"ޗާލު މިސްކިތް" ހަރަކާތުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރައްވައިފި އެވެ.

އެ ކައުންސިލުން ވިދާޅުވީ މި ހަރަކާތުން 744713.90 ހަތް ލައްކަ ސާޅީސް ހަތަރުހާސް ހަތ ްސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ލާރި) ލިބިފައިވާ ކަމަށެވެ.

މިއީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ވަނީ ލިބިފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ އެ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުން ނެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފަ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.