ދެކަފި - 80

(3 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާރާގެ ޙަޔާތުގައި ކައިވެންޏަކުން ލިބުނު ފުރަތަމަ ތަޖުރިބާއިން އެކަންވަނީ ދަސްކޮށްފައެވެ. ގޮތްދޫކުރުމަކީ ދެމީހުންވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެން ނޫނީ ކައިވެންޏެއް ބާއްޖަވެރިއެއް ނުވާނެއެވެ. ޣަޒާލާގެ ހަމައިގާ ، ސާރާއަށް އެލިބުނު ހިތި ތަޖުރިބާގައި ސާރާގެ ކުށެއް ނެތެވެ. ހުރިހާ ގޯހެއް ހެދީ ފަރްޙާނެވެ. ގޮތްދޫނުކޮށް ހިފަހައްޓަމުން ގެންދިޔައީ ފަރްޙާނެވެ.  ޣަޒާލާގެ ވާހަކަ ސާރާ ޤަބޫލެއް ނުކުރެއެވެ. އޭނާގެ ކައިވެނި ރޫޅިގެންދިއުމުގައި ސާރާގެވެސް ކުށް އެބައޮތްކަމުގައި ސާރާއަށް ޤަބޫލު ކުރެވެއެވެ. ވަރަށްގިނަ ގޯސްތައް ސާރާއަށްވެސް އޮތީ ހެދިފައެވެ. ސާރާއަށް ހެދުނު ، އެންމެ ބޮޑު އެއްގޯހަކީ ، ކައިވެނީގެ މަޤްޞަދާއި ދިރިއުޅުމުގެ މާނަ އޮޅުވާލައިގެން ، ސާރާގެ ގޮތް އިސްކޮށް އެގޮތްތައް ދޫނުކޮށް ހިފެހެއްޓުމެވެ. އެއީ މަންމަގެ ގޮތްތައް ކަމަށްވެސް ވެދާނެއެވެ. ކޮންމެ ކަމެއްގައިވެސް އިސްކުރީ ސާރާގެ ނިންމުމެވެ. ފަރްޙާންގެ އެއްވެސް ކަމަކަށް ސަމާލްކަމެއް ނުދެވެއެވެ. އެއިން އެއްވެސް ކަމަކާމެދު ވިސްނައެއް ނުލެވެއެވެ. އެހެންނަމަވެސް ޣަޒާލާއަކަށް ސާރާގެ ކުށެއް ނުފެނެއެވެ.

" މަންމާއެވެ ! ކޮންމެ ފިރިހެނަކީ ބައްޕަ ކަހަލަ މީހަކަށް ނުވާނެ ދޯއެވެ ! "

ޣަޒާލާގެ ކަންކަށިމަތީ އޭނާގެ އަންހެންދަރިފުޅު އެތިފަހަރެއް ވީއްލައިލި ކަމުގެ އިޙްސާސް ޣަޒާލާއަށް ލިބިގެންދިޔައެވެ. އެ ޖުމްލަޔަކީ ، ޒަރޫންވެސް އޭނާއާ ދިމާއަށް ބުނެ ވީއްލާލައިފައިވާ ޖުމްލައެކެވެ. ދެދަރިންވެސް އެޖުމްލަ އެބޭނުންކުރީ އެއްގޮތަކަށެވެ. އެއް މާނައެއްގައެވެ. އެޖުމްލަ ބުނަން މުނާސަބު އެއްވަގުތެއްގައެވެ. އެޖުމްލަ ބުނަން ޖެހިގެންނެވެ. މަންމަ ، ކޮންމެ އެއްޗެކޭ ހީކުރިޔަސް ސާރާގެ މައްސަލައެއް ނެތެވެ. އެއީ އެކަން އޮތްގޮތުގެ ޙަޤީޤަތެވެ.  ސާރާ އެހެން ބުނުމުގެ މަޤްޞަދަކީ ކޮބައިތޯ ޣަޒާލާ ސުއާލު ކުރިއެވެ. އޭނާގެ އަޑުގައިވަނީ ނުރުހުމާއި ކަންބޮޑުވުމެވެ. ސާރާ ބުނަން އެއުޅެނީ ކީކޭތޯ އެހިއެވެ. ޣަޒާލާއާއި ޖުނައިދަކީ އުފަލުގައި ދިރިއުޅޭ ދެމަފިރިއެކެވެ. އެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ދެމަފިރިއެއްގެ މެދުގައި އޮންނާނެ އެންމެ ފުރިހަމަ ގުޅުމެއް އެދެމީހުންގެ މެދުގައި އޮތްކަމަށް ޣަޒާލާގެ އަޑަށް ބާރުލާފައި ބުނެއެވެ.

