ކިރުއިލޮށި - 2

(30 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މައިމޫނާ މަޑުމަޑުން ހިނގާލާފައި ޚައިރާދުގެ ކޮޓަރިޔަށް އައިއިރު ދޮރުހުރީ ހުޅުވިފައެވެ. ޚައިރާދު އިނީ މެންދުރު ނަމާދު ކުރާށެވެ. މައިމޫނާ އައިސް ޚައިރާދުގެ ކަނާތްފަރާތުގައި އިށީނދެލިއެވެ. އަދި ޚައިރާދު ނަމާދުކޮށް ޛިކުރު ތަސްބީޙަ ކިޔައި ދުޢާކޮށް ނިމެންދެން މަޑުކޮށްލިއެވެ. ޚައިރާދު ނިމިގެން މަންމަޔާ ދިމާއަށް ބަލައިލިއެވެ.

" ދަރިފުޅާއެވެ ! ނަމާދުކޮށް ނިމިގެން މަންމަގެ އެއްޗެތި ފޮށްޓަށް އަޅައިދޭން އައިސްދީފާނަން ހެއްޔެވެ ؟ އަހަރެމެން މިދަނީ ކަރާޗީއަށެވެ. " މައިމޫނާ މަޑުމަޑުން ބުނެލިއެވެ.

މަންމަގެ ވާހަކައިން ޚައިރާދަށް ލިބުނު ޙައިރާންކަމުގައި ، ވެގެން އުޅެނީ ކީއްތޯ ސުއާލު ކުރިއެވެ. ކުއްލިޔަކަށް ކަރާޗީއަށް ދާންޖެހޭ ސަބަބެއް ޚައިރާދަކަށް ނުވިސްނުނެވެ. ކަރާޗީއަށްގޮސް ބަޝީރަތު ގާތުގައި ދުވަސްކޮޅަކު މަޑުކޮށްލައި ، އޭނާއަށް ބޭސްކުރަން ބޭނުންވީ ކަމުގައި މައިމޫނާ ބުންޏެވެ.

" ބޭބެގެ ފަރާތުން މަންމަޔަށް ލިބުނީ ކޮން އެހީތެރިކަމެއް ހެއްޔެވެ ؟ އެމީހުންގެ ފަރާތުން މަންމަޔަށް ހަމްދަރުދީއެއް ނުލިބޭއިރު އެމީހުންނަށް އިތުރު ތަކުލީފެއް އުފުއްލަން ޖެހިއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ. އެއްތާކަށްވެސް ދާނެކަމެއް ނެތެވެ. އަޙްމަދުއާބާދުންވެސް މަންމަޔަށް ބޭސްކުރެވިދާނެއެވެ. އިރާދަކުރެއްވިއްޔާ އަހަރެން އެކަން ކުރާނަމެވެ. " ޚައިރާދު އިދިކޮޅު ހެދިއެވެ.

މަންމަޔަށް ވެގެން އުޅޭގޮތެއް އަދި ޖެހިގެން އުޅޭބައްޔެއްގެ މަޢުލޫމާތު ޚައިރާދަކަށް ނޭނގެއެވެ. އެ ބައްޔަށް ބޭސް ކުރަން އެމީހުންގެ އަތުގައި ފައިސާ ނެތްކަން އަދި ކުރަންޖެހޭނެ ޚަރަދުގެ ބޮޑުކަން އެނގޭނީ މައިމޫނާ އަށެވެ. ޚައިރާދު ، އޭނާގެ ކިޔެވުން ހުއްޓާލައި ، ވަޒީފާއެއް އަދާކޮށް ، މަންމަޔަށް ބޭސްކޮށްދޭން ފައިސާ ހޯދާނެކަމުގައި ބުނެ ، ކަރާޗީއަށް ދިއުމަށް ދެކޮޅު ހަދަމުން ގެންދިޔައެވެ. މައިމޫނާ ، އޭނާގެ ބަލީގެ ވާހަކަ ޚައިރާދުގާތު ބުނާކަށް ބޭނުމެއް ނުވެއެވެ. ބުނެވުނުހާވެސް އެއްޗަކީ ، އޭނާގެ ބައްޔަކީ އާދައިގެ ބައްޔެއް ނޫންކަމެވެ. އަދި އެކަން ޚައިރާދަށް ނޭނގޭނެކަމުގައި މައިމޫނާ ބުންޏެވެ.

" އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގެއެވެ. މަންމަ މިހާތަނަށްވެސް ބުރަކޮށް މަސައްކަތްކުރަމުން އައުމާއެކު  މިހާރު ތިހުރީ ވަރުބަލި ވެފައެވެ. މަންމަގެ ބައްޔަށް އޮތް ޝިފާއަކީ އަރާމު ކުރުމެވެ. މަންމަ ދެން އަރާމު ކުރާށެވެ. އަހަރެން މަސައްކަތް ކޮށްގެން ލާރި ހޯދާނަމެވެ. މަންމަޔަށް ފަރުވާދޭނީ އަޙްމަދުއާބާދުންނެވެ. ކަރާޗީއަކުން ނޫނެވެ. " ޚައިރާދު އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ.

މައިމޫނާއަށް އޭނާގެ ދަރިފުޅު ގޮތްދޫ ނުކުރާނެކަން އެނގުމާއެކު އެހެންގޮތެއް ނެތިގެން އެންމެފަހުން އޭނާގެ ބަލީގެ ވާހަކަ ބުންޏެވެ.

" ދަރިފުޅާއެވެ ! ޑޮކްޓަރުން ބުނާގޮތުގައި މަންމަޔަށްވަނީ ކެންސަރު ޖެހިފައެވެ. " މައިމޫނާ ބަލިއަޑަކުން ބުނެލިއެވެ.

މަންމަގެ ބަލީގެ ވާހަކަ އިވުމާއެކު ، ނަމާދުކޮށް ނިމިގެން ކުނާމަތީ އިން ޚައިރާދުގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. އަނގައިން ބުނަން ނޭނގި އިނދެ ، ބުދެއްހެން ގަނޑުވިއެވެ. ދެލޮލުން ފައިބަންފެށި ކަރުނަތައް މުސައްލަ މައްޗަށް އެޅެމުން ދިޔައެވެ. މައިމޫނާގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. މަންމަ އެބުނި ވާހަކަ ޚައިރާދަކަށް ޤަބޫލެއް ނުކުރެވުނެވެ. މަންމަ ތިޔަދައްކަނީ ކޮންވާހަކައެއް ހޭ އަހައި ކިހިނެއްހޭ އެކަން އެނގެނީ ބުނެ ރޮމުން ރޮމުން މަންމަގެ ގައިގާ ބައްދާލިއެވެ. ޚީރާދަށް އެލިބުނު ހިތްފަޅައިގެންދާފަދަ ޚަބަރުން އޭނާގެ ދިރުން ގެއްލިގެން ދިޔައެވެ. ދެމައިން ތެދުވެގެން ކޮޓަރިޔާ ދިމާއަށް ދިޔައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ބަޝީރަތާއި އޭނާގެ ދަރިފުޅު އަޝްހަރަށްވެސް އެގެޔަށް އާދެވިއްޖެއެވެ. ދޮރުގައި ޓަކިޖަހައިލުމާއެކު ، މައިމޫނާގެ އަވަށްޓެރި ޚާލާ ދައިތަ މަޑުމަޑުން ހިނގާލައިފާ އައިސް ދޮރު ހުޅުވައިލިއެވެ. ބަޝީރަތުގެ ދެބަފައިން ގޭތެރެޔަށް ވަނެވެ. ބަޝީރަތުގޮސް މައިމޫނާ ގާތުގައި އިށީނދެ ދައްތަ ގަޔާ ލައި އެއްކޮށްލިއެވެ. އަދި ، އިރާދަ ކުރެއްވިއްޔާ ދައްތަޔަށް ދެރަގޮތެއް ނުވާނޭ ހިތްވަރުކުރާށޭ ބުނެ މައިމޫނާގެ ބުރަކަށީގައި ފިރުމާލަމުން ގެންދިޔައެވެ. އަދި ކަރާޗީއަށް ގޮސް ވަގުތުން ދައްތަގެ ފަރުވާ ފަށާނެކަމަށް ބުންޏެވެ. އަޝްހަރުވެސް އިނީ ވަރަށް ކަން ބޮޑުވެފައެވެ. ޚައިރާދުގެ ލޮލުން އޭރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. ބަޝީރަތު ، ޚައިރާދަށް ގޮވާލައި ކައިރިޔަށް ގެނެސް ނިތްކުރީގައި ބޮސްދިނުމަށްފަހު ، މަންމަޔަށް އެއްވެސް ދެރަގޮތެއް ނުވާނޭ ބުނެ ހިތްވަރު ދިނެވެ.

