ދެކަފި - 83

(6 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫންމެންގޭގެ ރޭގަނޑުގެ ކާމޭޒުގައި އެންމެން ހަމަވި ރެޔެކެވެ. ޒަރޫންވެސް އަބަދު ބޭރުގައި އުޅޭތީ އެއީ މިހާރަކަށް އައިސް ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. ސާރާގެ ކައިވެނީގެ ކުރިން ދުވަސްކޮޅެއް އޮއްވާ ، ޒަރޫންމެން ކަރާޗީއަށް އަންނަން ނިންމި ނިންމުމަށް ޣަޒާލާ އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެއީ އެމީހުން ކުރި ވަރަށް ރަނގަޅު ކަމެއްކަމަށް ޣަޒާލާ ނިންމިއެވެ. މޭޒުދޮށުގައި މުޅިންވެސް އޮތީ ކަޝްފަށް ތަޢުރީފް ކުރުމެވެ. ކައިވެނީގެ ކުރިން ކަރާޗީއަށް އަންނަން ނިންމީ ކަޝަފެވެ. ގޭގައި ސާރާއަށް އެހީތެރިވެދޭނެ އެހެން މީހަކު ނުހުންނާނެކަން ޒަރޫންއަށް ކަޝަފް ހަނދާންކޮށްދިނެވެ. ސާރާ ބުނިގޮތުގައި ޒަރޫންއަށް މިހާރު ލިބިފައި އެހުރީ ޒަރޫން ބޭނުންވާ ކަހަލަ އަނތްބެކެވެ. ޒަރޫންއަށް އެވަގުތުވެސް ހަމަ ރަނގަޅަށްހޭ އަހައި ލެވުނެވެ. ސާރާގެ ވާހަކަޔަށް ޣަޒާލާވެސް އެއްބަސް ވިއެވެ. އަދި ކޮންމެ ދުވަހަކު ، ޣަޒާލާއަށް ފޯނުކޮށް އޭނާގެ ޙާލު އަޙުވާލު ، ކަޝަފް ބަލާކަމުގައި ބުނެ ތަޢުރީފް ކުރިއެވެ. ކަޝަފްގެ ފޯނެއް ނައިސް ލަސްވަންޏާ ކަންބޮޑުވުމަކީ     މިހާރު ޣަޒާލާގެ އާދަޔަކަށް ވެއްޖެއެވެ. މިއަދުވެސް ، މަންމަގެ ގެޔަށް ދިއުމުގެ ކުރިން ޣަޒާލާގެ ހުއްދަ ހޯދިކަމަށް ބުންޏެވެ. ކަމެއް އޮތިއްޔާ ނުގޮސް މަޑުކުރާނެކަމަށް ކަޝަފް ބުނިކަމުގައި ޣަޒާލާ ބުންޏެވެ. ޣަޒާލާ އިނީ ވަރަށް އުފަލުންނެވެ.

ކަޝަފް އިނީ ބޭރުގައިހުރި އުނދޯލީގައި މަންމަޔާއެކު ކޮފީތަށްޓެއް ބޯލަން ޖައްސާލައިގެންނެވެ. ޞިދްރާގެ ދަރިފުޅުގެ ވާހަކަ ޒަރޫން ގާތު ބުނެފިންތޯ ރާފިޢާ ސުއާލު ކުރިއެވެ. ޒަރޫންގާތު އެވާހަކަ ބުނަން ކަޝަފް ހަނދާނެއް ނެތެވެ. ރާފިޢާ ކަޝަފާ ދިމާއަށް ބަލައިލުމަށްފަހު ސުއާލެއް ކުރިއެވެ. ކަޝަފާއި ޒަރޫންއާ ދެމެދު ހުރިހާކަމެއް ރަނގަޅުތޯ އަހައިލަމުންނެވެ. ކަޝަފް އޭނާގެ ހިތުގައި އޮބަހައްޓައިގެން ހުރި އިޙްސާސްތައް އިތުރަށް ހިފެހެއްޓުމާއެކު ، ހުރިހާކަމެއްވެސް ރަނގަޅޭ ބުންޏެވެ.

