ދެކަފި - 48

(1 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ދޮގުނުހަދާ ތެދަށް ބުނާށެވެ! އެގެޔަށް ދިޔައިމެއް ނޫން ހެއްޔެވެ؟ އަހަރެންނަށް ދޮގު ނުހަދާށެވެ!" ނިޤާރު ހިތްހަމަ ނުޖެހިފައިހުރެ މުރުތަޟާއާ ސުއާލުކުރިއެވެ.

"އަހަރެން ދޮގުހަދަންވީ ކީއްކުރަން ހެއްޔެވެ؟ އާނއެކެވެ. އަހަރެން އެގެޔަށް ދިޔައިމެވެ." މުރުތަޟާ ބުންޏެވެ.

މުރުތަޟާ އެގެޔަށް ދާނެކަން ނިޤާރަށް ކުރިންވެސް އެނގެއެވެ. އެއީ އެދެމީހުންގެ ޠަބީޢަތެވެ. މީހެއްގެ ފަރާތުން ފައިދާއެއް ފެންނަން އޮތިއްޔާ އެމީހަކާ ގާތްވާނެއެވެ. އަތުން އެއްޗެއް ދާގޮތަށް އޮންނަންޏާ އެމީހަކާ ދުރުވާނެއެވެ. އަތުން ޚަރަދެއް ނުކޮށް ލިބެން އޮންނަ ނުޙައްޤު ފައިދާއެއް ނުހޯދާ ދޫކޮށެއް ނުލާނެއެވެ. އެގެޔަށް ދިއުމަކީ އެވިސްނުމުން ބަލާއިރު ނިޤާރަށްވެސް މައްސަލަޔަކަށް ވެގެން ނުވާނެއެވެ. މުރުތަޟާ ދިޔައީ އޭނާގެ ދަރިފުޅު ސީ އައި އެސް އިން އެހާމަތިން ފާސްވީމަ މުބާރިކްބާދީ އަދާކުރާށެވެ. އެކަމުގައި މައްސަލަޔަކީ ކޮބައި ހެއްޔެވެ؟ މުރުތަޟާ އެގެޔަށް ދިއުމުގައި ނިޤާރަށް މައްސަލަޔަކަށް ވާނީ، ރާފިޢާ އާއި މުރުތަޟާ އާ ދެމެދުގައި އޮންނަ ގުޅުމެވެ. އެއްވެސް ކަމަކާ ގުޅިގެން، އެގުޅުން އެއްވެސް މިންވަރަކަށް ރަނގަޅުވެގެން ދިއުމަކީ ނިޤާރު އެދޭނެ ކަމެއް ނޫނެވެ. ނިޤާރު އަބަދުވެސް ބޭނުންވާނީ، ރާފިޢާދެކެ މުރުތަޟާ ރުޅިއައިސް ހުރުމަށެވެ.

ނިޤާރުގެ ވިސްނުމާއި ފިކުރުގައި އޮތީ މުރުތަޟާ އެގެޔަށް ދިޔައިމަ އާދައިގެމަތިން، އޭނާއަށް އެމީހުން މަރުޙަބާ ނުކިޔާނެ ކަމަށެވެ. އެހެންނަމަވެސް، މުރުތަޟާއަށް ޙައްޤު މިންވަރަށް އެގެއިން އަބަދުވެސް މަރުޙަބާ ކިޔެއެވެ. ޚާއްޞަކޮށް ރާފިޢާގެ ފަރާތުންނެވެ. މުރުތަޟާއަށް އެދުވަހު ސައިވެސް ދިނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މުރުތަޟާއަކީ ރާފިޢާގެ ކުދިންގެ ބައްޕައެވެ. މުރުތަޟާ، އެމީހުންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، ރާފިޢާއެއް މުރުތަޟާއަކަށް ދެރަގޮތެއް ނުހަދާނެއެވެ. އޭނާއަކީ ޚުލްޤު ރަނގަޅު އަދި ހެޔޮލަފާ މީހެކެވެ.

ނިޤާރު ހީކޮށްގެން ހުރީ، މުރުތަޟާއާ ކަޝަފް ބައްދަލު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް، ކަޝަފާވެސް ދިމާވިއެވެ. އަދި އޭނާ ޓްރޭނިންގއަށް ލާހޯރަށް ދާވާހަކަވެސް މުރުތަޟާ ގާތު ބުންޏެވެ. ނިޤާރުގެ މޫނުމަތީގެ ކުލަވަރު ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ މުރުތަޟާ ދެން އެބުނި ވާހަކަ ތަކުންނެވެ. ކަޝަފް ލާހޯރަށް ދާއިރު، މުރުތަޟާވެސް ކަޝަފާއެކު ދާނެއެވެ. މުރުތަޟާގެ ވަރަށް ގިނަ ގާތް ރައްޓެހިން ތިބޭނެއެވެ. އެމީހުންނަށް އޭނާ، ކަޝަފް ތަޢާރުފް ކޮށްދޭނެއެވެ. އަދި އެއްވެސް ކަމަކަށް ކަޝަފް ބޭނުންވެއްޖިއްޔާ އެމީހުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައި ދޭނެއެވެ. ދަރިފުޅުގެ ލޯބީގައި ހަދާނެ ނުހަދާނެގޮތެއް ނޭނގިގެން، މުރުތަޟާއަށް އެއައި ބަދަލަކީ އަމިއްލަ އެދުމުގެ ބަދަލެއްކަން ނިޤާރަށް އެނގެއެވެ. އެކަމަކު، އެއީ އޭނާއަށް ހިތްހަމަ ޖައްސާލައިގެން ހުރެވޭނެ ކަމެއް ނޫނެވެ. މުރުތަޟާގެ ވިސްނުމާ ކުޅެލައި ކަޝަފްގެ މައްޗަށް ނަފުރަތު އުފެއްދޭނެ ގޮތްގޮތް ނިޤާރު ހޯދާނެ އެވެ. ނިޤާރުގެ މަޤްޞަދަކީ ކޮބައިކަން މުރުތަޟާއަށް އެނގެއެވެ. އެހެންނަމަވެސް، ނިޤާރުގެ މަޤްޞަދަކީ ކޮބައިތޯ އަހައިލަމުން، މުރުތަޟާ ނިދަން އޮށޯވެ ގައިމަތިން ފޮތިގަނޑު އަޅައިލައެވެ. ނިޤާރު އެބުނީ ކީކޭކަން ޚުދު މުރުތަޟާއަށްވެސް އެނގޭނެކަން ނިޤާރަށް އެނގެއެވެ.

------------------------

ސާރާގެ މައްސަލައިގާ، އެންމެ ފުރަތަމަވެސް ވާހަކަދައްކައިލުމަށް ޒަރޫންއަށް ފެނުނީ އޭނާގެ މަންމަ އާއެވެ. ސާރާ ހިނގަމުން އެދަނީ މަންމަ ދެއްކި މަގުންނެވެ. ބޮޑުވީ މަންމަގެ ތަރުބިއްތުގެ ދަށުންނެވެ. އަދި އެގޭގައި ކިރިޔާވެސް ސާރާގެ މައްޗަށް ވިކެނީ މަންމަގެ ބަހެވެ. އެއީ، އެއް ޚިޔާލެއްގައި އެއްގޮތަކަށް އުޅޭ ދެމައިން ކަމަށްވާތީއެވެ.

ސާރާގެ މައްސަލައިގާ އެގޮތަށް އެގެޔަށް އައިސް، ސާރާއާ ބެހޭގޮތުން ވާހަކަ ދެއްކީތީ ޣަޒާލާ އިނީ ވަރަށް ހިތްހަމަ ނުޖެހި ރުޅިއައިއްސައެވެ. އެގޮތަށް ސާރާއާ ބެހޭގޮތުން ފަރްޙާނަށް ވާހަކަ ދެއްކޭނެ ކަމަކަށް ޣަޒާލާއެއް ނުދެކެ އެވެ. އެއީ ވަރަށް ގޮތްކުޑަ މީހުންގެ ގޮތެކެވެ. އަމްދުން ޒަރޫންގާތުގައި ސާރާގެ ޝަކުވާ އުފުލުމަކީ ފަރްޙާނަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ.

"އަހަރެން މިއަދު ވަރަށް ލަދުގަތްފިއެވެ. ސާރާގެ ޢަމަލުތަކަށް އަހަރެންނަށް ކެތް ނުކުރެވޭނަމަ، އަދި، އަހަރެންނަށް އެއީ ކަންބޮޑުވާ ކަމަކަށް ވާނަމަ، ފަރްޙާނަށް އެއީ ވަރަށް ބޮޑު މައްސަލަޔަކަށް ވާނެއެވެ. ފަރްޙާނަކީ ސާރާގެ ފިރިމީހާއެވެ." ޒަރޫން ބުންޏެވެ.

