އަނާ - 30

(20 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ ހިނިތުންވެލިއެވެ.

"ޢާޝީ! ބުނަންތަ މިގޭގައި އަހަރެން އުޅޭއިރު ކަލާ މާ ދެކޭހިތް ނުވާ ކަހަލަ މަންޡަރުތައް އަހަރެންގެ ފަރާތުން ފެނިގެން ހިނގައިދާނެ. އެކަމަކު އެއިން ކަމަކުން ކަލެއަށް ނުބައި އަސަރެއް ނުކުރާތި އިނގޭ!"

"ބޭބެދައްތާ! ޕްލީޒް.... ދައްތަ ހަމަޖެހިލައްވާ. މުޅިން ނޯރމަލްކޮށް އުޅުއްވޭތޯ ބައްލަވާ. ބައްޕަ ދައްތައާ މެދު ހިތްހަމަޖެހި ލައްވައިގެން ދައްތަ މި ގެއަށް އަންނަން ޤަބޫލުވެލައްވައިފި. އަދި ދައްތަ މިހާރު ތިޔަ އިންނެވީ މިގެއަށް ދުރުވެ. ވީމާ މިހާރު ދެން ދައްތައަށް ކާމިޔާބުވީކަން ޤަބޫލުކުރައްވާ. އެހެން މީހުންނާ މެދު ރުޅިވެރިކަން ދައްކަވާ ހައްދަވައިގެން ދެން އިތުރަށް ދައްތައަށް ލިބިލައްވާނީ ކޮންއެއްޗެއްތޯ؟ މާފުކުރައްވާތި އަޅުގަނޑަށް މިދެއްކުނީ މާބޮޑު ވާހަކަތަކެއް ބޭބެދައްތާ!"

"ބޮޑުވާހަކައެއް ބުނެލީދޯ! އަދި ކަލޭގެ އަމިއްލަ މީހުންނަށް ފައިދާހުރި މަޝްވަރާއެއްދިނީދޯ؟"

ޢާޝީ ހީނލިއެވެ.

"ކުށްކުރެވެނީ އިންސާނުންނަށް ނޫންތޯ. ދެން މިހާރު ބޭބެ ދައްތައާ ދެކޮޅަށް އިތުރުކަންތައްތައް ހިނގަމުންދާނަމަ ދައްތަވެސް އެކަމާ ދެކޮޅު ހައްދަވާނީ. އެހެން ނޫނީއްޔާދެން މަޑުން އިންނެވުންނޫންތޯ ރަނގަޅުގޮތަކީ؟ އަނެއްކޮޅުން ދައްތަޔަކީ އެހާ ރަނގަޅު މީހެއް. ދައްތަގެ ފަރާތުން ނުބައިކަމެއް ހަމައެކަކަށްވެސް ވެދާނެއޭ ހިޔެއް ނުކުރެވޭ. މިހާރު ދައްތަ ތިޔަދުރުވީ ބައްޕަގެ ކޮޓަރިން. ބައްޕައާދިމާއަށް ކީކޭ ބުނުއްވާފައި ކަމެއްވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު އެއްގޮތަކަށްވެސް ދައްތަ ވަކިގޮތަކަށް ކުރައްވަން ނަންގަންނަނީއެއް ނޫން. ދައްތަގެ ޙައްޤު ހޯއްދަވަން ކުރަންވީ ކަމެއް ކުރައްވަމުން ގެންދަވާ.  އެކަމަކު ދައްތަގެ ފެންވަރަށްވުރެ ދަށް އަދި އަގުވެއްޓޭ ކަހަލަ ކަމެއް ނުކުރައްވާށޭ އަޅުގަނޑަށް ބުނެވެނީ."

އަނާ ހިނިތުންވެލިއެވެ.

ނަމަވެސް އެހިނިތުންވުމުގައި ވަނީ ޒަހަރެއް ފަދަ އަސަރެވެ.

"އެއްވެސް މީހަކާމެދު އަހަރެން ގޯސްކޮށްކަމެއް ނުކޮށްވޭތޯ އަހަރެންނަށްވީ ވަރަކުން ބަލާނަން"

"ވަޢުދެއްތޯ؟" ޢާޝީ އުފާވެފައި ބުނެލިއެވެ.

"އާނ...ވަޢުދެއް"

ދެ މީހުންގެ މެދުގައި އެއްބަސްވުމެއް ވެވިއްޖެއެވެ.

އަނެއް ދުވަހު އަނާ ހެނދުނުގެ ސައިބުއީ އޭނާގެ ކޮޓަރިއަށް ގެނެސްގެންނެވެ. ސައިބޮއިގެން ޙިނާ ނިންދަވާފައި ކޮޓަރިން ނުކުމެގެން އޭނާ ދިޔައީ ޒުމައްރަދުގެ ކޮޓަރިއާ ދިމާއަށެވެ.

