އަންގާރަ ދުވަހަކީ ފަލަސްޠީނު މީހުން 45 ވަނަ 'ބިމުގެ ދުވަސް' ފާހަގަކުރި ދުވަހެެެވެ. އުތުރު ޖަލީލުގެ ފަލަސްޠީނު މީހުންގެ ބިންތައް އިސްރާއީލުން ނެގުމާ ދެކޮޅަށް އިސްރާއީލުގެ އަރަބި ރައްޔިތުންނާއި ހިފާފައިވާ ބިންތަކުގެ ފަލަސްޠީނުމީހުން 1976 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ކުރި މުޒާހަރާތަކުގެ ތެރެއަށް ބަޑިޖަހައި 6 މީހުން މަރާލައި ސަތޭކަ މީހުން ޒަޚަމްކޮށްލިއެވެ. ބިމުގެ ދުވަސް ފާހަަގަކުރަނީ އެދުވަހުގެ ހިތާމަވެރި ހަނދާންތައް އާކުރުމަށެވެ.
މިއަަހަރުގެ ބިމުގެ ދުވަސް ފާހަގަކުރުމާ ދިމާކޮށް ޕެލެސްޓީނިއަން ސެންޓްރަލް ބިއުރޯ އޮފް ސްޓޭޓިސްޓިކްސް (ޕީސީބީއެސް) އިން ވަނީ އިސްރާއީލުން އަތްގަަދަކޮށްފައިވާ ފަަލަސްޠީނުގެ ބިންތަކާ ބެހޭ ބައެެއް ތަފްސީލުތައް ހާމަކޮށްފައެެވެ،
އެ ތަފްސީލުތަކުގައި ވާގޮތުން 1920 އިން 1948 އަށް އިނގިރޭސިންގެ ދަށުގައިި ފަލަސްޠީނު އޮތްއިރު އެތަނުގައި ތިބި ޔަހޫދީންގެ ނިސްބަތަކީ %6.2 އެވެ.
"މިއަދު އިސްރާއީލުން ދަނީ އިހުގެ ފަލަސްޠީނުގެ %85 ކޮންޓުރޯލުކުރަމުން." ޕީސީބީއެސްއިން ބުނެފައި ވެއެެވެ.
އިސްރާއީލާއި ފަލަސްޠީނުން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރި 'އޮސްލޯ އެކޯޑް' ނާޖާއިޒު ފައިދާ އިސްރާއީލުން ނަގަމުން ދާކަމަށްވެސް ޕީސީބީއެސްއިން ވަނީ ތުހުމަތުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް އޭ، ބީ އަދި ސީ އަށް ގިންތިކޮށްފައިވާއިރު، ސީ ގިންތީގައި ހިމެނޭ ބިމުގެ %76 ވަނީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ.
އެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިހާރު އުޅަނގު އައްސޭރީގައި 6 ލައްކަ 88 ހާސް ޔަަހޫދީން ދިރިއުޅެއެވެ. އޭގެތެރޭން %46 މީހުން ދިރިއުޅެނީ އިރުމަތީ ޤުދްސުގައެވެ.
1995 ވަނަ އަަަހަރު އިސްރީއާލާއި ފަލަސްޠީނު ސަރުކާރާ ދެމެދު ސޮއިކުރި 'އޮސްލޯ އެކޯޑް' ގައި ހުޅަނގު އައްސޭރީގެ ބިންތައް ތިން ގިންތި (އޭ، ބީ، ސީ) އަށް ބަހާފައިވާއިރު، އިސްރާއީލުން ދަނީ ސީ ގިންތީގެ ބިންތަކުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަން ފަލަސްޠީނު މީހުންނަށް ހުއްދަދިނުމަށް ދެކޮޅުހަދަމުންނެވެ. އެއްބަސްވުމުގައި ވާގޮތުން ސީ ގިންތީގެ ބިންތަކުގެ އިދާރީ އަދި ސަލާމަތީ ކަންކަން ބަލަހައްޓާނީ އިސްރާއީލުންނެވެ.
ސީ ގިންތީގެ ބިމުގައި 3 ލައްކަ ފަލަސްޠީނު މީހުން ދިރިއުޅޭއިރު، އޭގެތެރޭން ގިނަ މީހުންނަކީ ގެރިބަކަރި ހުއި ހެއްޕުމުގައި އެއްތަނުން އަނެއް ތަނަށް ބަދަލުވާ، ފޭލިގެތަކާއި، ހޮހޮޅަތަކުގައި ދިރިއުޅޭ މީހުންނެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުން ގަބޫލުކުރާ ގޮތުގައި ހުޅަނގު އައްސޭރިއާއީ ޣައްޒާއާއި އިރުމަތީ ޤުދްސަކީ ހިފާފައިވާ ބިންތަކެވެ. އަދި އެބިންތަކުގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކަކީ ގާނޫނާ ޚިިލާފު ތަންތަނެވެ.
ހިފާފައިވާ ބިންތަކުގައި 45 ވަނަ ބިމުގެ ދުވަސް ފާހަަގަކުރުމަށް ކުރިއަށް ދިޔަ މުޒާހަަރާތައް ރޫޅާލަން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ.