އިސްރާއީލުގެ ޢަރަބި ފަލަސްތީނީން

އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ، ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމާ ދެކޮޅަށް ފަލަސްތީނުގައި ކުރެވުނު މުޒާހަރާ - 1937

ފަލަސްތީނުގެ އަމިއްލަ ބިމުގައި ، ފަލަސްތީނުގެ ރައްޔިތުން ، އެބައިމީހުންގެ މިނިވަންކަން ދިފާޢުކުރުމަށް ، ހަޅުތާލުކޮށް އަޑުއުފުލަމުންގެންދާތާ ، 86 އަހަރުވީއެވެ. އެއަނިޔާވެރިކަމާއި މަރުތައް ، އެތައްޖީލެއް ތަޖުރިބާކުރިއިރުވެސް ، ދުނިޔެއޮތީ ބީރުކަންފަތެއްދީގެންނެވެ. ކަނުލޮލެއް ދިއްކޮށްގެންނެވެ. އެއާޚިލާފަށް ، ފަލަސްތީނުގެ ރައްޔިތުން މަރައި ނައްތައިލަމުންގެންދާ ޔަހޫދީންނަށް ވާގިވެރިވަމުން ، ޔަހޫދީން ފަލަސްތީނުގައި ފެތުރިގަތުމަށް ބާރުއަޅައި މަގުފަހިކޮށްދެމުންނެވެ. އދ އަށް ކުރެވުނު ކަމެއްނެތެވެ. ދުނިޔޭގެ ބޮޑެތިބާރުތަކުން ، އަތްފުނާއަޅައި ދުނިޔޭގެ އެތައްމިތަނުން ޔަހޫދީން ހޯދައިގެން ގެނެސް ފަލަސްތީނަށް އަޅައިލިއެވެ.

އިސްރާއީލުގެ ފަލަސްތީނުމީހުން އުފެދިގެންދިޔައީ 1940 ގެ ފަހުކޮޅުއެވެ. އެއީ އައްލުއްދު އަވަށަށް 1948 ގައި އިސްރާއީލުން އަރައި ފަލސްތީނުގެ އެތައްހާސްބަޔަކު މަރައި ގެދޮރުން ނެރެލާފައިވާ އަވަށެކެވެ. އެއަވަށުން ބޭރުނުކޮށް ތިބީ  އިސްރާއީލުގެ ރައްޔިތުންގެގޮތުގައި ބަލާ ، ފަލަސްތީނު މީހުންނެވެ. އިސްރާއީލުން 1948 ގައި ، ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ބިމުގެ އަވަށެއްކަމުގައިވާ ، އައްލުއްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ރުޅިވެރިކަން ، ދާދިމިދާކަށްދުވަހު ފަޅައިގެންގޮސްފައި ވެއެވެ. އިސްރާއީލުގެ ރައްޔިތުންނަށްވެ ތިބި ، ފަލަސްތީނުމީހުންގެ ޙައްޤުތައް ނިގުޅައިގަތުން އިންތިހާއަށް ދިއުމާގުޅިގެން ، އިސްރާއީލުގެ ދިދައިގެ ބަދަލުގައި ފަލަސްތީނުގެ ދިދަ އުފުލައި ، އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އަޑުއުފުލައި ، އައްލުއްދު އަވަށުގައި މުޒާހަރާ ކުރަމުން ގެންދިޔައެވެ. މިކަންވެގެންދިޔައީ ، އެއަވަށުގައި ދިރިއުޅޭ އެންމެންނަށް ލިބުނު ޙައިރާން ކަމަކަށެވެ. އެއަވަށުގައި ދިރިއުޅެނީ ، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެލައި ، އަނިޔާވެރިކަމާއެކު އަވަށުން ބޭރުކޮށް ، އެގެތައް ފޭރިގަނެ ، ވަޒަންވެރިވުމަށް އިސްރާއީލުން ފުރުޞަތުދިން ޔަހޫދީންނާއި ، އިސްރާއީލުގެ ރައްޔިތުންކަމުގައި ޤަބޫލުކުރި ފަލަސްތީނު މީހުންނެވެ.  ޔަހޫދީންނާއި ފަލަސްތީނުގެ މީހުން އެއަވަށުގައި އެކީގައި ދިރިއުޅެމުން ގެންދާތާ ބައިޤަރުނަށްވުރެ ގިނަވެއްޖެއެވެ. އެ އަވަށުގައި ހަތްދިހަވަރަކަށްހާސް ފަލަސްތީނުމީހުން ދިރިއުޅެމުން ގެންދެއެވެ. އިސްރާއީލުގެ ރައްޔިތުންނަށްވެތިބި ފަލަސްތީނުމީހުންނަކީ ، ޢާންމުގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ ބަޔެކެވެ.