" މަންމާއެވެ ! ނޫނެކެވެ. އެ ގުޅުމެއް މަންމައާއި ބައްޕަގެ މެދަކު ނެތެވެ. އެގުޅުމަކީ މެންދަމެއްގެ ހަމަހިމޭންކަންފަދަ އަޑެއްބަޑެއް ނީވޭ އުނިކަންތައްތަކުން ފުރިގެންވާ ދިރިއުޅުމެކެވެ. މަންމަގެ މައްސަލަޔަކީ އެކަން މަންމައަށް އިޙްސާސް ނުވުމެވެ. " ސާރާ ބުންޏެވެ. ޣަޒާލާގެ ކަންކަށިމަތީ އަނެއް އެތިފަހަރު ސާރާ އަޅުވައިލިއެވެ. ޣަޒާލާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

------------------------

ކަޝަފް އިސްލާމްއާބާދަށް ބަދަލުވެއްޖެއެވެ. އޭނާ އިސްލާމް އާބާދަށް ބަދަލުވުމަށްޓަކައި ، ދެމީހުން އެކީގައި ދިރިއުޅުމަށް ޒަރޫންވަނީ ، އިސްލާމްއާނާދުން ރީތި ކުޑަކުޑަ ގެޔެއް ކުއްޔަށް ހިފައިފައެވެ. އެގޭގައި ވަރަށްގިނަ ފޮޓޯ ލޯގަނޑުތައް ބެހެއްޓިފައި ހުއްޓެވެ. އެ ފޮޓޯތަކަކީ ، ކަޝަފަށް ވަރަށް ރީތިވި ފޮޓޯ ތަކެކެވެ. ގެ ބަލައިލުމަށްފަހު ، ދެމީހުން ސޯފާގައި ޖައްސައިލިއެވެ. ޒަރޫންގެ މޫނުމަތިން ފެންނަންހުރި ކަންބޮޑުވުން ކަޝަފް ފާހަގަ ކުރިއެވެ. އަދި ބަލިވެ އުޅެނީތޯއާއި ކަމެއްވީތޯ ކަޝަފް ސުއާލު ކުރިއެވެ. ޒަރޫން ނުބުންޏަސް ،  ކޮންމެވެސް މައްސަލައެއް އެބައުޅޭކަމުގައި ކަޝަފް ފާހަގަ ކުރިއެވެ. އަނގައިން ނުބުނެ އެއްވެސް ވާހަކައެއް ނުދައްކައި މިޒާޖް ބަދަލުވެފައި އިންނަނީ ކީއްވެތޯ ކަޝަފް އެހިއެވެ.

ކަޝަފް ކާންއިން ބަދަންތަށިން އެތިކޮޅެއް ޒަރޫންއަށް ދިއްކޮށްލިއެވެ. އެހެންނަމަވެސް އެ ކާކަށް ޒަރޫން ބޭނުމެއް ނުވިއެވެ. ބަދަނަކީ ޒަރޫންއަށް ވަރަށް މީރު އެއްޗެކެވެ. އަދި ވަރަށް ގިނައިން ކާ އެއްޗެކެވެ. ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނޫނީ ބަދަން ނުކައެއް ޒަރޫން ނުހުންނާނެއެވެ. އަދި އެއީ ، ކަޝަފަށްވެސް ސަމާސާ ކުރަމުން ޒަރޫން ކާންދޭ އެއްޗެކެވެ. މިއަދު ނުކާންވެގެން އެއުޅެނީ ކީއްވެ ހެއްޔެވެ ؟ ކަޝަފް އިނީ ހަމަޖެހިލައިގެން ހިނިތުންވުމާއެކު ، ބަދަނުގެ ވާހަކަ ޒަރޫނާ ދައްކާށެވެ.

