(7 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެމީހުން މެޑިކަލް ރިޕޯޓެއް ހުށަހަޅައިފި."
"ކޮންކަހަލަ މެޑިކަލް ރިޕޯޓެއްތޯ؟" އަނާ އަވަސް އަވަހަށް ސުވާލުކުރިއެވެ.
"މެޑިކަލް ރިޕޯޓުގައި ސާބިތުކޮށްދީފައިވަނީ ކަލާގެ ފިރިކަލުން މިސްޓަރ މާޖިދަކީ ކުދިން ނުލިބޭނެ މީހެއްކަން. އަދި...."
"ނޫން ...... އެހެން ނުވާނެ. އަނާ ބާރަށް ހަޅޭއްލަވައިގަތެވެ.
"އެއީ ދޮގެއް... ތިޔަ ރިޕޯޓަކީ ދޮގު ރިޕޯޓެއް. ޘަނާ އަޅެ ކަލާ ހީކުރައްވަނީ ކިހިނެއްތޯ؟ ތިޔަ ހުރިހާ ވާހަކައަކީވެސް ހަމަ ދޮގު" އަނާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ބޭރުގައިހުރި އާންޓީ ޒައިތޫންވެސް ދުވެފައި ކޮޓަރިތެރެއަށް އަތުވެއްޖެއެވެ.
"ކީއްވީ..ކީއްވީ..އަނާ!"
ނަމަވެސް އަނާ ހީވަނީ މޮޔަވެފައި އިންހެންނެވެ. އެނާ އިނީ ޘަނާއުﷲގެ ގަމީހުގެ ގިރުވާނުގައި ހިފައިގެންނެވެ.
"އެ ރިޕޯޓް އެއީ ތެދެއްކަމަށް ކަލޭ ހީކުރަނީތަ .ބުނޭ ބުނޭ. އަހަރެންނާ ދޭތެރޭ ކީކޭތަ ހީކުރަނީ؟" އަނާ ދެތިން ފަހަރު ޘަނާ ތަޅުވައިގަތެވެ.
"އަނާ ދަރިފުޅާ މޮޔަވީތަ ކީއްވެގެންތަ. ކީއްވެގެންތަ އުޅެނީ ދަރިފުޅާ ޘަނާގެ ގިރުވާނުން ދޫކޮށްލާ. ތިޔައީ ދެން ކިހާ ވިޔާނުދާގޮތެއް."
ޒައިތޫން ދުވެފައި އައިސް އަނާގެ އަތުގައި ހިފައިގެން ޘަނާއުﷲގެ ގަމީހުގެ ގިރުވާނުން އަތް ފޮޅުވާލައިފިއެވެ. އަނާ ތުރުތުރު އަޅަމުން ކަހަލަ ގޮތަކަށްގޮސް ފާރުގައި ލެނގިލައިފިއެވެ. އޭނާގެ މުޅި ހަށިގަނޑު ތެޅެމުންދަނީއެވެ. އޭނާ މޫނުމަތީގެ ކުލަވަރުވަނީ ގެއްލިފައެވެ. ހަމަދެންމެ އަނބުރައިގަނެގެން ވެއްޓިދާނެއޭ ހީވާ ހިސާބަށް އޭނާގެ ޙާލަތު ބަނީ ބަދަލުވެފައެވެ. ޒައިތޫން އާއި ޘަނާ ހިމޭންކަމާއެކު އޭނާއާ ދިމާއަށް ބަލަން ތިއްބެވެ.
އިރުކޮޅަކަށްފަހު ކުއްލިއަކަށް ޘަނާ ޒައިތޫންއާ ދިމާއަށް ބުންޏެވެ.
"އާންޓީ އަނާއަށް ކަލާގެ އެހީ ވަރަށް ބޮޑަށް ބޭނުން. އަދި އަރާމު ކުރުންވެސް އޭނާއަށް އެހާމެ ބޭނުން .ކަލާ އޭނާ ރަނގަޅަށް ބަލަހައްޓަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. މިވަގުތު އަޅުގަނޑު އަދި ބޭރަށް މިދަނީ ލަހެއް ނުވެ އެބަ އަންނަން" އެނާ ބޭރަށް ނުކުމެއްޖެއެވެ.
އާންޓީ ޒައިތޫން އަނާ ކައިރިއަށް ޖެހިލާފައި ވަރަށް މަޑުމަޑުން އޭނާގެ ކޮނޑުގައި އަތްބާވާލާފައި ބުންޏެވެ.
"އަމިއްލައަށް ކޮންޓްރޯލް ކުރެވޭތޯ ބަލާ ދަރިފުޅޫ!"
