ކިރުއިލޮށި - 30

(7 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދު ، އަޝްހަރާދިމާއަށް ބަލަހައްޓައިގެން އެނދުމަތީ ފައިވަށްކޮށްލައިގެން އިނެވެ. އޭނާގެ ހިތަށް ނާރާ އެއްޗެއް ނެތެވެ. އޭނާއާއި އަޝްހަރުގެ ގުޅުމަށް އަންނަމުން އެދާ ބަދަލާމެދު ، ޚައިރާދު ކަންބޮޑުވިއެވެ. އެދެމަފިރިންގެ ގުޅުމަށް އެޅެމުންއެދާ ހުރިހާ ހިޔަންޏެއް ފިލައި ، ދިރިއުޅުގެ ބާއްޖަވެރިކަމަށް އެދި ޚައިރާދު ދުޢާކުރިއެވެ. އަދި އޭނާގެ ބަނޑުގައި ފިރުމާލިއެވެ.

ހެނދުނު ހޭލައިގެން އަޝްހަރު ފާޚާނާތެރޭ އުޅެނިކޮށް ޚައިރާދު އެތަނަށް އާދެއެވެ. ވެގެން އުޅެނީ ކީއްތޯ ޚައިރާދު ސުއާލު ކުރިއެވެ. ޚައިރާދާ ވާހަކަ ދެއްކުން އަޝްހަރު މަދުކުރަމުންދާކަން އިޙްސާސްވާކަމުގައި ޚައިރާދު ބުންޏެވެ. އަދި އަޝްހަރުގާތު ވާހަކައެއް ބުނަން އެބައޮތްކަމުގައި އޭނާބުނިކަން އަޝްހަރަށް ހަނދާން ކޮށްދިނެވެ. އަދި އަޝްހަރު އޭނާ ބަލައިނައިމަ ކަންބޮޑުވިކަމުގައިވެސް ބުންޏެވެ.

ޚައިރާދު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، އަޝްހަރު އަނގަޔަކުން ނުބުނެއެވެ. އެންމެފަހުން ، އޭނާ ނިދިއައިސްގެން ނުދެވުނީކަމަށް ބުންޏެވެ. އަދި ، އޭނާގެ ކޮފީތަށި ގެނެސްދިނުމަށް އެދުނެވެ. ކޮފީތަށިގެނެސްދިނުމަށްފަހުވެސް ، އަޝްހަރުގާތު ބުނެ އޭނާ ޙައިރާންކޮށްލަން އެއުޅޭވާހަކަޔަކީ ކޮބައިތޯ ބަލާކަށް ބޭނުމެއް ނެތްތޯ ސުއާލުކުރިއެވެ. ކޮންވާހަކައެއްހޭ ބުނެ ، ފަރުވާކުޑަކޮގަތަކަށް ކޮފީތަށީގައި އަޝްހަރު ހިފިއެވެ. އެހާބޮޑަށް އަޝްހަރުގެ ޠަބީޢަތް ގޯސްވެފައި ހުއްޓާ އެވާހަކަ ނުބުނެވޭނެކަމަށް ޚައިރާދު ބުންޏެވެ. އަދި މިއަދު ، މެންދުރުގެ ކެއުމަށް އޭނާ ގެންދައިމަ އެވާހަކަ ބުނާނެކަމަށް ބުންޏެވެ. ޚައިރާދުގެ ޖުމްލަ ނުނިމެނިސް ، އޭނާ އޮފީހުގައި މިއަދު ވަރަށް ބުރަވާނެކަމަށާއި ، މެންދުރު ކެއުމަށް ބޭރަށް ދާން ނުކުންނަން އޭނާއަށް ވަގުތު ނުހޯދޭނެކަމަށް އަޝްހަރު ބުންޏެވެ. އެހެންނަމަވެސް ، ޚައިރާދު ގޮތްދޫނުކޮށް ، އޭނާއަށް މިއަދު ވަގުތު ހުސްކުރަން ޖެހޭނެކަމަށް ބުންޏެވެ. އަދި ރޭގަނޑުގެ ކެއުމަށް ދެމީހުން އެކުގައިގޮސް ވަގުތު ހޭދަކޮށްލަން ، އަޝްހަރު ވަގުތު ހުސްކޮށްދޭން ޖެހޭނެކަމަށް ޚައިރާދު ބުންޏެވެ.