" ކުރީގެ އާދަޔަކީ ތަފާތު ކަމެކެވެ. މިހާރު އެކަންކަން ތަފާތު ވެއްޖެއެވެ. ކުރިން އަހަރެންނަށް ވަރަށް ގޯސް ކަންކަން ހުރީ ކުރެވިފައެވެ. " ޒަރޫން ބުންޏެވެ.

ޒަރޫންގެ އެ ޖުމްލަޔަށް ކަޝަފް ދިޔައީ ސިއްސައިގެންނެވެ. ވެގެން މިއުޅެނީ ކީއް ހެއްޔެވެ ؟ ކުރިން ، ޒަރޫންއަށް ގޯސްކޮށް ކަންތައްތަކެއް ކުރެވިފައި ހުރިކަމަށް އެއްބަސް ވުމުން ، ކަޝަފް އެކަމަށް ތާއީދު ކުރިއެވެ. ޒަރޫންއަށް ކުރެވިފައިހުރި ގޯސްކަންކަމަށް ފޮތެއް ލިޔުމަށް ކަޝަފް ވިސްނިކަމުގައި ބުންޏެވެ. އެންމެ ފޮތެއް ނޫނެވެ. ދެފޮތް ލިޔެވޭނެއެވެ. އެހާވެސް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ކަޝަފްވެސް ވާހަކަ ލިޔާނެ ކަންކަން ކޮށްފައި އެބަހުރިކަމަށް ޒަރޫން ބުންޏެވެ. ކަޝަފާ ބެހޭގޮތުން ފޮތްލިޔަން ޒަރޫން ބޭނުންވަންޏާ އެކަން ކުރަންވީކަމުގައި ކަޝަފް ބުންޏެވެ. އޭނާ އެކަން މަނައެއް ނުކުރެއެވެ. ޒަރޫންއަށް ފެނުނުގޮތުގައި ކަޝަފްގެ ވާހަކަ މާ ރީތިވާނެއެވެ. އެއީ ކީއްވެގެންތޯ ކުރި ސުއާލަށް ޒަރޫން ޖަވާބެއް ނުދެއެވެ. އެހިސާބުން ، ކަޝަފްގެ ހިތުގައި ސުއާލުތަކެއް އުފެދުނެވެ. ކަޝަފަށް އިތުރު އެއްޗެއް ބުނަން ފުރުޞަތުނުދީ ، ވަރަށް ވަރުބަލި ވެއްޖެއޭ ކިޔާފައި ފޫހި ގޮތަކަށް ތެދުވެ ޖައްސައިލަން ބޭނުންވާ ކަމުގައި ޒަރޫން ބުންޏެވެ. ޒަރޫން ތެދުވެގެންދިޔަގޮތުން ، ކޮންމެވެސް ކަމެއް ވެއްޖެކަމުގައި ކަޝަފަށް ވިސްނުނެވެ. އެއީ ކޮންކަމެއް ބާވައެވެ. އެވާހަކަ ޒަރޫންއަށް ނުދެއްކެންވީ ކީއްވެގެން ހެއްޔެވެ ؟ އެއީ ދެމީހުން އެއްބަސްވެފައި އޮތްގޮތާ ޚިލާފު ކަމެކެވެ.

------------------------

ޣަޒާލާ އިނީ ނިދަން އެނދަށް އަރައި ފިކުރުތަކެއްގެ ތެރެޔަށް ގެއްލި ، ނިދިނައިސް ، ކޮޅަށް ތެދުވެ ބޯލާކޮޅު ފިލާގައި ލެނގިލައިގެންނެވެ. މިރޭ ރޭގަނޑުގެ ކެއުމުގެ މޭޒުމަތިންވެސް ޣަޒާލާއެއް ނުފެނެވެ. ޖުނައިދު އެހުރީ އެކަމާ ކަންބޮޑުވެފައެވެ. ވީކީއްތޯ އަހައިލަން ބޭނުން ވެފައެވެ.