ޒުމައްރަދަކީ މާޖިދުގެ ދެވަނަ އަނތްބެވެ. މިހާތަނަށް އަނާ އަދި އޭނާ ނުވެސް ދެކެއެވެ.

ޒުމައްރަދުގެ ކޮޓަރީގެ ދޮރުކައިރި އަށް ހުއްޓިފައި އަނާ ފުން ނޭވާއެއްލިއެވެ.

ދެން...ކުއްލިއަކަށް ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

ޒުމައްރަދު އޭރު އަދި އެނދުންވެސް ނުތެދުވެއެވެ. އޭނާ ކައިރީގައި ވަރަށް ތޫނުފިލި ކުޑަފިރިހެން ކުއްޖެއް ނިދާފައި އޮތެވެ. އަނާ ފެނިފައި ޒުމައްރަދު ފުންމައިގެން ތެދުވެ އިށީނދެއްޖެއެވެ.

"އަހަރެންގެ ނަމަކީ އަނާ އަދި އަހަރެންނަކީ އަހަރެންގެ އަމިއްލައަތުން ހަލާކުވެފައިވާ ނިކަމެތި އަންހެނެއް. އަހަރެން މިތަނަށް މިއައީ ހަމައެކަނި ކަލޭ ހަމަ މިހާރު ކަލޭގެ ދަރިފުޅު ގޮވައިގެން މިގެއިން ނުކުމެގެން ކަލޭގެ މައިންބަފައިން ކައިރިއަށް ދާށޭ ކަލޭގާތުގައި ބުނުމަށް. މާޖިދުގެ އަންހެނުން މިހާރު މިގެއަށް އަތުވެއްޖެ. އެހެންވީމާ، އެހެން ދެވަނަ އަންހެނަކު މި ގޭގައި އިނުމަކީ ޤަބޫލު ކުރެވޭނޭކަމެއް ނޫން."

"އަހަރެން މިގެއިންނެރެން ކަލޭތިޔައީ ކާކު؟ ކަލޭ ތިޔަހަރީ އެއްޗެއް ބޮއިގެން މަސްތުވެފާތަ؟ ބައްޕަ ކަލޭގެ ދަށުވެފައި ހުންނަގޮތެއް އަހަރެންނަކަށް ނޭނގެ. މި ތަނުން ނުކުމެގެން ދާންއުޅޭ. މީގެފަހުން އަހަރެންނަށް ކަލޭގެ ސޫރަވެސް ފެންނަ ހިސާބަށް ނާންނާތި! "

"އަހަރެންނަކީ ކާތިބެއް ނުވަތަ މެނޭޖަރެއްގެ ދަރިއެއްނޫން. ފައިސާވެރި ބައްޕައެއްގެ ދަރިއެއް." އަނާ ތުންފަތް މައްޗަށް ވިހަ ހިނިތުންވުންތައް އަންނަމުން ފިލަމުން ދިޔައެވެ. ޒުމައްރަދުގެ ވާހަކަތައް ނިމުމުން މަޑުމައިތިރި ގޮތެއްގައި އަނެއްކާވެސް އަނާ ބުންޏެވެ. ހަމަ މިއަދު މިގެއިން ކަލޭ ނިކުންނަން ޖެހޭނެ. އެހެންނޫނީ ކަލޭގެ މޫނަށް އަލިފާންއާވި އަޅާނަން."

 ޒުމައްރަދު ތެޅިގެންފައި ކޮޅަށް ތެދުވެއްޖެއެވެ. އަދި ހަޅޭއްލަވައިގެންފައި ބުންޏެވެ.

"ކީކޭ ތިޔަބުނީ..... އަހަރެންގެ މޫނަށް އަލިފާންއާވި އަޅާނަމޭ...!"