ޒަރޫންއަކީ ރާފިޢާގެ ނަޒަރުގައި ރަނގަޅު މީހެއްކަމަށްބުނެ ތަޢުރީފް ކުރިއެވެ. އަދި ، ރަނގަޅު ދެ ދަނބިދަރިން އޭނާއަށް ދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރިއެވެ. ކޮންމެ މީހެއްގެ ނަސީބުގައިވެސް އެފަދަ ދަނބިދަރިން ދެއްވުން އެދި ރާފިޢާ ދުޢާ ކުރިއެވެ. ކަޝަފްގެ ހިތަށް އައި ޖަވާބު ހަމައެކަނި އޭނާގެ ހިތަށް އިއްވައިލިއެވެ.

" ނޫނެކެވެ ! ﷲ އެފަދަ ދަނބިދަރިން އެއްވެސް މީހަކަށް ނުދެއްވާށިއެވެ ! " ކަޝަފް އޭނާގެ އަމިއްލަ ހިތަށް ބުނެ އިއްވައިލިއެވެ.

------------------------

ޒަރޫންގެ ހިތުގައި އުފެދިފައިވާ ހާސްކަމުގައި ނެގިމަޑުވެފައި އިންތަން ޖުނައިދަށް ފެނުމުން ޒަރޫންއާ ގާތަށް ޖެހިލައި ވާހާކަ ދައްކައިލިއެވެ. ޒަރޫންގެ މޫނުމަތިން ފެންނަންހުރި ޢަލާމާތްތަކުން ، ޒަރޫން އާއި ކަޝަފާ ދެމެދު މައްސަލައެއް އެބައުޅޭކަން ޖުނައިދު ދެނެގަތެވެ. ޒަރޫން ކަންބޮޑުވެފައިހުރިވާހަކަ ބުނީ ސާރ އަބްރާރު ހެއްޔޭ އަހައި ޒަރޫން އޭނާގެ ބައްޕަޔާ ސުއާލު ކުރިއެވެ. އަބްރާރް އަށްވެސް އެކަން އެނގުނީތޯ ޖުނައިދު ސުއާލު ކުރިއެވެ. އަދި އޭނާއަށް އެނގުނީ ކީއްވެތޯވެސް ސުއާލުކުރިއެވެ. އަބްރާރް ނުބުނާކަން ދެން އެވާހަކަ ބައްޕަގާތު ބުނި މީހަކު އެނގެން ޒަރޫން ބޭނުންވިއެވެ. ޒަރޫން ހީކުރީ ކަޝަފް ، ބައްޕަމެންގާތު އެވާހަކަ ބުނީ ކަމަށެވެ. އެހެންނަމަވެސް އެކަން ޖުނައިދުއަށް އެނގުނީ ޒަރޫންގެ މޫނުމަތިންކަމުގައި ބުންޏެވެ. ވީ ކީއްތޯ ޖުނައިދު ސުއާލު ކުރިއެވެ.

" ބައްޕާއެވެ ! އަހަރެންނަށް ހީވާގޮތުން ، އަހަރެންނާ ކަޝަފާ ދެމެދުގައި ވިސްނުމުގެ ތަފާތެއް އެބައޮތެވެ. އަހަރެމެން ދެމީހުން ކައިވެނި ކުރުމަކީ ރަނގަޅުކަމެއްކަން އަހަރެންނަކަށް މިހާރު ޔަޤީނެއް ނުކުރެވެއެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫންގެ އެންމެ ބޮޑު މައްސަލަޔަކީ އަވަހަށް އަދި ފަސޭހައިން ރުޅި އިސްކޮށްފައި އެރުޅި ކޮންޓްރޯލް ނުކުރެވުމެވެ. ވިސްނައި ނުލާ ވަރަށް އަވަހަށް ޒަރޫން ގޮތް ނިންމާނެއެވެ. ކުޑައިރުކޮޅަކުވެސް އެކަމަކަށް ވިސްނައެއް ނުލާނެއެވެ. " ޖުނައިދު ބުންޏެވެ.

ބައްޕަވެސް އެކަމުގައި ކުށްވެރިކުރަނީ ޒަރޫންކަމަށް އޭނާ ހީކުރިއެވެ. އެސުއާލުގެ ޖަވާބުގައި ޖުނައިދު ބުނީ ، އަބްރާރްވެސް އެކަމުގައި ކުށްވެރިކުރާނީ ޒަރޫންކަމަށް ޖުނައިދަށް ފެންނަ ކަމުގައެވެ. އެއީ އެދެމީހުންނަށްވެސް ވަރަށް ރަނގަޅަށް ޒަރޫން އެނގޭތީއެވެ.

