މަސްތުވާތަކެތި ގެއްލުމުން އެކަމަށް އެއްވެސް އިދާރާއަކުން ޒިންމާ ނުނަގާތީ ކަންބޮޑުވޭ: އެމްއެންޕީ

ފޮޓޯ: އެމްއެންޕީ

އަތުލައިގަންނަ މަސްތުވާތަކެތި ގެއްލުމުން އެކަމަށް އެއްވެސް އިދާރާއަކުން ޒިންމާ ނުނަގާތީ އެމްއެންޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެންޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތި އަތުލައިގަންނަ ފަހުން، އެ ތަކެއްޗާއި، އެތަކެތި އެތެރެކުރި މީހުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވަނިކޮށް، މަސްތުވާތަކެތި ގެއްލުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގާފައިވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ޤައުމީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ގިނަ ޒުވާނުން މަސްތުވާތަކެތީގެ މަސްތުން ނުނެއްޓިގެން އުޅޭ އުޅުން ކަމަށާއި މިއީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް، ރާއްޖެ އެތެރެކުރުން މުޅިން މަނާ މިފަދަ އެއްޗެއް ވީނުވީއެއް ނޭނގި ނިޒާމުން ގެއްލުމަކީ މުޅި ދިވެހި ދައުލަތުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ މުހިއްމު މުއައްސަސާތަކުގެ ޤާބިލްކަމާ، ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭފަދަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައި، ހިނގާދިޔަ ހާދިސާތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤުކުރައްވާ، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ގެއްލުވާލުމުގެ މި މައްސަލަތައް ތަޙުޤީޤުކުރުމާއި، އަދިވެސް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށެވެ. އަދި މިކަމުގައި މިހާތަނަށްވެސް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަހެއް ބުނެފައި ނުވާ ކަމަށެވެ.

ހަމަމިއާއެކު މިކަންކަން ބަލައި ސަރުކާރާއި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރުކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅޭ ދެ ކޮމިޓީ ކަމުގައިވާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މި މައްސަލަ އެ ޕާޓީގެ ފަރާތުން މިހާރު ވަނީ ހުށަހަޅާފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.