ބަޝީރަތާއެކު ކަރާޗީއަށް ދިއުމަށް ، ޚައިރާދާއި މައިމޫނާގެ ދެމައިން ގެއިން ނުކުތެވެ. ޚާލާ އެވަގުތު އައިސް މައިމޫނާއާ ސަލާމް ކޮށްލައި ހިތްވަރު އާކުރުމަށް ބުންޏެވެ. އަދި ގޭގެ ކަންތައްތަކާ މާބޮޑަށް ނުވިސްނުމަށާއި އޭނާ އެގެ ބަލަހައްޓައިދޭނެކަމުގައި ބުންޏެވެ. މައިމޫނާ އެގެއިން ނުކުމެގެން އެދަނީ އެނބުރި އައިސް އެގެޔަށް ވަދެވިދާނެ ކަމުގެ އުއްމީދެއްގައެއް ނޫނެވެ. އެވާހަކަ ޚާލާ ގާތު މައިމޫނާ ބުންޏެވެ.

ކަރާޗީއަށް އައިސް ގެޔަށް ގޮސް ، އެންމެ ފުރަތަމަވެސް ބަޝީރަތުގެ ކަމަކަށްވީ އޭނާގެ ރަޙުމަތްތެރި ޑރ. ޒާކިރުގެ އެހީތެރިކަމާއެކު ، ދައްތަ ދެއްކުމަށްޓަކައި އެޕޮއިންޓްމަންޓެއް ހަމަޖެއްސުމެވެ. އަދި ވަގުތުން ދައްތަ ގޮވައިގެން ހޮސްލިޓަލަށް ދިޔައެވެ. ޚައިރާދުވެސް މަންމަޔާއެކީ ދިޔައީ ހޮސްޕިޓަލަށެވެ. ޚައިރާދުހުރީ ، މަންމަގެ ޙާލާމެދު އިންތިހާއަށް ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ.

ދައްތަ ހޮސްޕިޓަލަށް ލާފައި ގެޔަށް އައިއިރު ، ބަޝީރަތުގެ އަންހެނުން ފަރީދާ އިނީ ސިޓިންގރޫމުގައި ހަމަޖެހިލައިގެން ޓީވީ ބަލާށެވެ. ބަޝީރަތު އައިސް ސޯފާގެ އެއްކަނެއްގައި އިށީނދެލައި ބޮލުގައި ދެއަތުން ހިފަހައްޓައިގެން  ކަންބޮޑުވެފައި އިނެވެ. ބަޝީރަތު އައިސް އެތާ އިންކަން ފަރީދާއަށް އެނގުނީ ކުޑައިރުކޮޅެއް ފަހުންނެވެ. ހޮސްޕިޓަލުގައި ކަންހިނގީ ކިހިނެއްތޯއާއި ހުރިހާކަމެއް ރަނގަޅުތޯ ފަރީދާ ސުއާލު ކުރިއެވެ. ދައްތަ އެޑްމިޓްކުރިވާހަކަ ބަޝީރަތު ބުންޏެވެ. އެމީހުންގެ ދަރިފުޅު އަޝްހަރުގެ ފަރާތުން ފަރީދާއަށް އެނގިފައި އޮތީ ޓެސްޓްތަކެއް ކުރަން ޖެހުނު ކަމެވެ.

