ދެކަފި - 18

(1 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބްރާރާއި ކަޝަފް ނުކުންނަން އަންނަތަން ފެނުމުން ، ހަމަ އެދޮރުން ވަންނަންދިޔަ ދަރިވަރަކު ، އެމީހުންނަށް ދޮރުހުޅުވާލަދީ އެއްކައިރިޔަށް ޖެހިލިއެވެ. އަބްރާރާއި ކަޝަފް އައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އެމީހުންނަށް ދޮރުހުޅުވާލަދިނީ ކޮންކުއްޖެއްކަން އަބްރާރަކަށްވެސް ފާހަގައެއް ނުކުރެވުނެވެ. އަބްރާރު ، ހަދަންވީގޮތް އޮފީހަށް އަންގާފައިވާނެކަމަށް ބުންޏެވެ. އަދި އެމީހުން ކަޝަފް ޢައްޔަންކުރުމުގެ ކަންތައް ހަމަޖައްސައިދޭނެކަމަށްވެސް އަބްރާރު ބުނެއެވެ. ކަޝަފް ، އަބްރާރަށް އެކަމަށްޓަކައި ޝުކުރު އަދާކުރެއެވެ. އެއީ ކަޝަފަށް ޙައްޤު މަޤާމެއްކަމުގައި އަބްރާރު ބުނެއެވެ. އަދިވެސް އެއްފަހަރު ، އެކަމަށްޓަކައި އަބްރާރަށް ، ކަޝަފް ޝުކުރު އަދާކުރިއެވެ. އެވަގުތު ޒަރޫން އެމީހުންގެ ފަސްފަހަތުން އާދެއެވެ. އެމީހުން އެދައްކާ ވާހަކައެއް އަޑުއިވޭތޯ ، ޒަރޫން ބަލައެވެ. އަދި ފަހަތުން އައިސް އެމީހުން ސިއްސުވާލައެވެ. ކަޝަފް އަދިވެސް އެއްފަހަރު ޝުކުރިއްޔާއޭ ބުނެ އެތަނުން ދެއެވެ.

ކަޝަފް އެއަދާކުރަނީ ކޮންކަމަކާ ގުޅޭ ޝުކުރިއްޔާއެއްތޯ ޒަރޫން އަހާލައެވެ. ތިޔަދެއްކި ސިއްރު ވާހަކައިން ތިމަންނަޔަށްވެސް ޚަބަރެއް ކޮށްލާށޭ ބުނެ އަބްރާރާ ސަމާސާ ކޮށްލައެވެ. އެއީ އޭނާއާ ބެހޭ ކަމެއް ނޫނޭ އަބްރާރު ބުންޏެވެ. އަދި އެސައިންމަންޓް ހިފައިގެން އަވަހަށް ކްލާހަށް ވަންނާށޭ ބުނެއެވެ.

------------------------

"މަންމާއެވެ! އަހަރެން ވަރަށް ޙައިރާން ވެއްޖައިމެވެ. ޒަރޫން ، އެކަމަށް ދެކޮޅުހަދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އަހަރެން ހީކުރީ ޒަރޫން ވަރަށް އުފަލުން އެކަމާ އެއްބަސްވާނެ ކަމަށެވެ." ސާރާ އާއި ޣަޒާލާ ސައިތަށްޓެއް ބޯން ގޭގެ ގޯތި ތެރޭގައި ތިބެ އަސްމަރާއާއި ޒަރޫން ގެ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޣަޒާލާ ބުނިގޮތުގައި އޭނާއަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އަސްމަރާ އާއި ކައިވެނިކުރަން ޒަރޫން ދެކޮޅު ހަދާނެކަމަށް އަހަރެންގެ ޚިޔާލަށްވެސް އައިއްސައެއް ނެތެވެ. ފަހަރެއްގައި އަނެއްކާ އެހެން އަންހެންކުއްޖަކާ ގަޔާވަނީ ބާވައޭ ބުނެ ސާރާ އޭނާއަށް ހީވާއެއްޗެއް ބުނެއެވެ. ޣަޒާލާ ބުނިގޮތުގައި ޒަރޫންގެ ބަހަނާތަކަށް ބަލާއިރު ، އޭނާއަކަށް އެހެންނެއް ހިއެއް ނުވެއެވެ. ޒަރޫންގެ ވިސްނުމުގައި އޮތީ އެހެން ކަމެކެވެ.

------------------------

އިންޓަވަލް ގަޑީގައި އަސްމަރާ އެކަނިމާއެކަނި ޔުނީގެ ގޯތިތެރެއިން ހިނގާލަމުން އައެވެ. ޒަރޫން އެއްވެސް އަދި އުސާމާއެއްވެސް ނެތެވެ. އޭނާ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. އެތަން ފެނިގެން ޒަރޫން ދުވަމުން އައިސް އަސްމަރާއަށް ގޮވާލައެވެ. އަސްމަރާ ހުރީ ހިތްހަމަނުޖެހިފައިކަން ޒަރޫނަށް އެނގެއެވެ. އެހެންވެ ، އެހާކުޑަކަމަކާ ރުޅިއިސްކުރާކަށް ނުވާނޭ ޒަރޫން ބުންޏެވެ. ޒަރޫންއަށް އެއީ ކުޑަ ކަމެކެވެ. އަސްމަރާ ހިތްހަމަ ނުޖެހިފައިހުރެ ، ޒަރޫންއާ ދިމާއަށް ބަލައިވެސް ނުލާ ބުނެލިއެވެ. އަހަރެން ހަމައެކަނި އެކުއްޖާއާ ވާހަކަ ދައްކާލީއެވެ. އަސްމަރާވެސް ފިރިހެން ކުދިންނާ ވާހަކަ ދައްކަމެއް ނޫން ހެއްޔެވެ. އަހަރެން ހިތަށް ތަދުވެގެން އުޅެން ހެއްޔެވެ ؟ ޒަރޫން ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.

"އަހަރެން އުސާމާއާ ވާހަކަ ދައްކަންޏާ ޒަރޫން ހިތްހަމަނުޖެހެނީ ކީއްވެ ހެއްޔެވެ؟ އެހެން ތިބުނީ ކީއްވެގެން ހެއްޔެވެ؟" އަސްމަރާ ސުއާލު ކުރިއެވެ.

ޒަރޫންވެސް އަސްމަރާ އެހެން ކުދިންނާ ވަކިބާވަތެއްގެ ވާހަކަ ދައްކަންޏާ ހިތްހަމަ ނުޖެހޭކަމުގައި ބުންޏެވެ. ޒަރޫން ނަވިންދާ އާ ވާހަކަ ދައްކާ އިރު އަހަރެން ހިތްހަމަ ޖެހެންޖެހޭ ހެއްޔޭ ބުނެ އަސްމަރާ ސުއާލު ކުރެއެވެ. އަދި ރުޅިއަރައިގެންފާ ދުރަށް ހިނގައިގަތެވެ. ޒަރޫން އަސްމަރާއަށް ގޮވަމުން ފަހަތުން ދެއެވެ. އަދި ނަވިންދާ އާ އޭނާ ވާހަކަ ދެއްކިތާ މިހާރު ދެދުވަސް ވެއްޖެ ކަމަށާއި އެއީ އެހާބޮޑު ކަންތައް ގަނޑަކަށް ހަދަން އުޅެނީ ކީއްވެތޯ ޒަރޫން ސުއާލު ކުރެއެވެ. އަދި އެއްވެސް ކަމަކާ ނުލައި އޭނާގެ މޫޑް ޚަރާބު ކޮށްލައިފި ކަމުގައި ޒަރޫން ބުންޏެވެ.

"ޒަރޫން އަންހެންކުދިންނާ ވާހަކަ ދެއްކުން ހުއްޓާލަ ބަލާށެވެ!" ކުޑަކުއްޖެއްހެން އަސްމަރާ ، ޒަރޫން ގާތު ބުންޏެވެ. އެއީ ރައްޓެހިންކަމަށާއި ކަމެއްދިމާވީމާ ފޯނުކޮށްލުމަކީ މައްސަލަޔަކަށް ހަދަން ނޫޅުމަށް ކަޝަފް ބުނެއެވެ. ޒަރޫނަކީ ، މިޔުނިވަރސިޓީގައި އުޅޭ ހަމައެކަނި ފިރިހެން ދަރިވަރެއް ނޫނެވެ. ކޮންމެ އަންހެންކުއްޖަކު ކަމެއް ބޭނުންވީމާ އަންނަންވީ ޒަރޫން ގާތަށް ހެއްޔެވެ ؟ ޒަރޫން ކުރި މަސައްކަތުންވެސް ، އަސްމަރާގެ ހިތަށް އެއްވެސް ވަރަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެދެމީހުންގެ މެދުގައި ޒަރޫން ރައްޓެހި އަންހެންކުދިންނާބެހޭގޮތުން ލައްކަ ބަހުސް ކުރެވުނެވެ. ޒަރޫން މީގެފަހުން ، ނަވިންދާއާ ވާހަކަ ދައްކައިފިއްޔާ ހަދާނެގޮތް އެނގޭނީ ތިމަންނަޔަށޭ ބުނެ އަސްމަރާ ، ޒަރޫނަށް އިންޒާރު ދިނެވެ. އެއާ ގުޅިގެން ޒަރޫންގެ މިންގަނޑުތަކެއް ހުންނަކަމަށް ޒަރޫން ބުނެއެވެ. އަދި އަސްމަރާއަށްވެސް ޒަރޫންގެ މިންގަނޑު ރަނގަޅަށް އެނގޭކަމަށް ބުންޏެވެ. އެދެމީހުން ޒުވާބުގައި ތިބެ ކްލާހަށް ވަދެގެން ދިޔައެވެ. އޭރުވެސް އަސްމަރާގެ ހޫނުގަނޑު މަޑެއް ނުވެއެވެ. އެވަރުންވެސް ، ޒަރޫން ވަދެގެން ދިޔައީ ކަޝަފާ އެހެން ކުދިންތަކަކާ ވާހަކަދައްކަން ތިރީގައި ތިއްބާ އެދިމާއަށް ބަލައިލާފައެވެ.

------------------------

ރޭގަނޑުގެ ކެއުމަށްފަހު ، އަސްމަރާއާއި އޭނާގެ މަންމަ ސަމްރާ ސިޓިންރޫމުގައި ވާހަކަ ދައްކަމުން ގެންދިޔައެވެ. އެދެމައިން ވާހަކަ ދައްކަމުން ގެންދިޔައީ ، އަސްމަރާގެ ކައިވެންޏަށް ޒަރޫން އެއްބަސް ނުވި މައްސަލައިގައެވެ. އަސްމަރާ އެކަމާބެހޭގޮތުން ، ޒަރޫންއާ ވާޙަކަދައްކާލަން ފެންނަކަމަށް ސަމްރާ ލަފާދިނެވެ. އަދި އެކަމަށް އަސްމަރާވެސް އެއްބަސް ވެއެވެ. ޣަޒާލާ ބުނިގޮތުގައި އެންގޭޖް ވުމުގައި ޒަރޫންގެ ފަރާތުން މާބޮޑު މައްސަލައެއް ފާހަގަ ނުކުރެވޭކަމުގައި ސަމްރާ ބުންޏެވެ. ޒަރޫންގެ އެއްވެސް މައްސަލައެއް އުޅެންޏާ ދެކުދިން ވާހަކަ ދައްކައިގެން ޙައްލުކުރަންވީ ނޫން ހެއްޔެވެ. ޒަރޫން އެކަމަށް އާނބަސް ބުނުމުގައި އޭނާގެ މައްސަލަޔަކީ ކޮބައިކަމެއް ނޭނގޭކަމަށް އަސްމަރާ ބުންޏެވެ. އަސްމަރާ އެކަމުގައި ހަދާނެގޮތެއް ނުވިސްނިގެން ، އިށީނދެ އިންގޮތަށް އިނދެ މާނޭވާއެއް ލުމަށްފަހު ، އޭނާގެ ބޯ މައްޗަށް އުފުލާލައި ފުރަގަހަށް ޖައްސާލައި ސޯފާގައި ދެމިލިއެވެ.

------------------------

ޞިދްރާ އިނީ އޭނާ ކިޔަވައިދޭ ކުދިންނަށް ޓިއުޝަން ދިނުމަށްޓަކައި އެކުދިންނާ އެކުގައެވެ. ބޭރުދޮރުގެ ރަނގަބީލުވާ އަޑު އިވުމާއެކު ، ގޮސް ކާކުތޯ އައީ ބަލައިލާށޭ ޞިދްރާގާތު ، ރާފިޢާ ބުންޏެވެ. ގޮސް ކާކުތޯ އައީ ބަލައިލާފަ އަންނާށޭ ބުނެ އެތަނުން އެއްކުއްޖަކު ، ޞިދްރާ ފޮނުވައެވެ. އެކުއްޖާ ގޮސް ، ޙައްމާދު އައިވާހަކަ ބުނެއެވެ. ޙައްމާދަކީ މުރުތަޟާގެ ހަގު އަނތްބަށް ލިބިފައިހުރި ފިރިހެން ކުއްޖާއެވެ. އޭނާ އެތެރެޔަށް ވަންނަން ބުނުމަށް ރާފިޢާ އެދެއެވެ. ޙައްމާދު ވަދެގެން އައިސް ޞިދްރާއަށްވެސް އަދި ރާފިޢާއަށްވެސް ސަލާމް ގޮވައިލަމެވެ. ހާދަ ދުވަހެއްކޮށްފާ ތިޔައީ ކިހިނެއްވީހޭ ދަރިފުޅާއޭ ބުނެ ސަލާމް ބަލައިގަނެއެވެ. އަދި ރާފިޢާގާތު އިށީނުމަށް ބުންޏެވެ. އެހެންނަމަވެސް ، އޭނާއަތުގައިހުރި ފޮނި އެއްޗެހިތައް މުޅި އެއަވަށަށް ބަހަން ޖެހޭތީ މަޑުކުރެވެން ނެތްކަމަށް ޙައްމާދު ބުންޏެވެ. އެއީ ކޮންމުނާސަބަތެއްގައިހޭ ބުނެ ރާފިޢާ ހިނިތުންވުމާއެކު ޙައްމާދާ ސުލުކުރިއެވެ. ޞިދްރާ ޙައިރާންވެފައި ޙައްމާދާ ދިމާއަށް ކަޅިއަޅައިގެން ، ކަޅިޖަހާނުލާ ބަލަހައްޓައިގެން އިނެވެ.

ފޮނި އެއްޗެތި ބަހަނީ ،  މެޓްރިކްސް އިން އޭނާ އެއްވަނަޔަށް އައިމަ އެކަމުގެ އުފަލުގައި ކަމަށް ޙައްމާދު ބުނުމުން އެކަމާ ރާފިޢާ އުފާކޮށް މަރުޙަބާ ކިޔެވެ. ޞިދްރާ އޭރުވެސް އިނީ ލޯއަޅައިގެންނެވެ. ޙައްމާދަށް ފިނިބުއިމެއް ގެނެސްދޭށޭ ރާފިޢާ ބުނީމަ ޞިދްރާގެ ލޯ ވަކިން ބޮޑުވިއެވެ. ނޫނެކެވެ. މަންމަ ބުނެފަ އޮތީ ލަސްނުކޮށް އަވަހަށް ގެޔަށް އަންނަން ކަމަށް ޙައްމާދު ބުންޏެވެ.

"މިގެއިން ނަމަނަމަ އެއްޗެއް ނުކާށޭވެސް މަންމަ އޮންނާނީ ބުނެފައެވެ. ދޯއެވެ!" ޞިދްރާ ފޫހިވެފައި އިނދެ ބުންޏެވެ. ރާފިޢާ އެކަމާ ހިތްހަމަ ނުޖެހިގެން ކޮއްކޮޔަށް ކޮންމެވެސް އެއްޗެއް ގެނެސްދޭށޭ ޞިދްރާގާތު ބުންޏެވެ. އެހެންނަމަވެސް ، އެއްޗެއް ނުކާނަމޭ ބުނެ ބުނެ އޮއްވާ ، އެއްޗެއް ގެނަމުގެ އޮތީ ކޮން ފައިދާއެއްތޯ ޞިދްރާ ސުއާލު ކުރިއެވެ.

ޙާއްމާދަށްވެސް އެތާ ހުންނަން އުނދަގޫވެގެން ދެންދަނީއޭ މުޅިއެހިސާބު ގަނޑަށް އެއްޗެތި ބަހަން ޖެހެއޭ ބުނެ ހިނގައިގަތުމުން ، ރާފިޢާގެ ޕާރސް ހުޅުވާލައި ، ދުއިސައްތަ ރުފިޔާ ނަގައި ޙައްމާދަށް ދިއްކޮށްލަމުން ، ބައްޕަޔާ މަންމަޔަށް މަރުޙަބާ ރައްދުކޮށްދޭށޭ ބުންޏެވެ. ޙައްމާދު އެފައިސާގައި ހިފަން ނުކެރިގެން އުޅެފަވެސް ، ރާފިޢާ ދޫނުކުރީމަ ލާރިކޮޅު ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ދަމުން ދަމުން މިއޮތީ ފޮނިކާ އެއްޗިއްސޭ ، މެޓްރިކްސް އިން އަހަރެން އެއްވަނަ ހޯދީއޭ ބުނެ ޞިދްރާ އަތަށް ޕެކެޓް ދިއްކޮށްލިއެވެ. ޞިދްރާވެސް ފޫހިއަރައިގެންފައި އިނދެ އޭގައި ހިފާ މޭޒުމައްޗަށް ހޫރާލިއެވެ. އަދި މަންމައާ ދިމާއަށް ލޯއަޅައިގެން އިނެވެ.

