ދެކަފި - 92

(16 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަހަރެންގެ ދިރިއުޅުން މިވަނީ ވަރަށް ނާޒުކް ފައްތަރެއްގެ މަތީގައެވެ. އެހުރިހާ ތަކުލީފަކުން ދުރުހެލިވުމށްޓަކައި ކައިވެނީގެ ގުޅުން ދަމަހައްޓާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދިރިއުޅުމުގައި ، ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ، އަހަރެންފަދައިން ކޮންމެ މީހަކަށްވެސް ކުރިމަތިވާނީ މިފަދަ ތަކުލީފާއި ހިތްދަތި ކަމެވެ. ދުނިޔޭގެ ކެހިވެރި މަޅިތަކުން ސަލާމަތްވެގެން ، ތަކުލީފާއި އުނދަގުލުން ދުރުހެލިވެގެން އެއްނޭވާ ލެވުނިއްޔާ އަނެއް ނޭވާ ލާން ޖެހޭނީ ހަމަ އެ ތަކުލީފާއި އުނދަގުލާ އެކުގައެވެ. ފުރާނަ ދިއުމާއި ދިރިހުރުން އެއީ ،  އެމީހެއްގެ ނަޞީބުގައި ލިޔެވިފައިވާ ގޮތެއްގެ މަތިން ނިމިދާ ކަމެކެވެ.

ހުރިހާ ކަމެއްވެސް ، މިހިސާބަށް އައީ ރަނގަޅަށެވެ. ޒަރޫން އަހަރެންނަށް އޮޅުވައިލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ ޒަރޫންގެ ކުދިންނަށް އަހަރެން ބަލިވެ އިންދާ ، މިޙާލަތުގައި ، އެފަދަކަމެއް ކުރަން ޒަރޫންއަށް މަޖުބޫރު ކުރީ ކޮންކަމެއް ހެއްޔެވެ ؟ އަހަރެން ޒަރޫންއަށް ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ ؟ ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ ؟ ހަމަހިމޭންކަމުގެ އެ ދަންވަރުގައި އެފެނުނު ހުވަފެނުގެ އަސަރުގައި ޚިޔާލުތަކުގެ ތެރެޔަށް ގެއްލި ، ހަމަހިމޭންވެފައި އެނދުމަތީ ކޮޅަށް ޖެހިގެން ކަޝަފް އިނެވެ.

ޒަރޫންއަށް އޮތީ ނިދިފައެވެ. މަޑުމަޑުން ލޯހުޅުވުމާއެކު ބާލީހުގައި މޫނު ކާއްތައިލުމަށްފަހު ކަޝަފަށް ގޮވައިލިއެވެ. ދެވަނަ ފަހަރަށްވެސް އޭނާ ކަޝަފަށް ގޮވައިލިއެވެ. މޫނު ވަތަށް ޖަހައިގެން އޮވެ ، ނިދިން ރަނގަޅަށް ހޭލެވުމާއެކު ، އެރޭ ހިނގި ކަންތައްތައް ޒަރޫންގެ ހަނދާނަށް އައެވެ. އަދި ، ކަޝަފް ގޭގާއި ނެތްކަންވެސް ހަނދާން ވިއެވެ. ގޮތް ދޫނުކުރާ އެއަންހެނާ ޒަރޫން ދޫކޮށްލާފައި އެރޭ އެގެއިން ނުކުމެގެން ދިޔަކަން ހަނދާން ވިއެވެ. އަދި އެނާގެ ހިތާ ވާހަކަ ދައްކަން ފެށިއެވެ.

ދެން އަހަރެން އެ އަންހެނާ ގެޔަކަށް ނުގެންނާނަމެވެ. އެ އަންހެނާ އަހަރެންގެ ސިކުނޑި މުޅިން ކާލައިފިއެވެ. އެކަމަކު އެއީ ހަމަ ރަނގަޅަށެވެ. މާލަސްނުވެ އަހަރެންގެ ސިކުނޑި އެކަމަށް ހުޅުވުނީމައެވެ. އެ އަންހެނާ އާ ނުލާ އަހަރެން ދެންވެސް ދުނިޔޭގައި އުޅެފާނަމެވެ. އެއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ ؟ ގެއިން ނުކުމެގެން ދިޔައިމަ އަހަރެން އޭނާގެ ފަހަތުން ގޮސް އާދޭސް ކުރާނެ ކަމަށް ހެއްޔެވެ ؟ ނޫނެކެވެ. ކަޝަފަށް އާދޭސްކުރާކަށް އަހަރެންނެއް ނުދާނަމެވެ. އެއީ އެވަރުގެ އަންހެނެއް ނޫނެވެ. އޭނާ ބޭނުންތަކަށް ގޮސް އުޅޭށެވެ. އަހަރެންނެއް އޭނާގެ ފަހަތަކުންނެއް ނުދުވާނަމެވެ.