މައިމޫނާގެ ޓެސްޓްތަކެއް ވަގުތުން ހެދުނެވެ. އަދި އިތުރު ޓެސްޓްވެސް ހަދަން ޖެހިދާނެވާހަކަ ބުންޏެވެ. ޓެސްޓް ތަކުގެ ނަތީޖާ ލިބޭނީ ފަހުންނެވެ. ޑރ. ޒުބައިރު ވަނީ ބަޝީރަތު ވަކިން ގެންގޮސް ، ދައްތަގެ ފަރުވާ ކުރިޔަށް ގެންދާނެގޮތުގެ މަޢުލޫމާތު ދީފައެވެ. ހަމައެއާއެކު ، ބޭސް ކުރެވުނަސް ، ކުރިމަތިވެދާނެ ކަމަކަށް ނަފްސާނީގޮތުން ބަޝީރަތު ތައްޔާރުވެ ހުރުމަށް ޑރ. ޒާކިރުވަނީ ބަޝީރަތަށް ހަނދާން ކޮށްދީފައެވެ. އޭގެ މާނަޔަކީ ، މައިމޫނާގެ ޙާލަތު ވަރަށް ނާޒުކު ކަމެވެ. އެއީ މަރުގެ ތުންފަތްނަތީގައިހުރި ބަލިމީހެއްކަމެވެ. ބަޝީރަތުގެ ކަންބޮޑުވުމަކީ އެއީއެވެ.

އެކަމާ ކަންބޮޑު ނުވުމަށް ފަރީދާ ނަޞޭޙަތްދީ ބަޝީރަތަށް ހިތްވަރު ދިނެވެ. ﷲ ގެ ރަޙުމަތްފުޅުން ހުރިހާކަމެއްވެސް ރަނގަޅުވާނެކަމުގައި ބުންޏެވެ. އެވަރަކުން ބަޝީރަތަށް ހިތްވަރެއް ނުލިބުނެވެ. ދައްތަގެ ފުރާނަ ސަލާމަތް ކުރެވިދާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ޑރ. ޒާކިރުވަނީ އެކަން ބަޝީރަތަށް ހަނދާން ކޮށްދީފައެވެ. ދައްތަޔަށް އަޅައިނުލާ އެހާ ގިނަދުވަހު ހުރެވުނީތީ ބަޝީރަތުއިނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އޭނާއަށް އެކުރެވުނީ ވަރަށް ދެރަ ކަމެކެވެ. އެއީ ވަރަށްބޮޑު ކުށެކެވެ. ތިމާގެ މީހަކަށް ހުރި ހަމައެކަނި ދައްތައާމެދު އޭނާއަށްވަނީ ނުކުރަންވީ ވަރަށް ފަރުވާ ކުޑަކޮށްލެވިފައެވެ. ވިޔަފާރިއާއި އަމިއްލަ ދިރިއުޅުން އާބާދު ކުރުމުގައި އަވަދިނެތި އުޅުނުއިރު ، ދައްތައެއް ހުރިކަން ބަޝީރަތުވަނީ ހަނދާން ނައްތައިލާފައެވެ. ދައްތަގެ ތަކުލީފުތަކުގެ އެއްވެސް ވާހަކައެއް ބަޝީރަތުގާތު ބުނެފައެއް ނުވެއެވެ. ބަޝީރަތަށް ދައްތައަށް ފޯނުކޮށްލައި ކަމެއްބޭނުންތޯ އަހައިލެވިފައެއް ނެތެވެ. ފޯނުކޮށްލިޔަސް ގުޅާލަނީ ދައްތައެވެ. ގުޅާލާ ފަހަރަކުވެސް ގުޅައިލަނީ ބަޝީރަތާއި ފަރީދާ އަދި ޢަޝްހަރުގެ ޙާލު ބަލައިލާށެވެ. ކަމެއް ބޭނުންވެގެންނެއް ނޫނެވެ. އެހާ ނިކަމެތި ޙާލުގައި އެދެމައިން ދިރިއުޅުނު އިރުވެސް ދުވަހަކުވެސް އެއްވެސް ކަމެއް ބޭނުންވެގެން ބަޝީރަތުގާތު ބުނެފައެއް ނެތެވެ.

