ހުޅަނގު އައްސޭރިއަށް އިސްރާއީލު ސިފައިން އަރައި ފަލަސްޠީނުގެ 5 މީހަކު ޝަހީދުކޮށްލައިފި

ފަލަސްޠީނު 3 ޒުވާނުން ޝަހީދުވީ ތަނުގައި ބަޔަކު މަޑުކޮށްލައިގެން

އިސްރާއީލުން ގަދަކަމުން އަރައި ހިފައިގެން އުޅޭ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖެނީނާއި، ރާމަﷲ ގެ އަަވަށްތަކަަށް ރޭގެ ވަގުތެއްގައި އަރައި ފަލަސްޠީނުގެ އާއްމުންގެ 5 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުޙައްމު ހުލައިލް ބުނިގޮތުގައި ޒުވާނުންގެ ތެރެއިން 3 ޒުވާނުންގެ ގަޔަށް ބަޑިޖަހާފައި ވަނީ ރާމަﷲގެ ހުޅަނގުގައި އޮންނަ ބިއްދޫ އަވަށުގައެވެ. އަދި  އެކަކުގެ ގަޔަށް ބަޑިޖަހާފައިވަނީ ޖެނީންްގެ ދެކުނުގައި އޮންނަ ބްރްޤީން އަވަށުގައެވެ. 4 ޒުވާނުން ޝަހީދުވެފައިވާކަން ފަލަސްޠީނުގެ އޮފިޝަލް ކަށަވަރުކޮށްދެއްވާފައި ވާއިރު، ބަރްޤީން އަވަށުގައި އިތުރު ޒުވާނަކު ޝަހީދުވެފައިވާ ކަމަށާ، އޭނާގެ ހަށިގަނޑު އަދި އޮތީ އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް އެސަރަހައްދުގެ މީހުން ބުނެފައި ވެއެވެ.

ރޭ ދަންވަރުއްސުރެ ޖެނީން އަދި ރާމަﷲ ސަރަހައްދުގައިވާ އަވަށްތަކުގައި ދަނީ ފަލަސްޠީނުގެ ޒުވާނުންނާއި، އިސްރާއީލު ސިފައިންނާ ދެމެދު ކުރިމަތިލުން ހިނގަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ބަޔާނެއްގައިވާ ގޮތުން ޖަނީނާއި، ރާމަﷲ ސަރަަހައްދުގައި އިސްރާއީލު ސިފައިން ސްޕެޝަލް ފޯސަސްްއާއި ފަލަސްޠީނުގެ ޒުވާނުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ސިފައިންގެ މީހަކަށާއި، ސިފައިންގެ އޮފިސަރަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

ފަލަސްޠީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި ބަރްޤީންގައި ޝަހިދުވި ޒުވާނާ ޝަހީދުވެފައި ވަނީ ސިފައިންނާ ޒުވާނުންނާ ހިނގި ކުރިމަތިލުމަކަށް ފަހު، ސިފައިން ގެއެއް ވަށާލައި އެގެއަށް ބަޑިޖެހުމުގެ ތެރޭގައެވެ. އަނެއް ތިން ޒުވާނުން މަރެފައި ވަނީ ބިއްދޫ އަވަށުގެ ކައިރީގައި އޮންނަ ބައިތު ޢަނާންގައި ފަލަސްޠީނު މީހުންނަ އިސްރާއީލު ސިފައިންނާ ދެމެދު ބަަދަލުކުރެވުނު ބަޑިގެ ހަމަލާތަކެއްގައެވެ.

އިސްރާއީލު އަސްކަރިިއްޔާއިން ބުނެފައި ވަނީ، ސިފަައިން ހިންގީ "ހަމާސްގެ ހަނގުރާވެރިން"ނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމުގައެވެ. އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނިގޮތުގައި ރޭ ކުރިއަށް ދިޔަ އޮޕަރޭޝަނަކީ ހަމާސްއާ ގުޅުން ހުރި ބަޔަކު ހައްޔަރުކުރަން ހިންގާ އޮފަރޭޝަނުގެ ބައެކެވެ. މި އޮޕަރޭޝަން ހުޅަނގެ އައްސޭރީގެ ތިން ސަރަހައްދެއްގައި ކުރިއަށް އެބަދެއެވެ.

އިސްރާއީލު ސިފައިންގެ  ރަހުމްކުޑަ އުދުވާނާ ގުޅިންގެން ހަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) އިން ވަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި އިސްރާއީލާ ދެކޮަޅަށް އިހުތިޖާޖު ވަރުގަދަކުރުމަށް ގޮވާލާފައެވެ.

"އަހަރުމެންގެ ޝަހިދުންގެެ ލޭ ބޭކާރުވެގެން ނުދާނެ.... ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނަސް އަހަރުމެންގެ ބިމުން އެބިން ހިފައިގެން ތިބި މީހުން ނުބޭލެނީސް ދުޝްމަނުންނާ ކުރިމަތިލުމުގައި އަހަރުމެން ދެމި ތިބޭނަން." ހަމާސްގެ ބަޔާނުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.