އެއަވަށުގައި ދިރިއުޅޭ ޔަހޫދީންނާއި ފަލަސްތީނުމީހުންގެ މެދުގައި ޤާއިމްވެފައި އޮތް ގުޅުން ، މި ހަޅުތާލުތަކުން ފައުޅުވެފައި ވެއެވެ. އެ ހަޅުތާލުތަކުގައި ބައިވެރިވީ ފަލަސްތީނުމީހުން އެކަންޏެއްނޫނެވެ. އިސްރާއީލުގެ ޔަހޫދީންކުރެ އެއަވަށަށް ނިސްބަތްވާ ޔަހޫދީންވެސް ބައިވެރިވިއެވެ. ތާރީޚީގޮތުން ، އައްލުއްދުގައި ކަންހިނގައިގޮސްފައިވާ ގޮތް އެއަވަށޫގައި ދިރިއުޅޭ އެންމެންވެސް ޤަބޫލުކުރެއެވެ. އަދި އިސްރާއީލުގެ ޢަމަލުތަކާމެދު ތާރީޚީ ވިސްނުމެއްގައި ، އެއަވަށުގެ ޔަހޫދީން ހިތްހަމައެއް ނުޖެހެއެވެ. ޔަހޫދީން އެއަވަށުގައި އާބާދުވީ ކިހިނެއްކަން ، އެމީހުންނަށް އެނގެއެވެ. އެހެންނަމަވެސް ، އިސްރާއީލު ސަރުކާރުގެ ފިއްތުންތަކާއި ، ޕްރޮޕެގެންޑާ ފަތުރާ ޖަމާޢަތްތަކުގެ އޮޅުވައިލުންތަކުން ، ދެބައިމީހުންގެ މެދުގައި ކޮންމެވެސް މިންވަރެއްގެ ހިތްހަމަނުޖެހުންތަކެއް އޮންނަނީ އުފެދިފައެވެ.

1948 ގެ ފަލަސްތީނީންނަކީ ، އެއަވަށުގައި ދިރިއުޅޭ ފަލަސްތީނުމީހުންނަށް ދެވިފައި އޮންނަ ނަމެކެވެ. އެއީ 1948 ގައި ، އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތް އިސްވެ އޮވެ ، ޔަހޫދީ ދައުލަތް އުފައްދައި ގަދަކަމުން ވެރިވެގަތް ސަރަޙައްދުތަކަކީ ، އިސްރާއީލު ދައުލަތުގެ އިންކަމުގައި ޤަބޫލުކުރިއިރު ، އައްލުއްދު އަވަށް އޭގެތެރެޔަށް ވަދެގެން ދިޔައެވެ. އެހެންކަމުން ، އެއަވަށުގައި ދިރިއުޅޭ ފަލަސްތީނުމީހުން ބަލަނީ ، އެމީހުންނަކީ އިސްރާއީލާ ގުޅުނު ބައެއްގެ ގޮތުގައެއްނޫނެވެ. އެމީހުން ބަލަނީ ، އިސްރާއީލުން އައިސް އެބައިމީހުންގެ ގެދޮރަށް ވެރިވެގަނެ ، އެމީހުންނާ ގުޅުނީ އިސްރާއީލުންކަމުގައެވެ.  އެއީ އިސްރާއީލުން 1948 ގައި ހިފާފައިވާ ފަލަސްތީނުގެ ބިމެއްގެ ގޮތުގައިވެސް އެމީހުން ބަލައެވެ. ދުނިޔެއަށް އޮޅިފައިވާ މިއޮޅުން ، ޚުދު އިސްރާއީލުމީހުންނަށްވެސް އޮންނަނީ އޮޅިފައެވެ. އިސްރާއީލުގެ އާބާދީގެ ވިހި އިންސައްތަޔަކީ ، އިސްރާއީލުމީހުންނަށްވެތިބި ، ފަލަސްތީނު މީހުންނެވެ. އޭގެ ބޮޑުބައެއް ދިރިއުޅެނީ އައްލުއްދު އަވަށުގައެވެ.