އަޝްހަރު އޮފީހަށްދާން ލަސްވާ ވާހަކަ އާއި ، ބޭކާރު ވާހަކަ ދައްކަން އޭނާއަށް ވަގުތު ނެތްކަމުގައި ބުނެ ރުޅިއައެވެ. އަދި ވާހަކަ ދައްކަން މުނާސަބު ވަގުތު އޮންނާނެކަމަށާއި ކޮންމެ ވާހަކަޔަކެއް ބުނަންވެސް ވަގުތެއް އޮންނާނެކަމަށް އަޝްހަރު ބުންޏެވެ. އަދި ފިރިމީހާގާތު ދައްކަންޖެހޭ ވާހަކަ ދައްކާނެ ވަގުތު ، ފިރިމީހާގެ މޫޑު ހުންނަގޮތް ދެނެގަނެގެން ދައްކަން ދަސްކުރުމަށް އަޝްހަރު ބުންޏެވެ. އަޝްހަރުގެ އަޑުގައިވާ ރުޅިއާއި ނަފުރަތުން ، ޚައިރާދު ޙައިރާން ކޮށްލިއެވެ. ބުނާނެ އެއްޗެއްވެސް ނޭނގި އަނގަހުޅުވިފައި ޚައިރާދު ހުއްޓެވެ. އަޝްހަރުގާތަށް އައިސްހުރި ރުޅި ކޮންޓްރޯލް ނުކުރެވި ، ކޮފީތަށިވެސް ނުބޮއެ ނުކުމެގެން ދިޔަތަން ބަލަން ، ޢަޖައިބުވެފައި ޚައިރާދު ހުއްޓެވެ.

އަޝްހަރު އޮފީހަށްގޮސް ، މޭޒުކައިރީ ދަތްދޮޅީގައި އަތްވިއްދައިގެން އިނެވެ. މަސައްކަތެއްކުރާނެ ރޫޙެއް އޭނާގެ ނެތެވެ. އަޝްހަރު އެހެން އިންދާ ސާރާ އެތަނަށް އާދެއެވެ. އަދި ކޮންކަމެއް ކުރަނީތޯ އަޝްހަރުކުރެން އެހިއެވެ. ކަމެއް ނުކުރަމޭބުނެ ، އިށީނުމަށް ސާރާއަށް އިޝާރާތްކޮށްލުމަށްފަހު ، ސާރާއާ ދިމާއަށް އެނބުރިލިއެވެ. އަޝްހަރުގެ މޫނުމަތިން ފެންނަންހުރި އަސަރުތަކުން ، އޭނާ އެއިނީ ކަމަކާ ކަންބޮޑުވެފައިކަން ސާރާ ދެނެގަތެވެ. އަދި މާބުރައީތޯއާއި ، ކަމަކާ ކަންބޮޑުވަނީތޯ އާއި ތަނަކަށް ތަދުވަނީތޯ ، އެހުރިހާ ސުއާލުތަކެއް އެއްފަހަރާ ސާރާ ކޮށްލިއެވެ. އެއްވެސްކަމެއް ނުވާކަމަށް ބުނެ މޫޑު ރަނގަޅުކޮށްލުމަށް އަޝްހަރު މަސައްކަތް ކުރިއެވެ. އަދި ، ރޭ ހަތަރުދަމު ނުނިދޭތީ ، ފަހަރެއްގައި ބޮލުގައި ރިއްސަނީކަމަށް ވެދާނެކަމަށް އަޝްހަރު ބުންޏެވެ.

ސާރާއާ ޙަވާލުކޮށްފައި އޮތް ޕްރެޒެންޓޭޝަނާބެހޭގޮތުން އަޝްހަރު ސުއާލުކުރިއެވެ. ޕްރެޒެންޓޭޝަން ތައްޔާރުވެފައި އޮތްވާހަކަ ސާރާ ބުންޏެވެ. އަދި އިސްލާމްއާބާދަށްގޮސް ޕްރެޒެންޓޭޝަން ނިންމާފަ ، ލިބޭ ހުސްވަގުތު ، އަޝްހަރާއެކު ހޭދަކުރާނެ ފުރުޞަތު ލިބޭނެތީ ސާރާ އުފާވެފައި އިންކަން އަންގައިލިއެވެ. ހަމަޖެހިލައިގެން އެ ދެމީހުން ވާހަކަ ދައްކާނުލާތާ އެތައްދުވަހެއް ވެއްޖެއެވެ. މިއީ އަޝްހަރާއެކު ވަގުތު ހޭދަކޮށްލައި ، އަޝްހަރާ ގާތްވެލުމަށް ސާރާއަށް ލިބޭނެ އެންމެ ރަނގަޅު ފުރުޞަތުކަން އެނާއަށް އެނގެއެވެ.