" ޖުނައިދު އަހަރެންނާ އިނދެގެން ތިއުޅެނީ އުފަލުގައި ހެއްޔެވެ ؟ " ޣަޒާލާ ސުއާލު ކުރިއެވެ.

އެއީ ކޮންކަހަލަ ސުއާލެއްތޯ ޖުނައިދު ސުއާލު ކުރިއެވެ. އެސުއާލުގެ ޖަވާބު ދިނުމަށް ޣަޒާލާ އެދުނެވެ.

" އަހަރެންނާއެކު ޖުނައިދު ދިރިއުޅެނީ އުފަލުގައި ނޫންކަމަށް ، މިއަދު ސާރާ ބުނެފިއެވެ. އެވާހަކަ އަޑު އިވިފައި އަހަރެންގެ ހިތަށް ވަރަށް އުނދަގޫ ވިއެވެ. ދެދަރިންގެ ފަރާތުން އެ ޖުމްލަ އަޑު އިވުނީމައެވެ. " ޣަޒާލާ ބުންޏެވެ.

ސާރާ އެހެން ބުނަންވީ ކީއްވެގެންކަމެއް ޖުނައިދަކަށް ނޭނގެއެވެ. އަނެއްކާވެސް ޣަޒާލާ ބޭނުންވީ ސާރާގެ ވާހަކަ ދޫކޮށްލާފައި ، ޣަޒާލާ ކުރި ސުއާލަށް ޖުނައިދު ޖަވާބު ދިނުމަށެވެ. ޖުނައިދުވެސް ޖަވާބު ދިނުމުގެ ބަދަލުގައި ޣަޒާލާއާ ކުރީ ސުއާލެކެވެ. ޣަޒާލާއަށް އެކަމުގައި ފެންނަނީ ކިހިނެއްތޯއެވެ. ޣަޒާލާ ޤަބޫލުކޮށްގެން ހުރީ ޖުނައިދު އުފަލުގައި ނުއުޅޭކަމަށް ވަންޏާ އެވާހަކަ ޣަޒާލާގާތު ބުނެ އެކަމާބެހޭގޮތުން ވާހަކަ ދައްކާނެ ކަމުގައެވެ. އެދެމީހުންގެ ކައިވެންޏަށް އެތައް އަހަރެއް ވެއްޖެއެވެ. ދެކުދިން ލިބި އެކުދިން އެތިބީ ބޮޑެތިވެ މީހުންނާ އިނދެގެންނެވެ. އެދެމީހުންގެ ކައިވެންޏަކީ އެންމެ ފުރިހަމަ ގުޅުމެއްކަމަށް ޣަޒާލާ ޤަބޫލު ކުރެއެވެ. އެދެމީހުންގެ މެދުގައި ޒުވާބެއް ނުހިނގައެވެ. އެކަކު އަނެކަކު އެހާ ރަނގަޅަށް ދަނެ ، އެއްވެސް މައްސަލައެއް ނުޖައްސައެވެ. ޣަޒާލާއަށް ޤަބޫލު ކުރެވޭގޮތުގައި ޖުނައިދު އުޅެނީ އުފަލުގައެވެ.

ޣަޒާލާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަނގައިން ނުބުނެ އިނުމަށްފަހު ، ވަރަށް ވިސްނާފައި ޖުނައިދު ވާހަކަ ދައްކަން ފެށިއެވެ. އެއްވެސް ގުޅުމަކީ އެންމެ ފުރިހަމަ ގުޅުމަކަށް ނުވާނެކަމަށް ޖުނައިދު ބުނެއެވެ. ދެމީހެއްގެ ދިރިއުޅުމުގައި މައްސަލަ ހުންނާނެއެވެ. މައްސަލަ ، މައްސަލަޔަކަށް ހަދަނީ އިންސާނާގެ ވިސްނުމާއި ބުއްދިއެވެ. މައްސަލަ ތަކުގައި ގޮތް ދޫކުރުމަކީ ، މައްސަލައެއް ނެތުމެއް ނޫނެވެ. ސާރާ އެބުނީ ތެދެއްކަން ، އެހިސާބުން ޣަޒާލާއަށް ޤަބޫލު ކުރެވުނެވެ. ޖުނައިދު އޭނާއާއެކީ ދިރިއުޅެނީ އުފަލުން ނޫންކަމުގައި ބެލިނަމަވެސް ، އެހާތަނަށްވެސް އެއްވެސް ޒުވާބެއް ނުކޮށް ހަމަޖެހިގެން ދިރިއުޅެވުނީ ، އެދިރިއުޅުމުގެ ފުރިހަމަކަމުގެ ސަބަބުންކަމަށް ޣަޒާލާއަށް ޤަބޫލު ކުރެވެއެވެ. އެދެމީހުންގެ ދިރިއުޅުމުގައި ގިނަފަހަރަށް ގޮތް ދޫކޮށް ، މައްސަލަތައް މައްސަޔަށް ނުހަދަނީ ޖުނައިދު ކަމުގައި ، ފުރަތަމަ ފަހަރަށް ޖުނައިދު ބުނެއެވެ. އަދި އެދެމީހުންގެ ގުޅުން ދެމެހެއްޓުމަށްޓަކައި ޣަޒާލާ ވިސްނައި ، ގޮތްދޫކޮށްފައި ވަނީ ވަރަށް މަދު ފަހަރެއްގައިކަމުގައިވެސް ޖުނައިދު ބުންޏެވެ. އަދި ކޮންމެ ފަހަރަކު ގޮތް ދޫކުރަނީ ޖުނައިދު ކަމުގައިވެސް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.

ޖުނައިދު އެބުނާ ވާހަކައެއް ޣަޒާލާއަކަށް ނުވިސްނުނެވެ. އެދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ޣަޒާލާގެ ޙިއްޞާއެއް ނެތް ވާހަކަ ހެއްޔެވެ ؟ ޣަޒާލާގެ ހިތުގައި ސުއާލުމާކުތަކެއް ޖެހުނެވެ. އެދިރިއުޅުމުގައި ޣަޒާލާގެ ޙިއްޞާއެއް ނެތްވާހަކައެއް ޖުނައިދު ނުބުނެއެވެ. އެކަމަކު އޮންނަންވީ ވަރަކަށް އެޙިއްޞާއެއް ނެތެވެ. އެދިރިއުޅުން ބާއްޖަވެރި ކުރުމުގައި ބޮޑީ ޖުނައިދުގެ ޙިއްޞާއެވެ. ޣަޒާލާއަކަށް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. އެކަހަލަ އެއްވެސް ވާހަކައެއް މުޅި ޢުމުރުގައިވެސް ޖުނައިދު އޭނާއާ ދައްކާފައެއް ނެތެވެ.

އެދެމީހުންގެ މެދުގައި މައްސަލައެއް އުފެދޭ ހިނދު އެކަން ޣަޒާލާއަށް ވިސްނައިދިނުމަށްޓަކައި އެތައް ފަހަރަކު ޖުނައިދު ، ޣަޒާލާއަށް ނަޞޭޙަތް ދެއެވެ. އެހެންނަމަވެސް ، ޖުނައިދު ދައްކާ އެއްވެސް ވާހަކައެއް ޣަޒާލާ ޤަބޫލެއް ނުކުރެއެވެ. އެކަމެއް ޤަބޫލު ނުކރާ ތާނގައި އެއިން ކަމަކާމެދު ވިސްނައިލާކަށްވެސް ޣަޒާލާ ބޭނުމެއް ނުވެއެވެ. އަބަދުވެސް ޣަޒާލާ ހުންނަނީ ޣަޒާލާގެ ގޮތުގައެވެ. އެއްވެސްކަމެއްގައި ޖުނައިދަކަށް ދުލެއް ނުކުރެއެވެ. އެކަމާބެހޭގޮތުން ސުއާލުކޮށްލަން އެނގުނީވެސް ، އިނދެގެން އުޅެ ދެމީހުން މުސްކުޅިވީފަހުންނެވެ. އެވެސް ، ސާރާ ބުނި ބުނުމަކަށެވެ. ޣަޒާލާއަށް އަމިއްލަޔަށް އެއްޗެއް ވިސްނިގެންނެއް ނޫނެވެ.