" ބައްޕާއެވެ ! އަހަރެން ، އަހަރެންގެ އަންހެނުންގެ ފަރާތުން އަހަރެންނަށް ތެދުވެރިވުމަށް އެދުން އެއީ ކުށެއް ހެއްޔެވެ ؟ ކަޝަފް އަހަރެންނަށް ބައެއްވާހަކަ ސިއްރު ކުރެއެވެ. އަހަރެންގެ ކުރިން ، އުސާމާ ، ކަޝަފްގެ ކައިވެންޏަށް އެދުނުކަން އަހަރެންނަށް އެނގުނީ މިއަދުއެވެ. ބައްޕާއެވެ. ބައްޕަ އަހަރެންގެ ނަޒަރުން ވިސްނާފައި ބުނެބަލާށެވެ. އަހަރެންގެ އަންހެނުންނަށް އަހަރެންނަށްވުރެ ކުރިން އެހެން މީހަކު ، އޭނާގެ ކައިވެންޏަށް އެދުނުކަން އެނގުމުން ހިތަށް އަރާނީ ކީކޭ ހެއްޔެވެ ؟ " ޒަރޫން އޭނާގެ ބައްޕަޔާ ސުއާލު ކުރިއެވެ.

" އަހަރެން ބަލާނީ އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ މީހާ ކަމުގައެވެ. " ޖުނައިދު ޖެހިލުމެއްނެތި ޖަވާބު ދިނެވެ.

------------------------

މުރުތަޟާ ދައްކަމުން އެގެންދާ ވާހަކަ ރާފިޢާއަކަށް ސާފެއް ނުވިއެވެ. މުރުތަޟާ އެގެޔަށް އައިސް ދައްކަމުން އެގެންދަނީ ޙައްމާދުގެ ވާހަކައެވެ. މުރުތަޟާ އެދައްކާ ވާހައިން ރާފިޢާއަށް ޙައިރާންކަން ލިބޭނެކަން މުރުތަޟާއަށްވެސް އެނގޭނެއެވެ. އަދި އެވާހަ އަޑުއަހަން ރާފިޢާއަށް އުނދަގޫވެސް ވެދާނެއެވެ. ޙައްމާދުގެ ކަންތަކުގައި ގޮތްހުސްވެފައިހުރިކަމުގައި މުރުތަޟާ ބުންޏެވެ. ކިޔަވާކަށް އެއްވެސް އަހަންމިއްޔަތުކަމެއް ޙައްމާދެއް ނުދެއެވެ. ރާފިޢާ އޭނާގެނެސްގެން ގެންގުޅެފިއްޔާ ފަހަރެއްގައި ރާފިޢާގެ ބަސް އަހައިގެން ކޮންމެވެސް ވަރަކަށް ކިޔެވުމާ ގާތްވެދާނެއެވެ. ނިޤާރަކަށް އެއްވެސް ކަމެއް ނުވެއެވެ.

" ތިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަހަރެންނަށް ހީވާގޮތުގައި އަހަރެންނަކަށް އެވަރުގެ ބޮޑު ޒިންމާއެއް ނުއުފެއްލޭނެއެވެ. ޙައްމާދަކީ މުރުތަޟާގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އަހަރެންނަކީ ޙައްމާދުގެ ދޮންމަންމައެވެ. އަހަރެން އޭނާ ބަލާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެން އޭނާއަށް ކިޔަވައިދޭނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނަކީ ވަރަށް އާދައިގެ ނިކަމެތި އަންހެނެކެވެ. އަހަރެންގެ ތިން އަންހެންކުދިން ބަލައި ބޮޑުކޮށް ، ކިޔަވައިދީ މީހުންނަށް ހަދާފައި އެތިބީ ވަރަށް ބުރަ މަސައްކަތުންނެވެ. އެތައް ތަކުލީފެއް އުފުއްލައިގެންނެވެ. އެހެން މީހެއްގެ އެހީތެރިކަމެއްނެތި އަމިއްލަޔަށް މަސައްކަތް ކޮށްގެން ވަރަށް ދަތި ޙާލުގައެވެ. އަހަރެން އުޅުނު ޙާލު ދެނެވޮޑިގެންވާނީ ﷲ ސުނބްޙާނަހޫ ވަތަޢާލާ އެވެ. އެއްވެސް މީހަކަށް އަހަރެން އުޅުނު ޙާލެއް ނޭނގޭނެއެވެ. އަހަރެންނަކަށް މުރުތަޟާއަކަށް ފިރިހެންދަރިއެއް ވިހައެއް ނުދެވުނެވެ. އެއީ ﷲ ގެ އިރާދަފުޅާއި މިންވަރު ފުޅެވެ. އެކަމުގައި އަހަރެން ކުރާނެ އެއްވެސް ކަމެއް ނެތެވެ. މުރުތަޟާ އެހެން މީހަކާ އިނދެގެން ހޯދި ފިރިހެން ދަރި މިގެޔަށް ގެނެސްގެން އަހަރެން ބަލާނީ ކޮންގޮތަކުން ކިހިނެއް ހެއްޔެވެ ؟