------------------------

އަސްމަރާއާއި ޒަރޫން ، އެދެމީހުންގެ އެންގޭޖްމަންޓްގެ ވާހަކަ ފަށައިގެން ، އެވާހަކަ ދައްކަން ތިއްބެވެ. ޒަރޫންގެ ވިސްނުންހުރިގޮތް އޭނާގެ މަންމަގާތު ބުނި ވާހަކަޔާއި މިހާރު އޮންނާނީ އެވާހަކަތައް އަސްމަރާގެ މަންމަޔަށް ކިޔައިދީފައި ކަމަށް ހީވާކަމުގައި ޒަރޫން ބުނެއެވެ. ޒަރޫންއާ އެވާހަކަ ދައްކަން އޭނާ ބޭނުންވަނީ އެކަން އެގޮތަށް ހިނގާފަ އޮތީމާ ކަމުގައި އަސްމަރާ ބުންޏެވެ.  އަދި ޒަރޫންއާ އެސުއާލުކުރަންޖެހުނީ އެހެންވެގެންކަމުގައި އަސްމަރާ ބުނެއެވެ. އޭނާއާ އެންގޭޖްވުމުގައި ޒަރޫންގެ މައްސަލަޔަކީ ކޮބައިތޯ އަސްމަރާ އަހާލައެވެ. ބުނާނީ ކީކޭކަން ޒަރޫންއަށްވެސް ނޭނގޭ ކަމުގައި ޒަރޫން ބުނެއެވެ. އެއީ އޭނާގެ އެމްބީއޭ އަދި ނުނިމޭތީއާއި ދިރިއުޅުމަށް މުސްތަޤްބަލްގައި އޭނާ ކުރާނެ މަސައްކަތެއްވެސް އަދި އިޚްތިޔާރު ކުރެވިފައި ނެތްކަމަށް ޒަރޫން ބުންޏެވެ. އެންގޭޖްވެ ކައިވެންޏަކާ ހަމަޔަށް ދާއިރު ، ދިރިއުޅުމެއް ހަމަޖެއްސޭވަރުގެ ޤަބިލްކަމެއް އޭނާގައި ހުންނަން ބޭނުންވާކަމުގައި ޒަރޫން ބުނެއެވެ. އެންގޭޖްވެގެން ދުވަސްތައް ބާކީވެގެންދާން ބޭނުންނުވާކަމުގައި ޒަރޫން ބުނެއެވެ. ޒަރޫންގެ އެވާހައިން އަސްމަރާ ކަންބޮޑުވިއެވެ. އެއީ ،  އެންގޭޖްވެގެން ކައިވެންޏަކާ ހަމަޔަށް ދާން އޮންނަ މުއްދަތަކީ ބޭކާރު ދުވަސްތަކެއްކަމަށް ޒަރޫން ދެކޭތީއެވެ. ޒަރޫންގެ ޚިޔާލުގައި އެންގޭޖްވެފަ ، ކައިވެންޏަކާ ހަމަޔަށްދާން ތިންހަތަރު އަހަރު ނަގާއިރު ، މިހާރު އެހާކުރިން އެންގޭޖް ވުމުގެ ބޭނުމެއް އޭނާއަކަށް ނުވިސްނެއެވެ.

"އަހަރެންގާތު އެންމެ ވާހަކައެއް ބުނެބަލާށެވެ! ޒަރޫން އަހަރެންނާ އިންނާނަން ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟" މިސުއާލަށް ޖަވާބު ދީބަލާށެވެ. " އަސްމަރާ ސުއާލުކުރިއެވެ.

"ޙަޤީޤަތަށް ބުނަންޏާ ކައިވެންޏަކާ މެދު އަހަރެން އެހާ ފުންކޮށް މިހާތަނަކަށް ނުވިސްނަމެވެ. އަސްމަރާ އާއެކު ނޫނީ އެހެން ކުއްޖަކާއެކުވެސް ދިރިއުޅުމެއް ފަށާކަށް އަހަރެން އަދި ގޮތެއް ނުނިންމަމެވެ." ޒަރޫން ޖަވާބު ދިނެވެ.

ޒަރޫންގެ އެޖަވާބުން ، އަސްމަރާއަށް ވަރަށް އަސަރު ކުރިއެވެ. އަދި އޭނާއަކީ މޮޔައެއްކަން ޔަޤީންވެއްޖެ ކަމުގައި އަސްމަރާ ބުނެއެވެ.

"އަހަރެންގެ ސިކުނޑީގެ އުނިކަމެއް އެބަހުއްޓެވެ. މިއޮއްހުރިހާ ދުވަހު އަހަރެން ވިސްނަމުން މިގެންދިޔައީ އަހަރެމެންގެ މުސްތަޤްބަލާ މެދުގައެވެ. އަހަރެމެންގެ ކައިވެންޏާ މެދުގައެވެ. އަހަރެންނަށް ބުނާނީ ކީކޭކަމެއްވެސް ނޭނގެއެވެ. ތިއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ." އަސްމަރާ ބުންޏެވެ. އަދި ރުޅިއައިސް ޒަރޫން ގޮވަގޮވާ އޮއްވާ ޖަވާބެއްނުދީ އެތަނުން ނުކުމެގެން ދިޔައެވެ. ޒަރޫން އަށް ބުނާނެ އެއްޗެއްވެސް ނޭނގި ކަންބޮޑުވެފައި އިނެވެ.