"ފަރްޙާން މިގެޔަށް އައިސް ސާރާގެ ޝަކުވާ އެކުރީ އެކަންކުރަން އޭނާއަށް މަޖުބޫރު ވެގެންނެވެ. އެކަން މަޖުބޫރީ ޙާލަތަކަށް ބަދަލު ކުރީ މަންމައެވެ. ސާރާގެ ވާހަކައެއް ދައްކާލަން ފަރްޙާން އަންނަ ކޮންމެ ފަހަރަކު އޭނާގާތު މަންމަ ހަދަނީ ދޮގެވެ. ސާރާއާއި މަންމަ ފަރްޙާންގެ ވާހަކަ އަހަން ތައްޔާރު ނުވަންޏާ، އެވާޙަކަ ދައްކާލަން ފަރްޙާން ދާނީ ކާކުގާތަށް ހެއްޔެވެ؟" ޒަރޫން އިތުރަށް ވާހަކަ ދެއްކި އެވެ.

ޣަޒާލާ ނިންމާ ގޮތުގައި އެއީ ފަރްޙާނާއި ސާރާއާ ދެމަފިރިންގެ ކަމެކެވެ. އެކަމުގައި ވާހަކަ ދައްކައި ގޮތްގޮތް ހޯދާނީ އެދެމީހުންނެވެ. އެދެމީހުންނަށް އެކަން ޙައްލު ނުކުރެވިއްޖެނަމަ، އެކަންކަން ބޮޑުވެގެންދާން ދޫކޮށްލާނީތޯ ޒަރޫން ސުއާލު ކުރެއެވެ. އަދި މަންމަ ބޭނުންވަނީ ސާރާގެ ކައިވެނި ރޫޅެންތޯ ނުވަތަ ދަމަހައްޓަންތޯވެސް ޒަރޫން ސުއާލު ކުރެއެވެ. ސާރާއަކީ އެއްވެސް މީހަކު ދޭ ނަޞޭޙަތެއް އަޑުއަހާ މީހެއް ނޫނެވެ. އުޅޭނީ އުޅޭނެ ގޮތަކަށެވެ.

"ކޮންމެ ފިރިހެނަކީ ބައްޕަ ކަހަލަ މީހަކަށް ނުވާނެކަން މަންމަ ހަނދާން ކުރާށެވެ." ޒަރޫން ބުނެއެވެ.

ޒަރޫން އެބުނި ވާހަކައެއް ޣަޒާލާއަކަށް ރަނގަޅަކަށް ނުވިސްނުނެވެ. އަދި ޒަރޫން އެބުނީ ކީކޭތޯ ސުއާލު ކުރިއެވެ. ޣަޒާލާގެ އަޑުގައި އުފެދިފައިވަނީ ރުޅިވެރި ކަމެވެ. ޚުދު ޖުނައިދު ނުބުނާ ވާހަކައެއް އޭނާގެ ފިރިހެންދަރިފުޅު ބުނުމުން ޣަޒާލާ ކަންބޮޑުވިއެވެ. މިނިވަން ޚިޔާލުގެ އަންހެނުން ކުރިޔަށް ދާއިރު އޭގެ މާނަޔަކީ، ފިރިމީހާ އެއްފަރާތްކޮށް އަމިއްލަ ގޮތްގޮތް ހޯދައިގެން ކުރިޔަށް ދިއުމެއް ނޫނެވެ. ޒަރޫން އޭނާގެ މަންމަޔަށް ވިސްނައިދެވޭތޯ ކުރި މަސައްކަތް ދިޔައީ ފެނަށެވެ. ޣަޒާލާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އެހެންވީމާ ޒަރޫންވެސް އެހިސާބުން އެވާހަކަ ނިންމައިލީއެވެ. ޒަރޫންގެ ހިތުގައި އުފެދެމުންދިޔަ އުދާސްތަކަށް ނިމުމެއް ނައެވެ. އެމައްސަލައިގާ އިތުރަށް އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށް ނިންމިއެވެ. ވާނެ ގޮތެއް ވާންވީއެވެ. ދަރިންނަށް ރަނގަޅު ގޮތާއި ރަނގަޅު މުސްތަޤްބަލް ބިނާކުރާނެގޮތް ބުނެދޭނީ މައިން ބަފައިންނެވެ. އެގޭގައި ކަންކަން އޮންނަނީ އެއާ އިދިކޮޅަށެވެ. މުޅި ޢާއިލާއަށް އޮންނަނީ ޣަޒާލާގެ ނުފޫޒު ފޯރާފައެވެ. އެހެން މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ އެވެ. އެންމެންވެސް ހިނގަން ޖެހޭނީ މަންމަ އެދޭ ގޮތަށެވެ. އެހެނަސް، ހައްދުން މައްޗަށް މިނިވަންކަން ހިތަށް ވައްދައިގެން އުޅޭ މަންމަގެ ވިސްނުމުގައި ދަރިންގެ މުސަތަޤްބަލާމެދު، މާބޮޑު ޖާގައެއް ނެތެވެ. ޣަޒާލާއަށް ލިބިފައި އޮންނަ މިނިވަންކަމުގައި އޭނާ ޖަހާހާ ބެރަކަށް އެގޭގެ އެހެން އަންހެނުން ނަށަންވީމަ ވާނެ ހައެތި މިހާރު އެއޮތީ ވެފައެވެ. ލޮލަށް ފެންނަ މަންޒަރު ނުފެންނަ އަންހެނަކަށް، ކަންފަތަށް އިވޭ އަޑު ނީވޭ އަންހެނަކަށް، އެހެން މީހުންނަށް ދައްކައިދެވޭނެ މަގެއް ނޯންނާނެ އެވެ.