ކަޝަފް އަދިވެސް އިނީ މަންމަގާތު އެވާހަކަ ދައްކާނެ ގޮތެއް ނޭނގިފައެވެ. މެންދުރު ކާން އިށީނދެފައިވެސް އެއްވެސް އެއްޗެއް ކާހިތެއް ނުވިއެވެ. ބަލިވެ އިންނަ ދުވަސްވަރު ނުކައި ކަމަކު ނުދާނޭ ބުނެ ކަޝަފަށް އެއްޗެއް ކާންދެވޭތޯ ރާފިޢާ ވަރަށް މަސައްކަތް ކުރިއެވެ. ޒަރޫން އެހުރީ ކަޝަފް ގެ ކެއުމާމެދު މާބޮޑަށް ފަރުވާބަހައްޓާފައި ކަމުގައި ވެދާނެކަމަށް ރާފިޢާއަށް ފެނުނެވެ.

ޒަރޫންއަށް ކާއެއްޗެތި ހަދައިދީ ރަނގަޅަށް ކާންދިނުމާބެހޭގޮތުން ރާފިޢާ ، ކަޝަފަށް ފިލާވަޅު ނަގައިދެމުން ގެންދިޔައެވެ. ބޭރުން ގެންނަ ކާނާއަށްވުރެ ގޭގައި އަނބިމީހާ ހަދާ ކާތަކެތި ފިރިހެނުންނަށް މީރުވާނެކަމުގައި ބުނެ ރާފިޢާ ނަޞޭޙަތް ދެމުން ގެންދިޔައެވެ. ގޭގައި ނުހުރެވެންޏާ ފްރިޖަށްލާފައިވެސް ބަހައްޓަން ލަފާ ދިނެވެ. މަންމަގެ ހާސަރުގެ ތެރެއިން ޒަރޫންގެ ނަން މާގިނައިން ކަޝަފަށް އިވެންފެށީމަ ، ޒަރޫންގެ މަތިން ހަނދާންވިއެވެ. އޮފީހަށް ދާނީ ހެނދުނު ނާސްތާ ކޮށްގެން ނޫންކަމެއްވެސް ނޭނގެއެވެ. އޮފީހުން ގެޔަށް އަންނާނީވެސް އެހާ ލަހުންނެވެ. އެއީ ކުޑަ ކުއްޖެއް ނޫނެވެ. ބަނޑުހައި ވެއްޖިއްޔާ ކާނެއެވެ. ގެއިން އެއްޗެއް ނުކައިފިއްޔާ އޮފީހުން ކޮންމެވެސް އެއްޗެއް ކާނެއެވެ.

ޒަރޫން ގެއިން ނުކުތީ އެއްވެސް އެއްޗެއް ނުކައެވެ. ނާސްތާކުރަން މޭޒުދޮށުގައި އެތައް އިރަކު އިން އިރުވެސް އޭނާއަށް އެއްޗެއް ކެވޭގޮތެއް ނުވިއެވެ. މެންދުރަށްވެސް ، ރޭގަނޑަށްވެސް އެއްޗެއް ހަދާނެކަމެއް ނެތްކަމުގައި ނޯކަރު ގާތު ބުންޏެވެ. އޮފީހަށްގޮސް ، ޕްރެޒެންޓޭޝަނެއްގެ ތެރޭގައި އިންއިރުވެސް އޭނާއަށް އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއާ ކުރެވުނު ސުއާލަށްވެސް ޖަވާބުދޭކަށް ނޭނގުނެވެ.

އޭނާގެ ޚިޔާލުގައި އެނބުރެމުންދަނީ ޒަރޫންއެވެ. ޒަރޫންއާއެކު ހޭދަކުރެވުނު ވަގުތު ތަކެވެ.

" ކަޝަފް އެވެ ! އަހަރެންނަކީ އެއް އަންހެނަކަށް ޚާއްޞަ މީހެކެވެ. " ޒަރޫން ބުންޏެވެ.

ޒަރޫން އެބުނި ބަހަކަށް ކަޝަފް ޖަވާބު ދިނީ އޭގެ އިދިކޮޅަށެވެ. އެއީ ފިރިހެނުންނަކީ ދޮގު ހަދާ ވަރުބަލިވާނެ ބައެއް ނޫންކަމަށް ބުނެއެވެ. އެހެން އެބުނީ ކީއްވެތޯ ޒަރޫން ސުއާލު ކުރިއެވެ.

" އަހަރެންނަކީ އެއް އަންހެނަކަށް ޚާއްޞަ މީހެކެވެ. " ޒަރޫން ބުނިބަސް ކަޝަފް ތަކުރާރު ކޮށްލިއެވެ.

ކައިވެންޏަށްފަހު ޒަރޫންއަކީ ބަދަލުވެފައިވާ މީހެކެވެ. އޭނާގެ އަންހެނުންނަށް ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނެއެވެ. އެކަން ކަޝަފަށް ޔަޤީނެއް ނުކުރެވޭތޯ ޒަރޫން ސުއާލު ކުރިއެވެ. ކަޝަފް ބުނީ އޭނާއަށް އެކަން ޔަޤީންކުރުމަށް ވަގުތުކޮޅެއް ދިނުމަށެވެ. އޭރަށް އެކަން ޔަޤީން ކުރެވިދާނެ ކަމުގައެވެ. އަދި ޒަރޫންގެ ހުރިހާ ތެދަކާ ދޮގެއް އޭރަށް ފަޅާ އަރާނެކަމުގައެވެ. ދެމަފިރިންނަކީ އެކަކު އަނެކަކަށް އިތުބާރު ކުރަންޖެހޭ ދެމީހުންނެވެ. އެކަމަށް ކަޝަފް އެއްބަސް ވަންތޯ ޒަރޫން ސުއާލު ކުރިއެވެ. އެކަމަށް ކަޝަފްވެސ އެއްބަހެވެ. އެއީ އެކަން އޮންނަންވާނެގޮތް ކަމުގައި ކަޝަފް ޔަޤީން ކުރެއެވެ. އެކަމަކު ތެދުވެރިވުމުގައި ދެލޯ މަރާފައި ، އެކަން ޔަޤީންކުރަންޖެހޭނެކަމަކަށް ކަޝަފް ޤަބޫލެއް ނުކުރެއެވެ.

" އޭގެ މާނަޔަކީ ، ކަޝަފަށް އަހަރެން ބޭވަފާތެރިވެދާނެ ކަމަށް ޤަބޫލު ކުރުން ހެއްޔެވެ ؟ " ޒަރޫން ސުއާލު ކުރިއެވެ.

ކަޝަފް އެބުނީ ކަނޑައެޅިގެން އެހެން ނޫންކަމަށް ބުންޏެވެ. އެކަމަކު ، ކަޝަފްގެ ވާހަކައިން ޒަރޫންއަށް ނެގުނީ އެމާނައެވެ. އަދި ޒަރޫންގެ ޢަމަލުތަކުން ކަޝަފަށް އޭނާ ކެއްސެއް ދީފާނެކަމަށް ޤަބޫލުކުރެވޭތޯ ޒަރޫން ސުއާލު ކުރިއެވެ. ނޫނެކެވެ. އެކަހަލަ ކަމެއް އަދި ނުފެންނަކަމުގައި ކަޝަފް ބުންޏެވެ. ޒަރޫން ، ކަޝަފްގެ އަތުގައި ހިފައިލާ ، އެކަހަލަ ކަމެއް ކަޝަފްގެ ހިތުގައި އޮތްނަމަ އެކަމެއް ހިތުގައި ނުބާއްވާ ނެރެލުމަށް ޒަރޫން އެދުނެވެ. އެހެނީ ކައިވެނީގެ ފަހުން ، އެއްވެސް އަންހެން ކުއްޖާކާ އޭނާ އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވައެވެ. އޮތްނަމަވެސް ސިއްރެއް ނުކުރާނަމެވެ. ވަގުތުން ދެއަނތްބަށް އިންނާނީއެވެ. ކަޝަފްގެ އަތް ޒަރޫންގެ އަތުތެރެއިން ދަމައިގަތެވެ. އަދި ކަޝަފް ގެ ޠަބީޢަތް ކުއްލިޔަކަށް ބަދަލު ވިއެވެ. އަދި ދެވަނަ ކައިވެންޏެއް ކުރާނެކަމަށް ބުނެ ކަޝަފް ބިރުގަންނުވަނީތޯ ސުއާލު ކުރިއެވެ.

" ބިރުގަންނުވަންވީ ކީއްކުރަން ހެއްޔެވެ ؟ އަހަރެން މިބުނި އެއްޗެއްގެ މާނަޔަކީ ، ކުރާކަމެއް ފާޅުގައި ކުރާނެ ވާހަކައެވެ. " ޒަރޫން ބުންޏެވެ.

ޒަރޫންގެ ވާހަކައިން ، އޭނާއަށް ކަޝަފް ޝުކުރު އަދާކުރާނީކަމެއް ނުވަތަ ރުޅިއަންނާނީކަމެއް ނޭނގުނެވެ. ކަޝަފް އޭނާއާ ގާތަށް ގެނެސް ، ޝުކުރު އަދާކުރާށޭ ޒަރޫން ބުންޏެވެ. އެހެނީ ، ޒަރޫން ކަހަލަ ފިރިހެނަކު ކަޝަފަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެހިސާބުން ކަޝަފް ގެއްލިފައި އިން ޚިޔާލުތަކަށް ނިމުން އައެވެ. އޭނާގެ ލޮލުން އޭރު ކަރުނަ ފައިބަމުން ދެއެވެ. އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު ފޮތެއް ނަގައިގެން ކިޔަން ފެށިއެވެ.

ޒަރޫން އެކަނިމާއެކަނި ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ބަރާބަރު އެއްދުވަސް ވީއެވެ. ކަޝަފް އޭނާއަށް އެންމެ ފަހަރަކުވެސް ފޯނުކޮށެއް ނުލައެވެ. އެންމެ ދެރަވެގެން ކަރާޗީއަށް ދެވުނީމަ އަންގައިވެސް ނުލައެވެ. އެއީ ވަރެއްގެ އަންހެނެކެވެ.

ރޭގަނޑު ނިދުމުގެ ކުރިން ކިރުތަށްޓެއް ދިނުމަށްޓަކައި ރާފިޢާ ، ކިރުތަށްޓެއް ހިފައިގެން ކޮޓަރިޔަށް ، ކަޝަފް ގާތަށް އައެވެ. އެނދުގައި އިށީނދެލައި ޒަރަފް އަދިވެސް ފޯނު ނުކުރޭތޯ އެހިއެވެ. ކަޝަފް ނޫނެކޭ ބުނެ ޖަވާބި ދިނެވެ. އެކަމާ ރާފިޢާ ވަރަށް ކަންބޮޑުވިއެވެ. ވެގެންއުޅޭގޮތެއް އަދިވެސް ރާފިޢާއަކަށް ނޭނގެއެވެ. އިއްޔެ ކަޝަފް އައިފަހުން އަދިވެސް ޒަރޫން ގުޅާލައި ޚަބަރު ބަލައިލާފައެއް ނުވެއެވެ.

" ޚަބަރު ބަލައިނުލިޔަސް ވާނީ ކީއްހެއްޔެވެ ؟ އަހަރެންނަކަށްވެސް ފަރުވާލެއް ނެތެވެ. ޚަބަރު ނުބަލަންޏާ ނުބަލަންވީއެވެ. އަހަރެންވެސް ގުޅާކަށް ނެތީމެވެ. " ކަޝަފް ބުންޏެވެ.