ޢަރަބި އިސްރާއީލުންގެ ގޮތުގައި ބަލަނީވެސް އައްލުއްދުގައި ދިރިއުޅޭ ފަލަސްތީނު އާބާދީއަށެވެ. އެމީހުންނަށް " ފަލަސްތީނު 48 " އޭވެސް ކިޔައި އުޅެއެވެ. ޔަހޫދީ އިސްރާއީލުގެ ދައުލަތް އުފެދުނީ 1948 ގައެވެ. އެއީ މިނިވަންކަމުގެ ހަނގުރާމަޔަށް ލިބުނު ކާމިޔާބީއެއްކަމަށް އިސްރާއީލުން ދެކެއެވެ. އެހެންނަމަވެސް ، ފަލަސްތީނުމީހުން ދެކެނީ ، އެއީ އެމީހުންނަށް ކުރިމަތިވި މުޞީބާތެއްގެ ފެށުންކަމުގައެވެ. ހަނގުރާމަ ނިމިގެންދިޔައީ ، އިސްރާއީލު ، ދައުލަތެއްގެ ގޮތުގައި އުފައްދައިފައެވެ. ހުޅަނގު ސަހަރާއާއި އިރުމަތީ ޖެރޫސަލަމް އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. ޤާޒާ އޮތީ މިޞްރުގެ ބާރުގެ ދަށުގައެވެ. އެހެންނަމަވެސް ވަރަށްގިނަ ، ފަލަސްތީނު ޢަރަބީން ތިބީ 48 ގައި ހިފާފައިވާ ބޯޑަރުގެ ތެރޭގައެވެ. އެބޯޑަރަކީ އިސްރާއީލުގެ ސަރަޙައްދުގެ އެތެރެއެވެ. އެބައިމީހުންނަށް އިސްރާއީލުގެ ރައްޔިތެއްކަމުގެ ޙައްޤު ދެވުނެވެ. މިޙައްޤު ލިބުނަސް ، އިސްރާއީލުގެ ޔަހޫދީންނަށް ލިބިގެންވާ ޙައްޤުތައް ، ފަލަސްތީނު ޢަރަބީންނަކަށް ހަމަހަމަކޮށް ނުލިބެއެވެ.

ޢަރަބި ފަލަސްތީނީން ، ނުވަތަ އިސްރާއީލަށް ނިސްބަތްވާ ޢަރަބީން ،  1949 އިން 1966 އާ ދެމެދު ، ތިބީ އަޝްކަރީބާރުގެ ދަށުގައެވެ. ދަތުރުކުރަންޏާ ހުއްދަ ނަގަން ޖެހެއެވެ. ބޭރަށްނުކުމެ އުޅުން އޮންނަނީ މަނާ ކުރެވިފައެވެ. އަދި ގިނައިން ތިބެނީ ބަންދުގައެވެ. އޭގެ ތެރެއިން ގިނަބަޔަކު ، އެމީހުންގެ އަމިއްލަ ގެދޮރުން ގަދަކަމުން ނެރެލެވުނެވެ. އެފަދަ ގެދޮރު ދެވެމުންދިޔައީ ، ޔަހޫދީންނަށެވެ. 1966 ގެފަހުން ، އަޝްކަރީ ބާރު ދޫކޮށްލުމުން ، ޢަރަބި ފަލަސްތީނުގެ މައްސަލަ ، ރައްޔިތުންގެ މެދުގައި ބަހުސްކުރެވުނު މައްސަލަޔަކަށް ވިއެވެ. އަދި ، ފަލަސްތީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލުފާޅުކޮށް ، މުޒާހަރާކޮށް ، އިސްރާއީލު ސަރުކާރާ ދެކޮޅު ޙަރަކާތްތައް އުފެދިގެންދިޔައެވެ.