------------------------

ކަޝަފް ހޯދި ނަތީޖާއަކީ ސާރ އަބްރާރް ފަޚުރުވެރިވާފަދަ ނަތީޖާއެކެވެ. އަބްރާރްގެ ހިތުގައި ކަޝަފަށް ކުރެވޭ އުއްމީދާއި ލޯބި އެތައް ގުނަޔަކަށް އިތުރުވެގެންދިޔައެވެ. އަމިއްލަ ދަރިޔަކަށް ނުހިތާ ހިތުން ކަޝަފްގެ މައްޗަށް އޭނާ ޚާއްޞަ ކޮށްލައެވެ. ސީ އައި އެސް އިމްތިޙާނުގެ ނަތީޖާ ހިފައިގެން، އަބްރާރު ސާރ އާ ބައްދަލުކޮށްލަން އައުމުން ވަކިން ބޮޑަށް އަބްރާރް އުފާ ވިއެވެ. ކަޝަފަށްޓަކައި އޭނާ ފަޚުރުވެރި ވެއެވެ. ހީވާގިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތުގައި ކުރިޔަށް ދިއުމަށް އަބްރާރ، ކަޝަފަށް ނަޞޭޙަތްތެރި ވިއެވެ. އަދި އެމަތިވެރި ބިންގަލުގެ މަތީގައި އެހެން މީހުންނާ ކަޝަފް ތަފާތު ވުމަށްވެސް ނަޞޭޙަތްތެރި ވިއެވެ. އެކަމުގެ ޔަޤީންކަން، ކަޝަފް އޭނާގެ ހިތުގެ އަޑިން އަބްރާރ ސާރ އަށް ދެއެވެ. އަދި އަބްރާރ ސާރ ކަންބޮޑުވާފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން، އިރާދަކުރެއްވިއްޔާ ނުހިނގާނެކަމުގެ ޔަޤީންކަން ދެއެވެ.

ކަޝަފްގެ ހިތުގައިވެސް އަބްރާރ ސާރ އަށް ބައްޕަޔަކަށް ނުހިތާ ހިތުން ހިތެއެވެ. އޭނާގެ ކުރިއެރުމާއި ކާމިޔާބީއަށް މަގުކޮށައިދިން އެންމެ މުހިންމު މީހަކީ އަބްރާރް ސާރ އެވެ. އެކަމަށްޓަކައި އަބްރާރް ސާރ އަށް އޭނާ ޝުކުރު އަދާ ކުރިއެވެ.

"ދިރިއުޅުމުގައި ދިމާވާ އެއްވެސްކަމެއްގައި ކަންބޮޑުވާ ހިނދު އަހަރެންގެ މަތިން ހަނދާން ކުރާށެވެ. އަބަދުވެސް، ކަޝަފަށްޓަކައި އަހަރެން ހުންނާނަމެވެ. އަހަރެން، ކަޝަފް ދޫކޮށެއް ނުލާނަމެވެ." އަބްރާރް ސާރ ގެ މިބަސްތަކުން ކަޝަފްގެ ލޮލުން ފެން އައެވެ. އަދި އެކަން އަބަދުވެސް އޭނާ ހަނދާން ބަހައްޓާނެކަމުގައި ބުނެ ވަޢުދު ވެއެވެ.