"ކީއްވެތަ؟" އަނާ ރޯން ފަށައިފިއެވެ. މީގެ ކުރިން އޭނާ ދުވަހަކުވެސް ނުރޯވަރަށެވެ. އޭނާގެ ގިސްލުންތައް ވެސް ނުހުއްޓޭހާ ބޮޑަށެވެ. ހީވަނީ އޭނާގެ ދިރިއުޅުމުގައި އެންމެ ފުރަތަމަ ފަހަރަށް ހިތްއެދޭ ވަރަށް ރޮނީހެންނެވެ. އާންޓީ ޒައިތޫން އެއްޗެއް ނުބުނެ އަނާ ކައިރީގައި ހުއްޓެވެ. ވަރަށް ގިނައިރުއޭނާ ރުއިފަހުން އާންޓީ އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ގެނެސް އެތާނގައި ހުރި ގޮނޑިއެއްގައި ބައިންދައިފިއެވެ.
"އާންޓީ ގާތުގައި ބުނެބަލަ ދަރިފުޅަށް ކީއްވީތަ؟"
އަނާ ކަރުނައިން ފުރިފފައިވާ ލޮލަކުން ޒައިތޫންއާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"އަހަރެންގެ ޝަޚުޞިއްޔަތު މުޅިން ހަލާކުކޮށްލައިފި. އާންޓީ އެމީހާގަނޑު އަހަރެންނާ ދިމާއަށް ވަރަށް ހުތުރު ހަޑިބަސްތައް ގޮވައިފި. އެފަދަ ބަސްތަކެއްގެ އަޑުއަހާފައި ދިރުއުޅެންވެސް ބޭނުމެއްނުވޭ އެންމެ ފުރަތަމަ އަހަރެން އެމީހުންގެ ގެއިންނެރެލީ. އަހަރެންނަކީ ދަރިމައިނުވާ މީހެކޭ ކިޔާފައި ބަދުނާމުކޮށްފައި. އަހަރެން އެހުރިހާ ކަމަކަށްވެސް ކެތްކުރީން. އަހަރެން ފަހުން އެގެއަށް ދިއޔައީމާ ވެސް ގަދަކަމުން ފައްސާ ނެރިލީ. ދެންވެސް އަހަރެން ހިމޭނުން އައީ އަދި ކެތްތެރިކަމުގައި ދެމިހުރީ. އެކަމަކު މިހާރު ދެން ...މިހާރު އެ މީހާގަނޑު އަހަރެން އޮރިޔާން ކޮށްލައިފި. މުޅިދުނިޔޭގެ ކުރިމަތީގައި އަހަރެންގެ އަބުރު ނަގާލައިފި. މާޖިދަކީ ކުއޖަކު ނުލިބޭފަދަ މީހަކަށް ވާނަމަ އޭނާ އަލުން މީހަކާ އިންނަންވީ ކީއްކުރަންތަ؟ އަދި އަހަރެން ބަނޑުގައި އުފެދެމުންދާ ކުޑަ ދަރިފުޅު އެއީ ކޮންތާކުން އައިކުއްޖެއްތަ؟ މީނަ ހަލާލު ކުއްޖެއްތަ؟ އަހަރެން އެއްވެސް ފާފައެއް ނުކުރަން. އަހަރެން ބަނޑުގައި މިވަނީ މީހަކުކުރި ފާފައެއްތަ؟ އަހަރެން ... އަހަރެން މި މަރުވަނީ އާންޓީ! އަހަރެން ދިރިހުންނާކަށް ބޭނުމެއްނޫން އެ މީހުން އަހަރެން މުޅީން ފުނޑުފުނޑުކޮށްލައިފި. އަހަރެންގެ ހައިޘިއްޔަތާއި ޝަޚުޞިއްޔަތު މުޅިން ހަލާކުކޮށްލައިފި. އެއީ ކިހާ ނުލަފާ މީހާގަނޑެއްތަ؟ ކިހާ ވިޔާނުދާ މީހާގަނޑެއްތަ؟ އާންޓީ".
އަނާ އަނެއްކާވެސް ރޮއިގެންފިއެވެ.
އާންޓީ އޭނާ މޭގައި ޖައްސާލިއެވެ. އަދި ބުރަކަށި ފިރުމާލަ ދެމުން ބުންޏެވެ.