އިސްރާއީލަށް ނިސްބަތްވާ ޢަރަބި ފަލަސްތީނީން ، އެމީހުން އިސްރާއީލަށް ނިސްބަތްވާކަން ހާމަކުރުމަށްޓަކައި ، އެކަކުއަނެކަކާ ހެބްރޫ ބަހުން ވާހަކަ ދައްކައެވެ. އަދި ހެބްރޫ ނަންތަކަށް އެމީހުންގެ ނަން ބަދަލު ކުރެއެވެ. އެއީ ޢަރަބި ބައެއްޤައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންގެންދާ ކަންކަމެވެ. އަނެއްކޮޅުން އިސްރާއީލު ސަރުކާރުން ދެކެނީ އެއީ ބާޣީންގެ ގޮތުގައެވެ. އެމީހުންނަށް ނިސްބަތްވާ ބައެއް ޖަމާޢަތްތައް ހުއްޓުވައި އުވާލައި ، އެ ޖަމާޢަތްތަކުގެ މީހުން ، އިސްރާއީލުން މަރަމުން ގެންދެއެވެ. ޢަރަބި ފަލަސްތީނީން ، އިސްރާއީލް ސަރުކާރުގެ ޙިމާޔަތާއި ޚިދުމްތަކުގެ ބޭނުން ކުރަމުންގެންދާތީ ، އިސްރާއީލަށް ތާއީދުކުރާ މީހުން ހިތްހަމައެއް ނުޖެހެއެވެ. އަދި ޢަރަބި ފަލަސްތީނުގެ ޖަމާޢަތްތަކުން އުފެދޭ ބާރުގަދަ ، ކަމުވޮށިވެގެންވާ މީހުންނަށް ނުނިޔަތްލައިގެން ދެކޮޅުވެރި ޙަރަކާތްތައް ހިންގައެވެ. އަދި މަރައިވެސް ލައެވެ.

އިސްރާއީލަށް ނިސްބަތްވާ ފަލަސްތީނު މީހުންނަށް ، އިސްރާއީލުގެ ޔަހޫދީންނަށް ސަރުކާރުންދޭ ހުރިހާ އިމްތިޔާޒްތަކަކާއި ޙައްޤުތަކެއް ނުދެއެވެ. ގިނަ ޙައްޤުތައް ގުޅިފައިއޮންނަނީ ބިމުގެ މައްސަލަޔާއެވެ. 1901 ވަނައަހަރު ، ޖުވިޝް ނޭޝަނަލް ފަންޑްގެ ނަމުގައި އިސްރާއީލުގައި ފަންޑެއް އުފެއްދިއެވެ. މިފަންޑުން ކުރާކަމަކީ ، ފަލަސްތީނުގެ ތާރީޚީ ބިންތައް ގަތުމެވެ. ބިންތައްގަނެ ޔަހޫދީންނަށް ކުއްޔަށް ދިނުމެވެ. ފަންޑުން އަމާޒު ހިފާފައިވަނީ ، އިސްރާއީލުގެ ބިމުގެ 13 އިންސައްތަ އެފަންޑުން މިލްކު ކުރުމެވެ. އިސްރާއީލުގެ ރަށްވެހިންގެ ގޮތުގައި ހަމަޖެހިފައި އޮންނަ ، ޢަރަބި ފަލަސްތީނުމީހުންނަށް އެފަދަ އެއްވެސްބިމެއް ދުލެއްނުކުރެއެވެ. އޭގެއިތުރަށް ، އިސްރާއީލުގެ ޕާލަމެންޓް ، ކަނީސަތުންވަނީ ، އިސްރާއީލަކީ ، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫގެ ބަހުންނަމަ ، " ހަމައެކަނި ޔަހޫދީންގެ ޤައުމު " ކަމުގައި ނިންމުމެވެ. އެހިސާބުން ، ޢަރަބި ފަލަސްތީނުމީހުން މިހާރަށްވުރެ ބޮޑަށް ބާކީވެގެންދާނެއެވެ. ހިފާފައިވާ ބިންތަކުގައި އެމީހުންނަށް ވޯޓުލެވޭނެއެވެ. މަދަނީ ކޯޓުތަކުގެ ބޭނުންކުރެވޭނެއެވެ. އެއާއެކު ، އެމީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންކަމުގައި ބަޔާންކުރާ ޤާނޫނުތައްވެސް ހެދިފައި ވެއެވެ.