ދައްތައާއި ޚައިރާދުގެ އެކަނިވެރި ދިރިއުޅުމުގެ ތަކުލީފުތަކާމެދު އެންމެ ފަހަރަކުވެސް ބަޝީރަތަށް ވިސްނައި ފިކުރު ހިންގައިލެވިފައެއް ނެތެވެ. އެއީ ކޮންކަހަލަ ކޮއްކޮއެއް ހެއްޔެވެ ؟ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ބަޝީރަތުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއާއި ވާޖިބަށް އެހާބޮޑަށް ފަރުވާ ކުޑަކޮށްލެވުނީ ކީއްވެގެން ހެއްޔެވެ ؟ ބަޝީރަތުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެމުން ދިޔައިރު ހިތުގައި އަޅަމުންދިޔަ ވޭނީ އިޙްސާސްތައް ބޭރުވަމުން ދިޔައެވެ. އެއަޑުއަހަން އިނީ ހަމައެކަނި އޭނާގެ އަންހެނުން ފަރީދާއެވެ. ބަޝީރަތުގެ ހިތުގައިވާ ވޭނީ އުދާސްތަކުގެ އަސަރު ، އެހާބޮޑަކަށް ފަރީދާއަކަށް ނުކުރެއެވެ. އެހެންނަމަވެސް ، ބަޝީރަތުގެ ހިތްދަތިވާހަކަތައް ނުހުއްޓައި ކުރިޔަށް ގެންދިޔައިރު ، އަޅައިނުލާ އިންނާކަށް ނުކެރުނެވެ. ބަޝީރަތާ ގާތަށް ޖެހިލައި ، ހިތްވަރުދިނެވެ. ﷲ ގެ ރަޙުމަތްފުޅުން ، ދައްތައަށް ޝިފާދެއްވާނެކަމުގެ އުއްމީދު އާކޮށްދިނެވެ. އެހެންނަމަވެސް ، ދައްތަ ދިރިހުރުމާމެދު ޑޮކްޓަރުންގެ އުއްމީދު ގެއްލިފައިވާކަމުގެ އިޙްސާސުގައި ، ފަރީދާ ދިން ހިތްވަރުން ، ބަޝީރަތަށް ލިބުނު ތަސައްލީއެއް ނެތެވެ. ދައްތައާމެދު ކަންތައް ކުރެވިފައިވާގޮތުން ބަޝީރަތަކީ ކުށްވެރިޔެއްކަމަށް އޭނާ އަމިއްލަޔަށް ޤަބޫލު ކުރިއެވެ.