"ރޯލާ. މިހާރު ރަނގަޅަށް ހިތް ހުޅުވާލައިގެން ރޯލާ. ނަމަވެސް މީގެ ފަހުން ދެން އެއްގޮތަކަށްވެސް ނުރޯތި އަދި ބުނަން ދަރިފުޅު ދިރިއުޅެންޖެހޭނެ. ދަރިފުޅަށް ލިބެންއުޅޭ ކުޑަ ދަރިފުޅަށްޓަކައި އަދި އޭނާގެ ޙައްޤު އޭނާއަށް ހޯދާދިނުމަށްޓަކައި ހަނގުރާމަ ކުރަންޖެހޭނެ ދަރިފުޅަށް މިހަނގުރާމަ ކުރެވިދާނެ. އަޅެ ބުނެބަލަ!"
"އަނހަ....އަހަރެން ހަނގުރާމަ ކުރާނީ ކިހިނެއް އާންޓީ؟ އޭނާ އެއްގޮތަކަށްވެސް މި ހަޤީޤަތް ޤަބޫލެއްނުކުރޭ"
"އޭނާއަށް ޖެހޭނީ ޤަބޫލުކުރަން. ވަގުތު އެހުރިހާކަމެއް އޭނާލައްވާ ޤަބޫލުކުރުވާނެ. މާތްﷲގެ ކިބަފުޅުން އުއްމީދު ކަނޑާލުމަކީ ފާފައެއް ދަރިފުޅާ!"
"އެ ކަލާނގެ އަބަދުވެސް އެކަލާނގެ އަޅުތަކުން އިމްތިހާންކުރައްވާ! މިއީ ދަރިފުޅުގެ އިމްތިހާން...ހިންމަތްކުރޭ ހިތްވަރު ދެރަނުކުރޭ. ދަރިފުޅު ދިރިއުޅެން ޖެހޭނީ........." އެހެން ބުނެފައި ޒައިތޫން ވަރަށް އަވަހަށް އެކޮޓަރިން ބޭރަށް ހިނގައްޖެއެވެ. އަދި ފެންތައްޓެއް ހިފައިގެން އައިސް އަނާގެ ތުންފަތުގައި ޖައްސާލާފައި ބުންޏެވެ.
"އަން.... ފެންފޮދެއްބޯލާ! ހިތްވަރު ގަދަކޮށްލާ...ކަންތަކާ ކުރިމަތިލާންކެރޭ އަދި ފިނިހަނގުރާމައެއްގެ ދަށުންހުރޭ!
ބްރީފްކޭސް ހިފައިގެން ޚާންއާޞިފްގެ އޮފީހަށް ވަންއިރު ޘަނާއުﷲގެ ހިތް އޮތީ ތެޅިތެޅިއެވެ. އޭނާ ވަނީ ޓެލެފޯނު އެޕޮއިންޓްމެންޓެއް ހަދާފައެވެ. ޚާންއާޞިފް އަނާއާ ބައްދަލުކުރީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ.
"ކަލޭ އަންނާނެ ކަމުގެ އުއްމީދު އަހަރެންނަށް އޮތް"
"ލައްބަ... އަޅުގަނޑުވެސް ކަލާއާ ބައްދަލުކުރާނޭކަމުގެ އުއްމީދު ދޫކޮށެއް ނުލަން. ކަލާގެ އޮފަރަކީ އެހާވެސް ހަރުދަނާ އަދި އެކަށީގެންވާ އޮފަރެއްވިއްޔާ އެހެންވީމާ ކަލާއާ ބައްދަލުކުރަން އަންނަން މަޖުބޫރުވީ ޘަނާއުﷲ ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ.
"ބޯނީ ކޮންއެއްޗެއް"
"ޝުކުރިއްޔާ ސަރ.. އެއްވެސް އެއްޗެއް ބޯހިތެއްނެތް. ކަލާގެ އޮފަރ އަދިވެސް ހަމަ އެގޮތަށް އެބައޮތްތޯ؟ ނޫން މިހާރު ވަގުތު ފާއިތުވެއްޖެ އަދި ކޭސްގައި ކަލޭ ބަލިވެސްވެއްޖެ. އަހަރެން އުއްމީދުކުރަނީ ކަލޭދެން އިތުރަށް މި ކޭސް ކުރިއަށް ގެންދަން ނޫޅޭނެކަމަށް..." ޚާން އާޞިފް ވަރަށް މަލާމާތުގެ ގޮތަކަށް އޭނާއާ ދިމާއަށް ބުންޏެވެ.
