އޯ.ޓީ.އެމް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މަހުމާނެއްގެ ގޮތުގައި ޑރ. މައުސޫމް

އިންޑިއާގެ މުމްބާއިގައި ކުރިއަށްދާ ޓޫރިޒަމް ފެއަރ، އޯ.ޓީ.އެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރފުވެރި މެހްމާނެއްގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ބައިވެރިވެ ވަޑައިގެންފިއެވެ.

މިފެބްރުއަރީ މަހުގެ 2 އިން 3 އަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ގައި ކުރިއަށް ދާ މިފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒްއެކްސެލެންސީ އިބްރާހީމް ޝަހީބުއާއި އެކި ޤައުމުތަކުގެ އިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އަދާކުރަށްވާ މުހިއްމު ރޯލު ފާހަގަކޮށް، މިނިސްޓަރ ޑރ. މައުސޫމް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރާއި، އެޤައުމުގެ ފިލްމީ ތަރިން އަދާކޮށްދެއްވާފައިވާ މުހިއްމު ރޯލު ފާހަގަކުރައްވާ އެފަރާތްތަކަށް ޙާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ. އަދި ފާއިތުވެދިޔަ 3 އަހަރު ނިމިގެން ގޮސްފައިވަނީ އިންޑިއާ މާރކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެއްވަނަ މާރކެޓްގެ ގޮތުގައި އޮވެގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތައްފަހު މިނިސްޓަރ ވަނީ އޯ.ޓީ.އެމް ގެ ސްޓޯލް ތަކަށް ޒިޔާރަތްކުރަށްވާފައެވެ. އަދި ރާއްޖޭގެ ސްޓޯލަށް ވަޑައިގެން ރާއްޖެ ތަމްސީލުކުރަށްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުވަށް އެފަރާތްތަކުން ކުރަށްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، މިނިސްޓަރ ވަނީ އެފަރާތްތަކަށް ހިތްވަރު ދެއްވާ ޝުކުރުދަންނަވާފައެވެ.

މިނިސްޓަރ އޯ.ޓީ.އެމްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ކުރަށްވާ މިދަތުރުގައި އޯ.ޓީ.އެމް ގެ ހަވާސާގައި، އިންޑިއާގެ ފިލްމް އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި ޑިސްޓިބިއުޝަން ޗެނަލްތައް ކަމުގައިވާ އެމެޒަން އާއި ނެޓްފްލިކްސް އަށް އާމާޒުކުރެވިގެން ކުރިއަށް ގެންދެވުނު ހާއްސަ ބައްދަލުވުމެއްގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ މޫވީ ޑެސްޓިނޭޝަން އަކަށް ޤައުމުތައް ހެދުމާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން، އާރޖެންޓީނާ އާއި ސައުދީއަރަބިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގެން، ފިލްމް ޓޫރިޒަމް ކުރިއެރުވުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި ފިލްމު ޓޫރިޒަމް ކުރިއެރުވުމަށް، ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކޮށް އެހީތެރިވެދެއްވާނެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އޯ.ޓީ.އެމް އިންތިޒާމު ކުރި ފަރާތުގެ ހާއްސަ ދަޢުވަތަކަށް މިނިސްޓަރ ޑރ. މައުސޫމް ކުރެއްވި މިދަތުރުގައި، އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބު އަސްޢަދު ރިޟާ އާއި އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަބީރު އިސްމާޢިލް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ފެއަރ އިންތިޒާމުކުރި ފަރާތުން މިނިސްޓަރ އަށް މަރުހާބާ ދަންނަވާފައިވާއިރު، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ އިބްރާހިމް ޝަހީބު، މުމްބާއީ އެއަރޕޯޓުން މިނިސްޓަރ އަށް މަރުޙަބާ ދަންވަނައި، މިނިސްޓަރގެ ވަފުދާއި ގުޅިވަޑައިގެންނެވިއެވެ.

އޯ.ޓީ.އެމް އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ބޭއްވޭ އެމްނެ ބޮޑު ޓޫރިޒަމް ފެއަރއެވެ. މިފަހަރުގެ މިފެއަރގެ ގެ ލީޑް ޕާޓްނަރަކީ ސައުދީއަރަބިއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.