަކާ ބެހޭ މައްސަލައެއް އަޅުގަނޑެއް ނުނަގަން ދެވަނަ ކަމަކީ ދޮގު މައްސަލައެއްވެސް އަޅުގަނޑު ނުނަގަން. އަދި ތިންވަނަ ކަމަކީ ވަރީގެ މައްސަލައެއްވެސް އަޅުގަނޑު ނުނަގަން"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.