މުޅި ޢުމުރުގައިވެސް، ފިރިހެނެއްގެ ދުލުން ދަރިފުޅާއޭ ބުނެ ކަޝަފް އާ ލޯބިން މުޚާތަބުކުރި ފުރަތަމަ ދުވަހަކީ މިއަދެވެ. އަބްރާރް ސާރގެ ދުލުން އެތައް ފަހަރަކު ކަޝަފާ މުޚާތަބުކޮށް ދަރިފުޅާއޭ ބުނެ ވާހަކަ ދެއްކި އެވެ. " ދަރިފުޅާ " މި ހަތަރު އަކުރަކީ، އަބަދުވެސް، އޭނާގެ ބައްޕަގެ ދުލުން އޭނާއާ މުޚާތަބުކޮށް ގޮވައިލުމަށް އެދިއެދި ހުރި ހަތަރު އަކުރެވެ. އެހެންނަމަވެސް މިއަދު، އެ ހަތަރު އަކުރުން ކަޝަފާ މުޚާތަބުކޮށް އެ ގޮވައިލީ ދުރުހިލޭ މީހެކެވެ. ބައްޕައެއްފަދަ ހެޔޮއެދޭ މީހަކަށް އެވީ  އޭނާގެ އެދުރު މީހާއެވެ. ފަހަރެއްގައި ކަޝަފްގެ ބައްޕަ އޭނާ ތުއްތުއިރު، ދަރިފުޅާއޭ ބުނެ ވާހަކަ ދައްކާފައި އޮވެދާނެއެވެ. ކަޝަފް ހަނދާން ހުންނަން ފެށިފަހުން ދަރިފުޅާއޭ ބުނެ، އޭނާގެ ބައްޕަ ގޮވާލާފައެއް ނެތެވެ. އަބްރާރް ސާރ، އޭނާއާ މުޚާތަބުކޮށް ދަރިފުޅާއޭ އެ ގޮވައިލީ އުފަލުންކަމެއް، ފަޚުރަކުންކަމެއް ނުވަތަ އިންސާނިއްޔަތުކަމުގެ ގޮތުންކަން ވަކިކުރާކަށް، ކަޝަފަކަށް ނޭނގެއެވެ.  ކަޝަފަށް އެނގޭހާވެސް އެއްޗަކީ، މިއަދު އޭނާއަށް ހެޔޮއެދޭ، ހިތްވަރުދޭ އަދި އަލައިލާނެ ބަފަޔަކު ލިބުނު ކަމެވެ. އެއީ އޭނާގެ ކުރިމަގު ބަށްޓަންކޮށްދިން އެދުރެއްގެ ގޮތުގައި މާތް ﷲ ދެއްކެވި ސާރ އަބްރާރެވެ. ކަޝަފްގެ ހިތުގައި އެޚިޔާލުތައް ކުރެވެމުންދިޔައިރު، އޭނާގެ ލޮލަށް ސާރ އަބްރާރާއެކު އެހޭދަކުރި ވަގުތުކޮޅު ސިފަކުރެވެމުން ދިޔައެވެ.

ލޯތްބާއި އަޅައިލުން ހޯދުމަށްޓަކައި ކަޝަފް ކުރަމުންދިޔަ އިންތިޒާރުގައި އޭނާގެ ނަޞީބު ދެރަކަމުން، އެކަން އެ ޙާޞިލްވީ ބޮޑުވެ ތަޞައްރަފް ފުދުނު ފަހުންނެވެ. ލޯބީގެ ރޮނގުން ކަޝަފަކީ ބަދުނަޞީބުވެރިއެކެވެ. އޭނާގެ މަންމައާއި ދެކޮއްކޮ ފިޔަވައި ލޯތްބޭ އެކިޔާ ބަހަށް ވިސްނައިލާނެ އިތުރު މީހަކު އޭނާގެ ނެތެވެ. ސާރ އަބްރާރަކީ ކަޝަފްގެ ދިރިއުޅުމުގައި ޚާއްޞަކަމެއް ދެވިފައިވާ އިންސާނެކެވެ. އެއީ އޭނާގެ ބައްޕައެއް ނޫނެވެ. އެހެންނަމަވެސް، ހުރިހާ ގޮތަކުންވެސް އެއީ ބައްޕައެއްފަދަ އަގުހުރި ހެޔޮލަފާ މީހެކެވެ. އެވާހަކަ އަބްރާރް ސާރ ގާތުގައި ބުނެވުނު ނަމައެވެ. ރަނގަޅާއި ނުބަޔަކީ ކޮބައިކަމެއް ނޭނގެއެވެ. އެހެންނަމަވެސް، ކަޝަފްގެ ދިރިއުޅުމުގެ ޙަޤީޤަތަކީ އެއީއެވެ.