 "އާނ...އަހަރެން ބުނީ އެހެން. މިހާރު އެންމެ ދެ ގަޑިއިރުތެރޭގައި ކަލޭމިގެ ދޫކޮށްފައި ދާންޖެހޭނެ. އެހެން ނޫނީ ޚާން އާޞިފް ކީއްކުރަން؟ ކަލޭގެ ބައްޕައަށްވެސް އަހަރެންގެ ނިންމުމުން ކަލޭ ސަލާމަތްކޮށެއް ނުދެވޭނެ. މިގޭގައި މާޖިދުގެ އަނތްބެއްގެ ގޮތުގައި އިންނާނީ ހަމައެކަނި އަހަރެން." މިހެން ބުނެފައި ޒުމައްރަދު އެއްޗެއް ބުނޭތޯ ބަލަން ނުހުރެ އަނާ ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. ޒުމައްރަދު ނަފްރަތާއި ރުޅިން މޫނުހަދާލާފައި، ކޮޓަރީގައި އަޅާފައިވާ ދޫލައިގެ މައްޗަށް ކުޅެއްޖެއްސެވެ. ދެން .... ޒުމައްރަދުވެސް ވަރަށް ބާރަށް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ޠޫފާނެއްގެ ވައިރޯޅިއެއްހެން ގޮސް ޚާން އާޞިފްގެ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރިކައިރިއަށް ގޮސް ދޮރުގައި ޓަކިދީފިއެވެ. ނަމަވެސް އެތެރޭން ޖަވާބެއް ލިބޭތޯ މަޑުކޮށްނުލާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ޚާން އާޞިފް އޭރު އިނީ ހެނދުނުގެ ނޫސްބަލާށެވެ. ޒުމައްރަދު އެގޮތަށް ކޮޓަރިއަށް ވަންތަން ފެނިފައި ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގީކަން އޭނާއަށް ވިސްނިއްޖެއެވެ.

"އިށީނދޭ.ކަލޭ ތިޔައައީ ކީއްވެގެންކަން އަހަރެންނަށް އެނގޭ"

"ކަލާގެ ޅީދަރި ކަނބަލުން އަޅުގަނޑުމެން މި ގެއިން ނުކުންނަން އަންގައިފި. "

"އެހެންވާނެކަން އަހަރެންނަށް އެނގޭ އަދި އަހަރެން މިހިރީ އެހެން ވެދާނެކަމަށް ތައްޔާރުވެސް ވެގެން އަދި އަހަރެން މިއުޅެނީ ކަލޭ ކުޑަދުވަސްކޮޅަކަށް މައިންބަފައިން ކައިރިއަށް ގޮސްލަންވީ ނޫންހޭ ވެސް ބުނަން ކަމަށް. ރޭގައި ކަލޭގެ ބައްޕައާ ފޯނުން އެ ވާހަކަ ދައްކަ ނިންމައިފިން. " ބައްޕަ ތިޔަބުނުއްވަނީ އަޅުގަނޑުމެން މިގެއިން ދާންވީއޭތޯ؟" ޒުމައްރަދަށް ބުނެވުނީ ހަޅޭއްލަވައި ގަނެވުނު ކަހަލަ ގޮތަކަށެވެ.

"އާނ..." ޚާން އާޞިފް ޒުމައްރަދާ ދިމާއަށް ވަރަށް ބާރަށް ބުންޏެވެ. "އަހަރެން މިބުނީ ހަމައެހެން."

 "ނޫން...އެހެނެއް ނުވާނެ. އަޅުގަނޑު، އަޅުގަނޑުގެ ގެ ދޫކޮށްލާފައެއް ނުދާނަން. އަޅުގަނޑަކީ އެހާ ފިނޑި މީހެއް ނޫން... އެކަހަލަ ދެރަ އަންހެނަކު ބުނާ އެއްޗަކަށް އަޅުގަނޑެއް ބިރެއް ނުގަންނާނެ. އޭނާގައިގައި ތަޅައިގަނެގެން އޭނާގެ ދުވަސްދުއްވާލާނީ. ކަލާ އޭނާދެކެ ބިރުގަންނަނަމަ ބިރުގަނޭ. އަޅުގަނޑު އެކަކު ދެކެވެސް ބިރެއް ނުގަންނާނެ!"

"ޒުމައްރަދު!"

ޚާންއާޞިފްގެ  މޫނު ރުޅީގެ ސަބަބުން ރަތްވެގެން ހިނގައްޖެއެވެ.

 "އަޅުގަނޑަކީ ފިނޑިއެއްނޫން"

"އަހަރެންނަކީ ވެސް ފިނޑި މީހެއްނޫން...ނަމަވެސް އަހަރެންނަށް މަޖްބޫރުވެފައި ވާމިންވަރު ކަލެއަކަށް ނޭނގޭނެ. ކުޑަކުޑަދުވަސް ކޮޅަކަށް އިހަށް މިގެއިންދޭ .ފަހުން ކަލޭގެ މުޅި ޢުމުރުވެސް ހޭދަކުރާނީ މިގޭގައި.

"އަޅުގަނޑު ވަރަށް ދެރަވޭ ބައްޕާ! އެ ލެއިން ފެންބޮވައިގެންފައިވާ އަންހެންމީހާއަށް އަޅުގަނޑުގެ ފިރިމީހާ ދޫކޮށްލާފައި އަޅުގަނޑަށް ނުދެވޭނެ. އަޅުގަނޑު ދަންޏާ ދާނީ އަޅުގަނޑުގެ ފިރިމީހާ ގޮވައިގެން .އޭނާ ލަންޑަންނުން އައީމާ އަޅުގަނޑު މިތަނުން ހިނގައިދާނަން."