**********************

ދައްތަގެ ބަލި ޙާލަތާގުޅިގެން ބަޝީރަތަށް ލިބިފައިވާ މާޔޫސްކަމުގައި ،  ޙާލަތު ހުރިގޮތުން އޮފީހުގެ މަސައްކަތަށް އެހައިބޮޑު އަހަންމިއްޔަތުކަމެއް ދެވޭގޮތެއް މިދުވަސްވަރަކު ނުވެއެވެ. އެހެންކަމުން ، ބައްޕަނެތްތަން އޮފީހުގައި ފޫބައްދަނީ ، ބަޝީރަތުގެ ހުރި ހަމައެކަނި ދަރިފުޅު ، އަޝްހަރެވެ. އަޝްހަރު އޮފީހުގައި އިންދާ ، އޭނާގެ ކުޑައިރުގެ ރަޙުމަތްތެރިޔާ ، ސާރާ އައިސް އަޝްހަރުގެ ކެބިނަށް ވަނެވެ. ސާރާއަކީ ، އަޝްހަރާ ދެވުމަށްޓަކައި ، ސާރާއާއި އަޝްހަރުގެ މަންމަމެން ، ފަރީދާއާއި ޒަރީނާ ނިންމައިގެންހުރި ރީތި ކުއްޖެކެވެ. ފަރީދާއާއި ޒަރީނާއަކީ ދެބެންނެވެ. އެ ދެބެންގެ ޢާއިލާ ގުޅިގެން ދިއުމަކީ ދެބެންވެސް ދެކެމުންދާ ހުވަފެނެކެވެ. އަޝްހަރާއި ސާރާ ދެވަން އެ ދެބެން ނިންމައިގެން ތިބިނަމަވެސް ، އަޝްހަރަކަށް އެކަމެއް ނޭނގެއެވެ. އެހެންނަމަވެސް ސާރާއަށް އެކަން އެނގެއެވެ. އެހެންކަމުން ކުޑައިރުގެ ގުޅުން ، ސާރާވަނީ ޢިޝްޤީ ގުޅުމަކަށް ބަދަލުކޮށްފައެވެ. އަދި އަޝްހަރުދެކެ އިންތިހާއަށް ލޯބި ވެއެވެ. ސާރާގެ ލޯބި އެއީ ތިމާގެކަމުގެ ލޯބީގެ ގޮތުގައި އަޝްހަރަށް ސިފަކޮށްދެމުން ގެންދެއެވެ. އަޝްހަރުދެކެ ސާރާވާ ލޯތްބަކީ ޢިޝްޤީ ލޯތްބެއްކަން އަޝްހަރަށް އަންގާފައެއް ނެތެވެ. އެފަދަ ލޯތްބެއް ، އަޝްހަރުދެކެ ސާރާ ވާކަން އެއްވެސް މީހެއްގެ ފަރާތުންވެސް އަޝްހަރަށް އެނގިފައެއް ނެތެވެ. އަޝްހަރުގެ މަންމަވެސް އޭނާގާތު އެވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން ، އަޝްހަރުދެކެ ސާރާ ލޯބިވާކަމާއި އެދެމީހުންނަކީ ، ކައިވެނީގެ ގުޅުމަކާ ދިމާއަށް ދަތުރުކުރާ ދެމީހުންކަން އެނގެނީ ހަމައެކަނި ، ސާރާއާއި ފަރީދާ އަދި ޒަރީނާ އަށެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި ، ޒަރީނާވަނީ ފަރީދާގެ އެހީގައި އަޝްހަރާއެކު އެއް އޮފީހެއްގައި މަސައްކަތްކުރުމަށް ، ބަޝީރަތުގެ އޮފީހުން ސާރާއަށް ވަޒީފާއެއް ހޯދައިދީފައެވެ. އަޝްހަރާއި ސާރާ މަސައްކަތްކުރަނީ ވަރަށް އެކީގައެވެ.

ސާރާ ކެބިންއަށް ވަނުމާއެކު ގޮނޑީގައި އިށީނުމަށް އަޝްހަރު އެދުނެވެ. ސާރާ އިށީނދެ ހަމަޖެހިލުމާއެކު ، އިންޓަކޮމް ނަގައި ދެތަށިސައި ގެނެސްދިނުމަށް އޮފީހުގެ މަސައްކަތު މީހަކަށް އަޝްހަރު އެންގިއެވެ. ދައްކާނެ ވާހަކައެއް ހޯދަމުންގޮސް ، ބޭބެ މިއަދުވެސް އޮފީހަށް ނާންނަނީތޯ ސާރާ ސުއާލު ކުރިއެވެ.

