އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގާފައިވާ އަދި ހިންގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ބެލުމަށް އޮފީސް އޮފް ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) އިން އެކުލަވާލާފައިވާ ކޮމިޝަން އޮފް އިންކުޔަރީ އޮން ދި އޮކިއުޕައިޑް ޕެލެސްޓީނިއަން ޓެރިޓަރީއަށް މެންބަރުން އައްޔަންކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސު ނަޒްހަތު ޝަމީމް ޚާން ހާމަކުރެއްވި ގޮތުގައި އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެކުނު އެފްރިކާގެ ނަވީ ޕިއްލޭ، އިންޑިޔާގެ މިލޫން ކޮޓާރީ އަދި އޮސްޓްރޭލިޔާގެ ކްރިސް ސިޑޯޓީއެވެ.
މި ކޮމިޝަންގެ ޗެއާޕާސަނަކަށް އައްޔަންކުރައްވާފައި ވަނީ ނަވީ ޕިއްލޭއެވެ. އޭނާއަކީ ދެކުނު އެފްރިކާގެ ހައިކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ ދޮން ނޫން އަންހެން ބޭފުޅާއެވެ. އަދި އޭނާ ވަނީ 2008 އިން 2014 އަށް ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ މަގާމު ފުރުއްވާފައެވެ.
"ތަކުރާރުވަމުންދާ ނުތަނަަވަސްކަމާ، ހަމަނުޖެހުމާ، ދެކޮޅުވެރި އަަަމަލުތައް ނުހުއްޓި ދިގު މުއްދަތަކަށް ދެމިގެން ދިއުމުގެ އަސްލަަކަށް ވާ ސަބަބުތައް ހޯދުން" އެއީ މި ކޮމިޝަންގެ މަައިގަނޑު މަގުސަދެވެ. މިކަން ކުރާއިރު، ރާވައިގެން ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހިންގުމާއި، ގައުމީ، ނަސްލީ އަދި ދީނީ ގޮތުން ބަލައި އަނިޔާކުރުމުގެ މައްސަލައްތައް ކޮމިޝަނުން ބަލާނެއެވެ.
އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކުގެ ހަގީގަތް ހޯދުމަށް ބައިނަލްއަގުވާމީ މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލުން ފާސްކުރީ ފާއިތުވި މޭ މަހުގައެވެ.
އިސްރާއީލުން ހިފާފައިވާ ބިންތަކުގެ "އިންސާނީ ހައްގުތަކުގެ ނުރައްކާތެރި ހާލަތު"އާ މެދު މަޝްވަރާކުރުމަށް އެ ފަހަރު ބޭއްވި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުއްލި ބައްދަލުވުން ނިމުނީ ހަގީގަތް ހޯދާ ކޮމިޝަނެއް އެކުލަވާލުމަށް ފަލަސްޠީނުން އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ކޯޑިނޭޓަރުގެ ހައިސިއްޔަތުން ޕާކިސްތާނުން ހުށަހެޅި ގަރާރު ފާސްކުރުމަށް ފަހުއެވެ.
މި ގަރާރު ފާސްވީ 24 ގައުމުގެ ވޯޓާއެކުގައެވެ. 8 ގައުމަކުން ދެކޮޅަށް ވޯޓު ދިންއިރު، 14 ގައުމަކުން ވޯޓުގައި ބައިވެރިވެފައި ނުވެއެެވެ.
ފަލަސްޠީނު މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ހިފާފައިވާ ބިންތަކުގައި އާއްމު ކަމަކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްޠީނުގެ ޖަމާއަތް، 'މުސާވާ' އިން ބުނެފައިވާ ގޮތުގައި މިއަހަރު ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިސްރާއީލު ސިފައިން 2150 މީހުން ހައްޔަރުކޮށްފައިވާއީރު އޭގެތެރޭން %90 މީހުންނަކީ ފަލަސްޠީނު މީހުންނެވެ.