އިސްރާއީލުގެ ރަށްވެހިންގެ ގޮތުގައި ބެލެވޭ ، ފަލަސްތީނު ޢަރަބީންނާއި ، އެމީހުންގެ ތަޞައްވުރުގައި އޮންނަ އިސްރާއީލުގެ ވިސްނުން ވަރަށް ތަފާތެވެ. އެކިއެކި ދިރާސާތަކުން ދައްކާގޮތުގައި ، އިސްރާއީލުގެ ރަށްވެހިންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ޢަރަބި ފަލަސްތީނީން ބަލަނީ އެމީހުންނަކީ ، ފަލަސްތީނަށް ނިސްބަތްވާ ބައެއްގެ ގޮތުގައެވެ. އިސްރާއީލާ ގުޅުނީ އެމީހުންނެއްނޫނެވެ. އެމީހުންނާ ގުޅުނީ އިސްރާއީލެވެ. އެމީހުން ތަފާތުކުރުމަށްޓަކައި ، އިސްރާއީލުގެ ހުރިހާ ސަރުކާރުތަކުންނާއި މީޑިއާއިން ސިފަކޮށްދީފައިވަނީ ، އެއީ " ޢަރަބި އިސްރާއީލީން " ނުވަތަ އިސްރާއީލުގެ ޢަރަބި ރައްޔިރުންގެ ގޮތުގައެވެ.  މިހުރިހާކަމެއްގެ އަސްލަކީ ، އިސްރާއީލުގެ ޖައްވުން ފަލަސްތީނުގެ ތަޞައްވުރު ނައްތައިލުމެވެ. އެމީހުންނާބެހޭގޮތުން ، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ގޯލްޑަ މިއަރ ގެ މަޝްހޫރު ތަޞައްވުރު ފާހަގަ ކުރެވެއެވެ. 1969 ގައި އޭނާ ބުނެފައި ވެއެވެ. " ކުރިން އޮތްގޮތަށް ފަލަސްތީނުގެ ރައްޔިތުންނެއް ފަލަސްތީނަކު ނެތެވެ. އަހަރެމެން އައިސް އެމީހުންގެ ގެދޮރުންނެރެ ބޭރުކޮށްފީމެވެ. އެމީހުންގެ ޤައުމު އަހަރެމެން އެމީހުންއަތުން އަތުލައިފީމެވެ. އެއީ މިހާރު ނެތް ބަޔެކެވެ. "

އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ ޢަރަބީން އެމީހުންނަށް " 48 ފަލަސްތީނީން " ، އަދި އަނެއްބަޔަކު " 67 ފަލަސްތީނީން " ކަމުގައި ކިޔައި އުޅެއެވެ. މިމީހުން ޢާންމުގޮތެއްގައި ދިރިއުޅެނީ ، 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ބިންތަކުގައެވެ. އެއީ ހުޅަނގު ސަހަރާ ، ޤަޒާ އަދި އިރުމަތީ ޖެރޫސަލަމް ފަދަ ބިންތަކެވެ.