ޚައިރާދަށް ލިބުނު ކުއްލި ނުތަނަވަސްކަމުގައި އެނދުކައިރީ އިށީނދެލައިގެން އިނެވެ. އޭނާގެ ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހެމުން ދިޔައެވެ. އަޝްހަރު ، އޭނާއާމެދު އެގޮތަށް ، ކުއްލިޔަކަށް އެ ޢަމަލުކުރަނީ ހުވަފެނުންވެސް ފެނިފައިނުވާފަދަ ނިކަމެތި ގޮތަކަށެވެ، ޚައިރާދުގެ ކުށަކީ ކޮބައި ހެއްޔެވެ ؟ އަޝްހަރުދެކެ އިންތިހާއަށް ލޯބިވީ ހިނދު ، އެލޯބި އެކޮޅުކޮޅުން ޖެހިގެން ދިއުމަކީ ޚައިރާދަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. މީގެ ކުރިން ދުވަހަކުވެސް އަޝްހަރުގެ ދުލުން ޚައިރާދާ ދިމާއަށް ނުބުނާ އެތައް ވާހަކައެއް އެއްފަހަރާ ، ކުއްލިޔަކަށް ބުނެ އެ އިއްވާލީ ، ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ އަޝްހަރުގެ އަދާތަކަށް ، ޚައިރާދު ހޭނުމުން ، އެ އުފާވެރިކަން އޭނާގެ އަތުން ބީވެގެން ހިނގައްޖެނަމަ ، ދުވަހަކު އޭނާ ނުއުފުއްލާވަރުގެ ތަކުލީފު އުފުއްލަން ޚައިރާދަށް މަޖުބޫރު ވާނެއެވެ. ޚައިރާދު އެއިންނަނީ ، އަޝްހަރުގެ ފޯނަކަށް އިންތިޒާރުކޮށްގެން ، އިރުއިރުކޮޅާ ފޯނާދިމާއަށް ބަލައިލަ ބަލައިލައެވެ. މެންދުރަކު ނުކައެވެ. ހަވީރު ވީއިރުވެސް އަޝްހަރުގެ ޚަބަރެއް ނުވެއެވެ.

ހެނދުނު ހޭލިގޮތަށް ، އަޝްހަރުގެ ކިބައިން އޭނާ މަޢާފަށް އެދުނެވެ. އެހާ ލޯބިން ހެނދުނު ވާޙަކަ ދައްކަން ފެށީމަވެސް ، އަޝްހަރުގެ ފަރާތުން ރުޅިވެރިކަމާއި ނަފުރަތުނޫން އެހެން އެއްޗެއް ޚައިރާދަކަށް ނުފެނުނެވެ. އެއީ ކީއްވެ ހެއްޔެވެ ؟

އަޝްހަރު ގެޔަށް އައީ  ރޭވިފަހުންނެވެ. ގޭޓްހުޅުވަން އަޝްހަރުގެ ކާރުން އެޅި ބަރުގޮނުގެ އަޑާއެކު ، ޚައިރާދު ތެދުވިއެވެ. އަދި މޫނުދޮވެލައި އަޝްހަރާ ބައްދަލުކުރުމަށް ތައްޔާރުވިއެވެ. އަޝްހަރު ކޮޓަރިޔަށް ވަނުމާއެކު ، ޚައިރާދު ސަލާމް ގޮވައިލިއެވެ. ވަރަށް ފަރުވާކުޑަގޮތަކަށް އަޝްހަރު ސަލާމް ބަލައިގަތެވެ. ކާނާ ތައްޔާރު ކުރަންތޯ އަޝްހަރުކުރެން ޚައިރާދު އެހުމުން ނޫނެކޭ ބުންޏެވެ. އެއީ ސަމާސާއަކަށް އަޝްހަރު ބުނި އެއްޗެއްކަމަށް ބަލާފައި ، ހެނދުނުއްސުރެ އޭނާ އެއްވެސް ނުކައި އެހުންނަނީ އަޝްހަރަށް އިންތިޒާރުކޮށްގެންކަމުގައި ޚައިރާދު ބުންޏެވެ. އެހެންވިއްޔާ މިހާރުދެން ކާށޭ އަޝްހަރު ބުންޏެވެ.

" އަޝްހަރާނުލައި ، އަހަރެން ނުކާކަން އަޝްހަރަށް އެނގޭނެއެވެ. އަހަރެން މިހުންނަނީ އަޝްހަރު އަންނަ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ. ދެމީހުން އެކުގައި ކާންވެގެންނެވެ. " ޚައިރާދު ބުންޏެވެ.