------------------------

ރާފިޢާ އިނީ ޕޭޕަރ ތަކެއް މާރކް ކުރާށެވެ. ހެދުންތައް ފަށްޖަހަން ކަޝަފް އުޅެއެވެ. ބައްޕަގެ ފިރިހެންދަރި މެޓްރިކްސް އިން ފާސްވީމަ މުޅިއަވަށަށް މެޓާ ބަހައިފިނޫންހޭ ބުނެ ކަޝަފް ވާހަކަ ފެށިއެވެ. އޭނާއަށް އަހަރެމެން އަދި އަހަރެމެން ހޯދާ ކާމިޔާބީއެއް ނުފެނެއެވެ. އަނެއްކޮޅު މަންމަ އޭނާއަށް ލާރިދޭން ފެށީއެވެ. އަހަރެމެން އެއްވަނަޔަށް އައިމަ ، ޙައްމާދުގެ މަންމަ ދުވަހަކުވެސް އަހަރެމެންނަށް ބޮޑުލާރިއެއްވެސް ދިއްކޮށްލިތޯ ކަޝަފް ސުއާލުކުރިއެވެ. އެކަމުގައި އެސޮރު ޙައްމާދުގެ އޮތީ ކޮންކުށެއްތޯ ރާފިޢާ ސުއާލުކުރިއެވެ. އެއީ ކަލޭމެންގެ ކޮއްކޮއެވެ. މަންމަގެ ހަމްދަރުދީގެ ވާހަކަތަކުން ކަޝަފް ހުރީ ރުޅިއައިސްފައެވެ. އެއީ ކުޑަކުއްޖެއް ނޫންކަމަށާއި އެއީ އެމީހުންގެ ކޮއްކޮއެއް ނޫންކަމަށް ކަޝަފް ބުނެއެވެ.

އެހެން ނުބުނާށޭ ރާފިޢާ ބުނެ ކަޝަފަށް ނަޞޭޙަތްތެރި ވެއެވެ. އަދި އެކަންކަން ހަނދާން ނައްތާލާށޭ ރާފިޢާ ބުނެއެވެ. އެހެންނަމަވެސް ، ކަޝަފަށް މަންމަގެ ބަހެއް ޤަބޫލެއް ނުކުރެވުނެވެ. ކަޝަފަށް ރަނގަޅީ ބައްޕަ އެގެޔަށް ނައްޔާކަމުގައި ބުންޏެވެ. އަދި މަންމަ އެކަންކަން ހަނދާން ނައްތާލިޔަސް ތިމަންނަމެން އެކަންކަން ހަނދާން ނުނެތޭނެކަމަށް ބުނެ ، އެވާހަކަ ހަނދާން ނައްތާލާށޭ އިރުއިރު ކޮޅުން އޭނާގާތު ނުބުނުމަށް ކަޝަފް އެދެއެވެ.

"އޭނާ އަހަރެމެން މަތިން ހަނދާންވަނީ ، މިގެޔަށް އައިސް މަންމަޔާ ދިމާއަށް އެއްޗެހި ގޮވަންވީމައެވެ. ފިރިހެންދަރިޔަށް މެޓްރިކްސް އިން 4 ވަނަ ލިބުނީމަ މުޅި އަވަށަށް މެޓާ ބަހައިފިއެވެ. މަންމަ ލޯ މަރައިގެން އިންނާށެވެ. އަހަރެމެންނަށް ހުރިހާތަނެއް އެބަ ފެނެއެވެ." ކަޝަފް ހިތްހަމަ ނުޖެހިފައިހުރެ އޭނާގެ މަންމައާ ދިމާއަށް ބުންޏެވެ.

ރާފިޢާއަށް ބުނާނެ އެއްޗެއްވެސް ނޭނގި ކަންބޮޑުވެފައި އިނެވެ. ﷲ އަށް ވަކީލުކުރުން ނޫން ގޮތެއް ނެތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.