ފަލަސްތީނު މުސްލިމުންނާއި ، ނަޞާރާއިންނަށް އިސްރާއީލުގެ އަޝްކަރީ އެއްވެސް ވަޒީފާއެއް ނުދޭނެއެވެ. މިއީ 1920 ގެ އަހަރުތަކުގައި ، ޔަހޫދީ އިސްމީހުން އުފެއްދި ރޫޙަކާގުޅިގެން ޔަހޫދީންގެ މެދުގައި އޮންނަ ތަފާތު ކުރުމެކެވެ. އެއިރުއްސުރެ ، ނަޞާރާއިންނާއި މުސްލިމުންނަކީ ، އެމީހުންގެ ޢަދުއްވުންކަމުގައި ބަލަމުން އައިސްފައި ވެއެވެ. އަދިވެސް ޔަހޫދީންނަކީ ، އިސްރާއީލުގެ " އިޚުލާޞްތެރި " ރަށްވެހިންގެ ގޮތުގައި ބެލެވޭ ، މައިނޯރިޓީއެވެ. އަޣުލަބިއްޔަތު އޮތީ ، އާރާއިބާރު ނުލިބޭގޮތަށް އެކަހެރިކުރެވިފައިވާ ، ނަޞާރާއިންނާއި މުސްލިމުންގެ އަތްމަތީގައެވެ.

މިހާރު ވާހަކަ ދެކެވެމުންދާ " ޓޫ ސްޓޭޓް ސޮލިއުޝަން " ގައި އަދިމާބޮޑުކަމެއް ފުރިހަމަކުރުމަށް އިސްރާއީލުން އަންނަނީ ބާރުއަޅަމުންނެވެ. އިސްރާއީލުގެ ސިޔާސީ މީހުން އެދެނީ ، ޓޫ ސްޓޭޓް ސޮލިއުޝަންގައި ބިމުގެ މައްސަލަވެސް ޙައްލު ކުރުމަށެވެ. އެއީ އިސްރާއީލުގެ ބިމުގައި ދިރިއުޅޭ ޢަރަބި ފަލަސްތީނީން އިސްރާއީލުން ބޭރުކޮށް ، ފަލަސްތީނުގެ އާ ޤައުމަށް ބަދަލުކޮށް ، ބަދަލުގައި އެބިންތަކަށް ފަލަސްތީނުގައި ދިރިއުޅޭ ޔަހޫދީން ގެނައުމެވެ.

އެމެރިކާގެ ރައީސް ކްލިންޓަން ، ޕީއެލްއޯގެ ޒަޢީމް ޢަރަފާތު ، އިސްރާއީލުގެ ބޮޑުވަޒީރު ރަބީން . އޮސްލޯ މުޢާހަދާއަށްފަހު

އދ އާއި ދުނިޔޭގައި ލެއްވިހާ ޖަމާޢަތްތަކާއި ޤައުމުތަކުން ، ފަލަސްތީނުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ފާސްކޮށްފައިވާ ، މުޢާހަދާތަކާއި ، އެއްބަސްވުންތަކާ އަދި ، ގޮވައިލުންތަކުގެ އެއްވެސް އަގެއްނެތެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ، އިސްރާއީލުން އެހަދަނީ ހަދާނެގޮތެކެވެ. މަރަންބޭނުންވީމަ މަރަނީއެވެ. ގެދޮރުން ބޭރުކޮށް ރޭޕްކޮށް ޤައުމުން ބޭރުކުރަންވީމަ އެކަންވެސް ކުރަނީއެވެ. ދުނިޔެއޮތީ ބީރުކަންފަތެއްދީގެންނެވެ. 21 ވަނަ ޤަރުނުގައި ދުނިޔެ ތަޖުރިބާކުރާ އިންސާނީ ޙައްޤުތަކާއި ، ޢަދްލު އިންސާފަކީ ، ފަހެ މިއީތޯއެވެ ؟ އެމެރިކާއާއި އިނގިރޭސި އަދި ފަރަންސޭސިވިލާތުގެ ޢަދްލު އިންސާފު އޮންނަގޮތަކީ މިއީތޯއެވެ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.