ރިސޯޓްތަކުގައި މަސައްކަތް ކުރާ ދުރު ރަށްރަށުގެ މުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ރޭވިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
އާފަތިހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ މިކަން ފުރަތަމަ ކުރައްވާނީ ތަޖުރިބާ ކުރެއްވުމުގެ ގޮތުން ކަމަށެވެ. ރަނގަޅު ކަމަކަށްވާނަމަ މިފަދަ އިތުރު ތަންތަން ނައިޓަށް ދެވޭގޮތަށް ހެދުމުގެ ވިސްނުން ގެއްޅުއްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
" އަސްލު ވިސްނުމަކި ނައިޓަށް ދެވޭނެ ގޮތް ހެދުން. އުތުރުގެ ރިސޯޓެއް ހިންގާ ފަރާތަކުން އެޗޭނުގެ އާ ރިސޯޓެއް އައްޑޫ ނުވަތަ ހުވަދޫގައި ހުޅުވަންޏާ، ތަޖުރިބާ ލިބިފައިތިބި މުވައްޒަފުން ދެކުނުގެ ރިސޯޓަށް ގެންދަން ބޭނުންވާނެ. އެފަދަ ޙާލަތެއްގައި ދިރިއުޅޭ ރަށަކަށް އެމުވައްޒަފުންނަށް ނައިޓަކަށް ނުދެވޭނެ. އެގޮތަށް ދިރިއުޅޭ ރަށްރަށާ ދުރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިފަދަ ރެސިޑެންސްތައް ހަދަން ގަސްތުކުރަނީ. އޭރުން ފިރިންނަށް އަނބިދަރިން ގާތަށް ނައިޓަށް ދެވޭނެ. އަދި އަނބިންނަށް ފިރިދަރިން ގާތަށް ނައިޓަށް ދެވޭނެ. " ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމު ވިދާޅުވިއެވެ.
ރިސޯޓްތަކުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ވެސް މަސައްކަތް ކުރަމުންދާއިރު ފިރިހެންނުން އަނބިދަރިން ގާތަށް ދާންޖެހޭ ގޮތަށް އަނބިންވެސް ފިރިދަރިން ގާތަށް ދާންޖެހޭނެކަމަށް ޑރ. މަސޫމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިފަދަ ބޯހިޔާވަހިކަން ދެ ޖިންސުގެ މުއައްޒަފުންނަށް ވެސް ހަމަޖައްސަވައި ދެއްވާނެކަަމަށް ވިދާޅުވިއެވެ. މިފަދަ ރެސިޑެންސް ނުވަތަ ބޯހިޔާވަހިކަން ހަމަޖައްސައި ދެއްވުމަށް ޕްލޭން ކުރައްވައިފައި ވަނީ ތަޢުލީމާއި ޞިއްޙީ ކަންކަންވެސް ރަނގަޅު ފެންވަރެއްގައި ލިބެންހުރި އަދި އެނޫންވެސް ގިނަ ފުރުޞަތުތައް ހުރި ތަނެއްގައިކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތަށް ނިންމެވީ އެފަދަ އާއިލާތަކަށް ދަރިންނަށް ބޭނުންވާ ތަޢުލީމާއި އެނޫންވެސް އަސާސީ ޚިދުމަތްތައް ވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވިދޅުވިއެވެ.
ވަޒީފާ ބެހޭ ޤާނޫނުގައި ބުނާ ގޮތުން ރިސޯޓް މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރަށަށް ދިއުމުގެ ޙައްޤު ލިބިގެން ވެއެވެ.