"ލައްބަ ސަރ... ކަލާގެ ކޭސްގެ ފުރާނާ ދުއްވާލައްވައިފީމު. އަޅުގަނޑު، އަޅުގަނޑުގެ ކްލަޔަންޓް ރައްކާތެރިކުރެވޭތޯ ނުހަނުގިނަ މަސައްކަތްތައް ކުރުމާއެކު އަޅުގަނޑަށް އެކަމެއް ނުކުރެވުނު. އެހެންއެކަން ވުމުގެ ސަބަބަކީ ހަމައެކަނި އަޅުގަނޑުގެ ކްލަޔަންޓްގެ މާލީހާލަތު. އެ ހާލަތުގައި ވަރަށް ދަށް ހާލެއް. ކަލާ ކުރީން އޮފަރ ކުރައްވާފައިވާ ގޮތުގެ މަތީން ކަލާގެ ކުންފުނީގެ ލީގަލް އެޑްވައިޒަރެއްގެ ވަޒީފާ ހޯދަން އަޅުގަނޑު ކަލާ ގާތަށް މިއައީ އެހެންވެގެން...."
"އެކަމަކު ކަލާ މިހާރު އެކަން ޤަބޫލު ކުރައްވާނެ ކަމެއް ނޭނގެ"
ޚާންއަޞިފް ހިނިތުންވެލިއެވެ. އަދި ބުންޏެވެ.
"ކަލާއަކީ ވަރަށް ކުޅަދާނެ ވަކީލެއް. އެކަން އަހަރެން ފުރިހަމަ އަށް ޤަބޫލުކުރަން. ނަމަވެސް ކޮއިފުޅާ ބުނަންތަ ފައިސާ ހުންނަ ތަނެއްގައި އެހެން ހުރިހާ އެއްޗެއްވެސް ދަށްވެގެންދާނެ ޤާނޫނަށް ދަންދެންވެސް"
"އަޅުގަނޑަށް އެކަން އެނގިއްޖެ ސަރ"
ޚާންއާޞިފް އަނެއްކާވެސް ހީނލިއެވެ. އަދި ބުންޏެވެ. " އަހަރެން ކަލޭ އަހަރެމެންގެ ލީގަލް އެޑްވައިޒަރުގެ ގޮތުގައި ބަހައްޓާނަން. ނަމަވެސް ކުރިން ހުށަހެޅި އޮފަރަށް ކުޑަބަދަލެއް ގެނެސްފައި. " މިސާލަކަށް؟" ޘަނާއުﷲ ހީނލިއެވެ.
"ވިހިހާހުގެ ބަދަލުގައި ކަލޭގެ މުސާރައަކަށް ވާނީ މަހަކު އެންމެ ދިހަހާސްރުފިޔާ"
"އަޅުގަނޑަށް ތިޔަވަރުން ފުދޭ އެހެނީ ކަލާގެ ހިޔަލުގައި މަސައކަތް ކުރުމުން މުސާރައިގެ އިތުރަށް މިތަނުން ލިބެންހުރި އެހެން އެއްވެސް ތަނަކުން ނުލިބޭނެ."
"ގުޑް" ޚާންއާޞިފް ކަރުތެރެއިން ކަހަލަ ގޮތަކަށް ބުނެލިއެވެ. "ކަލެއަށް ޖެހޭނީ ސަހާރަން ޕޫރު ދޫކޮށްލަން"
"އަޅުގަނޑު މިއައީ ދޫކޮށްލާފައި ސަރ" ޘަނާ މަޑުމަޑުން ބުންޏެވެ.
"އެހެންވިއްޔާ މިއަދުންފެށިގެން ކަލެއަކީ ޚާން އެންޓަރޕްރައިޒަސްގެ ޤާނޫނީ މުޝީރު. މުޝީރު 4 ނަންބަރު ކޮޓަރީގައި އިންނާނެ. އޭނާއަކީ ވަރަށް މުސްކުޅި މީހެއް. އޭނާ މިހާރުވަނީ އަރާމުކުރަން ބޭނުންވާ އުމުރަށްގޮސްފައި. އެހެންވީމާ ކަލޭ ކުރަންވީ ކަންތައްތައް އޭނާގެ ފަރާތުން އޮޅުން ފިލުވާ. އޭނާއަށް އަންގަންވީ އެއްޗެއް އަހަރެން މިއަންގަނީ"
"ޝުކުރިއްޔާ ސާރ" ޘަނާ! ތެދުވަމުން ބުނެލިއެވެ.
"އަދި އެއްވާހަކަ މިސްޓަރ ޡަނާ! އަހަރެންގެ ފައިދާއަށް ބުރުލެއް އަރާފަދަ ކިތަންމެ ކުޑަކަމެއްވެސް އަހަރެން ބަރުދާސްތެއް ނުކުރާނެކަން އަބަދުވެސް ހަނދާން ބަހައްޓާތި!"
"އަޅުގަނޑަށް ކަލާއަކަށް ޔަޤީންކަމެއް ނުދެވޭނެ.
(ނުނިމޭ)
vvv.reethi shukuran