" އަހަރެން އަބަދުވެސް ޖުނައިދަށް އެންމެ އިސްކަނދޭ ދެމެވެ. "

" ނޫނެކެވެ. އަހަރެންނަކަށް އިސްކަމެއް ނުދެއެވެ. ޣަޒާލާ އިސްކަންދެނީ ޣަޒާލާގެ ގޮތަށެވެ. އަދި ޣަޒާލާގެ މަސައްކަތަށެވެ. " ޣަޒާލާގެ ވާހަކަ ނުނިމެނިސް ޖުނައިދު ޖަވާބު ދެއެވެ.

" ޣަޒާލާގެ ގެއާއި ގޭގެ ކަންތަކާ ، ދިރިއުޅުމާ އަދި ފިރިމީހާއާއި ކުދިން އެއީ ޣަޒާލާ އެންމެ އިސްކަންދޭ ކަންކަމެއް ނޫނެވެ. ޣަޒާލާއަށް ، އަބަދުވެސް އެންމެ އިސްކަމެއް ދެވެނީ ޣަޒާލާގެ މަސައްކަތަށެވެ. އެކަމުގެ ނުބައި އަސަރު މިއޮތީ އަހަރެމެންގެ ދިރިއުޅުމަށާއި ކުދިންނާ އަދި އަހަރެންނަށް ފޯރާފައެވެ. ދިރިއުޅުމުގައި ކުރިމަތިވި އެތައްކަމެއްގައި އަނތްބެއްގެ ގޮތުގައި ޣަޒާލާ ބަލައިގަންނަން އަހަރެންނަށް އުނދަގޫ ވިއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ، ދެކުދިންނަށްޓަކައި ، އަހަރެމެންގެ ކައިވެނި ދެމެހެއްޓުމަށްޓަކައި އަހަރެން ޤުރުބާން ވީމެވެ. ގޮތް ދޫކުރީމެވެ. ޒަރޫން އާއި ސާރާއަށް ޣަޒާލާގެ ފަރާތުން އެކަށީގެންވާ ތަރުބިއްޔަތެއް ލިބިފައެއް ނުވެއެވެ. އެމީހުންގެ ދިރިއުޅުމުން މިއަދު ފެންނަމުން އެދަނީ އެ ޙަޤީޤަތެވެ. އެކަން ޣަޒާލާއަށް ވިސްނައި ދެވޭތޯ އެތައް ފަހަރަކު އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު އެކަން ޣަޒާލާއަކަށް އިޙްސާސެއް ނުވެއެވެ. އަހަރެން ދައްކާ ވާހަކައެއް އަޑުއަހައިލާކަށްވެސް ގަޒާލާ ބޭނުމެއް ނުވިއެވެ. " ޖުނައިދު ފުން ނޭވާއެއް ލިއެވެ.

ޣަޒާލާގެ ހިތަށް އަސަރެއް ކުރުވާނެ ވާހަކަތަކެއް ޖުނައިދުގެ ފަރާތުން އިވުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމުގެ ތެރެޔަށް ގެއްލިފައި ނިދިނައިސް އެއިން ގޮތަށް ޣަޒާލާއަށް އިނދެވުނެވެ.

------------------------

އުސާމާ ، ކަޝަފްގެ ކައިވެންޏަށް ހުށަހެޅިވާހަކަ ޒަރޫންއަށް އެނގުނު ހިސާބުން ޒަރޫންގެ މިޒާޖަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަބަދުވެސް ހުންނަނީ ރުޅިއަިސް މޫނުން ފޫގަޅާފައެވެ. ރުންކުރު ވެފައި ބަސްމަދުވެފައި ކަޝަފާ ވާހަކައެއް ނުދައްކައެވެ. ގޭގައި  އުޅެނީވެސް ވަރަށް މަދުންނެވެ. ގެޔަކުން ނުވެސް ކައެވެ. މިކަންކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކަޝަފަށެވެ. ހެޔޮހިތުން ލޯބިން ޒަރޫންއަށް ކޮށްދޭން ބޭނުންވާ އެއްވެސްކަމެއް ޒަރޫން ބަލައެއް ނުގަނެއެވެ.