މިއަދުންފެށިގެން އެއާދަ ބަދަލުކުރާށޭ ބުނެ ، މޫނުކުނިކޮށްފައި އަޝްހަރު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ޚައިރާދަށް ލިބުނު ހިތްދަތިކަން ވަކިން އިތުރު ވިއެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނުއެނގި މީހާ ގަނޑުވިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ޚައިރާދު ހަމަޖެހިލިއެވެ. އޭނާގެ ނަފުސަށް ނެތްހިތްވަރުލާފައި ހިންދެމިލިއެވެ.

އަޝްހަރު އިނީ ، ކޮޓަރިޔަށް ނުވަންނަން ވެގެން ގޮސް ސިޓިންގރޫމްގައި ލެޕްޓޮޕް ހުޅުވައިގެންނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ވަސްވާހާހުރެ މަސައްކަތެއް ނުކުރެވެއެވެ. ދެބުމަގޮށްޖަހައިގެން އިނެވެ. ޚައިރާދު އައިސް އަޝްހަރުގާތަށް ހުއްޓިލާފައި ، އަޝްހަރަށް ވެގެން އުޅެނީ ކީއްތޯ ޖެހިލުމެއްނެތި ، ސުއާލު ކުރިއެވެ. އެއްވެސްކަމެއް ނުވާކަމަށް އަޝްހަރު ބުނިނަމަވެސް ޚައިރާދު އެކަން ޤަބޫލެއް ނުކުރިއެވެ. އޭނާދެކެ އެހާ ރުޅިއައިސް އެހުރީ ކޮންކަމަކާތޯ ޚައިރާދު ސުއާލު ކުރިއެވެ. އަޝްހަރު ރުޅިއައިސް އެހުންނަނީ ކީއްވެގެންތޯ ސާފުކޮށްދިނުމަށް ޚައިރާދު އެދެމުން ގެންދިޔައެވެ. އެންމެފަހުން ، އަޝްހަރުގާތަށް އައިސް އިން ރުޅިޔާއެކު ، އެއްވެސްކަމެއް ނުވެއޭ ބުނެފިން ނޫންހޭ ބުނެ ، ޚައިރާދާ ދިމާއަށް ކަޅިއަޅައިގަތެވެ. އެއްވެސް ކަމެއް ނުވާކަމަށާއި ، އޭނާ މަސައްކަތްކުރުމަށް ދޫކޮށްލާން އެދުނެވެ. އަދި ، އޭނާ އެކަނި އިނދެލަން ބޭނުންވާކަމުގައި ބުންޏެވެ.

ޚައިރާދުވެސް އޭނާގެ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. ދިޔަގޮތަށްގޮސް އަޝްހަރުގާތު އިށީނނެވެ. އަދި ، ކުރީރޭ އޮތް ޕާޓީއަށް އޭނާ ގެންގޮސްލައިދިން އިރު ، އަޝްހަރު ހުރީ އުފަލުންކަމަށާއި އޭގެފަހުން އޭނާދެކެ ރުޅިއައިސް ހުރިކަން ފާހަގަ ކުރެވޭކަމުގައި ޚައިރާދު ބުންޏެވެ. އެހެންވީމާ ކޮންމެވެސް ކަމެއް ހިނގައިފިކަން ޔަޤީންވާކަމުގައި ޚައިރާދު ބުންޏެވެ. އަދި ، އަޝްހަރުގެ ލެޕްޓޮޕް ލައްޕާލައި ، އިތުރަށް ސުއާލުކުރަމުން ގެންދިޔައެވެ. އޭނާ ދެކެ ރުޅިއައީ އެރޭ ލަހުން އައިމާހެއްޔޭ އަހައި ސުއާލުކުރިއެވެ.

ޚައިރާދުގެ ވާޙަކަ ނުހުއްޓީމަ ، ޚައިރާދު އެއްވެސްކަމެއް ނުކުރާއިރު ، އެކަމުގެ ސަބަބުތައް ނެރެނީ ކީއްކުރަންތޯ އަޝްހަރު ސުއާލު ކުރިއެވެ. އަދި އޭނާ މަސައްކަތްކުރަން ބައިންދާފައި ޚައިރާދު ގޮސް ނިދަން އޮށޯންނާށޭ ބުންޏެވެ. އަދި އެތާ އޭނާގާތު އިށީނދެ އިނދެ އަނގަތަޅާ ވާހަކަދައްކައި ، އޭނާގެ ވަގުތު ބޭކާރު ނުކުރުމަށް އެދުނެވެ. ޚައިރާދު އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ، ތެދުވެގެން ކޮޓަރިޔަށް ހިނގައްޖެއެވެ. ޚައިރާދު ދިއުމާއެކު އަޝްހަރު ، ލެޕްޓޮޕް ލައްޕާލުމަށްފަހު ، އޭނާގެ އަމިއްލަ ހާސްކަމުގެ ތެރެޔަށް ގެއްލިގެން ދިޔައެވެ.