" އަހަރެން ރާފިޢާއާމެދު ކަންތައްކުރީ ވަރަށް ގޯސްކޮށްކަމަށް އަހަރެން ޤަބޫލުކުރަމެވެ. އެކަމާ ދެރަވެސް ވެއެވެ. އެކަމާ އަހަރެން  މިހުންނަނީ ވަރަށް ދެރަވެސް ވެފައެވެ. " މުރުތަޟާ ބުންޏެވެ.

ރާފިޢާއާ ދޭތެރޭ މުރުތަޟާ ކަންތައް ކުރިގޮތާމެދު ރާފިޢާގެ ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވައެވެ. އެހެންނަމަވެސް ، ރާފިޢާގެ ތިން އަންހެން ކުދިންނާމެދު ، އެކުދިންގެ ބައްޕަޔަކަށް ވެހުރެ ، މުރުތަޟާ ކަންތައް ކުރިގޮތް އެއީ ރާފިޢާ ދެރަވާ ކަމެކެވެ. އެކަމުގެ ހިތްބަރުކަން އަބަދުވެސް އޮންނާނެއެވެ. އެކުދިންގެ ޙައްޤަށްޓަކައެވެ. އެކުދިންނަށް ލިބިއޮތް އެޙައްޤު ރާފިޢާއަކަށް ނުކެނޑޭނެއެވެ. ރާފިޢާ މިއަދު މުރުތަޟާގާތު އެއްވާހަކައެއް ބުނާނެކަމަށް ބުންޏެވެ.

" އަންހެންކުދިންނަކީ ، އެކުދިން އަމިއްލަޔަށް ދުނިޔެއަށް އަންނަ ބައެއް ނޫނެވެ. އެއީ ﷲ ގެ ނިޢުމަތެކެވެ. އަންހެންކުދިން ލިބުނީމަ އެކުދިން ދޫކޮށްލުމަކީ އިންސާނިއްޔަތަށް ޙަރާންކޯރު ވުމެވެ. " ވެއްޓެމުންދިޔަ ބުރުގާ ރަނގަޅުކޮށްލައި ، ރޮމުން ރޮމުން ރާފިޢާ ބުންޏެވެ.

މުރުތަޟާ އެގެއިން ނުކުމެގެން ދިއުމާއެކު ރާފިޢާ ކޮޓަރިޔަށްގޮސް ، މުރުތަޟާ އެދެއްކި ވާހަކަތަކަށް ގެއްލިފައި އިނެވެ. އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް ރާފިޢާގެ ލޮލުން އޮހެމުން ދިޔައެވެ. ޝެހްނީލާއަށް މަންމަ ރޯންއިންތަން ފެނިގެން އައިސް މަންމަ ގާތު ، އެނދުގައި ޖައްސައިލިއެވެ. އަދި މަންމަ ރޯ ސަބަބެއް ހޯދުމަށް ސުއާލަކަށްފަހު ސުއާލެއް ކުރަމުން ގެންދިޔައެވެ. އެއްވެސްކަމެއް ނުވެޔޭ ބުނެ ، ރާފިޢާ އެވީކަމެއް ސިއްރުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.

ޝެހްނީލާ އެކި ސުއާލު ކުރަމުންގޮސް ބައްޕަ އައީތޯއާއި ބައްޕަ އެއްޗެކޭ ބުނީތޯ ސުއާލު ކުރިއެވެ. އެހިސާބުން ، ރާފިޢާ އާއެނކޭ ބުނެ މުރުތަޟާ ބުނި ވާހަކަ ޝެހްނީލާއަށް ކިޔައިދިނެވެ. ރާފިޢާގާތު ޙައްމާދު ބަހައްޓައި އޭނާ ބަލައި ކިޔަވައިދޭން އެދުނު ވާހަކަ ބުންޏެވެ. މުރުތަޟާބުނީ ، ރާފިޢާގެ ތިން އަންހެންދަރިން ބަލައި ތަރުބިއްޔަތުކޮށް ކިޔަވައިދީ މީހުންނަށް ހެދިގޮތަށް ޙައްމާދުވެސް ގެނެސް އެގޭގައި ބަހައްޓައިދިނުމަށް ކަމުގައި ބުންޏެވެ.