"މާބޮޑަށް ގަދަ ނުދައްކާ ޒުމައްރަދު ދެން އަވަހަށް މިގެއިންދޭ. އެހެން ނޫނީ ކަލެއަށް ކޮންމެވެސް އަނިޔާއެއްވެސް ލިބިދާނެ. އެހެންވެއްޖެނަމަ އަހަރެންގެ މުޅި އުމުރަށްވެސް އެކަމާ ހިތާމަ ކުރަންޖެހޭނެ".

"އަޅުގަނޑަށް އަޅުގަނޑު ރައްކާތެރި ކުރެވޭނެ. އަދި އަޅުގަނޑުމެންގެ ދަރިފުޅުވެސް ރައްކާތެރި ކުރެވޭނެ ކޮލެޖުގައި އުޅުނު ދުވަސްވަރު އަޅުގަނޑު ވާނީތިންމަސް ދުވަހުގެ ޖޫޑޯ ކޯހެއްވެސް ހަދާފައި. އެ ދަސްކުރެވުނީ މި ދުވަހަށް ޓަކައި ކަންނޭނގެ. އެ ނުލަފާ އަންހެންމީހާގެ ދުވަސްދުއްވާ ނުލިއްޔާ ޒުމަރަދުގެ ނަމަވެސް ހުތުރު...."

އެހެން ބުނެފައި ޒުމައްރަދު ކޮޓަރިން  ނުކުމެއްޖެއެވެ.

"ޔާ ﷲ! މި އަންހެންކުއްޖާ ހަމަ އަމިއްލައަށް އެހެރަ ހަލާކުގެ ތެރެއަށްދަނީ. އަނާ އެހެރީ ބަދަލުހިފުމުގެ އަލިފާނުން ދޮންވެފައި."

 ޚާން އާޞިފް އަވަސް އަވަހަށް ތެދުވެގެން ކޮޓަރިން ނުކުމެގެން އަނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ދޮރުގައި ޓަކި ޖަހާލިއެވެ.

" ަންނަވާ ޚާން ޞާޙަބު!"

އެތެރެއިން އަނާ ބުނިއަޑު އިވުނެވެ.

ދެން ޚާން އާޞިފް ވަރަށް ހަމަޖެހިފައި ހުރިގޮތް ދައްކަމުން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

"އެ އަންހެންމީހާ ގަނޑު ކަލާ ކައިރިއަށް ދާނެކަން އަޅުގަނޑަށް އެނގޭ!"

"އަނާ ދަރިފުޅާ! އަހަރެން މިއައީ އާދޭހެއްކުރަން. އެ އާދޭހަކީ އެމީހާއާ އަރާރުން ނުވުމަށް ކުރާއާދޭސް. ނޯރމަލް މީހެއްނޫން. އަބަދުވެސް ތަޅާފޮޅާ އުޅޭގޮތް ހުންނަމީހެއް. ކުދިކުދި ކަންތަކާވެސް ޒުވާބުކޮށް ގަޔަށް އަރާގޮތް ހުންނަ މީހެއް. އެހެންވީމާ އޭނާގެ ސަބަބުން ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބޭކަށް ބައްޕައެއް ނޭދެން. އޭނާ ދެން އެ ފަރާތުގައި އުޅުނަދީ .އޭނާގެ ދަރިފުޅު އަތުން އެއްވެސް އެއްޗެއް ނާތުލެވޭނެ."

އަނާ ހީނލާފައި ބުންޏެވެ.

 އަޅުގަނޑުގެ ފައިސާ ކޮޅު މިހާރު ބޭކުން ނަންގަވައިފިންތޯ؟"

"މާދަމާ އެ ފައިސާ ލިބޭނެ. މިހާރު ޗެކް ފޮނުވައިފިން. ދަރިފުޅާ! ބައްޕަގެ މިކުޑަކުޑަ އާދޭސް ވެސް ޤަބޫލު ނުކުރަނީތަ؟"

"އަޅުގަނޑު ވަރަށް ހިތާމަކުރަން މިސްޓަރ ޚާންޞާޙަބު. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ. ކަލާއަކީ ނުހަނު ބޮޑު މުއްސަންޖެއް ނޫންތޯ .ވީމާ އޭނާއަށް އެހެން ގެއެއް ބައްލަވައިގެން ދެއްވަން ވީނޫންތޯ. އެހާބޮޑު ޢަދަދެއް ހޭދަކުރައްވަން ވެސް އަޅުގަނޑު ހުރަހެއްނާޅާ ހުރެދާނަން!"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.