މައިމޫނާގެ ޙާލަތާގުޅިގެން ބަޝީރަތަށް ލިބިފައިވާ ހިތްދަތިކަމުގައި މިއަދުވެސް އޮފީހަކަށް ނާދެއެވެ. އަބަދުވެސް ގޮސް އުޅެނީ ހޮސްޕިޓަލުގައެވެ. ގެޔަށް އަންނަނީ ރޭގަނޑު ދިހައެއްޖަހާ އެހާކަށްހާ އިރުއެވެ. މަންމަޔާއެކު ސާރާވަނީ މިއަދު އަޝްހަރުމެންގެޔަށް ޒިޔާރަތް ކޮށްފައެވެ. ބަޝީރަތުގެ މޫނުމަތީގައިވާ ކަންބޮޑުވުމާއި މާޔޫސްކަން ސާރާއަށްވެސް އިޙްސާސް ކުރެވުނެވެ. ބައްޕަޔަށް އެހާބޮޑަށް ، އެކަމުގައި ކޮށްފައިވާ އަސަރު އަޝްހަރަކަށްވެސް އިޙްސާސްކުރާކަށް ނޭނގުނެވެ. ދައްތަޔެއް އަޝްހަރުމެންގެޔަކަށް ދުވަހަކުވެސް ނާދެއެވެ. ބައްޕައެއް އެގެޔަކަށް ނުދެއެވެ. މީގެކުރިން ދައްތަޔާ އަޝްހަރާ ދިމާވެފައެއް ނުވެއެވެ. ވަރަށްކުޑައިރު ، އެއްފަހަރަކު ހައިދަރުއާބާދަށް ދިޔަ ދަތުރެއްގައި ، ބައްޕަޔާއެކު ، ދައްތަގެ ގެޔަށް އަޝްހަރު ގެންދެވުނެވެ. ދައްތަޔާ އެހާގާތްކަން އޮންނަކަމެއް އަޝްހަރަށް މީގެކުރިން އެނގިފައެއް ނެތެވެ.

ދައްތަގެ ފަރުވާގެ ކަންތައްތައް ދާގޮތަކާމެދު ސާރާ ސުއާލު ކުރިއެވެ. މައިމޫނާގެ ބޭސްފަރުވާގެ ކަންތައްތައް ކުރިޔަށް އެބަ ދެއެވެ. އެހެންނަމަވެސް ، ޑޮކްޓަރުންވަނީ އުއްމީދު ކަނޑައިލާފައެވެ. އެކަމާގުޅިގެން ބައްޕަޔަށް ލިބިފައިވާ މާޔޫސްކަން އެއީ ދުވަހަކުވެސް އަޝްހަރު ދެކެފައިވާ ކަމެއްނޫނެވެ. ދައްތަޔަށް ގޮތެއް ވެއްޖެނަމަ ، ބައްޕަޔަށް އެކަން ތަޙައްމަލެއް ނުކުރެވޭނެއެވެ. ހިތަށް އުނދަގޫވެގެން ބައްޕަ ރުއިތަނެއް އަޝްހަރަށް ފެނިފައެއް ނުވެއެވެ. އެކަމާ އަޝްހަރު ހުންނަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.

ރޭގަނޑު ނުވައެއް ޖަހާ އެހާކަށްހާއިރު ވީއިރުވެސް އަޝްހަރު އޮފީހުގައި އިނެވެ. އެއްކަމަކަށްފަހު އަނެއްކަމެއް ނިންމަމުން ގެންދިޔައެވެ. ބައްޕަ ނެތްތަން ފޫބެއްދުމަށްޓަކައި ހިތްވަރުކޮށްފައި މަސައްކަތް ކުރަމުން ގެންދެއެވެ. މާގިނައިރުވާން ފެށީމަ އޮފީހުން ނުކުންނަން ވިސްނާލައި ، ސާރާގެ ކެބިންކައިރިން ދަމުން ބޯދިއްކޮށްލުމަށްފަހު ، މަސައްކަތް ނިންމާލާފައި ގެޔަށް ދަނީކަމުގައި އަޝްހަރު ބުންޏެވެ. އަޝްހަރު ހޮސްޕިޓަލަށް ނުވަންނަތާ ދެތިން ދުވަސް ވެއްޖެއެވެ. މިރޭ ގެޔަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ވަދެލައި ބައްޕަޔާ ބައްދަލުކޮށްލާފައި ދާންހުރީ ނިންމައިގެންނެވެ. އެވާހަކަ ، ސާރާ ގާތު ބުންޏެވެ.

ސާރާވެސް އަޝްހަރާއެކީ ހޮސްޕިޓަލަށް ދާން ބޭނުންވިއެވެ. އޭރަށް ބަޝީރަތުވެސް ހިތްހަމަ ޖެހޭނެއެވެ. ފަރީދާގެ ތިމާގެ ކުއްޖަކަށްވާތީ ، ބަޝީރަތުވެސް ބަލަނީ ސާރާއަކީ ދަރިއެއްގެ ގޮތަށެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.