އޮފީހަށް ދަމުން ގެޔަށް އާދެވެނީ ލަހުންކަމަށްބުނެ ޒަރޫން އެދުވަހު ޒަރޫން ގެއިން ނުކުތް ގޮތުންވެސް ، މައްސަލައެއް އެބައުޅޭކަން ކަޝަފަށް  އިޙްސާސް ވިއެވެ. އެހެންނަމަވެސް އެއީ މާބޮޑުކަމަކަށް ނަހަދައެވެ. އެރޭ ޒަރޫން ގެޔަށް އައީ ވަރަށް ލަހުންނެވެ. ޒަރޫން ގެޔަށް ވަނުމާއެކު ، ކަޝަފް ކޮށްލި ސަލާމަށްވެސް ޒަރޫން ޖަވާބެއް ނުދެއެވެ. ޒަރޫން އަންނަންވާއިރަށް ކަޝަފް ހުރީ ، ޒަރޫންއަށް އެންމެ މީރު ކާއެއްޗެތި ތައްޔާރުކޮށްފައެވެ. އަދި ދެމީހުން އެކުގައި ކާންވެގެން ، ކިތަންމެ ލަސްވިޔަސް ކަޝަފް ހުރީ ނުކައެވެ.

ކާންތިބެގެންވެސް ކަޝަފް އެހާ ލޯބިން އޯގާތެރިކަމާއެކު ދައްކަމުންގެންދިޔަ ހުރިހާ ވާހަކަޔަކަށްވެސް ޒަރޫންގެ ބަސްމަގު ހުރީ ވަރަށް ކުރުކޮށެވެ. އަދި ފޫހިގޮތަކަށެވެ. ޒަރޫން ގަޔާވާގޮތަށް އެއްވެސް ބަހެއް ކަޝަފަކަށް ނުކުރެވެއެވެ.

ކައިނިމިގެން ، ޒަރޫން އިނީ ނިދަން ނުގޮސް ޓީވީ ބަލަން ސޯފާގައި ޖައްސާލައިގެންނެވެ. ލަވައެއް ބަލަން އިންއިރު ޓީވީގެ އަޑުހުރީ ވަރަށް ބާރުކޮށެވެ. ދެތަށި ކޮފީ ހަދައިގެން އައިސް ކަޝަފްވެސް ސޯފާގައި ޖައްސައި ލައެވެ. އަދި ޓީވީ ނިންވައިލުމަށްފަހު ، ވެގެން މިއުޅެނީ ކީއްތޯ ޒަރޫންއާ ސުއާލު ކުރިއެވެ. ކަޝަފް ހުރީ ވަރަށް ކަންބޮޑުވެފައެވެ. ދެރަ ވެފައެވެ. ޒަރޫންއަށް ވެގެން އުޅޭގޮތެއް އަދި މިޒާޖަށް އައިސްފައިވާ ބަދަލަކީ ކޮންކަމަކާ ގުޅިގެން އައި ބަދަލެއްތޯ ބަލަން ކަޝަފް ބޭނުންވިއެވެ. ދިރިއުޅުމުގެ ކަންކަން އެހާ ރަނގަޅަށް ދަމުންގޮސް ، ދެމީހުން ވަކިން އެއްގެޔެއްގައި ދިރިއުޅެން ލިބުނު ފުރުޞަތުގައި ކުރިމަތިވަމުން އެދާ ހާސްކަމަށް ކަޝަފަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ފަރާތުން ކަމެއް ކުރެވުނަސް އެކަމެއް ރަނގަޅުކުރަން އެނގޭނީ ޒަރޫން ބުނިއްޔާއެވެ. އިސްލާމް އާބާދަށް ބަދަލުވިފަހުން ، ދެމީހުންނަށް ހަމަޖެހިލައިގެން ރަނގަޅަށް ވާހަކަ ދައްކައި ނުލެވެއެވ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.