" މަންމަގެ ހެޔޮކަމާއި ރަނގަޅުކަން އޭނާއަށް ޤަބޫލުކުރުވުނުލެއް އަދި މާ އަވަހެވެ. " ޝެހްނީލާ ރުޅިވެރިކަމާއެކު ބުންޏެވެ.

މުރުތަޟާގެ އަނގައިން އެނުކުތް ޒަހަރެއްފަދަ ފޮނި ބަސްތަކަކީ ، ރާފިޢާގެ ކަންފަތަށް ދުވަހަކުވެސް އިވޭނެކަމަށް ހީކޮށްގެންހުރި ވާހަކަތަކެއް ނޫނެވެ. މުރުތަޟާގެ ދުލުން ރާފިޢާއަށް ތަޢުރީފުގެ ބަހެއް ބޭރުވެދާނެކަމަށް އޭނާ ހީކޮށްފައެއް ނުވެއެވެ. އެކަން އެވީ އޭނާގެ ތިން އަންހެންދަރިން ހިންމަތާއި މިންނަތްކޮށް އޭނާގެ އެހީތެރިކަމާއެކު ހޯދި ފަޚުރުވެރި ކާމިޔާބީގެ ސަބަބުންނެވެ. މުރުތަޟާއާ ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކާނެ ހިތްވަރު ރާފިޢާއަށް އެލިބުނީ އޭނާގެ ތިންކުދިންގެ ހިތްވަރުންނެވެ. އޭނާއަކީ ބޭނުންތެރި މީހަކަށް ވެގެން އެދިޔައީ އެކުދިންކުރި މިންނެތް މަސައްކަތުންނެވެ. އޭނާގެ ތިންކުދިންގެ މަސައްކަތުން އިސްއުފުލައި އުޑާދިމާއަށް ބަލައިލައިފިއެވެ. ދެން އިސްތިރިކުރުމެއް ނެތެވެ. އެކުދިންނަށްޓަކައި ރާފިޢާ ފަޚުރުވެރި ވެއެވެ. އެއީ މިއަދުގެ ޙަޤީޤަތެވެ.

މަންމަ މުރުތަޟާއަށް ދިން ޖަވާބަކާމެދު ޝެހްނީލާ ސުއާލު ކުރިއެވެ. އަދި ޙައްމާދު ގެނެސް މިގޭގައި ބަހައްޓަން އެއްބަސްވި ވާހަކަ ނުބުނައްޗޭ ބުންޏެވެ. އޭނާ އަކީ ދޮންމަންމަ ގާތުން މީހުންގެ ސިކުނޑިކާން ދަސްވެފައިހުރި މީހެކެވެ. އެހެން މީހުންނަށް ގޭގައި އުޅެން އުނދަގޫވާވަރު ކުރާނެއެވެ. މަންމަ އެކަމަށް އެއްބަސްވެ އާނއެކޭ ބުނީހޭ އަހައި ، ޝެހްނީލާ ސުއާލުކުރަން ފެށިއެވެ. އެންމެފަހުން ، ޙައްމާދު އެގެޔަށް ގެންނަން ރާފިޢާ އެއްބަސްވިކަމުގައި ރާފިޢާ ބުންޏެވެ.

------------------------

ޒަރޫން އާއި ޖުނައިދު ސިޓިންގރޫމްގައި ތިބެ ސާރާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ސާރާގެ ކައިވެންޏަށްފަހު ޣުފްރާންގެ ގެޔަށް ދާން ނިންމުމަކީ ރަނގަޅުނިންމުމެއް ކަމުގައި ދެބަފައިންވެސް ޤަބޫލުކުރެއެވެ. ކައިވެންޏަށްފަހު ، ސާރާގެ ފުރަތަމަ ކައިވެނިން ލިބުނު ފިލާވަޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި ގޮތް ދޫކުރާނެކަމަށް ޒަރޫންއަށްވެސް ފެނެއެވެ. ދިރިއުޅުމެއްގައި އެކަކު އަނެކަކަށް ގޮތްދޫކޮށްގެން ނޫނީ އެދިރިއުޅުމެއް ބާއްޖަވެރި ނުކުރެވޭނެކަމަށް ޖުނައިދު ބުންޏެވެ. އަދި އެއްޗެއް ހީނުކުރަންޏާ ބައްޕަ ވާހަކައެއް ބުނަންހެއްޔޭ ޒަރޫން ކުރެން އެހިއެވެ. ޒަރޫން އެކަމަށް އެއްބަސްވެ ބޯޖަހައިލިއެވެ.