------------------------

"ބައްޕާއެވެ! އަހަރެންނަކަށް އޭނާއާއެކީ ދިރިއެއް ނުއުޅެވޭނެއެވެ. އަމްދުން އޭނާއައިސް އަހަރެންގެ މައްސަލަ ޒަރޫންއާ ޙިއްޞާކުރުމުން ދެން އިތުރަކަށް ނުއުޅެވޭނެއެވެ. މިއީކީ ޒަރޫންއާ ބެހޭ ކަމެއް ނޫނެވެ. އެހެން ހަދާކަށް ނުވާނެ ނޫންހެއްޔެވެ؟ އަހަރެންގެ ޢާއިލާގެ މެދުގައި ބޭޒާރުކޮށްލައިފި އެވެ. އަހަރެންނަކަށް އޭނާއާ އެކީ ދިރިއެއް ނުއުޅެވޭނެއެވެ." ސާރާ އޭނާގެބައްޕަ ގާތު ފަރްޙާންގެ ޝަކުވާ ކުރަމުން ގެންދިޔައެވެ.

ސާރާގެ ރުޅިވެރި ބަސްތަކުގެ އަޑުއެހުމަށްފަހު ޖުނައިދު އޭނާގެ ދަރިފުޅާ މުޚާތަބު ކުރިއެވެ. އެއީ، ސާރާ ގެއިން ނުކުމެގެން އަންނަވަރުގެ ބޮޑު މައްސަލައެއް ނޫނެވެ. ބައްޕަގެ ޖަވާބުން ސާރާގެ ރުޅި ގަދަވިއެވެ. އަދި ބައްޕަ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސުއާލު ކުރިއެވެ. އެއީ މައްސަލައެއް ނޫންކަމަށް ވަންޏާ ސާރާ ގެއިން ނުކުމެގެން އަންނަންވީ ކޮންކަމަކާތޯ ސާރާ ސުއާލު ކުރިއެވެ. ޖުނައިދުގެ ނަޒަރުގައި އެއްވެސް މައްސަލައެއްގައި ގެއިން ނުކުމެގެން އައިސްގެން ނުވާނެއެވެ. ގެއިން ނުކުމެގެން އައިސްގެން ޙާޞިލްވާނެ އެއްވެސްކަމެއް ނޯންނާނެއެވެ. ސާރާއަކަށް ފަރްޙާންގެ ގޭގައި އެގެންގުޅޭ 50 ގެ އަހަރުތަކުގެ ބޯދާ ވިސްނުމުގައި މަސައްކަތް ކުރާނެގޮތެއް ނޭނގެއެވެ. ފަރްޙާން އެގެޔަށް ގެނެސް ވާހަކަ ދެއްކުމަކީ އެމައްސަލަޔަށް އޮތް އެންމެ ރަނގަޅު ޙައްލުކަމުގައި ޖުނައިދަށް ފެނުނެވެ. ސާރާ އެގޮތް ޤަބޫލެއް ނުކުރެ އެވެ. އަދި، އެއްވެސް ޙާލެއްގައި އޭނާ ފަރްޙާނާއެކީ ދިރިއުޅުން ކުރިޔަކަށް ނުގެންދާނެއެވެ. ސާރާ މަޑުކުރާނީ މަންމަ އަންނަންދެން ކަމުގައި ބުނެ، މަންމަ އައިމަ މަންމަޔާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާނީ ކަމުގައި ސާރާ ބުނެއެވެ. އަދި އޭގެފަހުން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާނީ ކަމުގައި ބުނެ އެތަނުން ނުކުމެގެން ދެއެވެ. ޖުނައިދު، މަޑުކުރާށޭ ގޮވަމުންދިޔައިރުވެސް، ބައްޕަގެ އަޑު އަހާކަށް ސާރާ ބޭނުމެއް ނުވިއެވެ.

ޖުނައިދު އިނީ ހަދާނެގޮތް ބޮޑުވެފައެވެ. ޣަޒާލާއާ ވާހަކަ ދައްކައިގެން ރަނގަޅު އެއްވެސް ޙައްލެއް ނުލިބޭނެ އެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.