އެވަރުންވެސް ކަޝަފްގެ މަންމަޔަކަށް ކަމެއްވެގެން އުޅޭ ހެންނެއް ހިއެއް ނުވިއެވެ. ކަޝަފްގެ ކަންބޮޑުވެފައިވާ މޫނުމަތިންނާއި އަޑުގައިވާ މޮޅިވެރިކަމުގެ އަސަރުގެ އެއްވެސް އިޙްސާސެއް ރާފިޢާއަކަށް ނުވިއެވެ. އެއީ ، އެކަހަލަ ކަމެއް އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް އަތުވެދާނެކަމަށް ހީކުރެވިފައި ނެތުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ. ކަޝަފް ފޯނުކޮށްފައި ގަދަވެ ސަލާމަތުން ހުރިވާހަކަ ޒަރޫންގާތު ބުނުމަށް ރާފިޢާ އެދުނެވެ. ކަޝަފްގެ އެއްވެސްކަމެއްގައި ޒަރޫން ކަންބޮޑެއް ނުވާނެއެވެ. ކަޝަފް އޮތީ މަންމައާ ދިމާއިން މޫނު އަނބުރައިގެންނެވެ. އެއީ އޭނާގެ ހާސްކަން މޫނުމަތިން މަންމަޔަށް ނުދައްކަން ވެގެންނެވެ. ޒަރޫން އުޅޭނީ ރައްޓެހިންނާ އެކީގައި އެހެން ނޫނިއްޔާ އޮފީސް ކަންކަމުގައި އަވަދި ނެތިއެވެ. ފޯނުކުރާނެ ވަގުތެއް ޒަރޫނަކަށް ނުލިބޭނެއެވެ.

" ކަޝަފް އެވެ ! ކަޝަފް ތިއައީ ޒަރޫންއާ މައްސަލައެއް ޖެހިގެން ހެއްޔެވެ ؟ " އެންމެފަހުން ރާފިޢާއަށް ވަހެއް ދުވައިގެން އަހައިލިއެވެ.

އޭނާ އެއައީ އެކަހަލަ ކަމެއް ވެގެންކަމުގައި މަންމަ ހީކުރުމަށް ކަޝަފް ބުންޏެވެ. ރާފިޢާ އެކަމާ ނިހާޔަތަށް ކަންބޮޑުވިއެވެ. އަދި އެއީ ކޮންކަމެއް ދިމާވެގެންތޯ ރާފިޢާ ސުއާލު ކުރިއެވެ. އެކަހަލަ ސުއާލު ނުކުރުމަށް މަންމަގެ ކިބައިން ކަޝަފް އެދުނެވެ. އަދި މަންމަގެ ސުއާލުގެ ޖަވާބު އޭނާއަށް ދެވެން ނެތްކަމުގައި ކަޝަފް ބުންޏެވެ.

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަ ޖެހޭނެކަމަށް ރާފިޢާ ބުންޏެވެ. މައްސަލައެއް ޖެހޭހާ ފަހަރަކު ގެއިން ނުކުމެގެން އަންނާކަށް ނުވާނެއެވެ. އެއީ މޮޔަ ނިންމުމެކެވެ. އަމްދުން ދުރުހިސާބެއްގައި ހުރެފައި އެކަހަލަ ކަމެއް ކުރާކަށް ނުވާނެއެވެ. ކަޝަފް އެއައީ އިސްލާމްއާބާދުން ދަތުރުކޮށްފައި ކަރާޗީއަށެވެ. ދޮޅުހާސް ވަރަކަށް ކިލޯމީޓަރު ދުރުންނެވެ. ބާރަށް ދުއްވާފައި ކާރެއްގައި އަޔަސް ، ބާރަ ގަޑިއިރާ ފަނަރަ ގަޑިއިރެއްހާ އިރު ވާނެއެވެ.

މަންމަ އެކަހަލަ ވާހަކަ ދައްކަންވީ ސަބަބެއް ކަޝަފަކަށް ނުވިސްނެއެވެ. ކަޝަފަކީ ކުދިކުދި ކަންކަމުގައި މައްސަލަބޮޑުކޮށް ، ފިރިމީހާއާ ރުޅި ހަދާފައި ގެއިން ނުކުމެގެން އަންނާނެ މީހެއް ނޫނެވެ. އެކަން ރާފިޢާއަށްވެސް އެނގެއެވެ. ކަޝަފް ގެއިން ނުކުމެގެން އެއައީ ކަމެއް ވެގެންނެވެ.

" ކަޝަފް ބޭނުމިއްޔާ މަންމަ ، ޒަރޫންއަށް ފޯނުކޮށްފާ ވާހަކަ ދައްކާލަ ފާނަމެވެ. މައްސަލައެއް އޮތިއްޔާ އެކަމުގެ ޙައްލުވެސް ހޯދޭނެއެވެ. " ރާފިޢާ ބުންޏެވެ.

ޒަރޫން އާއެކީ ދިރިއުޅެން ބޭނުންނަމަ ކަޝަފް ގެއިން ނުކުމެގެންނެއް ނާންނާނެއެވެ. އެހެން ނޫނަސް ، ކަޝަފް ގެއިން ނެރެލީ ޒަރޫނެއް ނޫނެވެ. ކަޝަފް އެއައީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޭނާގެ އަމިއްލަ ނިންމުމެއްގެ މަތިންނެވެ.

ރާފިޢާއަށް ލިބުނު ހާސްކަން ވަކިން ބޮޑުވިއެވެ. ޒަރޫންއާ އެކީ ދިރިއުޅެން ބޭނުން ނުވަންޏާ ކަޝަފް ބޭނުންވަނީ ކޮންގޮތެއްތޯ ރާފިޢާ ސުއާލު ކުރިއެވެ. އެހެންނަމަވެސް ، އެވާހަކަ ނޭހުމަށް މަންމަގެ ކިބައިން ކަޝަފް އެދުނެވެ. ކަޝަފަށްވެސް އޭނާ ބޭނުންވާގޮތެއް ސާފެއް ނޫނެވެ.

" ދަރިފުޅާއެވެ ! އަންނަ ރުޅީގައި ވިސްނައިނުލާ އަވަސް ނިންމުންތައް ނުނިންމާށެވެ ! ތިޔަ މައްސަލަ މިހާރު ގުޅިފައި ތިއޮތީ ހަމައެކަނި ދަރިފުޅުގެ ދިރިއުޅުމާ އެކަންޏެއް ނޫނެވެ. ދަރިފުޅުގެ ދަރިންގެ ދިރިއުޅުންވެސް ތި މައްސަލައިގާ އެބައޮތެވެ. ހެޔޮ ނުވާނެއެވެ. ތިހެން ނުހަދާ ރުޅިގަނޑު މައިތިރިކުރެވޭތޯ ބަލާށެވެ. " ރާފިޢާ ، ކަޝަފަށް ވިސްނައިދިނެވެ.

ކަޝަފް ބޭނުންވަނީ ، އިޙްތިރާމާއި އަޅައިލުމާ އަދި އިތުބާރާއެކު ދިރިއުޅެވޭ ޙަޔާތެއް ޒަރޫންއާއެކު ހޭދަކުރުމަށެވެ. މަޖުބޫރީ ޙާލަތަކީ ، ބްލެކްމެއިލް ކޮށްގެން ދަރިންގެ ޙައްޤުގައި ވާންޖެހޭ ޤުރުބާނީއެއް ނޫނެވެ.

ރާފިޢާ އިނީ ހަދާނެގޮތް ބޮޑުވެފައެވެ. ޒަރޫންއަކީ ރަނގަޅު ކުއްޖެކެވެ. މީގެ ކުރިން ދުވަހަކުވެސް ޒަރޫންގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ކަޝަފަށް ދިމާވެފަ އޮތްކަމަކަށް ނުފެނެއެވެ. ޒަރޫންގެ ދެކުދިންނަށް ބަލިވެއިންދާ ކަޝަފް ގެއިން ބެރެ ބޭރުކޮށްލާ ވަރަށް ވުރެ ޒަރޫންއަކީ ވިސްނޭނެ މީހެކެވެ. ޒަރޫން ވަނީ ، ކަޝަފަށް ދެރަގޮތެއް ދިމާވެގެން ރާފިޢާގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް ނުކުރާނެކަމަށް ރާފިޢާ ގާތު ވަޢުދު ވެފައެވެ. އެވާނީ ކަޝަފްގެ ގޮތްދޫނުކުރުމާހެދި ދިމާވި ކަމަކަށެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. މިތަނުން ރަނގަޅު މީހަކު ވަކިކުރަންނޭގޭ ކަޝަފަކީވެސް ވަރަށް ޒީލަގަދަ ގޮތްދޫނުކުރާ އަންހެނެއް، އަނެއްކޮޅުން ޒަރޫނަކީވެސް އަންހެނުންގެ ޠަބީޢަތާއި މިޒާޖު ދަންނަމީހެއް ނޫން ރަނޑު އަންހެނަކަށްވުރެވެސް ރަނޑު ފިރިހެނެއް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.