" ކަޝަފަކީ މީހަކަށް ނުލިބޭފަދަ ރަނގަޅު ކުއްޖެކެވެ. ކިޔަވައިގެން ހުރި މޮޅު ، ދުރުވިސްނޭ ކުއްޖެކެވެ. ގޮތް ދޫކުރާ ކުއްޖެކެވެ. އެންމެ ފުރިހަމަ ޅީދަރިޔެކެވެ. ރަނގަޅު އަނތްބެކެވެ. ދިރިއުޅުމުގައި ބައިވެރިޔެއްގެ ގޮތުގައި ލިބޭ ރަނގަޅު އަނބިންނަށް ޤަދަރު ކުރަން ޖެހޭނެއެވެ. ދިރިއުޅުމުގައި ދިމާވާ ކުދި ކުދި ކަންކަމުގައި ޒަރޫން ރުޅިއިސްކޮށް ، އެކަން އެއީ އޭނާއަށް ތަކުލީފަކަށް ނުހަދައްޗެވެ. ސާރާގެ ފުރަތަމަ ކައިވެނީގެ ހިތި ތަޖުރިބާ ޒަރޫންމެންގެ ކައިވެނިން ފެންނާކަށް ބައްޕަ ބޭނުމެއް ނޫނެވެ. " ޖުނައިދު އޭނާގެ ދަރިފުޅަށް ނަސޭހަތް ދިނެވެ.

ޒަރޫން އޭނާގެ ބައްޕަދިން ނަސޭހަތް އެހިއެވެ. އެހެންނަމަވެސް އެމީހުންގެ މައްސަލަ ނިމުމަކަށް ގެންނާނެ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ކަޝަފް އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ. ލޯގަނޑު ކައިރީ ބޯއޮމާން ކުރަން ކަޝަފް ހުއްޓިލައިގެން ހުއްޓާ އެތަނަށް ޒަރޫން އައިސް ހީލަމުން ވަރަށް ރީއްޗޭ ކަޝަފްގާތު ބުނެއެވެ. ޒަރޫންއަށް ޝުކުރު އަދާކުރުމަށްފަހު ، ކަޝަފް އިތުރު ވާހަކައެއް ނުދައްކާ އެތަނުން ދެއެވެ. އަދިވެސް ކަޝަފް އެހުރީ އޭނާގެ ގޮތުގައެވެ. ޒަރޫން އާ ވާހަކަ ދައްކައި ޒަރޫން ހަމަޖައްސާލާކަށް ނޫޅެއެވެ. އެތަނަށް އައިއިރު ޒަރޫންގެ މޫނުމަތިން ފެނުނު ހިނިތުންވުން ކުއްލިޔަކަށް ގެއްލުނެވެ. އަދި މޫނުގެ ކުލަވަރު ހިތްހަމަ ނުޖެހުމަށް ބަދަލުވިއެވެ.

ޒަރޫން ކޮޓަރިޔަށް ވަތްއިރު ކަޝަފެއް ނެތެވެ. އެއީވެސް ޒަރޫން އިތުރަށް ހިތްހަމަ ނުޖެހުނު ކަމެކެވެ. އޭނާއެއައީ ކަޝަފާ ވާހަކަ ދައްކައިލާށެވެ. ގޮތް ދޫނުކުރުމުގެވެސް ޙައްދެއް އޮންނަންވާނެއެވެ. ފިރިމީހާ ހައްލާލައިގެން ހަމަޖައްސައިލުމަކީ ކަޝަފް ކުރަން ޖެހޭނެކަމެއްކަމަކަށް އޭނާއަކަށް ނުފެނެއެވެ. ޒަރޫންގެ ހިތަށް އެރިއެވެ. ވާހަކަ ދައްކަން ވާނެ ނޫން ހެއްޔެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.