ޚައިރާދު ކޮޓަރިޔަށްވަދެ އޭނާގެ ފޮތްތައް ތަރުތީބުކޮށްލައި ބަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ. ބަޑިފަޅައިގެންގޮސް ، އަޑުން އަޑުނަގާ ރޯން ފެށިއެވެ. ޚައިރާދުގެ ހިތަށް އަރާ ފައިބަމުންދިޔަ ވޭނީ ކެކުޅުންތަކުން އޭނާގެ ދެލޯ ކަރުނައިން ފުރި ބަންޑުންވިއެވެ. މޭގައްޔާއި ބަނޑުގައި އަތްއުނގުޅާލައި ، ލިބެމުންއެދާ ކެކުޅުންތައް އޮއްބައިލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ކައިސަރު ނިދަން އޮށޯވެ އޮވެ ، އޭނާގެ ފޯނުގައި ރައްކާކޮށްފާހުރި ސާރާގެ ފޮޓޯތައް ބަލަމުން ގެންދިޔައެވެ. އަދި އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ސާރާ ، އޭނާގެ ޙަޔާތަށް އައުމުން ލިބޭނެ އުފާވެރިކަން އިޙްސާސްކުރަމުން ގެންދިޔައެވެ. ހިނިތުންވެފާހުރި ސާރާގެ ފޮޓޯތަކުން އެފެންނަ ޖަޒުބާތީ ހިނިތުންވުން ، ކައިސަރާއެކު ޙިއްޞާކުރުމަށް ، އޭނާކުރަމުންދާ އުއްމީދުން ހިތަށް އުފާވެރިކަން ހޯދަމުން ގެންދިޔައެވެ. މިހާރު އެހަދާގޮތަށް އޭނާއާ ދުރަށް ދިއުމަށް މަސައްކަތް ނުކުރުމަށް ސާރާގެ ފޮޓޯއަށް ބަލަހައްޓައިގެން އޮވެ ، ސާރާގާތު އޭނާ ބުންޏެވެ. އޭނާ ، އިތުރަށް ކިޔަވަން އެމެރިކާއަށް އެދަނީ ، ސާރާއާ އެއްފެންވަރަކަށް އައުމަށްކަމަށް ބުންޏެވެ. އޭނާ އާމެދު އަޞްލުވެސް ސާރާ ހިތްހަމަ ނުޖެހެނީތޯ ކައިސަރު ސުއާލު ކުރިއެވެ. އަދި އޭނާގެ ފޯނު މޭމަތީ ބާއްވާލައި ، ސާރާގެ ފޮނި އިޙްސާސްތަކުން އުފާ ލިބިގަތުމަށް އޮއްވައި ކައިސަރަށް ނިދި ޖެހުނެވެ.

ހެނދުނު ހެނދުނާ ފަރީދާ ތެދުވިއިރު ، ހެނދުނުގެ ނާސްތާވެސް ނުކޮށް އަޝްހަރު ނުކުމެގެން ދިޔަތަން ފެނުނެވެ. އެކަމާބެހޭގޮތުން ސުއާލުކުރުމަށް ޚައިރާދު ހޯދަމުން ފަރީދާ އައެވެ. އަދި ޚައިރާދާ ދިމާވުމުން އެކަމާބެހޭގޮތުން ސުއާލު ކުރިއެވެ. އެރޭ ލަހުން ނިދުނީމަ ހޭލެވުނުލެއް ލަސްކަމުން ، ނާސްތާނުކޮށް އަޝްހަރު ދިޔައީކަމަށް ޚައިރާދު ބުންޏެވެ. އަދި ، އޮފީހަށް ގޮސް ނާސްތާކުރާނެކަމަށާއި މަންމަ އެކަމާ ކަންބޮޑުނުވުމަށް ޚައިރާދު ބުންޏެވެ.

ހެނދުނު ހެނދުނާ ކައިސަރުގޮސް ސާރާގެ ގޭގައި ސާރާއަށް އިންތިޒާރުކޮށްގެން އިންދާ ބޭރަށްދާން ތައްޔާރުވެގެން ސާރާ ނުކުތެވެ. އަދި އޭނާއަށް ލަސްވާ ވާހަކައާއި ބުނަން ބޭނުންވާ ވާހަކައެއް ތަންކޮޅެއް އަވަހަށް ބުނެ ، އޭނާ ފޮނުވާލަދިނުމަށް އެދުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.